بســم اللّـه الرّحمـن الرّحيــم

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު މި ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއަށް އަޅުގަނޑު މިއައީ، ރައްޔިތުންގެ މަޖިލީހަށް އަރުވަންޖެހޭނެކަމަށް އަޅުގަނޑު ދެކޭ މަޢުލޫމާތުތަކެއް އެރުވުމަށްޓަކައި.

އާދެ، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ވަރަށްވެސް ނުރައްކާތެރި ބިރުވެރި ކަންތައްތަކެއް. އެ ކަންތައްތައް ރޭވީ އަދި ހިންގީ ދިވެހިންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން. އެކަމާބެހޭ މަޢުލޫމާތު މީގެކުރިން އަދި އަޅުގަނޑަށް ވާނީ ތިޔަބޭފުޅުންނަށް ނޭރުވި. އެއީ ސަބަބުތަކެއް ނެތިއެއްނޫން. އެންމެ ބޮޑު ސަބަބަކީ އެމައްސަލައިގެ ތަޙުޤީޤު ހިނގަމުންދާތީ، ތަޙުޤީޤުތައް ކޮންމެވެސްވަރަކަށް ފުރިހަމަވީމާ ނޫނީ އެފަދަ މަޢުލޫމާތު، އިތުބާރުހުރި ގޮތެއްގައި ދެވެން ނޯންނާނެތީ.

އާދެ، ތަޙުޤީޤު އެއީ ކޮންމެ މައްސަލައެއްގައިވެސް ވަރަށް މުހިންމު އެއްޗެއް. އަދި ޚާއްޞަކޮށް، މި މައްސަލައިގައި ދިމާވިގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހުނު. އެންމެ ބޮޑު އެއް ސަބަބަކީ، މީގައި ހިމެނޭ ބޭރު މީހުންގެ ޢަދަދު ގިނަކަން. އެނގިވަޑައިގަންނަވާނެ ފަދައިން، ތަމަޅައިންގެ 68 މީހަކު މި މައްސަލައިގައި ހިމެނޭ. އަޅުގަނޑުމެން އެމީހުންނާ ސުވާލުކޮށް، އެމީހުންގެ ބަޔާންތައް ނަގައި، މިކަންތަކުގައި، އެބައިމީހުންކުރެ ކޮންމެ މީހަކުވެސް ކުޅެފައިވާ ދައުރު ނުވަތަ އަދާކޮށްފައިވާ ބައި ސާފުކޮށް ހަދަންޖެހުނު. އެހެންވީމާ، އެއީ ވަރަށް ދިގުލީ މައްސަލައަކަށްވި.

މި މައްސަލައިގެ ބާވަތުން އެންމެ ފުރަތަމަވެސް އަޅުގަނޑު ނިންމާފައި އޮތީ، އިސްބޭފުޅުންގެ ޚާއްޞަ ކޮމިޓީއަކުން ތަޙުޤީޤުގެ ކަންތައް ބައްލަވާގޮތަށް އޮތުން. އެހެންވީމާ، މިނިސްޓަރުން ފެންވަރުގެ އެފަދަ ކޮމިޓީއެއް ހޮވައި އަދި އެ ބޭފުޅުންނަށް އެހީފުޅުވާނެ، އެހީވެދެއްވާނެ އެކަށީގެންވާ ފެންވަރުގެ ގިނަ ޢަދަދެއްގެ ބޭފުޅުން ހޮވައި، އެބޭފުޅުންވެސް މިތަޙުޤީޤުގައި ބައިވެރިވެވަޑައިގެންނެވި. ތަޙުޤީޤު ކުރުމަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކަމަކަށްވުމާއެކު، އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން އަދި އެމިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައިގެން ތަޙުޤީޤު ހިނގަމުންދިޔައީ.

އޭގެ އިތުރުން، ކުރިންވެސް ދެންނެވި، ތަމަޅައިންގެ މީހުންނަކީ، އޭގެ ތެރެއިން ގިނަ މީހުންނަކީ އިނގިރޭސިބަސްވެސް ނުދަންނަ ބަޔަކަށްވާތީ، އެމީހުންނާ ސުވާލުކޮށް، އެމީހުން ބުނާ އެއްޗެއް އޮޅުންފިލުވައި، އެމީހުންގެ ބަޔާންތައް ނެގުމަށްޓަކައި، އަޅުގަނޑުމެންނާ ދިމާވި މިމައްސަލައިގައި، ކުރިއްސުރެ އަޅުގަނޑުމެންނަށް އެހީވެދެމުން ގެންދާ އިންޑިޔާ ސަރުކާރުގެ އެހީއަށް އެދެން ޖެހުނު. ތަމަޅަބަސް ދަންނަ، ތަމަޅަޔާއި އިނގިރޭސިބަސް ދަންނަ ތަޙުޤީޤު ކުރާ ބަޔަކު އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޮނުވައިދިން. ދިވެހި ސަރުކާރުގެ އެދުމުގެ މަތިން. އެހެންވީމާ، އެމީހުން ތަމަޅައިންގެ މީހުންނާ ސުވާލުކޮށް ބަޔާންތައް ނަގަމުން ގެންދިޔައީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން އެން.އެސް.އެސް.ގެ އޮފިސަރުން ތިއްބަވައިގެން. އެހެންވީމާ، މިގޮތަށްދިޔަ ތަޙުޤީޤެއްވީމާ، އަޅުގަނޑު ދަންނަވާނީ އެއްގޮތަކަށްވެސް ގިނަދުވަހެއްނުވެއޭ. އެކަންތައް ހިނގިތާ މާދަމައަށް ތިންމަސްދުވަސް ހަމަވަނީ. އެކަމަކު ތިން މަސްދުވަހުގެ ތެރޭގައި މިވަރުކަމެއް ނިންމައިލެވުނުކަން އަޅުގަނޑު ހިތުން އެއީ ހަމަ ވަރަށް އެކަށީގެންވާ ފެންވަރެއްގައި ރަނގަޅަށް ގެންދެވުނު ކަމުގެ ދަލީލެއް.

އާދެ، ހަމަ އެހެންމެ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މި ކަންތަކުގައި، މިޢުދުވާނީ ޙަމަލައިގައި، ބޭރުގެ އެހާގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެފައިވުމާއި އަދި އެކަންތައްތައް ހިނގައިދިޔަގޮތުން، ބޭރުގެ ނޫސްވެރިން މިކަމަށް ދިން އަހަންމިއްޔަތާއި ޝައުޤުވެރިކަން ބޮޑުކަމުން، މިހާރު އަޅުގަނޑުމެން ކުރަމުން މިގެންދާ ތަޙުޤީޤަކީ އަދި އޭގެފަހުން ކުރެވޭނެ ޝަރީޢަތަކީ އަޅުގަނޑު ދެކޭގޮތުގައި، ދުނިޔޭގެ ކުރިމަތީގައި ކުރެވޭ ތަޙުޤީޤެއް. އަދި ޝަރީޢަތެއް. އެހެންވީމާ، އަޅުގަނޑުމެން މިކަންތައްތައް ގެންދަންޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެން، ބައިނަލްއަޤްވާމީ އުޞޫލުތައްވެސް ނިޔާކުރާ ގޮތެއް ބަލައިގެން، ހަމަޖެހޭ ރަނގަޅު ގޮތެއްގެ މަތިން. އެ ކަންތައްތައް އެހެން ހުރުމާއެކުގައި، މީގެ ކުރިން އަޅުގަނޑަށް ތިޔަބޭފުޅުންނަށް މި މައްސަލައާބެހޭ މަޢުލޫމާތު ދިނުމުގެ ފުރުޞަތު ލިބިފައި ނުވަނީ. ނުވަތަ ދޭން އަޅުގަނޑަށް ފެނިފައިނެތީ.

އާދެ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް މި އަރުވާ މަޢުލޫމާތަކީ ފަހަރެއްގައިވެސް ޝަރީޢަތުގެ މައްޗަށް ނުފޫޒެއް ހިންގުމަށްޓަކައި އަރުވާ މަޢުލޫމާތެއް ނޫން. މި، ނޮވެމްބަރު 3 ވަނަ ދުވަހުގެ ކަންތައްތައް ހިންގި ބަޔަކީ، ކުރިންވެސް ދެންނެވި ފަދައިން، ދިވެހިންގެ ބަޔަކާއި، ބޭރުގެ ޖަމާޢަތެއްގެ ބަޔަކު، ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު. އެމީހުން އެކުރި ކުށްތަކަކީ ޤައުމީ އަދި ސިޔާސީ އަދި ޤާނޫނީ ވަރަށް ބޮޑެތި ކުށްތަކެއް. އެ ކުށްތައް އެމީހުން ކޮށްފައިވާތީ، އެމީހުންނާބެހޭ ޝަރީޢަތް ޤަވާޢިދުން ހިނގަންޖެހޭނެ. އެހެންވީމާ، އެ ޝަރީޢަތާ ދޭތެރޭގައި އަޅުގަނޑު އެއްވެސް އެއްޗެއް ދަންނަވާކަށެއް ނެތިން. އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އެމީހުން އެކުރި ކުށްތަކަކީ މި ދެންނެވިފަދަ ބޮޑެތި ޤައުމީ، އަދި ސިޔާސީ، ޤާނޫނީ، އަދި ދީނީ ކުށްތަކެއް ކަމަށްވާތީ އެކަމުގެ މަޢުލޫމާތު، ރައްޔިތުންނަށް ކޮންމެވެސްވަރަކަށް ލިބެންވާނެއޭ. އެބޭނުމުގައި އަޅުގަނޑު މިއަދު މި ޖަލްސާއަށް މިއައީ. ތިޔަބޭފުޅުންނަށް އެމަޢުލޫމާތު އަރުވައި، އަދި ތިޔަބޭފުޅުން މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމަޢުލޫމާތު ހާމަކޮށްދިނުމަށް.

އާދެ، މައްސަލަ ނިންމާނީ ޝަރީޢަތުން. އެ ޝަރީޢަތް ކުރެވޭނީ ރާއްޖޭގައި އަބަދުވެސް ޝަރީޢަތް ކުރެވެމުންދާ ފަދައިން، ރާއްޖޭގައި އޮންނަ ޝަރުޢީ ނިޒާމާ އެއްގޮތްވާ ގޮތުގެމަތިން. އިސްލާމީ ޝަރީޢަތާއި، ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން. އަދި އެޝަރީޢަތް ހިންގޭނީ ދިވެހިރާއްޖޭގައި.

އާދެ، މިކަމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިނގި ކަމެއް ކަމުގައިވިޔަސް، މި ދެންނެވީ އެމީހުން މާލެ އައިސް، މާލެއަށް ޙަމަލާދިނީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ކަމުގައިވިޔަސް. މިކަމުގެ ޚިޔާލު، މިކަމުގެ ރޭވުންތައް، އޭގެ މާ ކުރިއަށް ގޮސްފައިވާ ކަމަށް ތަޙުޤީޤުން ދައްކާ. އާދެ، 1986ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި، ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ މައްސަލައެއްގައި ގޭގައި ބަންދުކޮށްފައި ހުރި ހުރުމުގައި، އެން.އެސް.އެސް.ގެ ކޯޕްރަލް ސ.ހިތަދޫ ޢަބްދުﷲ ޝާހިދާއި، މއ.ތިނަދޫގޭ ޢުމަރު ޖަމާލާ ދެމީހުން ޢަބްދުﷲ ލުޠުފީއާ އެކިފަހަރުމަތިން ބައްދަލުކުރި ކަމަށްވޭ. އެ ބައްދަލުކުރި ކުރުމުގައި، ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރާމެދު ނުރުހިގެން ފާޑުކިޔާ ހެދިކަމަށްވެސްވޭ. އޭގެތެރޭގައި، ސަރުކާރު ބަދަލުކޮށްލައިގެން ނޫނީ އެމީހުން ބޭނުންވާ ކަންތައްތައް ހަމަޖެއްސެން ނޯންނާނެ ކަމަށް އެމީހުން އެއްބަސްވެފައިވާ ކަމަށްވެސްވޭ. އަދި މިކަން މިގޮތަށް ކުރުމަށްޓަކައި ހަތިޔާރު ހޯދުމަށާއި، ހަތިޔާރު ހިފައިގެން ސިފައިންގެޔަށް ޙަމަލާ ދިނުމަށްވެސް އެ ތިން މީހުން ވާހަކަ ދައްކާފައިވޭ. އެފަހަރު އެހުރި ބަންދުން ވީއްލިގެން ޢަބްދުﷲ ލުޠުފީ ދިޔައީ ސްރީލަންކާއަށް. އެތަނުގައި އޭނާ އުޅެމުންދިޔައިރު، މިކަމާބެހޭ އިތުރު ރޭވުންތައް ރާވައި ޚިޔާލުތައްކޮށް، މީސްމީހުންނާ ގުޅައި ހަދަމުންގެންދިޔަ.

