بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ އުފަލެއް ކަމުގައި ދެކެނީ، ރާއްޖޭގެ އުފެއްދުންތެރި، ހީވާގި މަސްވެރިންނަށް، ހިތުގެ އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރުން.

ސަރުކާރުން މަސްވެރިންގެ ދުވަހެއް ފާހަގަ މި ކުރަނީ، ރާއްޖޭގެ މަސްވެރިން، ރާއްޖޭގެ ޚިދުމަތުގައި އަތްވާއި ވާރޭގައި، ރެޔާއި ދުވާލު އެކުރަމުން ގެންދާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން. ރާއްޖޭގެ މަސްވެރިންނަށް ޙައްޤުވާ ޝުކުރު، އެމީހުންނަށް އަދާކުރުމުގެ ގޮތުން. އެހެންވީމާ، މި މުނާސަބަތަކީ މަސްވެރިންގެ މުނާސަބަތެއް. ރާއްޖެއަކީ މަސްވެރިންގެ ރާއްޖެއެއް. އެހެންކަމާއެކު، މި މުނާސަބަތުގައި ރާއްޖޭގެ މަސްވެރިންނަށް، އެމީހުންނަށް ޙައްޤުވާ ޝުކުރާއި ތަޢުރީފް އަދާކުރުމަކީ، އަޅުގަނޑު ހިތުން ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދިވެއްސެއްގެވެސް ވަރަށް ބޮޑު ވާޖިބެއް.

އާދެ، މަސްވެރިކަމަށް ފަހަކަށްއައިސް ވަރަށް ބޮޑެތި ތަރައްޤީތަކެއް ވަމުން އައިސްފައިވޭ. ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޢަބްދުﷲ ޖަމީލުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސްވެރިކަން ކުރިއަރަމުން އައިސްފައިވާ ގޮތް ވިދާޅުވެދެއްވައިފި. އެމަނިކުފާނުގެ ވާހަކަފުޅުންވެސް އެނގޭގޮތުގައި، ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ. އަދި އެ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު ތަރައްޤީވެސް އަތުވެއްޖެ.

އާދެ، އަޅުގަނޑު ހިތުން ފަހަކަށްއައިސް، ރާއްޖޭގެ މަސްވެރިކަމަށް އައި އެންމެ ބޮޑު ބަދަލަކީ، ނުވަތަ އެންމެ ބޮޑު ކުރިއެރުމަކީ، ރާއްޖޭގެ މަސްވެރިން، އިންޖީނު ބެހެއްޓި މަސްދޯނިފަހަރުގައި މަސްވެރިކަން ކުރަން ފެށުން. އާދެ، އެއީ 1970ގެ މެދުތެރޭގައި ފެށުނު ކަމެއް. އަޅުގަނޑު ހަނދާންވާގޮތުގައި، އެންމެ ކުރީކޮޅުގައި ރާއްޖޭގެ މަސްވެރިންނަށް އިންޖީނުގެ ބޭނުން މާބޮޑަކަށް އޮޅުންފިލާފައެއް ނެތް. އެމީހުން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައިގޮތަށް، މަސްވެރިކަން ކުރަން ބޭނުންވެފައި އޮތީ. އެހެންވުމާއެކު، ސަރުކާރުން އިންޖީނު އެތެރެކުރައްވައި، މަސްވެރިންނަށް އިންޖީނު ދޫކުރައްވާ ގޮތަށް ހަމަޖެހުނީމާވެސް، އެމީހުންނަކަށް ފުރަތަމަކޮޅުގައި އެކަމަކަށް މާބޮޑު ތަރުޙީބެއް ނުދެވުނު.

އެކަން އެހެން ދިމާވެފައި އޮތުމުގެ ސަބަބުން، އޭރުގެ ސަރުކާރުން އަންގަވައިގެން، އާދެ، އޭރުގެ ޕްރައިމް މިނިސްޓަރ، މިހާރު އަޅުގަނޑުމެންގެ އެޓަރނީ ޖެނެރަލް އަލްފާޟިލް އަޙްމަދު ޒަކީގެ އެންގެވުމަކަށް އަޅުގަނޑުވެސް ރާއްޖެތެރެއަށް ދިޔައިން. 1974 ވަނަ އަހަރުގެ ފަހުކޮޅުގައި، ރާއްޖެތެރޭގައި މީހުން އުޅޭ، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. އަޅުގަނޑުގެ މަސައްކަތެއް ކަމުގައި އޭރު ސަރުކާރުން ހަމަޖެއްސެވީ، ކޮންމެ ރަށަކަށްވެސް ގޮސް، އިންޖީނުގެ ފައިދާ މަސްވެރިންނަށް ކިޔައިދިނުން. އެކަމަށް އެމީހުން ޝައުޤުވެރިކުރުވުން. އާދެ، އެ މަސައްކަތް އަޅުގަނޑު ކުރީ ވަރަށް އުފަލާއެކު. އަޅުގަނޑު ހިތުން އޭގެފަހުން ކަންތައްތައް ވަމުންދިޔަގޮތުން އެނގޭ، ރާއްޖޭގެ ރައްޔިތުން އަދި ޚާއްޞަކޮށް، މަސްވެރިން، އިންޖީނުގެ ބޭނުން ބޮޑުކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ޚިޔާލުކޮށް، އިންޖީނު ބޭނުންވެގެން މަސްވެރިން އެދެމުންދިޔަކަން. އާދެ، އަޅުގަނޑުގެ އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މި ޖަލްސާގައިވެސް އެބަ ތިއްބެވި. އޭގެތެރެއިން އެއް ބޭފުޅަކީ، މިހާރުވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވަރަށް އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއް. އަލްފާޟިލް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމް. އޭނާވެސް އަޅުގަނޑާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި. މި ދަތުރުގައި އަޅުގަނޑާ އެކުގައި ރާއްޖޭގެ ދެކުނުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އޭނާވެސް ވާހަކަފުޅު ދައްކަވައި ހެއްދެވި.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، 1970ގެ މެދުތެރޭގައި މި އަންނަން ފެށި ބަދަލު އެއީއޭ އަޅުގަނޑު ހިތުން މަސްވެރިކަމަށް އެންމެ ބޮޑު ތަރައްޤީއެއް، ފަހަކަށްއައިސް ގެނެސްދިން ކަމަކީ. އާދެ، ކޮންމެއަކަސް، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރައްވާފައި. އޭރުގެ ސަރުކާރުންވެސް އަދި މިހާރުގެ ސަރުކާރުންވެސް. ސަރުކާރުން އެކުރާ މަސައްކަތުގެ ނަތީޖާ މިފެންނަނީ، މަސްވެރިން ސަރުކާރަށް އެއްބާރުލައިގެން، ސަރުކާރާ ގުޅިގެން އެ މަސައްކަތް ކުރިއަށްގެންދާތީ. އެއީ ޝައްކެއްހުރި ކަމެއް ނޫން. ސަރުކާރުން ކުރާ ކަންތައްތަކުގެ ތަފްޞީލު އަޅުގަނޑު ދަންނަވާކަށެއްނެތިން. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މަސްވެރިން އެކުރާ މަސައްކަތް އެއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގިއޮތުން އެކަށީގެންވާ އެއްޗެއް. އެހެން މި ދެންނެވީ އެމީހުން އުޅެންޖެހޭގޮތް، އެމީހުން އުފުލަންޖެހޭ ބުރަ، އެ މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު. މޫސުމް ކިތަންމެ ނުބައިވިޔަސް، އަދި ކަނޑު ކިތަންމެ ގަދަވިޔަސް، އަވިދިނަސް، ވާރޭވެހުނަސް، ހަމަ ކޮންމެ ދުވަހަކުވެސް އެމީހުންގެ މަސައްކަތަކަށް މި އޮންނަނީ މަހަށްދިޔުން. އިރު އެރުމުގެ ކުރިން، އެމީހުން މަހަށްދާން ފުރާ. ގިނަ ދުވަސްދުވަހު އެމީހުންނަށް އެމީހުންގެ ރަށަށް އެނބުރި އާދެވެނީ، އިރުއޮއްސޭ ފަހުން. މިކަހަލަ ބުރަ މަސައްކަތްތަކެއް އެމީހުން ރެޔާއި ދުވާލު ކުރަމުން އެގެންދަނީ. އެ މަސައްކަތްތަކުގެ އަގު އަޅުގަނޑުމެން ދިވެހި ރައްޔިތުން ވަޒަންކުރަންޖެހޭނެ.

އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުންވެސް އަޅުގަނޑަށް ވިސްނެނީ، އެމީހުން އެކުރާ މަސައްކަތުގެ ބުރަކަން. އަޅުގަނޑުގެ ހިތުގައި އެހެންވީމާ، މަސްވެރިންނާ ދޭތެރޭގައި އުފެދިފައިވަނީ، ވަރަށްވެސް އިޚްލާޞްތެރި ތާރީފެއް. އެމީހުންގެ މަސައްކަތުގެ އަގު އަޅުގަނޑަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭ.

އާދެ، މަސްވެރިންގެ ޢަދަދު މަދުވަމުންދާ ވާހަކަ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އެހެންނަމަވެސް، މަސްވެރިންގެ ޢަދަދު މަދުވެގެންދިޔަ ކަމުގައިވިޔަސް، މަސްވެރިކަމަކަށް އެއްވެސް ހީނަރުކަމެއް ނާދޭ. އެއާ ޚިލާފަށް މަސްވެރިކަން ދަނީ ކުރިއަށް. ހަމަ އެއާއެކުގައި، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިހާރު މަސްވެރިކަމަށް ޝައުޤުވެރިވާ މީހުން ވަރަށްގިނައޭ. ޚާއްޞަކޮށް، ޒުވާނުން. ތަންކޮޅެއް ކުރިން ރާއްޖެތެރެއަށް އަޅުގަނޑު ކުރި ދަތުރުތަކުގައި މަސްވެރިންނާ ބައްދަލުކުރާއިރު އަބަދުވެސް އަޅުގަނޑަށް ބައްދަލުކުރަން ޖެހިފައި އޮތީ އޭރު ތަންކޮޅެއް ހަރުމީހުންނާ، މުސްކުޅިންނާ. މަސްވެރިއެކޭ ބުނެފިއްޔާ ބަލައިލާއިރު ހުންނަނީ ދުވަސްވެފައި ހުރި މީހެއް. އެކަމަކު މިހާރު އެންމެފަހުން އަޅުގަނޑު މާލެއަތޮޅުގެ ރަށްރަށަށް މިކުރި ދަތުރުގައިވެސް އަޅުގަނޑަށް ފެނުނު މަންޒަރަކީ އެއާ ޚިލާފު މަންޒަރެއް. މަސްވެރިންގެ ތެރޭގައި ވަރަށް ޅަޢުމުރުގެ މީހުން މިހާރު އެބަތިބި. ފަނަރަ، ސޯޅަ އަހަރުގެ ކުދިންވެސް އެބަތިބި. އެކުދިންނާ ވާހަކަ ދައްކާލާފައި، ކީއްވެތޯ މަސްވެރިކަން ކުރުމަށް އެމީހުން އެހާ ޝައުޤުވެރިކަމެއް ހުންނަނީ. އެހެން އެއްވެސް މަސައްކަތެއް ނުކުރަނީ. މިސާލަކަށް، މާލެއަތޮޅުގެ ހަމަ މަސްވެރި ރަށްރަށުގައި ޓޫރިސްޓް ވިޔަފާރީގެ މަސައްކަތްވެސް ވަރަށް ބޮޑަށް ހިނގާ. އެއީ ވަރަށް ގިނަ އާމްދަނީ ލިބޭ ކަމެއް. އެހެންނަމަވެސް، އެކަންވެސް ދޫކޮށްލާފައި، މަސްވެރިކަން ކުރަން އެމީހުން ބޭނުންވަނީ ކީއްވެތޯ ބުނީމާ، ހަމަ ބައެއް ކުދިން ބުނޭ. ތިމަންނާމެން ކުރާހިތްވާ ކަމަކީ މަސްވެރިކަމޭ. އެހެންވީމާ، އެރޫޙު މިހާރު އަޅުގަނޑު ހިތުން އަލުން މިދަނީ އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި އުފެދެމުން. އެއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް. މުސްތަޤްބަލުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާނީ މަސްވެރިކަންވެސް ކުރިއަށްދިޔަ މިންވަރަކުން. މަސްވެރިކަން ކުރިއަށްދާނީ މަސްވެރިކަމުގެ ތެރެއަށްވެސް އާ ލެއެއް އައިސްގެން. އާ ލެއެއް މިކަމުގައި ހިމެނިގެން. އެއީ ޒުވާނުންގެ ލޭ.

އާދެ، އެހެންވީމާ، މަސްވެރިކަމަށް މިއައި ބަދަލު. އޭގެ ތަރައްޤީގެ އެންމެ ބޮޑު ސަބަބެއް ކަމުގައި އަޅުގަނޑަށް ދެންނެވެން އަންނަނީ، މަސްވެރިން އެކުރާ ބުރަ މަސައްކަތް. އާދެ، މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށީ ވަރަށް ކުރިން. އެހެންނަމަވެސް، މިވޭތުވެދިޔަ ދެތިން އަހަރު ހިމެނެނީ، އޭގެ ވަރަށް އަލިގަދަ ހެކިތަކެއް ފެނުނު އަހަރުތަކެއްގެ ގޮތުގައި. މިސާލަކަށް، 1987 ވަނަ އަހަރު، ގާތްގަނޑަކަށް ފަންސާސް ހަތްހާސް ޓަނުގެ މަސް ބޭނިފައިވޭ. ދެންމެ އަލްފާޟިލް ޢަބްދުﷲ ޖަމީލުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި، ގާތްގަނޑަކަށް 1982 ވަނަ އަހަރު ބޭނިފައިވާ ކަމަށް ލަފާކުރެއްވެނީ، ތިރީސްހާސް ޓަނުގެ މަހޭ. ނުވަތަ އެއްތިރީސް ހާސް ޓަނުގެ މަހޭ. އޭގެ ފަސް އަހަރު ފަހުން، އެ ޢަދަދު ފަންސާސް ހަތްހާހަށް ބަދަލުވެއްޖެ. އަދި 1988 މި ހިމެނުނީ މިހާތަނަށް މަސްވެރިކަމުގެ ގޮތުން ރާއްޖެ ދުށް އެންމެ މުއްސަނދި، އެންމެ ތިޔާގި އަހަރު ކަމުގައި. އާދެ، 1988 ވަނަ އަހަރަކީ ރެކޯޑު އަހަރެއްގެ ގޮތުގައި މިހާރު ފާހަގަވެގެން ހިނގައްޖެ. އެ އަހަރު ބޭނިފައިވާ މަހުގެ ޢަދަދަކީ ހަތްދިހަ އެއްހާސް ފަސްސަތޭކަ ޓަނު. އާދެ، ސަރުކާރަށް ގަނެފައިވަނީ ބައްތިރީސް ހާސް ޓަނު.

އެހެންވީމާ، އެގޮތުން އަޅުގަނޑުމެންނަށް އެބަ އެނގޭ މި ޢަދަދުތަކުން، 1988 އެއީ މަސްވެރިކަމުގެ ގޮތުން ވަރަށް ރަނގަޅު އަހަރެއް ކަމުގައި. ވަރަށް އުފަލާއެކު ދަންނަވަންޖެހެނީ، 1989ގެ މިހާތަނަށްދިޔައިރު، 1989 މި ހިމެނެނީ، 1988 އަށްވުރެވެސް މަސްވެރިކަމުގެ ގޮތުން ރަނގަޅު އަހަރެއްގެ ގޮތުގައޭ. ޝައްކެއްނެތް، ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. މި އަހަރުގެ މިހާތަނަށްވެސް، މި ދެންނެވީ ނޮވެމްބަރު މަހުގެ ނިޔަލަށް އެސް.ޓީ.އޯ.ގެ މަހުގެ ވިޔަފާރި. އެސް.ޓީ.އޯ. އިން ބައްލަވައިގަތް މަހާއި، އެކްސްޕޯޓް ކުރެއްވި މަހާ، އެ ވިޔަފާރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށްވުރެ، ސަތޭކައަކުން ހަތާވީސް މިހާރުވެސް މައްޗަށް ހިނގައްޖެ. އަދި މި ހުސްވި ނޮވެމްބަރު މަހަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފާހަގަކުރެވިފައި ނެތް މިންވަރަކަށް މަސްވެރިކަން ކުރިއަށް ގޮސްފައިވާ މަހަކަށްވެސްވޭ. އާދެ، ނޮވެމްބަރު މަހުގެ ތެރޭގައި އެސް.ޓީ.އޯ.އަށް ހަތަރުހާސް ޓަނުގެ މަސް ބައްލަވައިގެންފައިވޭ. އެއީ މީގެކުރިން އެއްވެސް އަހަރެއްގައި، އެއް މަހެއްގައި، އެސް.ޓީ.އޯ.އަށް ބައްލަވައިގަތްވަރަށްވުރެ މާގިނަ ޢަދަދެއް. އެހެންވީމާ، މިކަމުން ދައްކަނީ އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ މަސްވެރިކަން ދަނީ ކުރިއަށްކަން. ކުރިންވެސް ދެންނެވިފަދައިން، މަސްވެރިކަން ކުރިއަށް އެދަނީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، އެ މަސައްކަތް ކުރިއަށްގެންދާތީ. ސަރުކާރުން މަޝްރޫޢުތަކެއް ރާވައިގެން އެބަ ހިންގާ. މަސްވެރިންނަށް ދިމާވާ ދަތިތައް ފިލުވައިދެވޭތޯ މަސައްކަތް ކުރޭ. އޭގެ އިތުރަށް، މަސްވެރިން އެކަމަށް ބަހައްޓާ ޝައުޤުވެރިކަމާއި، އެމީހުންގެ މުރާލިކަމާއި އުފެއްދުންތެރިކަން ބޮޑުކަމުން މިހިސާބަށް އަޅުގަނޑުމެންނަށް މިހާރު މިއާދެވުނީ.

