بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އެ ސްކޫލެއްގެ ފެށުން މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ތާޖުއްދީން ޕްރައިމަރީ ސްކޫލް ހުޅުވިގެންދިޔުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ފަށާ ތަޢުލީމަށް ލިބުނު ވަރަށްވެސް ބޮޑު ކުރިއެރުމެއް. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، ފަށާ ތަޢުލީމަށްދޭ އިސްކަން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުންގެ ވާހަކަފުޅުން ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އޮޅުންފިލާވަޑައިގަންނަވާނެ.

ޝައްކެއްނެތްގޮތުގައި، ފަށާ ތަޢުލީމަކީ ތަޢުލީމުގެ އެންމެ ފުރަތަމަ ހަރުފަތް. ތަޢުލީމުގެ ބިންގާ. އެ ބިންގާ ވަރުގަދަވެގެން ނޫނީ ތަޢުލީމު އެދެވޭގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ. ހަމަ އެފަދައިން، އެ ބިންގާ ފުޅާވެގެން ނޫނީ، ތަޢުލީމުގެ ޚިދުމަތްތައް ތަރައްޤީއެއް ނުކުރެވޭނެ. އަދި ޤައުމަށް ބޭނުންވާ ޒުވާނުންނާއި، ޤާބިލް ދަރިން ނުއުފެއްދޭނެ. އެހެންކަމާއެކު، މި މަދަރުސާ ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް.

އާދެ، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި، މާލޭގައި އިބްތިދާއީ ހަތަރު މަދަރުސާ ޢިމާރާތްކޮށް ހުޅުވުން ހިމެނިފައިވޭ. އޭގެތެރެއިން މިއަދު މި ހުޅުވުނީ ތިންވަނަ މަދަރުސާ، ތިންވަނަ ސްކޫލް. މި އަހަރުގެ ތެރޭގައި ހަތަރުވަނަ މަދަރުސާވެސް ހުޅުވޭނެކަމުގެ އުންމީދު ވަރަށް ބޮޑު. މި ހަތަރު މަދަރުސާ ހުޅުވުމުން، މާލޭގައި ދިރިއުޅޭ މީހުންނަށް، އެމީހުންގެ ކުދިންނަށް، ޅަދަރިންނަށް ފަށާ ތަޢުލީމު ހޯދައިދިނުމުގެ ފުރްޞަތު ސަރުކާރުން ހޯދައިދެވޭނެ.

އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި، ފަށާ ތަޢުލީމާ ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދެއްކެވި. ފަށާ ތަޢުލީމުގެ މުހިންމުކަމާއި އަދި ފަށާ ތަޢުލީމު މިދައުރުގައި ފުޅާވެގެންދިޔަ މިންވަރު، އެމަނިކުފާނުގެ ވާހަކަފުޅުގައި ބަޔާންކުރެއްވި. އެހެންކަމާއެކު، އެވާހަކަތައް މާދިގުކޮށް އަޅުގަނޑު ދައްކާކަށެއްނެތިން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތަޢުލީމަކީ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއްދޭ ޚިދުމަތޭ. އެނގިވަޑައިގަންނަވާނެ ފަދައިން، 1978 ވަނަ އަހަރު މުޅި ރާއްޖޭގައި ހުރީ ސަރުކާރުގެ ޚަރަދުގައި ހިނގާ ހަތަރު މަދަރުސާ. މާލޭގައި ހިނގަމުންދިޔަ އަދި މިހާރުވެސް ހިނގަމުންދާ ތިން މަދަރުސާއަކާއި، ރާއްޖެތެރޭގައި އެ އަހަރުގެ ތެރޭގައި ހުޅުވުނު އެއް މަދަރުސާ. މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ސަރުކާރުން ޢިމާރާތްކޮށްގެން، ސަރުކާރުން ހިންގާ 48 މަދަރުސާ އެބަހުރި. ކުދިންގެ ޢަދަދަށް ބައްލަވައިލެއްވިޔަސް އެނގިވަޑައިގަންނަވާނެ، 1978 ވަނަ އަހަރު މުޅި ރާއްޖޭގައި ކިޔަވަމުން ގެންގޮސްފައިވަނީ، މި ދެންނެވީ މާލެއާއި ރާއްޖެތެރޭގައި އަދި ސަރުކާރުގެ މަދަރުސާތަކާއި އަމިއްލަ މަދަރުސާތަކުގައި ކިޔަވަމުން ގެންގޮސްފައިވާ ކުދިންގެ ޢަދަދަކީ 15,000. މިއަދު މުޅި ރާއްޖޭގެ ކިޔަވާކުދިންގެ ޖުމްލަ ޢަދަދަކީ 55,000 އަށްވުރެ ގިނަ ޢަދަދެއް. އާދެ، ރާއްޖޭގެ ރައްޔިތުންގެ ޢަދަދަކީ ދެ ލައްކަ. އެހެންވީމާ، ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ކިޔަވާކުދިން. މިއީ އަޅުގަނޑު ހިތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ރެކޯޑަކަށްވެސް ހިމެނޭނެ ކަމެއް. ރައްޔިތުންގެ ސަތޭކައަކުން އަށާވީސް، ކިޔަވާކުދިން ކަމުގައިވާކަން. އެއިން ދައްކައިދެނީ، ތަޢުލީމަށް އެޤައުމަކުންދޭ އަހަންމިއްޔަތު. އެ އަހަންމިއްޔަތުގެ ސަބަބުން މުސްތަޤްބަލްގައި އެ ޤައުމުގެ ކަންތައްތައް ތަރައްޤީވެގެންދާނެ މިންވަރު.