1987 ވަނަ އަހަރުގެ މެދެއްހާތާނގައި ޢަބްދުﷲ ލުޠުފީގެ ރައްޓެހި ތަމަޅަޔަކު މެދުވެރިވެގެން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ "ޕްލޮޓް"ގެ މައުންޓް ލެވޭނިޔާގެ ލީޑަރަކަށް ހުރި ވަސަންތި ނަމަކަށްކިޔާ މީހަކާ ބައްދަލުކުރި. އެ ވަސަންތިއަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އެ ދިން ޙަމަލައިގައި، އެންމެ އިސްކޮށް ހުރި ތަމަޅައިންގެ މީހާ. އޭނާ އެދުވަހުގެ ހަނގުރާމައިގެ ތެރޭގައި މަރުވެދިޔައީ. ވަސަންތިއާ ލުޠުފީ ބައްދަލުކުރުމަށްފަހު، އޭގެ ދުވަސްކޮޅެއް ފަހުން ޕްލޮޓްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެހެން ގޮތަކުން ދަންނަވަންޏާ، އެ ޖަމާޢަތުގެ އެންމެ އިސްވެރިޔާ އުމާ މަހޭޝްވަރަން ކިޔާ މީހަކާވެސް ބައްދަލުކުރިކަމަށްވޭ. އުމާ މަހޭޝްވަރަން ލުޠުފީއާ ފުރަތަމަ ބައްދަލުކުރި ކަމަށްވަނީ 1987 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި. އެ ބައްދަލުވުމުގައި، ޕްލޮޓް ޖަމާޢަތުން ހަތިޔާރު ހޯދައި، ރާއްޖެ މެދުވެރިކޮށް ސްރީލަންކާއަށް ވަގަށް އެތެރެކުރުމާ ބެހޭގޮތުން ވާހަކަދެއްކި ކަމަށްވޭ.

އެންމެ ފުރަތަމަ ވާހަކަދެއްކީ، ރާއްޖެއަށް ހަތިޔާރު އެތެރެކޮށްގެން، ސްރީލަންކާއަށް ހަތިޔާރު ގެންދަން. އެއީ ޕްލޮޓް ޖަމާޢަތުގެ ބޭނުމަށް. އޭގެފަހުން އުމާ މަހޭޝްވަރަން އެތައް ފަހަރަކު ލުޠުފީއާ ބައްދަލުކުރިކަމަށްވޭ. އަދި އޭގެފަހުން އުމާ މަހޭޝްވަރަން އެދިގެން ލުޠުފީގެ ގެޔަށް އޭނާ ގެނެސް، ލުޠުފީގެ މެހްމާނެއްގެ ގޮތުގައި، ގާތްގަނޑަކަށް 7 މަސްދުވަސް ވަންދެން އެގޭގައި އޭނާ ހުރިކަމަށްވެސްވޭ. މި ދުވަސްވަރު ޢަބްދުﷲ ލުޠުފީ، އުމާ މަހޭޝްވަރަންއާ ކުރި މަޝްވަރާތަކުގައި، ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު، ހަތިޔާރުގެ ބޭނުންކޮށްގެން ބަދަލުކޮށްލުމާމެދު ވާހަކަ ދައްކަމުން ގެންދިޔަ. މިކަންތައް އެމީހުން ކުރަން ގަސްތުކުރީ އެމީހުންގެވެސް ކޮންމެވެސް މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައިކަން ތަޙުޤީޤުތަކުން އެނގޭ. ލުޠުފީގެ ބޭނުމަކީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ބަދަލުކޮށްލައި، އޭނާ ވެރިކަމަށް އައުން. ޕްލޮޓް ޖަމާޢަތުގެ ބޭނުމަކަށްވެފައި އޮތީ، އެމީހުން ބޭނުންވާ މަޤްޞަދުތަކެއް ޙާޞިލްކުރުން. އޭގެތެރޭގައި، އެމީހުންގެ ޖަމާޢަތުގެ މީހުންނަށް ސިފައިންގެ ތަމްރީނު ދިނުމަށްޓަކައި ރާއްޖެއިން ފަޅުރަށެއް އެމީހުންނަށް ދިނުން. އަދި ލުޠުފީ އުފައްދާ ސަރުކާރުން ޕްލޮޓް ޖަމާޢަތަށް އެހީވެދިނުން. އެމީހުން ހޯދާ ހަތިޔާރު، ރާއްޖެ މެދުވެރިވެގެން ސްރީލަންކާއަށް ފޮނުވައިދިނުން. މީގެ އިތުރުން، ޕްލޮޓް ޖަމާޢަތުގެ ޚަޒާނާ މުއްސަނދިކުރުމަށްޓަކައި ދިވެހިރާއްޖެއިން ޓޫރިސްޓް ރިޒޯޓެއް އެމީހުންނަށް ދިނުން. މިކަންތައްތައް މިއީ އެމީހުން ބޭނުންވި ކަންތައްތަކެއް ކަމުގައި ތަޙުޤީޤުތަކުން ދައްކަނީ.

ޢަބްދުﷲ ލުޠުފީއާއި، އުމާ މަހޭޝްވަރަން ވާހަކަދައްކައި، ސަރުކާރު ބަދަލުކޮށްލުމުގެ މަސައްކަތް ކުރަން އެއްބަސްވުމަށްފަހުގައި، ޢަބްދުﷲ ޝާހިދާއި ޢުމަރު ޖަމާލާ ދެމީހުންނާ ލުޠުފީ ކުރިން ވާހަކަ ދައްކާފައިވާ ފަދައިން، ސަރުކާރު ބަދަލުކޮށްލެވޭނެ މަގެއް އެމީހުންނަށް މަތިވީތީ، އެދެމީހުންނަށް އެކަން އަންގަން 1988 ވަނަ އަހަރުގެ މާރޗްމަހު ތެރޭގައި ލުޠުފީ މަސައްކަތްކުރި ކަމަށްވޭ. ސަރުކާރު ބަދަލުކޮށްލުމަށް ލުޠުފީ ކުރާ މަސައްކަތުގެ ވާހަކަ، ދިވެއްސެއްގެ ގާތުގައި އާދެ، އެއީ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ގާތުގައި ދެއްކި ކަމަށް ލުޠުފީ ބުނޭ. އަދި ލުޠުފީ އުމާ މަހޭޝްވަރަންއާ ގުޅިފައިވާ ކަމަށާއި، ބޭނުން ކޮންމެ ކަމެއް، އެއީ ސަރުކާރު ބަދަލުކޮށްލުން ކަމަށްވިޔަސް ކުރެވެން އޮތް ވާހަކަ، އަދި އެކަމާބެހޭ ހުރިހާ ވާހަކަތަކެއް، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ކައިރީގައި ދެއްކި ކަމަށް ލުޠުފީ ބުނޭ. އަދި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުވެސް އެގޮތަށް އެއްބަސްވޭ.

1988 ވަނަ އަހަރުގެ ފަހުކޮޅު ލުޠުފީއާއި އުމާ މަހޭޝްވަރަންގެ ރޭވުމުގެ ދަށުން ޕްލޮޓް ޖަމާޢަތުގެ ދެ މީހަކު މާލެއަށް ފޮނުވައިގެން، ސިފައިން ފޯރިމަރާ ބައެއް ތަންތާނގެ މަޢުލޫމާތާއި، ޙަމަލާ ދިނުމަށް ރޭވުމުގެ ގޮތުން ބޭނުންވާނެ މުހިންމު މަޢުލޫމާތު ހޯދައި، ސިފައިންގޭގެ ވަށައިގެންނާއި، ތީމުގޭގެ ފޮޓޯ، ދެފަރާތް ފެންނަގޮތަށް ނަގައި ހެދި. އަދި މާލެއަށް ޙަމަލާ ދޭން އައިއިރު، ވެރިޔަކަށް ހުރި ވަސަންތި، މި މަޢުލޫމާތުތައް ހޯދުމަށް ދެފަހަރެއްގެ މަތިން މާލެއައި. މިގޮތުން، 1988 ވަނަ އަހަރުގެ ޖުލައި 25 ގައިވެސް ވަސަންތި މާލެއައި. އަދި އެފަހަރު އައިސް، ސިފައިން ގެންގުޅެނީ ކޮންކަހަލަ ހަތިޔާރުތަކެއްތޯ ބަލައި ހަދާފައިވޭ. މިބެލުންތައް ބެލުމަށްފަހުގައި، ދެން ފެށީ މާލެއަށް ޙަމަލާ ދިނުމަށްޓަކައި މީހުންނާއި ހަތިޔާރު ގެންނާނެ ބޯޓެއް ހޯދުމުގެ މަސައްކަތް. ފުރަތަމަ ބެލީ ދިވެއްސެއްގެ ބޯޓެއް ކުއްޔަށް ލިބޭތޯ. ކުއްޔަށް ހިފަން އުޅުނު ބޯޓު އެގޮތަށް ލިބެންނެތިގެން، އެ ބޯޓު ގަތުމަށްޓަކައި އުމާ މަހޭޝްވަރަން 14 ހާސް ޔޫ.އެސް. ޑޮލަރު ޚަރަދުކުރި ކަމަށްވޭ.

1988 ވަނަ އަހަރުގެ އޭޕްރީލް ހާތާނގައި ޢަބްދުﷲ ލުޠުފީ، ކަރޯ ޢައްބާސް އިބްރާހީމާ ކޮޅުނބުން ބައްދަލުކޮށް، ޢަބްދުﷲ ލުޠުފީއާއި އުމާ މަހޭޝްވަރަންއާ ގުޅިފައި ހުރި ވާހަކައާއި، ދިވެހި ސަރުކާރު ބަދަލުކޮށްލެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ޢައްބާހަށް ކިޔައިދީ، ހަތިޔާރު ލިބިފައި ހުރި ވާހަކަވެސް ދެއްކި. އޭގެ އިތުރުން، ސިފައިންގޭގެ އެތެރެ އޮންނަގޮތުގެ މަޢުލޫމާތު، ޢައްބާސްގެ ފަރާތުން އޮޅުންފިލުވައި، ސިފައިންގެޔަށް ޙަމަލާދޭނެ ގޮތާއި، ޙަމަލާދޭންވީ ދިމަދިމާއާއި، ސިފައިންގެ ތެރެއިން ހިފަންވީ ތަންތަނާއި، ޙަމަލާދޭން ރަނގަޅުވާނެ ދުވަހާއި ވަގުތު ޢައްބާސް ބުނެދިން ކަމަށްވޭ. އެފަހަރު ކޮޅުނބުން މާލެ އައުމަށްފަހު، އޭނާ އެނބުރި ކޮޅުނބަށް ދާނީ ކޮންއިރަކުންތޯ ބަލަން ޢަބްދުﷲ ލުޠުފީ ފޯނުކޮށް، ޓިކެޓް ފޮނުވައިދޭންވެސް ބުނެހެދި.

މި މަޝްވަރާތަކަށްފަހުގައި، ފުރަތަމަ ރާވައިގެން އުޅުނީ މާލެއަށް ޙަމަލާދޭން، ޖުލައި މަހުގެ 26 ވަނަ ދުވަހު އަންނަން. އެހެންނަމަވެސް، ނާދެވުނީ އަންނާނެ ބޯޓެއް އެހާތަނަށް ނުލިބިގެން. ލުޠުފީ، ކަރޯ އައްބާހާ ބައްދަލުކުރިތާ ދެތިން ދުވަހެއްގެ ތެރޭގައި، ސަގަރު އަޙްމަދު ނާޞިރު، ލުޠުފީގެ ގެޔަށް ގެނެސް، އޭރު އެގޭގައި މުޙަންމަދުގެ ނަމުގައި އުޅެމުން ގެންދާ އުމާ މަހޭޝްވަރަން ތަޢާރުފްކޮށްދީ، މުޙަންމަދުގެ މަސްބޯޓުގެ އިންޖިނޭރެއްގެ ވަޒީފާ އަދާކޮށްދެވިދާނެތޯ އަހައި، ވަޒީފާގެ ކަންތައް ހަމަޖައްސާނެ ވާހަކަދެއްކި. އޭގެ ދުވަސްކޮޅެއް ފަހުން ޢަބްދުﷲ ލުޠުފީ ހޮންގކޮންގއަށް ދާން ފުރަމުން، އޭނާ ބަލާ މުޙަންމަދު ދާނެ ކަމަށާއި، (ސަގަރު ނާޞިރު ބަލާ މުޙަންމަދު ދާނެ ކަމަށާއި) އެއީ ވަޒީފާގެ ކަންތައް ހަމަޖެއްސުމަށްޓަކައި ގެންދަން ކަމުގައި ބުނެފައިވޭ. ޢަބްދުﷲ ލުޠުފީ ހޮންގކޮންގއަށް ދިޔަދިޔުމުގައި، އުމާ މަހޭޝްވަރަން ފަސްހާސް ޔޫ.އެސް.ޑޮލަރު ދީގެން، ރަބަރު ދެ ޑިންގީ ގަނެފައިވޭ. މާލެއަށް ޙަމަލާދިން ދުވަހު ބޭނުންކުރި އެއް ޑިންގީއަކީ، އެ ދެ ޑިންގީގެ ތެރެއިން އެކަތި.

ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ބަދަލުކޮށްލަން އުޅޭކަމުގެ ވާހަކަޔާއި، އެކަމުގައި ބައިވެރިވުމުގެ ވާހަކަ، ސަގަރު އަޙްމަދު ނާޞިރު ގާތުގައި ލުޠުފީ ދެއްކީ، ވަޒީފާގެ ކަންތައް ހަމަޖެއްސުމުގެ ނަމުގައި ނާޞިރު ޕްލޮޓްގެ ކޭމްޕަކަށް ގެންދިޔަފަހުން. ކޭމްޕަށް ލުޠުފީ ގޮސް، އެ ވާހަކަ ދެއްކީމާ، މިކަމުގައި ބައިވެރިވާން އަޙްމަދު ނާޞިރު އެއްބަސްވި.

1988 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ސަރުކާރު ދަތުރެއްގައި ސ.ހިތަދޫ ޢަބްދުﷲ ޝާހިދު ކޮޅުނބަށް އައިސް ހުރި ހުރުމުގައި، ލުޠުފީ ޝާހިދު ލައްވައި ސިފައިންގޭގެ ޗާޓު ކުރައްސައި، އެތެރެއަށް ވަންނަންވީ ގޮތާއި، ސިފައިންގެތެރޭގެ މުހިންމު މަގާމުތައް، އެޗާޓުން ފާހަގަކުރުވައި ހަދާފައިވޭ. 1988 އޮކްޓޯބަރު މަހުގެ މެދެއްހާ ތަނަށް ދިޔައިރު، މާލެއަށް ޙަމަލާދޭން އަންނަން ފުރަން ތައްޔާރުކޮށްފައި، އުމާ މަހޭޝްވަރަން ލުޠުފީއަށް އެންގި. ދަތުރު ކައިރިވަމުން އައިއިރު، އަޅުގަނޑާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ދަތުރުފަތުރު ހުންނަގޮތުގެ މަޢުލޫމާތު، ލުޠުފީ ހޯދަމުން ގެންދިޔަކަމަށްވޭ. 1988ގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އަޅުގަނޑު ރާއްޖެއިން ބޭރަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަން ލުޠުފީއަށް އެނގުނު. އެކަން އެނގިގެން އަޅުގަނޑު ފުރަން އޮތް ތާރީޚު އޮޅުންފިލުވާފައި އަންގައިދޭން ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ގާތުގައި ލުތުފީ ބުނެފައިވޭ. އަދި މި ދެންނެވި ގޮތަށް، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަށް ލިބުނު މަޢުލޫމާތު، އޭނާ ލުޠުފީއަށް އަންގައިދިން ކަމަށްވޭ. އޭރު އަޅުގަނޑު ފުރަން ހަމަޖެހިފައި އޮތީ، އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަމުގައި، އެމީހުންނަށް އެ މަޢުލޫމާތު ދީފައި އޮތީ.

ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ "ޕްލޮޓް"ގެ ލަޝްކަރެއް ގޮވައިގެން ލުޠުފީ މާލެއަށް އައިސް ހަތިޔާރުގެ ބޭނުންކޮށްގެން ސަރުކާރު ބަދަލުކޮށްލަން އުޅޭކަން، މ.ކަށިމާވިލާ މުޙަންމަދު ނަޢީމަށްވެސް އެނގޭނެ ކަމަށް ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢަބްދުﷲ ލުޠުފީ، ތަޙުޤީޤަށް ދީފައިވާ ބަޔާންތަކުން އެނގޭ. 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރާކަން ނުވަތަ ފުރަން ހަމަޖެހިފައިވާކަން ލުޠުފީއަށް އެނގުމުން، އޮކްޓޯބަރު 15 ވަނަ ދުވަހު، އުމާ މަހޭޝްވަރަންއާ ޢަބްދުﷲ ލުޠުފީ ބައްދަލުކޮށް، އޭނާއާ އެކުގައި ޕްލޮޓްގެ ކޭމްޕަށްގޮސް މާލެއަށް ޙަމަލާދޭން އަންނަން ތައްޔާރުކުރަންފެށި. 29 އޮކްޓޯބަރު 1988 ދުވަހު އުމާ މަހޭޝްވަރަންއާއި ލުޠުފީ، މިޙަމަލާދޭން ތައްޔާރުވާ ގްރޫޕްގެ ލީޑަރުންނާ ބައްދަލުކޮށް، ޙަމަލާއާބެހޭ ރޭވުންތައް، ގްރޫޕް ލީޑަރުންނަށް އޮޅުންފިލުވައިދީ ހެދި. މާލޭގެ ޗާޓާއި، އެން.އެސް.އެސް.ގެ ޗާޓާއި، ސިފައިންގޭގެ ވަށައިގެންނާއި، ތީމުގޭ ދެފަރާތް ފެންނަގޮތަށް ނަގާފައިވާ ފޮޓޯތަކާއި، އެން.އެސް.އެސް.ގެ އެތެރޭގެ ޗާޓް ޝަރަޙަކޮށްދީ ހެދި. މިކަންކުރީ ޢަބްދުﷲ ލުޠުފީއާއި ސަގަރު އަޙްމަދު ނާޞިރުގެ ޙާޟިރުގައި، އުމާ މަހޭޝްވަރަންއާއި ވަސަންތިއާ ދެމީހުން.

ޙަމަލާދޭން ފުރީމާ އެންމެ ބޮޑު ވެރިޔަކަށް ހުންނަން ހަމަޖެއްސީ ވަސަންތި. އޭނާގެ ދަށުން އިސްކޮށް ތިބީ ސްރީލަންކާއިން ބޭރުގައި ގެރިއްލާ ހަނގުރާމައިގެ ތަމްރީނު ލިބިފައިވާ ދެމީހުން. މާލެއަށް ޙަމަލާ ދިނުމަށްޓަކައި ތައްޔާރުވެގެން ބޭރުގެ ޓެރަރިސްޓުންގެ، ތަމަޅައިންގެ 80 މީހުންނާ އެކުގައި ޢަބްދުﷲ ލުޠުފީއާއި ސަގަރު އަޙްމަދު ނާޞިރު ސްރީލަންކާއިން ފުރީ 29 އޮކްޓޯބަރ 1988 ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި. ޙަމަލާދޭން ފުރީ ބޮޑު މަސްބޯޓަކާއި، ކުޑަވަރެއްގެ ދެ ބޯޓުގައި. މި ތިން ބޯޓުގައި ނުކުމެ ތިބެ، އެހެން މަސް ބޯޓެއް ހައިޖެކް ކޮށްގެން، ކުޑަ ދެ ބޯޓުގައި ތިބި މީހުން، ހައިޖެކް ކުރި ބޯޓަށް ބަދަލުވީ. މިދެބޯޓުގައި މާލެއަށް ދަތުރު ފެށީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހެނދުނު 8:30 ގައި. ރާއްޖެއަށް ހަމަލާދޭން އައި ދެ ބޯޓު ނޮވެމްބަރު މަހުގެ 2ވަނަ ރޭ ފަތިހު އަލިވިލުނުއިރު ހުރިކަމަށްވަނީ ހދ.ހަނިމާދުއާ ދިމާ ބޭރުގައި. މިކަން އެމީހުންނަށް އެނގުމާއެކު، ރަށްތައް އޮބާ ހިސާބަށް ބޭރަށް ނުކުތުމަށްފަހު، މާލެއާ ދިމާއަށް މިޞްރާބުޖަހައި ދަތުރުކުރަމުން އައީ ރަށްތަކާ ދުރުން. 3 ނޮވެމްބަރު 1988ގެ މެންދަމުން އަލިވެ، 1 ޖެހިއިރު މާލޭގެ އަލިފެންނަ ހިސާބަށް އެމީހުންނަށް އާދެވިއްޖެ.

އާދެ، އެމީހުންނަށް ކުރިން ލިބިފައި އޮތް މަޢުލޫމާތުގައި އޮތީ، 29 އޮކްޓޯބަރުގައި އަޅުގަނޑު ފުރާކަމަށް. އެހެންނަމަވެސް، އެއީ އޭރު އޮތްގޮތް. އޭގެފަހުން އަޅުގަނޑުގެ ދަތުރު އޮތީ ކުޑަތަންކޮޅެއް ބަދަލުކޮށްލާފައި. 1 ނޮވެމްބަރުގައި ފުރާގޮތަށް އޮތީ ހަމަޖައްސާފައި. އެކަން އެމީހުންނަކަށް ނޭނގޭ. ދެން ކޮންމެއަކަސް، އެފަހަރު ކަންތައް ދިމާވިގޮތުން 1 ގައި އަޅުގަނޑު ފުރަން އޮތީ. އެހެންނަމަވެސް، 31 ވަނަ ދުވަހުގެރޭ އަޅުގަނޑު ބޮޑުވަޒީރު ރަޖީވް ގާނދީއަށް ފޯނުން ވާހަކަދެއްކުމަށްފަހުގައި، އަޅުގަނޑުމެން ނިންމީ އެދަތުރު ތަންކޮޅެއް ލަސްކޮށްލަން. އެއީ އެއްގޮތަކަށްވެސް މިކަމާބެހޭ މަޢުލޫމާތު ލިބިފައި އޮވެގެނެއް ނޫން. އެއީ ދިމާވި އެހެން ބައެއް މައްސަލަތައް ހުރުމާއި އަދި ނޮވެމްބަރު 11 އެހާ ކައިރީގައި އޮތުމާއި، އެކަމަށް ތައްޔާރުވާން ކުރަންހުރި މަސައްކަތްތަކެއް ހުރުމާ، މިކަންތައްތަކަށް ދަތިވެދާނެތީ އަޅުގަނޑު ސީދާ ބޮޑުވަޒީރު ރަޖީވް ގާނދީއާ ވާހަކަދައްކާފައި، އެދަތުރު ލަސްކޮށްލީ، 31 ވަނަ ދުވަހުގެރޭ. 1 ވަނަ ދުވަހު ފުރަން އޮތީ. އެކަން އެމީހުންނަކަށް ނޭނގެ.

މާލެއަށް ޙަމަލާދިނުމަށްޓަކައި އައި ދެ ބޯޓުގެ ތެރެއިން ލުޠުފީ ހުރި ބޯޓުގެ މީހުން މާލެއަށް ފޭބީ ގާތްގަނޑަކަށް ފަތިހު 4:15 ގައި ކަމަށް ބުނޭ. އެ ބޯޓުގެ މީހުން ފޭބީ އިސްލާމީ މަރުކަޒާ ދިމާގައި އަލަށް ހަދާ ޕާކާ ދިމާއަށް. އަނެއް ބޯޓުގައި ހުރީ ސަގަރު އަޙްމަދު ނާޞިރު. އެ ބޯޓުވަނީ ކޮމާޝަލް ހާބަރ ނުވަތަ ވިޔަފާރި ބަނދަރަށް. މާލެއަށް ޙަމަލާދޭން އައީ ގިނަ ޢަދަދެއްގެ އޮޓޮމެޓިކް ރައިފަލާއި، އާރު.ޕީ.ޖީ. ސެވަންއާއި، މޯޓަރާއި، ޑައިނަމައިޓާއި، ލައިޓް މެޝިން ގަން އާއި، ފިސްތޯލައާއި، ވަޅިއާ، މިކަހަލަ އެއްޗެހިތައް ހިފައިގެން. ޙަމަލާގެ ރޭވުމުގައި އޮތީ ސިފައިންގެޔަށް ޙަމަލާ ދިނުމުގައި، އެންމެ އިސްކޮށް ވަސަންތި ހުރުމަށާއި، އޭނާގެ ދަށުން ފާރޫޤު ކިޔާ މީހަކާއި، ބާބޫ ކިޔާ މީހަކު ތިބުމަށް. އާދެ، މިނަންތައް މިއީ އެމީހުންގެ ޙަޤީޤީ ނަންތަކެއް ނޫން. ވަސަންތި އެއީވެސް ޙަޤީޤީ ނަމެއް ނޫން. އަދި ފާރޫޤު، ބާބޫ، މިއީވެސް ޙަޤީޤީ ނަންތަކެއް ނޫން. އެމީހުން އެކަހަލަ ޓެރަރިސްޓް ކަންތައްތަކުގައި އުޅޭއިރު ކިޔައިގެން އުޅޭ ނަންތަކެއް އެއީ. އެ ނަންތައް އަޅުގަނޑުމެންނަށްވެސް އެމީހުންގެ ފަރާތުން ލިބިފައި ހުރީ. އެމީހުންގެ އަޞްލު ނަންތައްވެސް ލިބިފައި އެބަހުރި. އެހެންނަމަވެސް، އެންމެންވެސް ކިޔަނީ މި ޢާންމު ނަންތައް ކަމަށްވާތީ، އެނަންތައް އަޅުގަނޑުވެސް ބޭނުންކުރަނީ.