އާދެ، އެހެންވީމާ، މި މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ ލޮބުވެތި މަސްވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަންޖެހޭ. އެއީ، އެމީހުންނަކީ ކުރިންވެސް ދެންނެވިފަދައިން، ވަރަށް ގިނަ ވަގުތުތަކެއް، ވަރަށްބުރަ ގޮތެއްގައި އެމީހުންގެ އަމިއްލަ ފައިދާއަށާއި، އެމީހުންގެ ރަށުގެ ފައިދާއަށާއި އަދި ރާއްޖޭގެ އިޤްތިޞާދުގެ ފައިދާއަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބައެއް. ހަމަ އެއާއެކުގައި، ސަރުކާރުގެ ފަރާތުން މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ. އެންމެ ފުރަތަމަ ފަރާތަކީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ. އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، އެ މިނިސްޓްރީގެ އެހެން އިސް މުވައްޒަފުންނަށް. ވެރިންނަށާއި މުވައްޒަފުންނަށް، މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ. އެއީ އެބޭފުޅުން މަސްވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން ކުރައްވާ މަސައްކަތްތަކަށްޓަކައި.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، އެ މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައިފި. އޭގެތެރެއިން އެންމެ މުހިންމު އެއް މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެނީ، މެރިން ރިސަރޗް ސެކްޝަނުން އެ ކުރައްވާ މަސައްކަތް. އާދެ، އޭނާ ވިދާޅުވި ފަދައިން، ފަރުމަހާބެހޭ މަޝްރޫޢަކާއި، އެމާބެހޭ މަޝްރޫޢަކާއި އަދި ރާއްޖޭގެ ކަޅުބިލަމަސް ހުރިނެތްގޮތާއި، އެއަށް ވަމުންދާގޮތް ބެއްލެވުމަށްޓަކައި ފަށްޓަވަން އުޅުއްވާ މަޝްރޫޢާއި، ކަނދުފަތިލުމުގެ މަޝްރޫޢާ، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހިނގާ. މީގެތެރެއިން މެރިން ރިސަރޗް ސެކްޝަނުން، ކުރިން ދެންނެވި ކަންތައްތައް ހިންގަވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރިކަމާ އެކުގައި. އެހެންވީމާ، އެ ސެކްޝަންގެ ހުރިހާ މުވައްޒަފުންނަށް އަދި ޚާއްޞަކޮށް، އެސެކްޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ޑިރެކްޓަރ އޮފް ފިޝަރީޒް، ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އަލްފާޟިލް މައިޒާން ޙަސަން މަނިކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިނިސްޓަރ އޮފް ފިޝަރީޒްގެ މަޤާމުގައި ވޭތުވެދިޔަ 10 އަހަރު ދުވަސް ހޭދަކުރެއްވި އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ މިހާތަނަށް އަޅުގަނޑުމެންގެ މަސްވެރިކަން ތަރައްޤީވަމުން، މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އައި އައުމުގެ އެންމެ ބޮޑު ބައެއް، އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރައްވާފައިވާ ފަރާތަކީ އެމަނިކުފާނު ކަމުގައިވީތީ.

އާދެ، މަސްވެރިކަން ތަރައްޤީ ކުރުމުގައި، މަސްވެރިންގެ އަތުން މަސްގަތުމާއި، އެމީހުންނަށް ބޭނުންވާ އެހެން ކަންތައްތައް ކޮށްދެއްވުމާއި، ދޯނިފަހަރު ބަނުމާއި، ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމާއި، ދަޅުގައި މަސް ބަންދުކުރުމާ، މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ފަރާތަކީ، އެސް.ޓީ.އޯ. އެސް.ޓީ.އޯ.ގެ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް. އެހެންވީމާ، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، އެސް.ޓީ.އޯ.ގެ ކަމާބެހޭ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

މަސްވެރިކަން ކުރިއަށް ގެންދިޔުމުގައި، ސަރުކާރުން ކުރެވެން އޮންނާނެ ކަންތައްތަކަކީ، މަސްވެރިންނަށް އެކަން ކުރުމުގެ މަގު ފަހިކޮށްދިނުން. އެގޮތުން، ސަރުކާރުން މީގެ ކުރިންވެސް ހުރިހާ މަޝްރޫޢުތަކެއް ރާވައިގެން ހިންގަމުން ގެންދިޔައީ. މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢާއި، އަދި ދުނިޔޭގެ ބޭންކުގެ އެހީގައި މިހާތަނަށް ކުރިއަށް ގެންދެވިފައިވާ ދެ މަޝްރޫޢެއް އެއީ. މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން. މަސްވެރިން ބާނާ މަސް، ސަރުކާރަށް ގަނެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން. މިކަހަލަ ކަންތައްތައް. އާދެ، މި މައްސަލަތައް އަދިވެސް ޙައްލަކަށް ނާދޭ. އެހެން މިދެންނެވީ، ސަރުކާރަށް، ބޭނުންވާވަރަކަށް މިކަންތައްތަކެއް އަދި ނުކުރެވޭ. އެހެންނަމަވެސް، ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނާ ޖެހެންދެންވެސް ވަނީ ކޮށްފައި. އަދި އޭގެ ސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިހާރު ލިބިގެން ހިނގައްޖެ. މަސްވެރިންނަށްވެސް އަދި އޮޑިވެރިންނަށްވެސް.

