بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މައުމޫން ފައުންޑޭޝަންގެ ޗެއަރމަން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މެޑަމް ނަސްރީނާ އިބްރާހީމް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ދަރިކަނބަލުން ސާމިޔާ ޒާހިރު، އަދި ޢާއިލާގެ ބޭފުޅުން، މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން، އަދި މައުމޫން ފައުންޑޭޝަންގެ އެންމެހައި ބޭފުޅުންނާއި، ދައުލަތުގެ ޢިއްޒަތްތެރިން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މަނިކުފާނު އަޅުގަނޑަށް ތިޔަ ދެއްވީ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑު އެއްވެސް ހާލެއްގައި ނުދެކެން، އޮނަރަބްލް އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޙަޔާތްޕުޅާމެދު، އަދި ޚާއްޞަކޮށް ޤައުމީ ޚިދުމަތާމެދު، މި ނެރުއްވި ފޮތް، މިކަމުގައި އެކަމަށް އެންމެ އެކަށޭނަ މީހަކީ، އަޅުގަނޑު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެހެންނަމަވެސް، މި ޝަރަފް އަޅުގަނޑަށް ދެއްވީތީވެ، އެކަމަށްޓަކައި ވަރަށް އުފާކޮށް، މަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ޙަޤީޤަތަކީ މިއަދު އޮނަރަބްލް އަލްމަރްޙޫމް ޢުމަރު ޒާހިރު އަޅުގަނޑުމެންނާ އެކީގައި ވަޑައިގެން ނެތް ނަމަވެސް، އެމަނިކުފާނުގެ ހަނދާންތައް، އެމަނިކުފާނުގެ ޚިދުމަތްތައް، އެ މަނިކުފާނު ވިދާޅުވެފައިވާ ބަސްފުޅުތައް، އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެނެއް ނުދޭ. އަޅުގަނޑު ގަބޫލުކުރަނީ، ތާއަބަދަށް އެކަން ދެމިގެންދާނެ ކަމަށް. ޙަޤީޤަތުގައި މިފަދަ ފޮތެއް އަދި ވަކިން ޚާއްޞަކޮށް، މިފަދަ ޚިދުމަތްތެރިޔަކު މަސައްކަތް ކުރެއްވި ގޮތް، އަޅުގަނޑުމެންގެ މި މުޖުތަމަޢަށް މި ގެނެސްދެވުނީ އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ރަނގަޅު ވަގުތެއްގައި ކަމަށް. މި ފޮތުން، އަދި ޢުމަރު ޒާހިރުގެ މުޅި ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ދަސްކުރެވޭނެ ކިތަންމެ ގިނަގުނަ ފިލާވަޅުތަކެއް އެބަހުރި. މިއަދު އަޅުގަނޑުމެންގެ ތެރެއިން، ނެތިގެންދާ ކަންތައްތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންނަމަވެސް، އޭގެ ކޮންމެ ކަމަކަށް އަޅުގަނޑުމެން އަލިއަޅުވައި ބަލައިލި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ، އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޙަޔާތްޕުޅުގައި ވަރަށް ރަނގަޅަށް އެއިން ކޮންމެ ކަމެއްވެސް ކުރެއްވި ތަން.

އާދެ، އެއީ ސްކޫލްގެ ނާޒިރުކަން ކުރެއްވި ދުވަސްވަރު ކަމުގައިވީ ނަމަވެސް، ވަރަށް ރަނގަޅަށް ދަރިވަރުން ތަރުބިއްޔަތު ކުރެވުނު. އެއީކީ މާރީތި ސްކޫލަކަށް، މާރީތި ބިލްޑިންގއަކަށް ވެގެނެއްނޫން. ސްކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް، ކުދިންގެ ގައިގައި އަށަގަންނަނީކީ، އެ ސްކޫލެއް ހަދައިފައި ހުންނަ ގޮތަކުންނެއް ނޫން. ޖަހާފައި ހުންނަ މުށްޓަކުންނެއް ނޫން. ފުރާޅުގައި ޖަހާފައި ހުންނަ ކުލައިގެ ޓިނަކުންނެއް ނޫން. އެހެންނަމަވެސް، އެ ސްކޫލެއްގެ ޚާއްޞަކޮށް، ލީޑަރެއްގެ ގައިގައި ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން.

1960ގެ ތެރޭގައި، އަލްމަރްޙޫމް ޢުމަރު ޒާހިރު އަޅުގަނޑުމެންގެ މި ފަސްގަނޑަށް، އަޅުގަނޑުމެންގެ ދަރިންނަށް އެ ނަމޫނާ، އެ ސިފަތައް، ވަރަށް ރަނގަޅަށް ވަނީ ދައްކަވައިދެއްވާފައި. ދެން އެހެނިހެން މަސައްކަތްތަކަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އެ ދުވަސްވަރު ޢުމަރު ޒާހިރުގެ އެ މަސައްކަތްތައް ކުރެއްވުމުގެ ޚިޔާލު ނުވަތަ ފެށްޓެވުމުން، ފަހަރެއްގައި އެއީ ބައެއްކަހަލަ ކަންތައްތައް ނުވާނެ ކަމެއްގެ ގޮތުގައި، ޖޯކެއްގެ ގޮތުގައިވެސް ނަގާފައި ހުރެދާނެ.

އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ހުރިހާ ދިވެހި ރައްޔިތުން މިއަދު ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއް އެމަނިކުފާނު ވަނީ، ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާފައި. އަޅުގަނޑަކީ އެ ވާހަކަވެސް ދައްކަން އެންމެ އެކަށީގެންވާ މީހެއް ނޫން. އަޅުގަނޑަށް ފެނުނު ތަން އެންމެ މަދުވާނީ. ލިބިފައި ހުރި މަޢުލޫމާތުވެސް އެންމެ މަދުވާނީ ތިޔަބޭފުޅުންގެ ތެރެއިން އަޅުގަނޑު. އެހެންނަމަވެސް، އޮނަރަބްލް ޢުމަރު ޒާހިރާ ގުޅޭގޮތުން އަޅުގަނޑު އެއްވެސް އެއްޗެއް ލިޔަން ފަށައިފި ކަމަށްވަންޏާ، އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑަށް ނިންމާލެވޭނީ ކޮންއިރަކު ކަމެއް.

ކައިރިން އަޅުގަނޑުމެން ބަލައިލަންވީ ތިލަފުށި. ކުޑަކުޑަ ތަނެއްގެ ގޮތުގައި ކުނިއަޅަން، މާލެއަށް ޖަމާވާ ކުނި އަޅަން ހެދި ތަނެއް. އެ މަސައްކަތުގެ ތެރެއިން މިއަދު ބޮޑު އިންޑަސްޓްރިއަލް ޒޯނަކަށްވެ، ދިވެހިރާއްޖޭގެ ތަރައްޤީ، ދިވެހިރާއްޖޭގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަރުކަޒު ކަމުގައި މިއަދު ވެފައި މިވަނީ ތިލަފުށި.

އަޅުގަނޑުމެންނަށް ކައިރިން އެބަ ފެނޭ، މިއަދު ވަރަށް ފަސޭހަކަމާއެކީ އެބަ ދެވޭ ހުޅުމާލެއަށް. ހުޅުމާލޭގެ މަސައްކަތްތައްވެސް ހަމަ މިގޮތަށް އޮނަރަބްލް ޢުމަރު ޒާހިރުގެ މަސައްކަތްޕުޅު އޭގައި ހިމެނިފައިވަނީ. މާލޭގެ މަގުތަކަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ސްކޫލް ދުވަސްވަރު، އަޅުގަނޑުމެން މާލެ އައިސް، ކިޔަވަން ފެށްޓި ދުވަސްވަރު، އެންމެ ގިނައިން އަޅުގަނޑުމެންނަށް ފެންނާނެ، "މާލޭ މުނިސިޕަލްޓީ" ޖަހާފައި ހުންނަ ލޮރީއެއް ވައްތަރުގެ އެއްޗަކާއި، އަބަދުވެސް މާލޭގެ މަގުމަތީގައި، މަގުހެދުމުގެ މަސައްކަތުގައި އެ އުޅޭ އަނބުރާ ވައްތަރެއްގެ އެއްޗެއް. އަޅުގަނޑަކަށް މާ ރަނގަޅަކަށް އޭގެ ނަމެއް މިހާރަކު ނޭނގެ.

ގަލޮޅު ބޯޅަދަނޑަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ވަރަށް ކުޑަ ޚަރަދަކުން އެތަނުންވެސް އެތައް ގިނަ ފައިދާތަކެއް، އެކިގޮތްގޮތުން ކުރެވޭގޮތަށް އެތަން ހައްދަވާފައިވަނީ. އަޅުގަނޑުމެން މި ވާހަކަ ދައްކާ ކަމަށްވަންޏާ، ޢުމަރު ޒާހިރާ ގުޅޭގޮތުން ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނަށް ދެއްކިދާނެ.