ސިފައިންގެ އަތުލެވެންދެން ހަމަޖައްސާފައި އޮތީ ލުޠުފީ ދުރުގައި ހުރުމަށް. އޭގެފަހުން ސިފައިންގެޔަށް ލުޠުފީ ގޮސް އޭނާއަށް ފެންނަ ބަޔަކު ހޮވައި، މުޅިތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ވާހަކަ ދައްކާފައި އޮތީ. ސިފައިންގެ ހިފުމަށްފަހު އެވަގުތު އެތާނގައި ތިބޭ އެންމެން ޣާޒީ ބިލްޑިންގއަށް ގެންގޮސް، އެމީހުންގެ ތެރެއިން ލުޠުފީއަށް ފެންނަ ބަޔަކު މަޤާމުތަކަށް ހަމަޖައްސަން ގަސްތުކޮށްފައި އޮތީ. ހުރިހާ މައްސަލަތަކެއް ހަމަޖެހެންދެން މިނިސްޓަރުން ގޭގައި ބަންދުކޮށްފައި ބައިތިއްބުމަށާއި، އޮފީސް އޮފީހުގެ ވެރިންގެ ގޮތުގައި ތިބި އެންމެން ވަޒީފާއިން ވަކިކުރަން ހަމަޖައްސާފައި އޮތީ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް އެއްކޮށް، މި ހުރިހާ ކަމެއް މަޖިލީހަށް ހުށަހަޅައި، އާ ސަރުކާރާއި ކެބިނެޓް ހަމަޖައްސައި އެންގުމަށާއި، ރައްޔިތުންގެ ބާރު ކަނޑުވައިލުމަށްޓަކައި ދެތިން ދުވަހަކަށް ކާފިއު ހިންގުމަށްވެސް ރާވާފައި އޮތް.

ޙަމަލާ ދޭން އައި މީހުންގެ ތެރެއިން އެއްބަޔަކު ދިޔައީ ސީދާ ސިފައިންގެޔާ ދިމާއަށް. އަނެއްބަޔަކު ދިޔައީ ތީމުގެޔާ ދިމާއަށް. އެމީހުންނަށް ތީމުގެ ދައްކަންދިޔައީ، ސަގަރު އަޙްމަދު ނާޞިރު. އެހެންނަމަވެސް، ތީމުގެޔަށް ގޮސްވެސް، އެމީހުން އެތާތިބި ސިފައިންނާ ޙަމަލާދިނީމާ، ކުރިންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާފައިވާނެ ފަދައިން، ސިފައިންގެ މީހުން ވަރަށް ގަދަޔަށް ޙަމަލާދީ، ހަނގުރާމަ ކުރުމުގެ ސަބަބުން އެ ތަމަޅައިންގެ މީހުންނަކަށް ކާމިޔާބެއް ނުކުރެވުނު. ސިފައިންގެ އަތުގައި ހުރި ހަތިޔާރެއްވެސް އަތެއްނުލެވުނު، އަދި ތީމުގޭ ތެރެއަކަށް ނުވެސްވަދެވުނު.

ޢަބްދުﷲ ލުޠުފީ މާލެއަށް ފޭބުމާއެކު، ހަތިޔާރުއެޅި 7 މީހުންގެ ގްރޫޕަކާއެކު ދިޔައީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އިލްޔާސް އިބްރާހީމް އުޅުއްވާ ގެ، ކިނބިގަސްދޮށުގެޔަށް. އެބައިމީހުންނަށް ދައްކަން. އެ ގްރޫޕްގެ ވެރިޔަކަށް ހުރި މީހާއަށް ކިނބިގަސްދޮށުގެ ދެއްކީ ޢަބްދުﷲ ލުޠުފީ. އެ ގެ ދެއްކުމަށްފަހު، އެގޭދޮށަށް 6 މީހުން ދޫކޮށްފައި، އެކަކު ގޮވައިގެން ލުޠުފީ ދިޔައީ މީނާޒާ ދިމާއަށް. ކިނބިގަސްދޮށުގެޔަށް ޙަމަލާދޭން ބޭތިއްބި މީހުން އެގޭ ދޮރާށްޓަށް ބަޑިޖަހައިގެން އެތެރެއަށް ވަދެ، ގޭތެރޭ ދޮރުފަތްތަކަށްވެސް ބަޑިޖަހައި ހަލާކުކޮށްލައިގެން އެގޭތެރެއަށް ވަނީ. އެވަގުތު އެގެޔަށް ވަންނަން އައި އެން.އެސް.އެސް.ގެ ކޯޕްރަލަކާއި ޕްރައިވެޓަކު ހިފައި ހައްޔަރުކުރި. އެދެމީހުން ތިބީ ބަނދެފައި، އެގޭ ކޮޓަރިއެއްގެ ތެރޭގައި ބައިތިއްބާފައި. އަދި އޭގެފަހުން އެގެޔަށް ވަންނަން އައި އެން.އެސް.އެސް.ގެ ސާރޖެންޓް ކުޑަނެވި ތުއްތުމަނިކުގެ ގަޔަށްވަނީ ބަޑިޖަހައި ޝަހީދުކޮށްފައި. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އޭރުވަނީ، ގެޔަށް އެމީހުން ޙަމަލާދިނުމާ އެކުގައި އެމީހުންގެ އަތުޖެހިވަޑައިނުގެން، އެހެން ތާކަށް ބަދަލުވެވަޑައިގެންފައި. މިކަންތައް ކުރައްވަން ދިމާވީ، ވަރަށް ނުރައްކާތެރި ބިރުވެރިގޮތެއްގެ ތެރޭގައި ކަމަށްވާތީ، އޭނާއަށް ވަރަށް ބޮޑަށް ގެއްލުންވެސް ލިބިވަޑައިގެންނެވި.

ކިނބިގަސްދޮށުގެ ދެއްކުމަށްފަހުގައި ލުޠުފީއާއި، އޭނާއާ އެކުގައި ގެންދިޔަ މީހާ ދިޔައީ ކުރިންވެސް ދެންނެވި ފަދައިން، މީނާޒާ ދިމާއަށް. އެގޭދޮށަށްގޮސް، އެގޭ ދޮރާށްޓަށް ބަޑިޖަހައި ހަލާކުކޮށްލައިގެން ވަދެ، ގޭގެ ކުޑަދޮރުތަކަށާއި، އެހެން ތަންތަނަށްވެސް ބަޑިޖަހައި ހެދި. މިވާހަކަ ވާނީ އަޅުގަނޑު ކުރިންވެސް ތިޔަބޭފުޅުންނަށް ދަންނަވާފައި. ޢަބްދުﷲ ލުޠުފީ ދެން ދިޔައީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިންޖީނުގެޔަށް. އިންޖީނުގެޔަށް ދިޔައީވެސް ހަތިޔާރުއެޅި މީހުންނާ އެކުގައި. އިންޖީނުގެޔަށް ގޮސް، އިންޖީނު ނިވާލި. އޭގެފަހުން ޕޯސްޓެލް ޢިމާރާތަށް ގޮސް، އެތަނުގެ ބޮޑު ދޮރު ހުޅުވޭތޯ ދޮރަށް ބަޑިޖަހައި ހެދި. ބަޑިޖަހައި ހަދައިގެންވެސް ދޮރު ނުހުޅުވުނީމާ، އެ ޢިމާރާތުގެ ވަށައިގެން ބެލިއިރު، ފުރަގަހުގައި ދޮރެއް ހުޅުވިފައި ހުރުމާއެކު، ޙަމަލާދިން މީހުންގެ ތެރެއިން ބައެއް މީހުން އެދޮރުން ޢިމާރާތުގެ ތެރެއަށް ވަދެ، އިންޖީނު ނިވާލެވޭތޯ މަސައްކަތްކުރި. އެހެންނަމަވެސް، އެމީހުންނަކަށް އިންޖީނު ނިވާލާކަށް ނޭނގުނު.

އެދުވަހު ސަރުކާރާ ދެކޮޅަށް މާލެއަށް އައިސް، ޢުދުވާނީ ޙަމަލާ ދިން މީހުން، ބަޑީގެ ބިރު ދައްކައިގެން ފަޅުއޮޑިފަހަރަށް ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ގެނެސް، އިސްލާމީ މަރުކަޒުގެ އުތުރުން އަލަށް ހަދަން ފަށާފައިވާ ޕާކުގެތެރޭގައި ބައިތިއްބި، އަދި ރައީސް އޮފީހާއި، ޣާޒީ ބިލްޑިންގއާ ދޭތެރޭގައި އޮތް ގޯޅިއެއްގެ ތެރޭގައިވެސް އެމީހުން ނިވާފަތްގަނޑެއްގެ ގޮތުގައި ބައިތިއްބައިގެން ސިފައިންގެޔަށް ޙަމަލާދެމުން ގެންދިޔަ. ކުރިންވެސް ދެންނެވިފަދައިން، ސިފައިންގެޔަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް، އެމީހުން އެކި ފަރާތް ފަރާތުން ދެމުންދިޔަ. އިސްލާމީ މަރުކަޒުންވެސް ޙަމަލާދިން. އަދި ސިފައިންގެ ފާރު އެފަރާތުން ގޮއްވާލައި، ސިފައިންގެޔަށް ވަންނަންވެސް މަސައްކަތްކުރި. ސިފައިންގޭ ބޮޑު ގޭޓާ ދިމާއަށްވެސް ކުރިއްސުރެން ފެށިގެން ވަރަށް ގިނަ ޢަދަދަކަށް ބަޑިޖަހައި، ވަރަށް ވަރުގަދަ ޙަމަލާތަކެއް ދިނުމުގެ ސަބަބުން އެތާހުރި ސިފައިންގެ މީހަކުވެސް މަރުވި. މިވާހަކަތައް ވާނީ އަޅުގަނޑު ކުރިން ތިޔަބޭފުޅުންނަށް ދަންނަވައިދީފައި. މިޙަމަލާގެ ކަންތައްތައް ހިނގަމުންދަނިކޮށް، ޢަބްދުﷲ ލުޠުފީ ބާޒާރުމަތިން ފިހާރައެއް ހުޅުވައިގެން، ސްރީލަންކާއަށް ފޯނުކޮށް، ކޮޅުނބަށް ފޯނުކޮށް، އޭރު ކޮޅުނބުގައި ހުރި، ކުރިންވެސް ދެންނެވި ސ.ހިތަދޫ ޢަބްދުﷲ ޝާހިދާ ފޯނުން ވާހަކަ ދައްކައި ހެދި. އަދި ކަންތައްތައް ހިނގަމުންދާގޮތް ކިޔައިދީ، ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވެދޭން ޝާހިދުގެ ކިބައިން ލުޠުފީ އެދުނު.

ސަރުކާރު ބަދަލުކޮށްލުމަށްޓަކައި މި ދިން ޙަމަލާ ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް ނެތްކަން އެނގުމުން، ޢަބްދުﷲ ލުޠުފީއާއި، ޓެރަރިސްޓުންގެ ބައެއް މީހުން އެދުވަހުގެ މެންދުރެއްހާއިރު ދޯންޏެއްގައި ބަނދަރުމައްޗަށް ނުކުމެ، "ޕްރޮގްރެސް ލައިޓް" ހައިޖެކްކުރި. އެމީހުންނަށް ކާމިޔާބުވާނެކަމުގެ އެއްވެސް އުންމީދެއް ނުލިބުނު ސަބަބަކީ އެމީހުން ހީކުރިގޮތާ ތަފާތުގޮތަކަށް ސިފައިންގެއިން އެމީހުންނާ ޙަމަލާދެމުން ގެންދިޔައީމާ. އެމީހުން ހީކުރީ 15 މިނިޓް ތެރޭގައި، ނުވަތަ 20 މިނިޓް ތެރޭގައި ސިފައިންގެ އަތުލެވޭނެ ކަމަށް. އަދި ކުރިން، އެންމެ ކުރިން އަޅުގަނޑު ދެންނެވިން، މިކަންތައް ފެށުނީ 1986 ވަނަ އަހަރާ ހިސާބުގައި ކަމަށް. އެވާހަކަ ދެއްކިއިރުވެސް އެމީހުން ހީކޮށްފައި އޮތީAK47 ގެ 5 ބަޑި ހިފައިގެން ސިފައިންގެޔަށް ޙަމަލާދިނީމާ ސިފައިންގެ އަތުލެވިދާނެ ކަމަށް. އެމީހުންގެ ވިސްނުމާއި ކަންތައް ހުރީ އެހާކަންހާ ފެންވަރެއްގައި. އެއީ ދެން ﷲގެ ރަޙްމަތުން ދިމާވިގޮތެކޭ އަޅުގަނޑަށް ދެންނެވެން އޮތީ. އެމީހުން ހީކުރިގޮތަށް ކަންތައްތައް ނުދިޔައީ، އެއަށްވުރެ އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެހިފައި އޮތްލެއް ހަރުދަނާކަމާއި ރަނގަޅުކަމުން.