އާދެ، ތެލުގެ މައްސަލައިގައި، މަސްވެރިންނަށް ސަރުކާރުން، ބޯޓުފަހަރުން ތެޔޮ ވިއްކަނީ އާދައިގެ ގޮތެއްގައި ތެޔޮ ވިއްކާ އަގަށްވުރެ ހެޔޮ އަގެއްގައި. އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން މަސްވެރިކަމަށް ސަރުކާރުން ވެދޭ އެހީއެއް. މަސްވެރިން ބާނާ މަސް ގަތުމުގެ އިންތިޒާމު، ރާއްޖޭގެ ހުރިހާ ދިމާއަކު އަދި ހަމައެއްނުޖެއްސޭ. އެހެންނަމަވެސް، އެ ބުރަ މަސައްކަތްވެސް ވަރަށް ބޮޑަށް ކުރަމުން ގެންދަނީ. އެސް.ޓީ.އޯ.ގެ ފަރާތުން ކުރައްވަނީ. އެކަންތައް ޙައްލަކަށް އަންނާނީ، މުސްތަޤްބަލުގައި އަދި މިހާރަށްވުރެވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެން. އެހެންނަމަވެސް، މިހާރުވެސް އެސް.ޓީ.އޯ.ގެ ފަރާތުން މަސްގަތުމުގައި 27 ބޯޓު އެބަ ބޭނުންކުރައްވާ. އެ ބޯޓުތައް ގެންގުޅުއްވުމަކީ، އެ ބޯޓުތައް ގެންގުޅުއްވައި މަރާމާތު ކުރައްވައި ހެއްދެވުމަކީވެސް އެއީ ވަރަށް ބޮޑު މަސައްކަތަކަށް އޮންނަނީ ވެފައި. އެއީ އޭގެތެރެއިން ގިނަ ބޯޓަކީ، މި 27 ބޯޓުގެ ތެރެއިން އެންމެ 7 ބޯޓު ފިޔަވައި، ދެންހުރި ބޯޓުތަކަކީ ވަރަށް ބާ ބޯޓުފަހަރު. އެއީ ވަރަށް ކުރިން ސަރުކާރުން ގަނެފައިވާ ބޯޓުފަހަރު. ރާއްޖޭގައި މަސް ގަތުމަށް އުޅުނު ޖަޕާނު ކުންފުނިން ސަރުކާރަށް ވިއްކި އަދި ސަރުކާރުން ގަނެފައިވާ ބޯޓުފަހަރު އެއީ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެ ބޯޓުފަހަރު ބަލަހައްޓައި މަރާމާތުކޮށް، އެ ހިންގުމަށް، މަސްވެރިކަމުން އެސް.ޓީ.އޯ.އަށް ލިބިވަޑައިގަންނަވާ ބޭރު ފައިސާގެ ސަތޭކައަކުން ސާޅީސް ދަނީ ޚަރަދުވެގެން. އެހާ ބުރަ މަސައްކަތެއް. އެހެންނަމަވެސް، އެ ބުރަ މަސައްކަތް އެހާބޮޑު ޚަރަދުކޮށްގެން ސަރުކާރުން މިކުރަނީ މަސްވެރިންނަށް އެކަމުގެ ފަސޭހަ ހޯދައިދެވޭތޯ. މިގޮތަށް މަސައްކަތްކުރާއިރުވެސް، އަޅުގަނޑު ރާއްޖެތެރެއަށްދާ ދަތުރުތަކުގައިވެސް، ހަމަ މަސްވެރިންގެ ޝަކުވާއަކަށްވޭ، ކޮންމެ ބަޔަކުވެސް ބުނަނީ، އެބައެއްގެ ރަށާ ކައިރީގައި ބޯޓެއް ނޯންނަ ވާހަކަ. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން. ރާއްޖެތެރޭގައި 200 ރަށް އެބައޮތް. އޭގެ ތެރެއިން ވަރަށް ގިނަ ރަށްރަށަކީ މަސްވެރި ރަށްރަށް. ކޮންމެ ރަށެއްގެ ކައިރީގައި ބޯޓެއް ބާއްވައިދިނުމަކީ، އަޅުގަނޑު ހިތުން ވެވޭނެ ކަމެއް ނޫން. އަނެއްކާ އެއީ ވިޔަފާރީގެ ގޮތުން ބަލާއިރުވެސް ކުރެވޭވަރުގެ ކަމަކަށްނުވާނެ. އެއީ މަސްވެރިކަން ހުންނަގޮތުން، ބައެއް ރަށްރަށުގައި މަސްވެރިކަން ކުރަނީ ވަރަށް ކުޑަ ދުވަސްކޮޅަކު. މަސްވެރިކަން ގިނައިން ކުރެވޭ ތަންތާނގައި، އެ ބޯޓުފަހަރަށް އެ ދާ ޚަރަދުވެސް ދެކޮޅުޖެހޭވަރަށް މަސް ލިބޭ ތަންތާނގައި، ބޯޓުފަހަރު ބެހެއްޓޭނީ. ދެން އެހެން މަސްވެރިންނަށް، އެނޫން ގޮތްގޮތް ކުރިމަތިވެފައި އެބަހުރި. އެއީ ކޮންމެހެން ރޮލާ ވިއްކާކަށެއް ނުޖެހޭ. އެހެން ވިއްކޭނެ އިންތިޒާމު އެބައެއްގެ ރަށާ ކައިރީގައި ހަމަޖެހިފައި ނެތީވިއްޔާ، އެމީހުންނަށް މަސް ކައްކައިގެން ހިއްކިދާނެ. ނުވަތަ ލޮނުމަސް އެޅިދާނެ. މިކަހަލަ ކިތަންމެ މަގެއް، މަސްވެރިންގެ ކުރިމަތީގައި ވަނީ ހުޅުވިފައި. އަދި ޚާއްޞަކޮށް، މާލެއާ ކައިރީގައިވާ ރަށްރަށުގެ މީހުންނަށް މާލެއައިސް، މާލެއަށްވެސް މަސް ވިއްކޭގޮތް އޮންނާނީ ހަމަޖެހިފައި.

އަޅުގަނޑު ދަންނަވަން މިއުޅެނީ، މި ކަންތައްތައް ހުރިލެއްދަތިކަމާއި، ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމުން، ހުރިހާ މަސްވެރިން ރުހޭ ފެންވަރަށް، އެމީހުން އެދޭގޮތަށް ހުރިހާ ކަމެއް ކުރެވޭކަށެއް ނޯވެއޭ. އެހެންނަމަވެސް، ކުރިއާ އަޅައިބަލާއިރު، އެމީހުންނަށްވެސް މިހާރު ވަރަށް ގިނަ ކަންތައްތައް އޮންނާނީ ފަސޭހަވެފައޭ.

އާދެ، ކުރިއަށް އޮތް ތާނގައި ހިންގަން ރޭވިފައި ހުރި މަޝްރޫޢުތަކުގައިވެސް، މަސްވެރިންނަށް އިތުރު ލުއި ހޯދައިދިނުމުގެ ކަންތައްތައް ހިމެނޭ. އެއީ ދުނިޔޭގެ ބޭންކުގެ އެހީގައި، އަޅުގަނޑުމެން، ތިންވަނަ މަޝްރޫޢެއް މިހާރު ފަށަން ވަނީ ޤަޞްދުކޮށްފައި. އެމަޝްރޫޢުގައި ހިމެނެނީ ރާއްޖެތެރޭގެ ބައެއް ދިމަދިމާގައި، ބައެއް ރަށްރަށުގައި މަސް ފިނިކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން. އޭގެ ތެރެއިން ބައެއް ތަންތަން ހެދުމަށް ބޭނުންވާ ފައިސާ މިހާރު ދުނިޔޭގެ ބޭންކުން ދޫކުރާނެ ކަމަށް ވަނީ އެނގިފައި. ދެންހުރި ތަންތަން ހެދުމަށް ބޭނުންވާ ފައިސާވެސް ހޯދުމުގެ މަސައްކަތް ސަރުކާރުން މިގެންދަނީ ކުރަމުން.

މީގެ އިތުރުން، ދެކުނުގައި މަސް ބަންދުކުރާ ކާރުޚާނާއެއް، ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރާ ކާރުޚާނާއެއް އުފެއްދުމުގެ މަޝްރޫޢުވެސް ސަރުކާރުން ގެންދަނީ ކުރިއަށް. އެކަމާ ބެހޭގޮތުން ބޭނުންވާ ފައިސާ، އެއީވެސް ވަރަށް ބޮޑު މަޝްރޫޢެއް. ގާތްގަނޑަކަށް 26 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިހާރު ބެލެވޭ މަޝްރޫޢެއް އެއީ. އެހެންވީމާ، އެއަށް އެ ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުން. އޭގެތެރެއިން އެއްބައި ލިބޭނެގޮތް މިހާރު ވަނީ ހަމަޖެހިފައި. އެހެންވީމާ، މިކަންވެސް މުސްތަޤްބަލުގައި ކުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ ކުރެވޭނެ. ކުރެވިއްޖިއްޔާ އެކަމުންވެސް މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް. އަދި ރާއްޖޭގެ މަސްވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ.

ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު އެހެން ދައްޗެއްގެ ވާހަކަ. އެއީ ރަށްރަށުގެ ފަޅުގެ މައްސަލަ. ގިނަ ރަށްރަށުގެ ފަޅު ވަރަށް އުނދަގޫގޮތަކަށް އޮންނަނީ. ވަރަށް ތިލަ. ނެރުމަތިވެސް އެހެން އޮންނަނީ. އެހެންވީމާ، ލަފާކުރުމަށް އެކަން ވަރަށް ބޮޑު ހުރަހަކަށްވޭ. އަދި ޚާއްޞަކޮށް، މަސްވެރި ރަށްރަށަށް އެއީ ވަރަށް ބޮޑު ދައްޗަކަށްވޭ. އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ފާހަގަކުރާ ކަމެއް. ވަރަށް ގިނަ ތަންތާނގެ ރައްޔިތުން އަޅުގަނޑު ކައިރީގައި އެވާހަކަ ދައްކާ. އެކަން ޙައްލުކުރެވޭތޯ ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ގެންދަނީ ކުރަމުން. މިކަންތައްތައް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް ނޭނގެ. އެހެންނަމަވެސް، ކަމާބެހޭ މިނިސްޓްރީ އާދެ، އެއީ މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ. އެތާނގެ މިނިސްޓަރަށާއި، އެތާނގެ ބޭފުޅުންނަށް މިކަން އެނގިވަޑައިގަންނަވާނެ. އެބޭފުޅުން މި މަސައްކަތް ކުރައްވަނީ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އެ މަސައްކަތް ހިނގަމުން އެބަދޭ. އެކަމަށް ސަރުކާރުން ވަރަށް ގިނަ ސާމާނުވެސް މިހާރުވަނީ ހޯދާފައި. ބޭނުންވާ ސާމާނު، އެކްސްކެވޭޓަރާއި، ޓްރެކްޓަރާއި، ލޮރީއާއި، ލޯޑަރާ، މި ފާޑުގެ އެއްޗެތި. އޭގެ 7 ސެޓް މިހާރު ސަރުކާރުގައި އެބަހުރި. 7 ތަނެއްގައި އެއްފަހަރާ މަސައްކަތް ކުރަމުން ގެންދަނީ. އެއީ ވަރަށް ބުރަ މަސައްކަތްތަކެއް. މިހާރުވެސް ނައިފަރުގައިވެސް އެބަ ކުރެވޭ. ވިލިނގިލީގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި. ކުޅުދުއްފުށީގެ މަސައްކަތް ނިމިފައި. މާފުށީގެ މަސައްކަތް ނިމިފައި. މިހެންގޮސް ވަރަށް ގިނަ ތަންތާނގައި، ފަޅު ފުންކުރުމާއި، ނެރުގޮއްވުމުގެ މަސައްކަތް ދަނީ ހިނގަމުން. އަދި އެއް ރަށަކުން ނިމޭއިރަށް، އެހެން ރަށްރަށަށް އެ މަސައްކަތް ގެންދާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައި. މިހާރު ގަޞްދުކުރެވިފައި އޮތްގޮތުގައި، 65 ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ކުރެވޭނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިއީވެސް ހަމަ އެކަމަށްޓަކައި ޚާއްޞަ ޕްރޮޖެކްޓެއް، މަޝްރޫޢެއް، ސަރުކާރުން ރާވައިގެން ކުރަމުންގެންދާ ކަމެކޭ. އެހެންވީމާ، އޭގެ ބޮޑުބައި ހަމަ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިގެންދަނީ. މިކަމުގައިވެސް ރާއްޖެތެރޭގެ ރައްޔިތުންގެ އެހީ ވަރަށް ބޮޑަށް ލިބޭ. އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެއީ ފަޅު ފުންކުރާއިރު، އެ މަސައްކަތް ޙަޤީޤަތުގައި ކުރަނީ އެރަށުގެ ރައްޔިތުން ކަމަށްވާތީ. މިނިސްޓްރީ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގެ ފަރާތުން އެމީހުންނަށް މަސައްކަތް ދަސްކޮށްދެއްވަނީ. ދަސްކޮށްދެއްވީމާ، އެ ހުރިހާ އެއްޗެއް ހިންގައިގެން، އެމަސައްކަތް ކުރަނީ އެމީހުން. ކޮންމެ ރަށެއްގެވެސް ރައްޔިތުންގެ ބައެއް އެކަމަށް ކުރިމަތިލަނީ. އެހެންވީމާ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ހިނގާ ކަމެއް މިއީވެސް.

އަދި ބައެއް ތަންތާނގައި، އެމީހުންގެ އަމިއްލަ ޚަރަދުގައި ވަރަށް ބޮޑެތި ކަންތައް ކޮށްފައި އެބަހުރި. މިސާލަކަށް، ގއ.ވިލިނގިލީގައި ވަރަށް ބޮޑު ތޮށްޓެއް އެމީހުން ލާފައި އެބައޮތް، އެމީހުންގެ އަމިއްލަ ޚަރަދުގައި. އެއީ ވަރަށް ބޮޑު މަސައްކަތެއް. އެރަށުގެ ރައްޔިތުން އަމިއްލައަށް ކޮށްފައި އޮތް މަސައްކަތެއް. އެހެންވީމާ، އެކަހަލަ ކަންތައްވެސް މި ސަރުކާރުން ފާހަގަކުރޭ. އެއީ ވީހާ ބޮޑަކަށް ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުންގެ ޙިއްޞާކުރުން، މިކަންތައްތަކުގައި އޮވެގެން ނޫނީ، މިއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ. އެހެންވީމާ، ޚާއްޞަ ގޮތެއްގައި، ވިލިނގިލީގެ ރައްޔިތުންނަށް، މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުންވޭ.

އާދެ، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބައެއް. އެކަމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭ. އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން، އެ މަސައްކަތެއްގައި އުޅޭ މަސައްކަތަކީވެސް މަސްވެރިކަން. އަދި ޒަމާނުއްސުރެ ރާއްޖޭގައި ކުރެވެމުން އައިސްފައިވާ އެންމެ މުހިންމު އިޤްތިޞާދީ މަސައްކަތަކީވެސް އެއީ. އަދި މުސްތަޤްބަލުގައި އެކަން އޮންނާނީވެސް އެހެން. އެހެންވީމާ، މިފަދަ މުނާސަބަތުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމާ ބެހޭގޮތުންވެސް އަޅުގަނޑުމެން ޚިޔާލުކުރަންޖެހޭ. މަސްވެރިކަން ފިޔަވައި އެހެން ކަންތައްތައް. އަދި މަސްވެރިކަމާބެހޭ ވިޔަފާރިއާއި، މަސްވެރިކަމާބެހޭ އިޤްތިޞާދީ ކަންތައްތައް، އެއިރަކަށް ސަރުކާރަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ހަމަޖެއްސުން އެއީވެސް އަޅުގަނޑު ހިތުން މި މުނާސަބަތުގައި ސަރުކާރުން ވިސްނައި ޚިޔާލުކުރަންޖެހޭނެ ކަމެއް.

އާދެ، މިހާތަނާ ޖެހެންދެން ކަނޑުމަސް އެކްސްޕޯޓް ކުރުމަކީ، ސަރުކާރުން ކުރަމުން އައިސްފައި އޮތް ކަމެއް. އެއީ ކަނޑުމަސް އެކްސްޕޯޓް ކުރުމާއި، ކާބޯތަކެތި އެތެރެކުރުމާ އެއީ ވަރަށް ބޮޑަށް ގުޅިފައިވާ ދެކަން ކަމުގައިވާތީ. ސަރުކާރުން އަބަދުވެސް ކަނޑުމަސް އެކްސްޕޯޓް ކޮށްފައި، އެއަށް ލިބޭ އެއްޗަކުން ކާޑުގެ ބާވަތްތައް އެތެރެކުރަމުން ގެންދަނީ. އެގޮތަށް އެކަން އޮތުމާއެކުގައި، ކަނޑުމަސް އެކްސްޕޯޓް ކުރުމަކީ، ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ވަރަށް ކުރިއްސުރެ ހަމަޖެހިގެން މިހާތަނަށް ހިނގަމުން އައިސްފައިވަނީ. މީގެ ތެރެއިން އެއްދުވަސްވަރެއްގައި އާދެ، 1979 ވަނަ އަހަރު ކަނޑުމަހުގެ ލޮނުމަސް، އަމިއްލަ ވިޔަފާރިވެރިން އެކްސްޕޯޓް ކުރާގޮތަށް ސަރުކާރުން ދޫކޮށްލީ. ދޫކޮށްލާފައި، އެކަންތައްތައް ވަމުންދިޔަގޮތް ބެލިއިރު، ނޭދެވޭ ގޮތްތަކެއް ދިމާވަމުންދާތީ، 1980 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން ކަނޑުމަހުގެ ލޮނުމަސް އެކްސްޕޯޓް ކުރާގޮތަށް އަލުން ހަމަޖައްސަން މަޖުބޫރުވީ.