އާދެ، ޢުމަރު ޒާހިރުގެ ފަރާތްޕުޅުން ނުވަތަ ޢުމަރު ޒާހިރުގެ ފުށުން އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަކުރެވޭ، އަޅުގަނޑު އެންމެ ބޮޑަށް އެޑްމެޔަރ ކުރާ އެއްސިފައަކީ ކަމަށްކަމޭހިތުން. މަސައްކަތެއް ކުރައްވާ ކަމަށްވަންޏާ، ވަރަށް ރަނގަޅަށް ބައްލަވާ. ބައިސްކަލްކޮޅުގައި މާލޭގެ ދެކޮޅަށް އެ ދުއްވެވި މަންޒަރު އަޅުގަނޑުމެން ދުށިން. އަދި އޭރު ޓޯކީއެއްވެސް، ބޮޑު ފޯނެއްކަހަލަ އެއްޗެއްވެސް ނެތް މިތާކު. އެއީ ކައިރިން ކޮންމެ ކަމެއް ބެއްލެވި. ރަނގަޅު ވާހަކަފުޅެއް އެ ވިދާޅުވީ. ޙަވާލުވެވަޑައިގަންނަވަނީ. ޒިންމާ ނަންގަވަނީ. ޒިންމާ ޙަވާލުނުކުރެއްވިޔަސް، އަމިއްލަ ކަމެއް ކަމާއި، މިއީ ތިމާގެ ޤައުމުކަން، މިއީ ތިމާގެ ރައްޔިތުންކަން ދެކެވަޑައިގެން އެކަމަކާ ޙަވާލުވެވަޑައިގަންނަވަނީ. މިއީ ޤައުމަށް އެންމެ ހެޔޮއެދޭ މީހުންގެ ސިފަތަކަކީ. ކޮންމެހެން ކަމެއް ކޮށްދޭށޭ ނުބުންޏަސް، އަމިއްލައަށް އެކަމަކާ ޙަވާލުވެ، އެ ޒިންމާއާ ޙަވާލުވުން.

އެގޮތުން ޢުމަރު ޒާހިރުގެ ފަރާތްޕުޅުން އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު އެއް ސިފައަކީ މި ދެންނެވި ގޮތަށް، އެ ކުރެއްވި ކޮންމެ ކަމެއްވެސް، ރަނގަޅަށް ކުރެއްވުމުގެ ޢަޒުމުގައި އެ ކަމެއް ކުރެއްވުން. ކައިރިން ބެއްލެވި. އަދި ހަމައެއާއެކު، ގަޑިއަށް ފަރުވާތެރިކަން ބެހެއްޓެވި. އެއީ ޢުމަރު ޒާހިރުގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ކަމެއް. މިއީ، މިއަދު އަޅުގަނޑުމެން ހުރިހާ އެންމެން ޚާއްޞަކޮށް، މިއަދުގެ ޒުވާނުން އަދި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކުން، ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް. ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުން.

ހަމައެއާއެކު، އަޅުގަނޑުމެންނަށް ދެން ފެނިގެންދިޔައީ އަޚްލާޤު. އެހެން މީހުންނަށް އިޙްތިރާމް ކުރުން. މީހުންގެ މެދުގައި އަބަދު އެއްގޮތަކަށް ކަންތައްތައް ކުރެއްވުން. އިންސާނެއްގެ ގައިގައި ހުންނާނެ އެންމެ މަތިވެރި، އެންމެ ރީތި ސިފަތައް އެއީ ދެން އަޅުގަނޑަކަށް ނުވިސްނޭ. މިނޫން ކޮން އެހެން ރީތި ސިފަތަކެއްތޯ އިންސާނެއްގެ ހުންނާނީ. މީހުންނަށް އިޙްތިރާމް ކުރުން، ހެޔޮ ބަސްބުނުން، ކަންކަން ހެޔޮގޮތުގައި ބަލައިގަތުން. އެހެންވީމާ، އަޅުގަނޑު ދެންނެވީވެސް، އަޅުގަނޑުމެން މި ވާހަކަ ލިޔަންވެއްޖިއްޔާވެސް ނުނިމޭނެއޭ. މި ވާހަކަ ދައްކަން ވެއްޖިއްޔާވެސް ނުނިމޭނެއޭ.

އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވެސްވޭ. ޚާއްޞަކޮށް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަދި ޢައްބާސް އިބްރާހީމް، ބަދުރުއްނަޞީރު، އަނީސާ ފަދަ ބޭފުޅުންގެ ކުރިމަތީގައި ހުއްޓިގެން ހުރެ އަޅުގަނޑު ދެން ކޮން ވާހަކައެއްތޯ ދައްކާނީވެސް. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ މިއީ މުހިންމު ކަމެކޭ. އަޅުގަނޑުމެން މި ވާހަކަ މިރޭ މިހިސާބުން ނިންމާލައިގެން ނުވާނެއޭ. އަޅުގަނޑުމެން މި ވާހަކަތައް ސްކޫލްތެރޭގައި ދައްކަން އެބަޖެހޭ. އެކިއެކި ތަންތަނުގައި ދައްކަން އެބަޖެހޭ. އަޅުގަނޑުމެންގެ ޒުވާނުން މޯޓިވޭޓް ކުރުމަށްޓަކައިވެސް މި ވާހަކަ ދައްކަން އެބަޖެހޭ. މީހުންގެ ޕޮޒިޓިވް ވިސްނުން ގެނައުމަށްޓަކައިވެސް އަޅުގަނޑުމެން މި ވާހަކަ ދައްކަން އެބަޖެހޭ. ހެޔޮބަސް ބުނުމާއި، ރަނގަޅު ކަމެއް ކުރުމުން، އެކަމެއް ބަލައިގަތުމަށްޓަކައި ހިތްވަރު ދިނުމުގެ ގޮތުންވެސް އެ ވާހަކަ ދައްކަން އެބަޖެހޭ. އަޅުގަނޑަށް ދަންނަވަންޖެހެނީ، ޢުމަރު ޒާހިރުގެ މި ޝަޚްޞިއްޔަތަކީ، މި ޖީލުގެ ޝަޚްޞިއްޔަތޭ. މި ޖީލުގެ ޝަޚްޞިއްޔަތެއްގެ ގޮތުގައި އަޅުގަނޑަށް މި ސިފަވަނީ ޢުމަރު ޒާހިރު.