އެހެންވީމާ، އެމީހުން ފުރަތަމަ އެ ހީކުރިގޮތަށް 15 ވަރަކަށް މިނިޓްއިރުގެ ތެރޭގައި ނުވަތަ ވިއްސަކަށް މިނިޓްއިރުގެ ތެރޭގައި ނުވަތަ އިރުއެރުމުގެ ކުރިން ސިފައިންގެ އަތުނުލެވުނީމާ އެމީހުންނަށް އުންމީދު ކުޑަވެގެން ހިނގައްޖެ. އަދި ޚާއްޞަކޮށް، އޭގެފަހުންވެސް އެތައް ގަޑިއިރެއް ވޭތުވެގެންދިޔައިރުވެސް މިއީ އެއްގޮތަކަށްވެސް ވާނެކަމެއް ނޫންކަން އެމީހުންނަށް އެނގުނު. އެއީ ލުޠުފީ އެމީހުންނަށް ކިޔައިދީފައި އޮތީ ރާއްޖޭގައި އަދި މާލޭގައި ވަރަށް ގިނަ މީހުން ތިބީ ސަރުކާރާ ދެކޮޅަށް ކަމަށް. އޭނާ މާލެއަށް އައިސް މާލެއަށް ޙަމަލާ ދިނީމާ، އެމީހުންނާ އެއްބައިވާނެ ވަރަށް ގިނަބަޔަކު ތިބޭނެކަމަށް. އެހެންވީމާ، އެގޮތަށް ކަންތައްތައް ހިނގާނެ ކަމަށް ބަލައިގެން އެހާ މަދުބަޔަކު ގޮވައިގެން އެމީހުން އައިކަމަށްވަނީ. އެހެންނަމަވެސް، ރައްޔިތުންގެ ފަރާތުން އެމީހުންނަށް ފެނުނީ އެގޮތެއް ނޫން. ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، މާލޭގެ ރައްޔިތުން އަދި ޢާންމުކޮށް ދަންނަވަންޏާ މުޅި ރާއްޖޭގެ ރައްޔިތުން އެދުވަހު ސާބިތުކޮށްދެއްވީ، ރައްޔިތުން ތިއްބެވީ، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާ އެއްކޮޅަށްކަން. އެހެންވީމާ، ލުޠުފީމެންނާ ނުވަތަ އެމީހުންނާ އެކުގައި އައި މީހުންނަށް ކާއެއްޗެއް ނުވަތަ ފެންފޮދެއް ދޭނެ މީހަކުވެސް ނުވި. މިހެން މި ދަންނަވާލީ މި ތަމަޅައިންގެ މީހުން ދަތުރުކޮށްފައި އައި މުއްދަތުގެ ތެރޭގައި ތިންދުވަސް ކަނޑުމަތީގައިވީއިރުވެސް ނުވަތަ ހަތަރުދުވަސްވީއިރުވެސް، އެމީހުނަށް ފުދޭވަރަކަށް ކާބޯތަކެތި ގެނެވިފައި ނެތުމުން، އެމީހުން ތިބީ ވަރަށް ބަނޑުހައިވެފައި، ވަރުބަލިވެފައި. އެހެންވީމާ، ޙަޤީޤަތުގައި ހަނގުރާމައެއް ހިންގޭ ފެންވަރެއްގައެއްވެސް ނޫން އެމީހުން ތިބީކީ. އެމީހުން މާލެއަށް އައީ، މާލެއަށް އައިމާ، މާލޭގެ ރައްޔިތުންނާއި، ރާއްޖެތެރޭގެ ރައްޔިތުން އެމީހުންނާ އެއްބައިވާނެކަމަށް ވިސްނިގެން، އެމީހުންނަށް ކާބޯތަކެއްޗާއި ހުރިހާ އެއްޗެއް ލިބޭނެކަމަށް ހީކޮށްގެން.

އާދެ، އެގޮތަށް އެކަންތައްތައް ދިމާނުވީމާ އެމީހުންނަށް އެނގިއްޖެ، މިކަމަކީ އެމީހުންނަށް ކުރެވޭވަރުގެ ކަމަކަށްނުވާކަން. އެންމެ 80 މީހުން ގޮވައިގެން އައިސް ޙަމަލާދީގެން ރާއްޖެ ނުހިފޭނެކަން. އެހެންވީމާ، އެމީހުން އެދުވަހު މެންދުރެއްހާއިރު ގަސްތުކުރީ ރާއްޖެއިން ފިލައިގެންދާން. ދާން ގަސްތުކޮށް، ބަނދަރުމައްޗަށް ނުކުމެ، "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ ބޯޓް ހައިޖެކްކުރީ. ލުޠުފީ އެ ބޯޓަށްދިޔަފަހުން ބޯޓުގައި ހުރެގެން، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މާލެއިން ބޯޓަށް ގެންނަންވެގެން ލިސްޓެއް ލިޔެފައި ސަގަރު ނާޞިރަށް (ނާޞިރު ހުރީ މާލޭގައި) މާލެއަށް ފޮނުވިކަމަށްވަނީ. އެ ލިސްޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އޭރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ އޮނަރަބްލް އަޙްމަދު މުޖުތަބާ. ދެން އޭގެ ތެރެއިން އަނެއް ބޭފުޅަކީ އިސްމާޢީލް ނަޞީރު. އެ ދެބޭފުޅުން އެމީހުން ގެންދިޔަ. އެހެންނަމަވެސް، ދެން ލިސްޓުގައި ހުރި އެހެން ބޭފުޅުންނެއް ނުފެނުނު. އަތަކު ނުޖެހުނު. އެހެން ބޭފުޅަކު ގެންދެވޭގޮތެއްނުވި.

ދެން އެމީހުން ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރ އަޙްމަދު މުޖުތަބާ ބޯޓަށް ގެންގޮސްފައި، އޭގެފަހުން އޭނާގެ އަނބިކަނބަލުންވެސް ގެންދިޔަ. ޢާންމު ރައްޔިތުންގެ އެތައް ބަޔަކުވެސް ހޮސްޓެޖުންގެ ގޮތުގައި ނުވަތަ ރަހީނުންގެ ގޮތުގައި، އެމީހުން ފިލައިގެންދަމުން އެބޯޓުން ގެންދިޔަ. މިހިސާބަށް ކަންތައްދިޔައިރުވެސް، ލުޠުފީއަށް ހީވެފައި އޮތީ އަޅުގަނޑު ރާއްޖޭގައި ނޫޅޭކަމަށް. އެއީ ކުރިންވެސް ދެންނެވިފަދައިން، އޭނާއަށް މަޢުލޫމާތު ލިބިފައި މިއޮތީ އޮކްޓޯބަރު މަހުގެ އޮނަތިރީސް ވަނަ ދުވަހު އަޅުގަނޑު ފުރައިގެން ރާއްޖެއިން ބޭރަށް ދާނެކަމަށް. އަދި ނޮވެމްބަރު 3 ވާއިރު މާލޭގައި ނުހުންނާނެ ކަމަށް.

އެހެންވީމާ، އެދުވަހުގެ ޙަމަލައިގައިވެސް ފުރަތަމަ ތީމުގޭގައި ފޯރިއަށް ތިބި ސިފައިންގެ އަތުން ހަތިޔާރު ހޯދޭތޯ ބަލާފައި، ސިފައިންގެޔަށް ޙަމަލާދިނުމުގެ އިތުރަށް، ތީމުގެޔަށް ވަންނާކަށް އޭރަކު މަސައްކަތެއް ނުކުރޭ. އެއީ އޭރު އޭނާ ހީކުރިގޮތުގައި އަޅުގަނޑު ނޫޅޭނެ. އެހެންވީމާ، އޭރު ސިފައިން ކަންތައް ބެލެހެއްޓުމުގައި، އަޅުގަނޑު މާލޭގައި ނެތިއްޔާ ސިފައިންގޭގެ ހުރިހާ ކަމެއް ބެލެހެއްޓެވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވަނީ ސިފައިންގެ ވެރިޔާގެ ނައިބު. އެހެންވީމާ، ސިފައިންގެ ވެރިޔާގެ ނައިބު ހުންނެވި ގެޔަށް އެންމެ ފުރަތަމަ ޙަމަލާދޭން އެމީހުން ގަސްތުކޮށް، އޭނާ އަތުލެވޭތޯ މަސައްކަތްކުރީ. އަޅުގަނޑު ރާއްޖޭގައި އެބަހުރިކަން ލުޠުފީއަށް އެނގުނުކަމަށްވަނީ، އެބޯޓަށް އެބޭފުޅުން ގެންގޮސްގެން، އެބޭފުޅުންނާ ވާހަކަ ދައްކައި ހެދީމާ، ކޮންމެވެސް ބޭފުޅަކު ވިދާޅުވި ވިދާޅުވުމަކުން އެނގުނީ އަޅުގަނޑު މާލޭގައި އެބަހުރިކަން. މިހުރިހާ ކަމެއް މިހެން ހިނގައިދިޔައީމާ، އެމީހުން ރޭވިގޮތަށް ކަންތައްތައް ނުދާތީ، ވީ އެންމެ އަވަހަކަށް ފިލައިގެން ދެވޭތޯ އެމީހުން މަސައްކަތް ކުރަމުން ގެންދިޔައީ.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެރޭ ދެން އެމީހުން ރަހީނުންގެ ގޮތުގައި އެގެންދިޔަ ބޭފުޅުންނާ އެކުގައި ޕްރޮގްރެސް ލައިޓްގައި ފުރައިގެންދިޔައީ، އިންޑިޔާގެ އެހީ އަޅުގަނޑުމެންނަށް ހަމަ ލިބުމާ ވިދިގެން. އެއީ ކުރިއްސުރެ އެދުވަހު މެންދުރުއްސުރެ ފެށިގެން އެމީހުން ފިލަން ގަސްތުކޮށް، ހުރިހާ ތައްޔާރީތަކެއްކޮށް، އެކަމުގެ މަސައްކަތުގައި އެމީހުން ތިބީ. އެހެންތިއްބާ ދިވެހި ސަރުކާރުން އެދުނު އެދުމުގެ މަތިން އިންޑިޔާ ސިފައިން ރާއްޖެއަށް އައުމުން، އެރޭ ގާތްގަނޑަކަށް ނުވަގަޑި ވިހި، ނުވަގަޑި ފަންސަވީސް ހާއިރު ފުރަތަމަ ބޯޓު ޖެއްސީ. އެ ބޯޓު ޖެއްސިތަން އެމީހުންނަށް ފެނުމާއެކު، އަވަހަށް ބޭރުގެ ޢަސްކަރީ އެހީއެއް ރާއްޖެއަށް ލިބުނުކަން އެމީހުންނަށް ޔަޤީންވެގެން، އެމީހުން އަވަހަށް އެ ބޯޓު ނައްޓާލައިގެން އެ ބޯޓާއިގެން ރާއްޖެއިން ނުކުމެގެންދިޔައީ. އެދިޔަ ދިޔުމުގައި ދިޔައީ، ކުރިންވެސް ދެންނެވިފަދައިން، އެމީހުންނަށް ކުރިން އެއްވެސްކަހަލަ ކާނެ އެއްޗެއް، ބޯނެ އެއްޗެއް ލިބިފައި ނެތުމާއެކުގައި، ބައެއް ފިހާރަ ފިހާރަ ފަޅާލައިގެން، ފިހާރައިގައި ހުރި ދަޅާއި ބިސްކޯދާ، އެކަހަލަ އެއްޗެތި ހިފައިގެން. އަދި މާލޭގައި ތިބިއިރު، އެދުވަހު ދުވާލުވެސް އެމީހުންގެ ކެއިންބުއިމުގެ ކަންތައް ހަމަޖައްސަމުން ގެންދިޔައީ މި ދެންނެވި ގޮތަށް. އެކި ފިހާރަ ފިހާރައިން، އެމީހުން އެތަންތަން ލޫޓުވައިގެން ގެންދިޔަ ތަކެތިން.

އާދެ، ޕްރޮގްރެސް ލައިޓަކީ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ބޯޓެއް. އެ ބޯޓުގައި ހުރީ ދިވެހި ސަރުކާރުގެއާއި އަދި ރާއްޖޭގެ ޢާންމު ވިޔަފާރިވެރިންގެ މުދާ. ޢާންމުންގެ މުދާ. އެބޯޓު އެމީހުން ގެންދިޔައީ ހައިޖެކްކޮށްގެން. ބޯޓުގެ ރޭޑިޔޯ ކޮޓަރީގައި، މާލޭގެ ފިހާރައަކުން އެމީހުން ވަގަށް ގެންދިޔަ ކޮމިއުނިކޭޝަން ސެޓް ބަހައްޓައިގެން، ޓެރަރިސްޓުންގެ މީހުން ޕްލޮޓުގެ މައި މަރްކަޒަށް ގުޅަމުންގެންދިޔަ. ކުރިންވެސް ދެންނެވިފަދައިން، މިކަން ރޭވުމުގައި އެންމެ އަޑީގައި ހުރިކަމަށް، ހުރިހާ ތަޙުޤީޤަކުންވެސް ދައްކަނީ ޕްލޮޓް ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެންމެ އިސްވެރިޔާ މަހޭޝްވަރަން.