އާދެ، ސަރުކާރުން، ކަނޑުމަހުގެ ލޮނުމަސް އަމިއްލަ ފަރާތްތަކުން އެކްސްޕޯޓް ކުރުމަށް ދޫކޮށްލީ، 1979 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު. އޭރު އޭގެކުރިން އެހާތަނާ ޖެހެންދެން، ސަރުކާރުން ކަނޑުމަހުގެ ލޮނުމަސް އެކްސްޕޯޓް ކުރިއިރު، 50 ކިލޯގެ ބަސްތާއަކަށް ލިބޭ 30 ޑޮލަރު، 32 ޑޮލަރު. އެހެންނަމަވެސް، ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި، އަހަރުދުވަސްވެސް ހަމަނުވަނީސް، އޭގެ އަގު 10 ޑޮލަރާއި 12 ޑޮލަރާ ހަމަޔަށް ދަށަށް ހިނގައްޖެ. ދިމާވި ސަބަބަކީ ދެކަމެއް. އެއްކަމަކީ، އޭގެ ކޮލިޓީ ދަށްވެގެންދިޔުން. ރާއްޖޭގައި ތައްޔާރުކުރާ ލޮނުމަހުގެ ފެންވަރު ދަށްވެގެންދިޔުން. މާބޮޑަށް ދަށްވެގެންދިޔައީ. އެހެންވީމާ، ބޭރުގެ ބާޒާރުގައި، އޭގެ އަގު ދަށަށްދިޔައީ. އަނެއްކަމަކީ އަމިއްލަ މީހުން ބޭރުކުރާއިރު، މަސް ބޭރުކުރާއިރު، އެމީހުން އޭގެ ވަކި ޢަދަދަކަށް ނުބަލައި، ލިބުނު ހުރިހާ އެއްޗެއް ބޭރުކުރަމުން ގެންދިޔައީ. އެހެންވީމާ، ބޭރުގެ މާކެޓަށް އަޅުގަނޑުމެން ގެންދިޔަ ސަޕްލައި، މަހުގެ ޢަދަދު މާގިނަވީ. ގިނަވީމާވެސް އޭގެ އަގުދަށްވާގޮތްވީ. އެހެންގޮސް، މިކަމުގެ ސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު އުނިކަމެއް އަންނަން ފެށީ. މަސްވެރިންނަށް ލިބޭ އަގު މާބޮޑަށް ދަށްކުރަންޖެހުނީ. އަދި މުޅި ރާއްޖެއަށް އެކަމުން ލިބޭ އާމްދަނީވެސް ވަރަށް ބޮޑުތަން ދަށްވެގެންދިޔައި.

އެހެންވީމާ، މަސްވެރިން ޙިމާޔަތްކޮށްދިނުމަށްޓަކައި އަދި ރާއްޖޭގެ އާމްދަނީ، ރާއްޖެއަށް ލިބޭ އާމްދަނީ ރައްކާތެރިކުރުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދު ޙިމާޔަތް ކުރުމަށްޓަކައި ސަރުކާރަށް މަޖުބޫރުވީ، އަނެއްކާވެސް ކަނޑުމަހުގެ ލޮނުމަސް، ސަރުކާރުން އެކްސްޕޯޓް ކުރާގޮތަށް ހަމަޖެއްސުން. މިކަން މިހެން ހަދަންޖެހުނުއިރު، ބައެއް އަމިއްލަ ވިޔަފާރިވެރިން، ލޮނުމަސް އެކްސްޕޯޓް ކުރުމަށްޓަކައި ބައެއްކަހަލަ އިންވެސްޓްމަންޓްތައް ވަނީ ކޮށްފައި. އެހެންވީމާ، އެމީހުންނަށް ވަރަށް ބޮޑު ދައްޗަކަށްވީ ސަރުކާރުން މިކަން ކުރިގޮތުން. އެހެންނަމަވެސް، އެއީ އެކަން ކުރަން މަޖުބޫރުވެގެން ސަރުކާރުން އެހެން ހަދަންޖެހުނީ. އެހެން ހަދަންޖެހުނު ސަބަބު އަޅުގަނޑު މިދެންނެވީ.

އާދެ، ކޮންމެއަކަސް، ސަރުކާރަށް އަނެއްކާވެސް ކަނޑުމަހުގެ ލޮނުމަސް އެކްސްޕޯޓް ކުރުމުގެ ކަންތައް ނެގީމާ، ފަހުން ސަރުކާރަށް އަނެއްކާވެސް އޭގެ ކޮލިޓީ ކޮންޓްރޯލް ކުރެވިއްޖެ. ފެންވަރު މައްޗަށް ގެންދެވިއްޖެ. އަދި އޭގެ ސަޕްލައިވެސް ސަރުކާރަށް ކޮންޓްރޯލް ކުރެވިއްޖެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް އަނެއްކާ ކުރިންހުރިވަރަށް، 30 ޑޮލަރާ ހަމަޔަށް މަހުގެ އަގު މައްޗަށް ހިނގައްޖެ. މިހާރު މަސްވެރިކަން ތަރައްޤީވެފައިވާ މިންވަރުންނާއި އަދި ސަރުކާރަށް ލިބޭ ބޭރު ފައިސާވެސް، އެކިގޮތްގޮތުން ލިބޭގޮތަށް ހަމަޖެހިފައި އޮތުމާ، މިކަންކަން މިހެން ހުރުމުގެ ސަބަބުން އަނެއްކާވެސް، އިތުރު ބަދަލެއް ގެނައުމަށް ސަރުކާރުން ޤަޞްދުކުރަނީ.

އާދެ، އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ކަނޑުމަހުގެ ހިކިމަހާއި، ކަނޑުމަހުގެ ލޮނުމަސް އެކްސްޕޯޓް ކުރުމަކީ، އާންމު ވިޔަފާރިވެރިންނަށްވެސް ދޫކޮށްލެވިފައި އޮންނަ ކަމެއް ކަމުގައި ސަރުކާރުން ހަމަޖައްސަން ޤަޞްދުކުރޭ. އާދެ، ކަނޑުމަހުގެ ހިކިމަހަކީ، މީގެކުރިން އަމިއްލަ ވިޔަފާރިވެރިން އެކްސްޕޯޓް ކުރަން ހުއްދަ ދެވިފައިވާ އެއްޗެއް ނޫން. ފުރަތަމަފަހަރަށް އެހެން މިހެދެނީ. ކަނޑުމަހުގެ ލޮނުމަހަކީ މީގެކުރިން ދެންނެވިފަދައިން، 1979 ވަނަ އަހަރުގައި ދޫކޮށްލާފައި، އަނެއްކާ 1980 ވަނަ އަހަރުގައި އަނބުރާ ގެންނަންޖެހުނު އެއްޗެއް. އެހެންވީމާ، މިއަދު ކަނޑުމަހުގެ ހިކިމަހާއި، ކަނޑުމަހުގެ ލޮނުމަސް، ސަރުކާރުން އަމިއްލަ ވިޔަފާރިވެރިން އެކްސްޕޯޓް ކުރުމަށް ދޫކޮށްލާއިރު، ހުރިހާ ފަރާތްތަކުންވެސް އެކަން ވަމުންދާގޮތް ބެއްލެވުމަށް އަޅުގަނޑު އެދެން. އެހެން މިދެންނެވީ، ހިކިމަހުގެވެސް ކޮލިޓީ، އޭގެ ފެންވަރު ނުހިފެއްޓޭ ކަމުގައިވަންޏާ ދަށަށްދާނެ. އެއަށް ލިބޭ އަގުވެސް ދަށަށްދާނެ. އެއިން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު އުނިކަމެއްވެސް އަންނާނެ. އެހެންވީމާ، އަމިއްލަ ވިޔަފާރިވެރިން އެކަންތައް ކުރައްވާއިރުވެސް، އޭގެ ފެންވަރު ހިފެހެއްޓެވޭތޯ ބައްލަވަންވާނެ. އަނެއްކާ މާގިނަ ޢަދަދަކަށް އަޅުގަނޑުމެން މަސް އެކްސްޕޯޓް ކުރަން ފަށައިފިއްޔާވެސް މަހުގެ އަގު ދަށަށްދާނެ. އެހެންވީމާވެސް ރާއްޖޭގެ އިޤްތިޞާދަށްވެސް އަދި ޚާއްޞަކޮށް، މަސްވެރިންނަށް އެ ލިބޭ އަގުވެސް ދަށްވެގެންދާނެ.