އާދެ، ޢުމަރު ޒާހިރުގެ ޢާއިލާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން. ތިޔަބޭފުޅުންނާއެކު މިރޭގެ މިވަގުތުކޮޅު އަޅުގަނޑަށް ހޭދަކޮށްލެވުނީތީ. އަޅުގަނޑާވެސް ވަރަށް ގާތް ބޭފުޅެއް. އަޅުގަނޑު ކުރިން ދަންނަވާކަށް ނޫން ހުރީ. އެހެންނަމަވެސް، އެންމެފަހުގެ ޚިދުމަތްތަކެއްވެސް އަޅުގަނޑަށް ހީވަނީ ލިބިގެންދިޔައީ އަޅުގަނޑު ނިސްބަތްވާ، އަދި އެ ރަށެއްގައި އަޅުގަނޑު ނިސްބަތްވާ އަވަށަށްހެން. އަޅުގަނޑުގެ ގެއިން ހިނގާފައި ފަސްވަރަކަށް މިނިޓް ނުވަތަ ދެތިން މިނިޓުން ދެވޭ ހިސާބެއްގައި އެ މިސްކިތް ހުރީ. އަޅުގަނޑު ސާމިޔާއާ އެންމެފަހުން ބައްދަލުވި ވަގުތުވެސް ދެންނެވިން، އިންސާނަކަށް ދުނިޔެމަތީގައި ކުރެވޭނެ އެންމެ ހެޔޮ ކަންތައްތައް އެންމެފަހުން އެ ކުރެއްވީއޭ. މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް. މިސްކިތެއް ހުޅުވުމުގެ ކަންތައްތައް.

އެހެންވީމާ، އަޅުގަނޑުމެންގެ ރަށަށް، އަޅުގަނޑު ނިސްބަތްވާ ރަށަށް، މިކަހަލަ ކަމެއް ކޮށްދެއްވީތީ، ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އަޅުގަނޑު ހަމަ އެކަން ފާހަގަކުރަން. އަޅުގަނޑަށް އެނގޭ، އެންމެ މިސްކިތަކަށް، ދެ މިސްކިތަކަށްވެސް ނޫންކަން އެހީތެރިވެދެއްވީ. ވަރަށް ގިނަ އިޖުތިމާޢީ ކަންތައްތަކުގައި ވަރަށް ގިނަ ބޭފުޅުންނަށް އެހީތެރިކަން ދެއްވާފައިވޭ. މިއަދު އަޅުގަނޑުމެން ހުރިހާ އެންމެންގެ ހިތުގެ ހެޔޮދުޢާ ވަނީ ޢުމަރު ޒާހިރުގެ ޢާއިލާއަށް. އަޅުގަނޑުމެންގެ އަބަދުވެސް ހެޔޮދުޢާ، ދުވަހަކުވެސް ނިމުމެއް ނެތް ކަމެއްގެ ގޮތުގައި އޮނަރަބްލް އަލްމަރްޙޫމް ޢުމަރު ޒާހިރަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިފަދަ ފޮތެއް ނެރުއްވައިދެއްވީތީވެ، މިފަދަ މަސައްކަތެއް ކޮށްދެއްވީތީވެ، އެއީ ޤައުމަށްޓަކައި، އަޅުގަނޑުމެންގެ ޚާއްޞަކޮށް، މިއަދުގެ ކިޔަވާ ދަރިވަރުންނަށްޓަކައިވެސް މިފަދަ ކަމެއް ކޮށްދެއްވީތީވެ، މައުމޫން ފައުންޑޭޝަންގެ ޗެއަރމަން، އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ފުރާނަފުޅަށް މާތްﷲގެ ތަނަވަސް ރަޙްމަތުން ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން. އަދި ޢާއިލާއަށް ތާއަބަދަށް ކެތްތެރިކަން ދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.