މިކަމަކީ މިހާރު އަޅުގަނޑުމެންނަށް ޔަޤީންވެފައި އޮތް ކަމެއް. އެއީ މިވާހަކަ ބުނަނީ ހަމައެކަނި މިކަންތަކުގައި ބައިވެރިވި ދިވެހިންނެއް ނޫން. އޭގެއިތުރުން، ތަމަޅައިންގެ އެންމެންވެސް މިކަމަށް އެއްބަސްވޭ. އެމީހުންގެ ތަޙުޤީޤީ ބަޔާންތަކުގައި، މިކަން ރާވައި ހިންގައި، އެ ހުރިހާ ކަމެއް އެކޮޅުން ކުރަމުން ގެންދިޔައީ އުމާ މަހޭޝްވަރަން ކަމަށް ބުނެފައިވޭ. އެހެންވީމާ، އެމީހުން ބޯޓަށްގޮސް، ބޯޓުގައި ހުރި މި ދެންނެވި ކޮމިއުނިކޭޝަން ސެޓުން ކޮޅުނބާ ގުޅައިގެން، އޭރު ކޮޅުނބުގައި ހުރި އުމާ މަހޭޝްވަރަންއާ ވާހަކަ ދައްކައިގެން، އޭނާ ބުނާ ގޮތެއްގެ މަތިން ބޯޓުގައި ކަންތައްތައް ކުރަމުން ގެންދިޔަ ކަމަށްވަނީ. އެންމެ ފުރަތަމަ ބޯޓު ނުކުމެގެން ޖާވާއާ ދިމާއަށް ދާން ލުޠުފީ އަންގައިގެން އެގޮތަށް މިޞްރާބުޖެހި ކަމަށްވޭ. އެހެންނަމަވެސް، އުމާ މަހޭޝްވަރަން އަންގައިގެން މިޞްރާބު ބަދަލުކޮށް، ސްރީލަންކާގެ މަންނާރާ ދިމާއަށް މިޞްރާބުޖެހީ.

އެމީހުން ފިލައިގެން ދަމުން އެ ގެންދިޔަ ރަހީނުން ސަލާމަތްކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި. ތިޔަބޭފުޅުންނަށް، ކުރިންވެސް އަޅުގަނޑަށް ވާނީ އެ ވާހަކަ ދަންނަވާލެވިފައި. އިންޑިޔާ ސަރުކާރާ ގުޅައިގެން، އިންޑިޔާ ސަރުކާރުގެ އެންމެ އިސްކޮށް ހުންނަވާ ބޮޑުވަޒީރު ރަޖީވް ގާނދީއާވެސް ސީދާ އަޅުގަނޑު ފޯނުން ވާހަކަ ދައްކައިގެން، އެކަންތައްތައް ހަމަޖައްސަމުން ގެންދިޔައީ. އަޅުގަނޑުމެން އެދޭގޮތް ދަންނަވައި އަދި އެގޮތަށް އިންޑިޔާގެ މަނަވަރުތަކަށް އަންގަވައި، އިންޑިޔާގެ ސިފައިންނަށް އަންގަވައިގެން އެކަން ކޮށްދެއްވަމުން ގެންދެވި.

އެންމެ ފުރަތަމަ މަސައްކަތްކުރީ ބޯޓުގައި ތިބި އަޅުގަނޑުމެންގެ ދިވެހިން ސަލާމަތްކުރެވޭތޯ. އެހެންވީމާ، ފުރަތަމަ ދެ ދުވަހެއް ވަންދެން އިންޑިޔާ ބޯޓުތަކުން އެއްވެސް ޙަމަލާއެއް ނުދީ، އެމީހުން އަމާންދީ، ރަހީނުން އަނބުރާ އިންޑިޔާ މަނަވަރުތަކަށް ބަދަލުކޮށްދޭތޯ ވާހަކަ ދައްކަމުން ގެންދިޔައީ. އެހެންނަމަވެސް، އެއްގޮތަކަށްވެސް އެމީހުން އެގޮތަށް އެއްބަސްނުވެ އަދި އެ އުމާ މަހޭޝްވަރަން ބުނަމުން ގެންދިޔަގޮތާ އެއްގޮތަށް، އެމީހުން މަސައްކަތް ކުރަމުން ގެންދިޔައީ، ކޮންމެ ގޮތެއްގައިވެސް ބޯޓު ސްރީލަންކާއާ ހަމައަށް ދެވޭތޯ. ދެވުނީމާ އެމީހުންގެ ޙިމާޔަތް، ޕްލޮޓް ޖަމާޢަތުގެ ޙިމާޔަތް އެންމެކުޑަމިނުން ލިބޭނެކަމުގެ އުންމީދުގައި.

ކޮންމެއަކަސް އެހިސާބަށް ކަންތައްތައް ދިޔުމުގެ ކުރިން އަޅުގަނޑުމެންގެ އަތްދޮށުން ބޭރަށް ހިނގައްޖިއްޔާ، ދެން އެމީހުން އަތުނުޖެހޭނެތީ، ދިވެހި ސަރުކާރުން އެދުނީ އިންޑިޔާ ސަރުކާރުގައި، ކޮންމެގޮތަކުންވެސް އެމީހުން އަތުލައިދޭން. އެހެންވީމާ، އެ މަނަވަރުތައް ބޯޓާ ކައިރިކޮށް، ބޯޓަށް ޙަމަލާދީ އެމީހުން ސަލާމަތް ކުރުމުގެ ކަންތައްތައް ހިންގީ. އޭގެ ތެރޭގައި މިފަދަ ކޮންމެ ކަމެއްގައި ނުވެނުދާނެ ހިތާމަވެރި ގޮތްތަކެއް މެދުވެރިވި. އާދެ، ބޯޓުމަތީގައި ޓެރަރިސްޓުންގެ މީހުން އަޅުގަނޑުމެންގެ ރަހީނުންގެ ތެރެއިން ބައެއް މީހުން ބަޑިޖަހައި މަރާލާ ހެދި. ހަމަ ގަސްތުގައި، ބިރުދެއްކުމުގެ ގޮތުން. އަދި މަނަވަރު ކައިރިނުވުމަށް އަންގައި، އިތުރަށް ކައިރިކުރާ ކަމަށްވަންޏާ ފަހަރަކު މީހަކު މަރަމުން ގެންދާނެކަމުގެ އިންޒާރު ދީފައި، އެގޮތަށް ޢަމަލުކުރަމުން ގެންދިޔައީ. އެގޮތަށް މަރާލި މީހުންގެ އިތުރަށް، ބޯޓުއައިސް ބޯޓުން ޙަމަލާ ދިނީމާ ދިވެހިންގެ ބައެއް މީހުން މަރުވެގެންދިޔަ. މިކަމުގެ ޒިންމާވެސް އުފުލަންޖެހެނީ ރޭވުމުގެ އަޑީގައި ތިބި މީހުން. ލުޠުފީއާއި ސަގަރު ނާޞިރު އަދި ޕްލޮޓް ޖަމާޢަތުގެ މީހުން. އެއީ ބޯޓުމަތީގައިވެސް އެމީހުން ކަންތައް ކުރަމުން ގެންދިޔައީ، އަޅުގަނޑުމެން ދިވެހިންނަށް ނުރައްކާވާގޮތަށް. އެމީހުން ތިރީގައި ތިބެފައި، ދިވެހިންގެ މީހުން ބޯޓުގެ މައްޗަށް ނަގައި، ވީހާވެސް މަތީގައި ބައިތިއްބާފައި ތިބީ، ދިމާވާ ކޮންމެ ޙަމަލާއަކުން މަރުވާ ބަޔަކީ ދިވެހިން ކަމުގައި ހެދުމަށްޓަކައި. އެހެންވީމާ، ޙަޤީޤަތުގައި ބައެއް ދިވެހިން މަރުވީ އިންޑިޔާ މަނަވަރުން ޖެހި ބަޑީގެ އުންޑައިން ކަމަށްވިޔަސް، އެކަމުގެ ފުރިހަމަ ޒިންމާ ޤާނޫނީގޮތުން އަދި ޝަރުޢީގޮތުން އުފުލަންޖެހެނީ އެކަން އެ ރާވައި ހިންގި ބައެއް.

ދެން އެމީހުން ހައްޔަރުކުރުމުގެ މަސައްކަތުގެތެރޭގައި، އެޙަމަލާތައް ބަދަލުކުރެވުނު ވަގުތުގައި، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް އެކިއެކި ހާނިއްކަ ލިބިވަޑައިގެންނެވި. އޭގެތެރޭގައި އަޙްމަދު މުޖުތަބާގެ ފައިންޕުޅަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު. އަދި އިސްމާޢީލް ނަޞީރަށްވެސް ގެއްލުން ލިބުނު. އަދި އެނޫން ދިވެހިންނަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވޭ. އެ ގެއްލުން ލިބުނު މީހުން، އިންޑިޔާ މީހުން ވަގުތުން އިންޑިޔާއަށް ބަދަލުކޮށް، އިންޑިޔާގެ މިލިޓްރީ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދެމުން ގެންދިޔަ. އެ ހުރިހާ މަޢުލޫމާތެއް ތިޔަބޭފުޅުންނަށް އޮންނާނީ އެނގިވަޑައިގެންފައި.

އާދެ، ތަޙުޤީޤުން އެނގޭގޮތުގައި، އަދި މިކަމުގައި ބައިވެރިވާ ކުށްވެރިން ދީފައިވާ ބަޔާންތަކުން އެނގޭގޮތުގައި، 3 ނޮވެމްބަރު 1988 ވަނަ ދުވަހު އެމީހުން މާލެއަށް ދިން ޙަމަލާއަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކޮށް، ޤާނޫނީ ގޮތުން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ބަދަލުކޮށް، މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނެތިކޮށްލުމަށްދިން ޢުދުވާނީ ޙަމަލާއެއް. މިޙަމަލައިގައި ދިވެހިންގެ 19 މީހުން ޝަހީދުވެފައިވޭ. އެއީ އެން.އެސް.އެސް.ގެ 8 ބޭކަލުންނާއި، ޢާންމު ރައްޔިތުންގެ 11 މީހުން. މިކަންކަމަށްވެސް ޢަބްދުﷲ ލުޠުފީއާއި، ސ.ހިތަދޫ ސަގަރު އަޙްމަދު ނާޞިރު އިޢްތިރާފްވެފައިވޭ. އަދި މި ޙަމަލާގެ ސަބަބުން މި ބަޔާންކުރެވުނު ކަންތައްތައް ރާއްޖެއަށް މެދުވެރިވެފައިވާ ކަމަށް، މިކަމުގެ ބައިވެރިންގެ ތެރެއިން ސ. ހިތަދޫ ޢަބްދުﷲ ޝާހިދާއި، ކަރޯ ޢައްބާސް އިބްރާހީމާއި، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުވެސް އިޢްތިރާފްވެފައިވޭ. އަދި ހަމައެހެންމެ، މިޢުދުވާނީ ޙަމަލާ ދިނުމަށް މާލެއަށް އައި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ "ޕްލޮޓް"ގެ މީހުންވެސް މިކަންކަމަށް މިހާރު އިޢްތިރާފްވެފައިވޭ.

ވީމާ، މި މީހުންގެ މައްޗަށް ދައުލަތުން ދަޢުވާ ކުރުމަށްޓަކައި، މިހާތަނަށް މުޅިން ނިމުނު ބަޔާންތައް މިހާރުވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވާފައި. އަދި ދެންތިބި މީހުންގެ ބަޔާންތައްވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ.

އާދެ، އަޅުގަނޑު މި ދަންނަވާލީ، އެ ރޭވުންތައް އެންމެ ކުރިއްސުރެ ފެށިގެން ހިނގަމުން އައިގޮތާއި، ދެން ނޮވެމްބަރު 3 ގައި އެމީހުން މާލެއަށް ޙަމަލާދިން ގޮތާއި، ކަންތައްތައް ހިނގައިދިޔަގޮތުގެ ޚުލާޞާއެއް. މިކަމާބެހޭ ވަރަށް ގިނަ ތަފްޞީލުތައް އެބަހުރި. އެހެންނަމަވެސް، ތަފްޞީލުތައް ދެންނެވުމަކީ، އަޅުގަނޑަށް މިކަހަލަ ޖަލްސާއެއްގައި ވާނެކަމެއްވެސްނޫން، އަދި ކުރިންވެސް ދެންނެވިފަދައިން، މި ތަޙުޤީޤުގެ މަސައްކަތަކީ ވަރަށް ދަތިކޮށް ކުރަން ދިމާވި މަސައްކަތެއް. އޭގައި ހިމެނޭ މީހުންނަކީ ޓެރަރިސްޓުންގެ މީހުން. ޓެރަޓިސްޓުންނޭ ދެންނެވީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކޮންކަހަލަ ބައެއްކަން އެއީ. އެމީހުންނަކީ އެއްވެސްކަހަލަ ރަޙްމެއް، ހަމްދަރުދީއެއް އެމީހުންގެ ހިތުގައިވާ ބައެއްނޫން. އެމީހުންނަށް އެނގޭ އެއްޗަކީ ހަމައެކަނި ހަތިޔާރުގެ ބޭނުންކުރަން. ބަޑިޖަހައި، މީހުން މަރައި، ބޮން އުކައި، ތަންތަން ގޮއްވާ، މިކަހަލަ ކަންތައް ކުރަން އެނގޭ ބައެއް އެއީ. އެމީހުންނަކީ އެހެން އެއްވެސް ކަހަލަ އިންސާނީވަންތަކަމުގެ ކަމެއް ހުރި ބައެކޭ ނުދެންނެވޭނެ. އެހެންވީމާ، އެމީހުން ގަދަހަދައި ހިފެހެއްޓީ، އެއްގޮތަކަށްވެސް އެއްވެސް އެއްޗެއް ނުބުނެ ފަރުޖެހޭތޯ. ތަޙުޤީޤު އެހާ ދިގުލައިގެންދާން ދިމާވި ސަބަބަކީވެސް އެމީހުން އެއްގޮތަކަށްވެސް ސާފުކޮށް ނުބުނަން މަސައްކަތްކުރާތީ. އެހެންނަމަވެސް، އެކިފަހަރުމަތިން ސުވާލުކޮށް، ވަރަށް މަސައްކަތުން މި ހުރިހާ ބަޔާންތަކެއް މިހާރު ހޯދިފައި މިވަނީ.