މިހުރިހާ ކަންތަކެއް މިހެންވާނެތީ، މިއަދުން ފެށިގެން އެކަމަށް ކުރިމަތިލައްވާ އަމިއްލަ ވިޔަފާރިވެރިން، އެބޭފުޅުން އަމިއްލަފުޅަށްވެސް މަހުގެ ފެންވަރު ކޮންޓްރޯލް ކުރެއްވުމާއި އަދި ސަޕްލައި ކޮންޓްރޯލް ކުރެއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުން އަޅުގަނޑު އެދެން. އަދި އެބޭފުޅުން އެ ވިޔަފާރި ފަށްޓަވާއިރުވެސް، ވަމުންދާގޮތް ބައްލަވަން ކުޑަ ދުވަސްކޮޅެއް މަޑުކޮށްލެއްވުން އެދެން. އެހެން މިދެންނެވީ، މާބޮޑު އިންވެސްޓްމަންޓްތަކެއް ކުރައްވައިފިއްޔާ، އެއްކަލަ ކަނޑުމަހުގެ ލޮނުމަހަށް ދިމާވިކަހަލަ ގޮތެއް ދިމާވެދާނެ. އެހެން މިދެންނެވީ، މަހަކީ ރައްޔިތުންގެ ޙައްޤެއް. މަސްވެރިންގެ ޙައްޤެއް. އެއަށް ލިބޭ އެއްޗެއް އެމީހުންނަށް ލިބެމުން ދިޔުން. އެކަށީގެންވާ އަގެއް ލިބުން. އެހެންވީމާ، އެމީހުންނަށް ލިބޭ އަގު މާބޮޑުތަން ދަށްވެގެން ހިނގައްޖިއްޔާ، އަދި އޭގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ ކުޑަވެގެންގޮސް، ރާއްޖޭގެ އިޤްތިޞާދަށް، އޭގެ ނުރަނގަޅު ބަދަލުތަކެއް އަންނަގޮތް ދިމާވެއްޖިއްޔާ، ސަރުކާރުން އަލުން އަނެއްކާ މިކަމާ ދޭތެރޭގައި ވިސްނާފައި، އިތުރު ފިޔަވަޅެއް އަޅަންޖެހިދާނެ. އެކަން މިހާރުއްސުރެ އަޅުގަނޑުމެން ވާނެ ރަނގަޅަށް ދަންނަން.

އާދެ، ދެންއޮތީ، މަހާ ގުޅިފައިވާ ކަމަކީ ކާޑުގެ ބާވަތްތައް އެތެރެކުރުން. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާތަނާ ޖެހެންދެން ސަރުކާރުން މިއައީ ކާޑުގެ ހުރިހާ ބާވަތްތަކެއް އެތެރެކުރަމުން. އެއީ ވަރަށް ބޮޑު މަސައްކަތެއް. އަދި ސަރުކާރުން ކާޑުގެ ބާވަތްތައް އެތެރެކޮށްދީފައި މި ބަހައްޓަނީ، ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ އަގުގައި ލިބޭގޮތަށް. މިހާރު ކާޑުގެ އަގު ބޮޑުވަމުން ގޮސްފައި އެވަނީ، ދުނިޔޭގެ ބާޒާރުގައި ކާޑުގެ ތަކެތީގެ އަގު ބޮޑުވަމުންދާތީ. މިހާރު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފަރާތުން އެ ނެރުއްވާ "ވިޔަފާރި ޚަބަރު" އެ ނޫހުގައި ޝާއިޢުކުރެވިފައި އޮންނާނެ، އެންމެފަހުންވެސް، ކާޑުގެ ބާވަތްތައް ލިބުނު އަގު. އަނެއްކާ އަގު ހެދިފައިވާ ގޮތް. އެއިން ހުރިހާ ބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެ. އެ އޮންނަނީ ހަމަ ވިއްކެން އޮތް އެންމެ ހެޔޮ އަގެއްގައިކަން، ސަރުކާރުން ރައްޔިތުންނަށް ކާޑު ވިއްކަނީ.

އާދެ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލައިލާއިރުވެސް، ބައެއް ބާވަތް އުފައްދާ ޤައުމުތަކުގައި ހުންނަވަރާ ދާދި ކައިރިކޮށް، ނުވަތަ އެއަށްވުރެވެސް އަގުހެޔޮކޮށް އަޅުގަނޑުމެންގެ ރާއްޖޭގައި އަދިވެސް ކާޑު އެބަހުރި. މިދެންނެވީ، މިސާލަކަށް ޝްރީލަންކާ. އެތާނގައި ހަނޑޫވެސް އުފައްދާ ކޮންމެވެސްވަރަކަށް. އަޅުގަނޑުމެންގެ ރާއްޖެއަކު ނުއުފައްދާ. އަދި ހަކުރު އެއީ އެމީހުންވެސް އިމްޕޯޓްކުރާ އެއްޗެއް. އަޅުގަނޑުމެންވެސް އިމްޕޯޓްކުރާ އެއްޗެއް. އެހެންނަމަވެސް، ހަކުރުގެ އަގު މިހާރުވެސް ރާއްޖޭގައި ހުރިވަރަށްވުރެ ޝްރީލަންކާގައި ހުރިވަރު ބޮޑު. ރާއްޖޭގައި މިހާރު ހަކުރު ވިއްކަނީ ކިލޯއެއް ހަރުފިޔާ ސަތާރަ ލާރިއަށް. ޝްރީލަންކާގައި ވިއްކަނީ، ދިވެހި ރުފިޔާއިން ބެލީމާ، ދިވެހި ރުފިޔާގެ ހަތްރުފިޔާ ތިރީސް ލާރިއަށް. އެހެންވީމާ، އެނގިވަޑައިގަންނަވާނެ، ހަމަ އެހެން އެއްޗެހިތައްވެސް ހުންނަނީ ގާތްގަނޑަކަށް އެވަރަށް. އެ ހުރިހާ އަގުތަކެއް ނުދެންނެވިޔަސް، އަޅުގަނޑު ދަންނަވަން މިއުޅެނީ، ރާއްޖޭގައި މިހާރު ކާޑުގެ ތަކެތި ހުރީ ހަމަ އެންމެ ހެޔޮކޮށް ރައްޔިތުންނަށް ވިއްކޭނެ އަގަށޭ. ބޮޑުވަމުން އެދަނީ، ދުވަސް ދުވަސްކޮޅުން. އެއީ ބޭރުގެ މާކެޓްގައި އެތަކެތީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނޭ. އެ ބަދަލު އަންނަނީ ކިތަންމެ ސަބަބެއް ދިމާވެގެން. މިސާލަކަށް، ދަނޑުތައް ހަލާކުވެގެން، އެ މާ މަދުން އުފެއްދޭ އަހަރު އަހަރު، އެ އެއްޗެތީގެ އަގު ބޮޑުވެގެންދާނެ. ނުވަތަ އެހެންވެސް އެހެން ސަބަބެއް ދިމާވެގެން، ކާޑުގެ ތަކެތީގެ އަގު، ދުނިޔޭގެ ބާޒާރުގައި، އަޅުގަނޑުމެން މި ގަންނަ ތަންތާނގެ ބާޒާރުގައި އަގުބޮޑުވެގެން ހިނގައްޖިއްޔާ، ރާއްޖޭގައިވެސް ކާޑުގެ އަގު މައްޗަށްދާނެ. އަޅުގަނޑުމެން އަބަދުވެސް ބަލަނީ، އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ކާބޯތަކެތި. ހަނޑޫވެސް އަޅުގަނޑުމެން ކާ ވައްތަރުގެ ހަނޑޫ. އަޅުގަނޑުމެން ބޭނުންކުރާ ވައްތަރުގެ ހަކުރު، ފުށް. މިތަކެތި ދުނިޔޭގެ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ލިބެންހުރީ އެވަގުތަކު ކޮން ތަނަކުންތޯ ބަލާފައި، އެތަނަކުން މި ގެންނަނީ. ގެނެސްގެން ރައްޔިތުންނަށް މިވިއްކަނީ، އެ ވިއްކެން އޮތް އެންމެ ހެޔޮ އަގެއްގައި.

އާދެ، ސަރުކާރުން މިހާތަނަށް މިކަން ކުރަމުން މިގެންދިޔައީ، މިބުރަ މަސްއޫލިއްޔަތު އުފުލަމުން މިގެންދިޔައީ. މިހާރު އަޅުގަނޑު ހިތުން ރާއްޖޭގެ ވިޔަފާރި ކުރިއަށް ގޮސްފައި އޮތް މިންވަރުން އަމިއްލަ ވިޔަފާރިވެރިންނަށްވެސް މިކަން ކުރެއްވޭނެ. އެކަމުގެ ހުއްދަ ވަނީ ސަރުކާރުން މިހާރު ދީފައި. ތިޔަބޭފުޅުން ހަނދުމަފުޅުހުންނާނެ، މީގެ ކުރިންވެސް އަޅުގަނޑު ބައެއް މުނާސަބަތުތަކުގައި ވާހަކަ ދައްކަމުން، އެވާހަކަ އެހެން އޮންނާނީ އިޢުލާނުކޮށްފައި. ސަރުކާރުގެ އެއްވެސް މައްސަލައެއް ނެތޭ، އަމިއްލަ ވިޔަފާރިވެރިން ކާޑުގެ ބާވަތްތައް އެތެރެކުރެއްވުމުގައި. އަދި ފަހުން ޓްރޭޑް މިނިސްޓްރީން 10 ޖަނަވަރީ 1989 ގައި ވަނީ އެކަން އިޢުލާނުވެސް ކުރައްވާފައި ރަސްމީގޮތުން. އެހެންނަމަވެސް، މިހާތަނަކަށް އަދި އެއްވެސް އަމިއްލަ ފަރާތަކުން ކާޑުގެ އެއްވެސް ބާވަތެއް އެތެރެއެއް ނުކުރޭ. އަޅުގަނޑަށް ހީވަނީ އަމިއްލަ ފަރާތްތަކުން ކާޑުގެ ބާވަތްތައް އެތެރެކުރެއްވުން ފެށްޓެވުން އެއީވެސް ހަމަ ރަނގަޅު ކަމަކަށްވާނެކަމަށް.