އާދެ، މިކަހަލަ ބޮޑެތި ކަންތައްތައް ދިމާވުމާ ގުޅިގެން، ބައެއްފަހަރަށް އިންޞާފާއި ބޭއިންޞާފު މަސްހުނިވާގޮތް ދިމާވޭ ބައެއް ތަންތާނގައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އިރާދަކުރެއްވިއްޔާ އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަދި ނުވެސް ހިނގާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަމުން އައިސްފައިވަނީ ހުރިހާ ކަމެއްވެސް އިސްލާމީ ޝަރީޢަތާއި، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ގެންދެވޭތޯ. އެއްވެސް ކަމެއް ނަހަމައިން ނުވަތަ ނުޙައްޤު ގޮތުގައި ގެންދާކަށް ސަރުކާރުން މަސައްކަތެއް ނުކުރޭ. އަދި ނުވެސްކުރާނެ. އެހެންވީމާ، ކުރިން މި ދެންނެވި މަސައްކަތް މިހާތަނަށް މިހާރު މިއޮތީ ނިމިފައި. ތަޙުޤީޤުގެ ބޮޑުބައި މިހާރު މިއޮތީ ނިމިފައި. ދެންއޮތީ ޝަރީޢަތުގެ ކަންތައް. އިރާދަކުރެއްވިއްޔާ އެހުރިހާ ކަމެއްވެސް ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި، ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން. ސަރުކާރުން އަބަދުވެސް ކަންތައް ކުރެވޭތޯ ބަލާނީ ހަމަޖެހޭ އުޞޫލެއްގެ މަތިން.

އާދެ، ސަރުކާރުން އެހެން ގެންދިޔަކަމުގައިވިޔަސް، މިކަހަލަ މައްސަލައެއްގައި ޢާންމުންގެ ޝުޢޫރުތައް ހޫނުވެފައިވާގޮތުން ބައެއްފަހަރަށް ނޭދެވޭ ކަންތައްތައްވެސް ދިމާވެދާނެ. ދެން މިކަހަލަ ކަމެއް ދިމާވެދާނެ ކަމަށް އަޅުގަނޑަށް ދެންނެވެނީ، ބައެއްކަހަލަ ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެން އުޅޭތީ. ޙަޤީޤަތެއް ނެތް ވާހަކަ ނުވަތަ އެއީ ކިހިނެއް ހިނގާފައި އޮތްކަން ނޭނގި މީސްމީހުން ދައްކާ ވާހަކައިން. އޭގެތެރޭގައި، ބައެއް ފަރާތްތަކަށް ބަދުނާމު ރައްދުވާގޮތަށް ވާހަކަތައްވެސް ދެކެވެމުން އެބަދޭ. އެހެންނަމަވެސް، އަޅުގަނޑުމެން ދިވެހިންނަކީ އަބަދުވެސް ޙައްޤަށް ލޯބިކުރާ، އިންޞާފަށް ލޯބިކުރާ ބަޔަކަށްވާންޖެހޭނެ. އެހެންވީމާ، ކޮންމެ ވާހަކައެއް އިވުނަސް، އެއީ ތެދެއްތޯ ބަލާފައި ނޫނީ އެވާހަކަ ޤަބޫލުކޮށްގެންވެސް ނުވާނެ. އަދި އެހެން މީހަކު ކައިރީގައި ދައްކައިގެންވެސް ނުވާނެ.

އާދެ، އެގޮތަށް ފެތުރިގެން އުޅޭ ވާހަކައެއް އަޅުގަނޑު ދަންނަވާލާހިތްވޭ، ތިޔަބޭފުޅުންނަށް އެކަމުގެ މަޢުލޫމާތު ދިނުމަށްޓަކައި. ޙަޤީޤަތް ބަޔާންކޮށްދިނުމަށްޓަކައި. އެވާހަކައަކީ، މއ. ކަބީލާގެ ޢަބްދުލްމަޖީދު ޚާލިދު ނަމަކަށް ކިޔާ މީހަކު ކޮޅުނބަށް ދިޔަދިޔުމެއްގައި ޢަބްދުﷲ ލުޠުފީ އޭނާއާ ވާހަކަ ދައްކައި، ހަތިޔާރުއެޅި ބަޔަކު ގޮވައިގެން މާލެއަށް އައިސް، މާލެއަށް ޙަމަލާދޭން އޭނާ ރާވާ ވާހަކަ، މި ޢަބްދުމަޖީދު ޚާލިދު ކައިރީގައި ދައްކާފައި އޮތް ކަމަށްވެގެން، ދެން އެކަމާ ދޭތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައި ނެތޭ ނުވަތަ ނުވެޔޭ ކިޔައިގެން މީހުންގެ ތެރޭގައި ދެކެވޭ ވާހަކައެއް. އާދެ، އެކަމުގެ ޙަޤީޤަތް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ.

1988 ވަނަ އަހަރުގެ ޖޫންމަހު ފަހުކޮޅު މި ދަންނަވާ ޢަބްދުލްމަޖީދު ޚާލިދު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އަލްފާޟިލް އިލްޔާސް އިބްރާހީމާ ބައްދަލުކުރަން އެދުނު. އެދިގެން އިލްޔާސް އޭނާއާ ބައްދަލުކުރެއްވުމުން އޭނާ އިލްޔާސް އަރިހުގައި ދެންނެވީ، އޭނާ އެންމެފަހުން ސްރީލަންކާގައި ހުރިއިރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ، އޭނާއާ ބައްދަލުވެގެން ދެއްކި ވާހަކައިގެ ތެރޭގައި، ރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަދަލުކޮށްލަން އޭނާ މަސައްކަތްކުރާ ކަމަށާއި، އޭނާއަށް އެހީވާނޭ މީހުންކޮޅެއް މާލެއިން ހޯދައިދިނުމަށް ޢަބްދުލްމަޖީދު ޚާލިދުގެ ކިބައިން ލުޠުފީ އެދުނު ކަމުގައި. ލުޠުފީ އެ ވާހަކަ ދެއްކީ ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެގެންކަމާއި، ކޮންމެގޮތަކުން ނަމަވެސް އޭނާ މިކަން ކުރާނެ ކަމަށް ޢަބްދުލްމަޖީދު ޚާލިދު ގާތުގައި ލުޠުފީ ބުނިކަމަށް އޭނާ އައިސް ބުނި. މި ވާހަކަ ޢަބްދުލްމަޖީދު ޚާލިދު އައިސް އިލްޔާސް އަރިހު ދެންނެވީމާ، އެވަގުތުން ފެށިގެން މިކަމާބެހޭ މަސައްކަތް ފެށްޓެވި. އޭރު ތިއްބެވި އެން.އެސް.އެސް.ގެ އެންމެ އިސް އޮފިސަރުންނާ އިލްޔާސް ބައްދަލުކުރައްވައި، އެބޭކަލުންނާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވައި، އެހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަތީ، ޚާއްޞަ ފިޔަވަޅުތަކެއް އަޅަން. އެ ފިޔަވަޅުތައް އެދުވަހުއްސުރެ އޮތީ އެޅިފައި. އެއީ ސިފައިންގޭގެ މުހިންމު ޕޮއިންޓްތައް ވަރުގަދަކުރުމާއި، މެއިން ގޭޓާ ދިމާޔަށް ދިމާވާގޮތަށް އިތުރު މެޝިން ބަޑި ބެހެއްޓުމާއި، ބަނޑޭރިގޭ ގޭޓް ދުވާލުވެސް ބަންދުކޮށްފައި ބަހައްޓާގޮތަށް ހަމަޖެއްސުން. އަދި އެތެރޭގެ މުހިންމު ޕޮއިންޓްތައްވެސް ކުރިއަށްވުރެ ވަރުގަދަކުރުމާއި، ކުރިން ހަތިޔާރު ހިފައިގެން މީހުން ނުތިބޭ ތަންތަނުގައި ހަތިޔާރު ހިފައިގެން މީހުން ބައިތިއްބާގޮތަށް ހަމަޖެއްސުމާއި، ހަތިޔާރުގައި ވަޒަންވެސް ހުންނަ ގޮތަށް ހަމަޖެއްސުން. އަދި ސިފައިންގެ ތެރޭގައި މީހުން ތިބި ޢަދަދުގެ މައްޗަށް ބައްލަވާފައި، ވެވެންއޮތްވަރަކުން ރޭގަނޑު ރަށުތެރެޔާއި މާލެ ވަށައިގެން ބެލެހެއްޓޭނެ ގޮތްތައްވެސް ވަނީ ހަމަޖައްސަވާފައި.

ދެން، އެކަން ދިމާވިއިރު އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި. އެހެންވީމާ، އަޅުގަނޑާ އިލްޔާސް ފޯނުން ގުޅުއްވައި، މިކަން މިހެން ހިނގާ ވާހަކަ ވިދާޅުވި. ދެން އަޅުގަނޑު ދެންނެވީ، ކަންތައްތައް އެހެން ގެންދަވަން. އެހެންވީމާ، އަޅުގަނޑަށްވެސް އެނގިގެން އެންމެ ފުރަތަމައިނުންވެސް މިކަން ހިނގަމުންދިޔައީ. ދެން އަޅުގަނޑު މާލެއަށް އައީ މިދިޔަ އަހަރު ޖުލައި މަހު 18 ވަނަ ދުވަހު. އަޅުގަނޑު މާލެ އައިއިރު މިދެންނެވި ކަންތައް މިގޮތަށް އޮތީ. އޭރު ތިޔަބޭފުޅުންނަށްވެސް ފާހަގަކުރެއްވުނިއްޔާ ހަނދުމަފުޅު ހުންނާނެ. ސިފައިންގޭގެ މެއިން ގޭޓްވެސް ހުންނަނީ ދުވާލުވެސް ބަންދުކޮށްފައި. ދެން އެވާހަކަ ބައެއް މީހުން ދައްކާވެސް ހެދި، ކީއްވެބާއޭ މިހެން ހަދާފައި މިހުންނަނީ. ދެން އޭރު އަޅުގަނޑުމެންނަށް އެނގިފައި އޮތީ ޖުލައި 26 ގައި މިކަން ހިންގާނެ ކަމަށް، ލުޠުފީގެ ވާހަކައިން. އެހެންވީމާ، ޖުލައި 26 ދަންދެން އެގޮތަށް ކަންތައް އޮތީ. މެއިން ގޭޓުވެސް ބަންދުކޮށްފައި ހުރީ. ދެން އެންމެފަހުން ދުވާލު މެއިން ގޭޓް ހުޅުވާގޮތަށް ހަމަޖެއްސީ އަޅުގަނޑު ދެންނެވި ދެންނެވުމަކަށް. އެއީ އަބަދު އެތަން ބަންދުކޮށްފައި ހުރުމަކީ ހަމަޖެހޭގޮތަކަށް ނުވާތީ. އަދި ޢާންމު ރައްޔިތުންވެސް އިތުރަށް ބިރުގަނެ، އެކަހަލަ ކަންތައް ދިމާވެދާނެތީ، އަޅުގަނޑަށް ފެނިގެން، އެހެން ދަންނަވައިގެން، ގޭޓް ދުވާލު ހުޅުވާގޮތަށް ހަމަޖެއްސީ. ރޭގަނޑު ބަންދުކޮށްފައި ބަހައްޓާ ގޮތަށް. އެހެން ދެންނެވި ކަމުގައިވިޔަސް، ސިފައިންގެ އެތެރޭގައްޔާއި، ސިފައިންގެ ބޭރުން އޭރުވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި، ހުރިހާ ކަމެއް ހުރީ ވަރުގަދަކޮށްފައި، ނޮވެމްބަރު 3 އާ ޖެހެންދެން. އެއިން އެއްވެސް ކަމެއް ދޫކޮށްލާފައެއް ނެތް.

ދެން، އެދުވަހު، ޓެރަރިސްޓުން އެ ދިން ޙަމަލާ ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ، މި އެޅުނު ފިޔަވަޅުތައް. އެއީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ. ކުރިން ސިފައިންގެ އޮތްގޮތަށް އޮތްނަމަ، އެމީހުން އެދުވަހު އައިސް، އެމީހުންނަށް ފަހަރެއްގައި ކާމިޔާބު ވެއްޖައީސްވެސްކަންނޭނގެ. ދިމާވެދާނެ އެހެން. އެހެންނަމަވެސް، އެ މަޢުލޫމާތު ކުރިން ޢަބްދުލްމަޖީދު ޚާލިދުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ލިބިވަޑައިގަތީމާ، މި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އެމީހުންނަށް އެ ޙަމަލާ ކާމިޔާބު ނުކުރެވުނީ ކަމަށް އަޅުގަނޑަށް ދެންނެވެން އަންނަނީ. އެއީ ސިފައިންގޭގެ ކަންތައްތައް މާވަރުގަދަކޮށް، އެހެންޏާ ވަރުގަދަކޮށް ނުހުންނަ ޕޮއިންޓްތައް ވަރުގަދަކޮށް، އިތުރަށް ބަޑި ބަހައްޓައި، ވަޒަން އޭގައި ލައިފައި، ބަހައްޓައި، ހުރިހާ ކަމަކަށް ތައްޔާރުވެގެން ތިބުމުގެ ސަބަބުން، އެދުވަހު އެންމެ ފުރަތަމަ ބަޑި އެމީހުން ޖަހާއިރަށް އަޅުގަނޑުމެންނަށް ރައްދު ޙަމަލާ ދެވެން ފެށިއްޖެ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އޭގެ ޙަޤީޤަތް މީހުން ނުބަލާ، މިކަހަލަ ނޭދެވޭ ވާހަކަ ޢާންމުންގެ ތެރޭގައި ދެއްކޭގޮތް ދިމާވުމަކީ ވަރަށް ދެރަ ކަމެކޭ. އެއްވެސް ކަމަކާ ނުލައި، ބޭއިންޞާފުން ބައެއް މީހުންނާއި ބައެއް ބޭފުޅުން ބަދުނާމުވާގޮތަށް ވާހަކަ ދައްކާ މި ހަދަނީ. އެހެންނަމަވެސް، މިކަމަކީ މިހާ ރަނގަޅަށް، މިހާ ހަރުދަނާ ގޮތެއްގައި ހިނގާފައި އޮތް ކަމެއް، ކަމަކީ.

ދެން ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ފަހަރެއްގައިވެސް މި މަޢުލޫމާތު އަޅުގަނޑުމެންނަށް ދިން ފަރާތާ ބެހޭގޮތުން، އެ ފަރާތް ބަދުނާމުކުރަން އެއްޗެއް ދަންނަވަނީކީ ނޫން. އެހެންނަމަވެސް، ޢަބްދުލްމަޖީދު ޚާލިދު ދުރުވެ އެ ވާހަކަ ދެއްކެވީމާ، ޑިފެންސް މިނިސްޓްރީން އެދިވަޑައިގަތީ އޭނާ އަލުން ކޮޅުނބަށް ދުރުވުމަށް. ކޮޅުނބަށް ދުރުވެ ޢަބްދުﷲ ލުޠުފީއާ އިތުރަށް ގުޅުއްވައި ހައްދަވައިގެން، އިތުރު މަޢުލޫމާތެއް ލިބުނުވަރަކުން ފޮނުއްވައިދެއްވުމަށް. އެހެން ހަދަންޖެހޭ ސަބަބަކީ، މިކަހަލަ މަޢުލޫމާތަކީ ވަރަށްގިނަފަހަރަށް ޑިފެންސް މިނިސްޓްރީ އަށް ލިބެމުންދާ މަޢުލޫމާތުތަކެއް. މިދެންނެވީ އެކި ވައްތަރު ވައްތަރުގެ ވާހަކަ. އެކި މީސްމީހުން އެކި ކަންތައް ރާވާ ވާހަކައާއި، މިވެނި ކަމެއް ހިންގަން އެބައުޅެއޭ ކިޔައިގެން، މިކަހަލަ ކިތަންމެ ވާހަކައެއް އަބަދު އަބަދުހެން ލިބިލިބި ހުންނާނީ. އެކަމަކު އެއިން އެއްވެސް ވާހަކައެއް ގިނަފަހަރަށް އޮންނަނީ ޙަޤީޤަތަކަށް ނުވެފައި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މީހުން ވާހަކަ ދައްކަފާނެ، ވަކި ޙަޤީޤަތެއްނެތިވެސް. އެހެންވީމާ، އެކަހަލަ ވާހަކަތައްވެސް ސިފައިންގެޔަށް ލިބުނީމާ ނުވަތަ ޑިފެންސް މިނިސްޓްރީއަށް ލިބުނީމާ، އެ ހުރިހާ ކަމެއްވެސް ގެންދަވަނީ ބައްލަވަމުން. އެކަމަކު ވަކި ހިސާބަކަށް ބައްލަވާފައި، އެކަމެއް ސާބިތުނުވަންޏާ ނުވަތަ އޭގެ ޙަޤީޤަތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވަންޏާ، ދެން އެކަމާ ދޭތެރޭގައި އެޅުއްވޭނެ ފިޔަވަޅެއް ނޯންނާނެ.

އެހެންވީމާ، ޢަބްދުލްމަޖީދު ޚާލިދުގެ ކިބައިން ޑިފެންސް މިނިސްޓްރީން އެދިވަޑައިގަތީ، އޭނާ ކޮޅުނބަށް ދުރުވެ، އިތުރަށް ލުޠުފީއާ ގުޅުއްވައިގެން އުޅުއްވައި، އެ ލިބުނު މަޢުލޫމާތެއްވިއްޔާ ދެއްވަން. އޭރުން ބޮޑަށް މިކަމުގެ ޙަޤީޤަތް ޑިފެންސް މިނިސްޓްރީއަށް އެނގިވަޑައިގެން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވޭނީ. އެހެންނަމަވެސް، އޭނާއަށް އެހެން ހައްދަވާކަށް ކެރިއެއްނުލެއްވި. އެއްގޮތަކަށްވެސް އޭނާ އެކުރެއްވީ ގޯހެކޭ އަޅުގަނޑު ދަންނަވަނީކީ ނޫން. އެއީ ކޮންމެ އިންސާނަކުވެސް އެމީހެއްގެ އަމިއްލަ ރައްކަލަށް ބަލާނެ. އެހެންވީމާ، އެގޮތުންކަންނޭނގެ، އޭނާ އެހެން ބައްލަވައިފައި އެހެން ހެދީ. އޭނާއަކަށް ކެރިއެއްނުލެއްވި، ކޮޅުނބަށް ދުރުވެ، ލުޠުފީއާ އިތުރަށް ގުޅުއްވައިގެން އުޅުއްވާކަށެއް. އޭނާ މަޑުކޮށްލެއްވީ. އެހެންވީމާ، އިތުރަށް ޑިފެންސް މިނިސްޓްރީއަށް މަޢުލޫމާތު ލިބޭގޮތެއް އެގޮތަކުން ދިމައެއްނުވި. އެހެންނަމަވެސް، ޑިފެންސް މިނިސްޓްރީން އެހިސާބުން ހުއްޓާލެއްވީކީނޫން. ކޮޅުނބަށް ސިފައިންގެ ބައެއް މީހުން ފޮނުއްވައިގެން، އެހިސާބުން ކަންތައް ވެފައި އޮތްގޮތްވެސް ބެއްލެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އެހެންނަމަވެސް، މިމީހުންނަކީ، ޕްލޮޓް ޖަމާޢަތުގެ މީހުންނަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ކޮޅުނބުގައި ތިބި ބައެއް ނޫން. އަދި އެމީހުން ކޭމްޕް ހިންގަމުން ގެންދިޔައީކީވެސް ކޮޅުނބު ތެރެއަކު ނޫން. ކޮޅުނބުން މާ ބޭރު ތަނެއްގައި ޖަންގަލީގައި. އެހެންވީމާ، އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް ކޮޅުނބުތެރެއަކު ނެތް. އެހެންވީމާ، ސިފައިން ބެލި ބެލުމުންވެސް އެކަހަލަ މަޢުލޫމާތު ލިބިފައި ނެތީމާ، އެހިސާބުން އެކަންތައް އެގޮތަށް ހުއްޓިފައި އޮތީ. އެހެން އޮއްވައި ނޮވެމްބަރު 3 ވަނަ ދުވަހުގެ ޙަމަލާ އަޅުގަނޑުމެންނަށް މިދިމާވީ.

ދެން ކުރިންވެސް ދެންނެވިހެން، މިކަހަލަ ކިތަންމެ ވާހަކައަކީ ޙަޤީޤަތަށްނުވެދާ ވާހަކަތައް. އެހެންނަމަވެސް، ކޮންމެ ވާހަކައެއް އިވުނީމާވެސް، ޑިފެންސް މިނިސްޓްރީން އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވާ. އެގޮތުގެ މަތިން، މި މައްސަލައިގައިވެސް ވަރަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އޮތީ އަޅުއްވާފައި. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން ﷲގެ ރަޙްމަތްފުޅާއެކުގައި އަޅުގަނޑުމެންނަށް މިފަހަރު ސަލާމަތް މިވެވުނީ. ދެން މިކަހަލަ މަޢުލޫމާތު ލިބުނީމާ، އެ މަޢުލޫމާތުގެ ބާވަތުންވެސް ސިފައިންގެތެރެއިންވެސް މިކަން އެނގޭނީ ވަރަށް މަދު ބަޔަކަށް. އެއީ އެކަން އޮންނަންވެސް ޖެހޭނެގޮތް. އެންމެންނަކަށް ނޭނގޭނެ. އެހެންވީމަކާ ސިފައިންގެ އާދައިގެ މީހުންނަކަށް، މި ދިމާވެގެން އުޅެނީ ކޮން ކަމެއް ކަމެއް ނޭނގޭނެ. އަދި އެކަމަށް ސަމާލުވާންވީވަރެއްވެސް ނޭނގޭނެ. އެކަން ދެން އޮންނާނީވެސް އެގޮތަށް.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، މިކަހަލަ ވާހަކަތައް ތިޔަބޭފުޅުން ނާއްސަވާށޭ. ސަރުކާރަށް އެއްވެސްކަހަލަ މަޢުލޫމާތެއް ލިބިއްޖިއްޔާ، ސަރުކާރުން އެކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނައި، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންނޭ ގެންދަނީ. އަދި ޚާއްޞަކޮށް، ޑިފެންސް މިނިސްޓްރީއާ ބެހޭ ނުވަތަ ސިފައިންނާބެހޭ، ރާއްޖޭގެ ސަލާމަތާއި، އަމަނާއި، މިނިވަންކަމާއި، ސިޔާދަތާބެހޭ އެއްވެސްކަހަލަ މަޢުލޫމާތެއް ލިބިއްޖިއްޔާ، ހަމަ ސީދާ އަޅުގަނޑަށްވެސް ވަގުތުން އެނގޭނެ، އެނގެމުންދަނީ. އަދި އަޅުގަނޑަށްވެސް އެނގިގެން އެކަންކަމުން، އެ ރޭވޭ ކަމަކުން ނުވަތަ ލިބިދާނެކަމަށް ލަފާކުރެވޭ ނުރައްކަލަކުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން، އަދި ސިފައިންގެ ވެރިޔާގެވެސް ޙައިޘިއްޔަތުން އަޅުގަނޑަށްވެސް އެނގިގެން، އަޅުގަނޑުވެސް ޤަބޫލުވެގެން، ފިޔަވަޅުތައް އަޅަމުން ގެންދަނީ.

އާދެ، އެއީ އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ގަސްތުކުރި ވާހަކަތަކަކީ. ކުރިންވެސް ދެންނެވިފަދައިން، މިވާހަކަތައް މިހާތަނަށް ނުދަންނަވައި ލަސްކޮށްލީ، އެއީ ތަޙުޤީޤު ފުރިހަމަވުމާ ކައިރިއަށް ދަންދެން. އެހެންނޫނީ ދެންނެވޭ މަޢުލޫމާތަކީ ސާފު ތެދު މަޢުލޫމާތަށް ނުވެދާނެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގެ ޚުލާޞާ މިދަންނަވާލީ. ދެން އަޅުގަނޑުގެ މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި މަޢުލޫމާތު އެރުވުން. އަދި މެންބަރުން މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނަށްވެސް މި މަޢުލޫމާތު ދިނުން. ކުރިންވެސް ދެންނެވިފަދައިން، މައްސަލަ ނިމޭނީ ޝަރީޢަތުން، ޝަރީޢަތް ކުރެވޭނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން.

އަޅުގަނޑުގެ ވާހަކަ، މަޖިލީހުގެ ހުރިހާ މެންބަރުން ސަމާލުކަމާއެކު އައްސަވަން ތިއްބެވި ކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް މިފުރުޞަތު ދެއްވީތީ، މަޖިލީހުގެ ރައީސަށްވެސް ޝުކުރު ދަންނަވަން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.