އެހެންވީމާ، އެކަމަށް ސަރުކާރުން ތަރުޙީބުދޭ. އަދި ސަރުކާރުން އޮތީ އެފަރާތްތަކަށް ބޭނުންވާ އެހީތައްވެސް ދޭން ތައްޔާރަށް. އެސް.ޓީ.އޯ.އިން ދާދިފަހުން އެންގެވި، ގުދަނުގެ ގޮތުންވެސް، އަމިއްލަ ވިޔަފާރިވެރިންނަށް ދަތިކަމެއް އޮތީވިއްޔާ އެކަންވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް. އެހެންވީމާ، މިހާރު މިއޮތީ ހުޅުވިފައި، ވިޔަފާރި ހުޅުވިފައި އެންމެންނަށް. އެއްވެސް އެއްޗެއް ކޮންޓްރޯލެއް އެގޮތަކުންނެއް ނެތް. ކަނޑުމަހުގެ ހިކިމަހާއި، ލޮނުމަސްވެސް، އަމިއްލަ ވިޔަފާރިވެރިން އެކްސްޕޯޓް ކުރައްވަންވީ. އަދި ކާޑުގެ ބާވަތްތައްވެސް އެތެރެކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެތެރެކުރައްވަންވީ. އެކަމުގައި އެއްވެސް ފައިދާއެއް، ބޮޑު ފައިދާއެއް އޮތް ކަމަށްވަންޏާ ޝައްކެއްނެތް، އެކަމަށް ކުރިމަތިލާނެ މީހުން ތިބޭނެ.

އާދެ، އަމިއްލަ ވިޔަފާރިވެރިން ކާޑުގެ ތަކެތި އެތެރެކުރައްވަމުން ގެންދެވިޔަސް، ސަރުކާރުންވެސް އެކަން ކުރާނެ. އެކަން ކުރަންޖެހޭ ސަބަބަކީ، ސަރުކާރުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް، ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް ކާބޯތަކެތި އެތެރެކޮށްފައި ބެހެއްޓުން. އޭގެ އަސާސީ ބާވަތްތައް، ހަނޑޫ، ހަކުރު، ފުށް. އެ ރައްޔިތުންނަށް ފުދޭވަރަށް ހުންނަންޖެހޭނެ. އެއީ ސަރުކާރުން މިކަން އެކަނި ކުރާއިރު، ސަރުކާރަށް ޔަޤީންކަން އޮވޭ، އެކަން ކުރެވޭނެކަމުގެ. އެހެންނަމަވެސް، ސަރުކާރު ބައިވެރިނުވެ، ހަމައެކަނި އަމިއްލަ ވިޔަފާރިވެރިންނަށް ދޫކޮށްލައިފިއްޔާ، ސަރުކާރަކަށް ޔަޤީންކަމެއް ނެތް، ކާޑުގެ ތަކެތި މުސްތަޤްބަލުގައި ފުދޭވަރަކަށް ތިންމަސްދުވަހަށް ނުވަތަ ހަމަސްދުވަހަށް ނުވަތަ ބޭނުންވާ މުއްދަތަކަށް ފުދޭވަރަކަށް އެތެރެކުރެވިފައި ހުންނާނެ ކަމުގެ. އެހެންކަމަށް ވެއްޖިއްޔާ، އެވާނީ ރައްޔިތުންނަށް ކުރިމަތިވާ ވަރަށް ބޮޑު ދައްޗަކަށް. އެހެންވީމާ، އަމިއްލަ ވިޔަފާރިވެރިން އެކަން ކުރައްވާއިރުވެސް، ސަރުކާރުން އެކަން ކުރަމުން ގެންދާނެ. އެއީ މިދެންނެވިހެން ކާޑު ލިބޭނެކަމުގެ ޔަޤީންކަން، ހެޔޮއަގެއްގައި ނުވަތަ އެވަގުތަކު ލިބެންހުރި އެންމެ ހެޔޮ އަގެއްގައި ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި.

އާދެ، މަސްވެރިކަމަކީ ޝައްކެއްނެތް، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް މަސައްކަތް. މިހާރު ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ގޮތުން ވިސްނާއިރު، ޓޫރިޒަމް މިހާރުވަނީ މަސްވެރިކަމަށްވުރެވެސް ކުރިއަށް ގޮސްފައި. އެއަށް ލިބޭ އާމްދަނީ އިތުރު. އެހެންނަމަވެސް، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ އާދައިގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށްވެފައި އަދި ޢާންމު ފައިދާ، މުޅި ރާއްޖެއަށް އެންމެ ބޮޑަށް ފެތުރިފައި އޮންނަނީ މަސްވެރިކަމުން ކަމަށްވާތީ، އެކަން އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހެނީ ވަރަށް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި.

އެހެންވީމާ، މަސްވެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތް ތާނގައިވެސް ސަރުކާރަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ. އިތުރު މަޝްރޫޢުތައް ރާވައި ހިންގާނެ. އަދި ބޭރުގެ އެހީ ހޯދައިގެންވެސް، ކުރިންވެސް ދެންނެވިފަދަ ކަންތައްތައް ކުރަމުން ގެންދާނެ. އަދި އެއާއެކީގައި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ފިލުވައިދެވޭތޯވެސް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ.

އާދެ، ހަމަ އެއާއެކުގައި، މަސްވެރިން މިކަމުގައި އެއްބާރުލެއްވުމަކީ ވަރަށް ބޭނުންކަމެއް. މިހާތަނަށްވެސް މަސްވެރިންގެ ފަރާތުން ސަރުކާރަށް ލިބިފައިވަނީ ވަރަށް ބޮޑު އެއްބާރުލުމެއް. އެހެންވީމާ، އެކަން އެގޮތަށް މުސްތަޤްބަލުގައިވެސް އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް ލިބިފައިވޭ. ހަމައެއާއެކުގައި، ރާއްޖޭގެ އިޤްތިޞާދުގެ އެހެން ބައިތައްވެސް ސަރުކާރުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެ. މިހާރުވެސް ގެންދަނީ މަސައްކަތް ކުރަމުން. މުސްތަޤްބަލުގައި ރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ފުޅާވެގެން ނޫނީ، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނޯންނާނެ.

މަސްވެރިކަމުގެ ދާއިރާއަށް ވިސްނާއިރު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އާ ހުނަރުވެރިކަން އަޅުގަނޑުމެންގެ ތެރެއަށް ގެންނަންވާނެ. ތަންކޮޅެއް ކުރިންވެސް މިފަދަ މުނާސަބަތުތަކުގައި، އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ހަމަ މިފަދަ ޖަލްސާތަކުގައި، އެ ވާހަކަވެސް ވާނީ ދައްކާފައި. އަޅުގަނޑުމެންގެ މަސްވެރިންވެސް ވާނެއޭ، މިހާރު އާ ހުނަރުވެރިކަން ދަސްކުރަން، އާ ގޮތްތައް ދަސްކޮށްގެން، މިޒަމާނުގެ ގޮތަށް މަސްވެރިކަން ކުރަންޖެހޭނެއޭ.

ކޮންމެއަކަސް، އަޅުގަނޑު އެދެނީ، މަސްވެރިކަމަށް އިތުރު ކުރިއެރުން. ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުން. ރާއްޖޭގެ ރައްޔިތުންނަށް އިތުރު ބާއްޖަވެރިކަމާއި އުފާވެރިކަން. މާތްވެގެންވާ އިސްލާމްދީނުގެ އަލީގައި، އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް އޮމާންކަމާއި އަމާންކަމާއެކު، ރާއްޖެއަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.