އާދެ، މި މަދަރުސާ ބިނާކުރުމުގައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެހީ ލިބިފައިވޭ. ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއް މިކަމަށް ކުރި. ސަރުކާރުގެ ވަރަށް މުހިންމު އިދާރާތަކެއްގެ އިޚްލާޞްތެރި މަސައްކަތް މިކަމުގައި ވަނީ ލިބިފައި. އެންމެ ފުރަތަމަ މިނިސްޓްރީ އޮފް އެޑިޔުކޭޝަން. އަދި ޚާއްޞަކޮށް، އެ މިނިސްޓްރީ ހިންގަވާ އެތާނގެ މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން. އެ މަނިކުފާނު މި މަޝްރޫޢަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދެވި. އަދި ފަހުން އެވިދާޅުވިފަދައިން، މި ވޭތުވެދިޔަ ދެމަހާ ބައިގެ ތެރޭގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންނާއި އަދި ސަރުކާރުގެ އެހެން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުންވެސް ވަރަށް ބޮޑެތި، ބުރަ މަސައްކަތްތަކެއް ކުރައްވައިގެން، މިއަދު އަޅުގަނޑުމެންނަށް މިއުފާވެރި ޖަލްސާއަށް މި ޙާޟިރުވެވެނީ. އާދެ، އެހެންކަމާއެކު މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް ސަރުކާރުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި މި މަދަރުސާއަށް ކިޔަވަން، ކިޔެވުމުގެ ފުރުޞަތު ލިބޭ ދަރިވަރުންގެ ނަމުގައި، އެކުދިންގެ މައިންބަފައިންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެފަދައިން، މި ޢިމާރާތް ކުރައްސަވައި، މި ޢިމާރާތް ހެއްދެވުމުގައި ފަންނީގޮތުން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އޯ.ޕީ.ޕީ.ޑީ.ގެ ވެރިންނަށާއި، އެތާނގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި، މި މަދަރުސާއަށް އެފަރާތްތަކެއްގެ ދީލަތި އެހީ ލިބިގެން މަދަރުސާ ނިންމުނު ފަރާތްތަކަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި ޕާކިސްތާނުގެ ސަރުކާރު، އޮސްޓްރޭލިޔާގެ ސަރުކާރު، އިނގިރޭސިވިލާތުގެ ސަރުކާރު، އަދި އޯޕެކް ފަންޑް، ޔޫ.އެން.ސީ.ޑީ.އެފް. މިފަރާތްތައް ހިމެނޭ. އެއިން ކޮންމެ ފަރާތަކުންވެސް އަދި މިފަރާތްތަކުގެ އިތުރަށް، ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާގެ ސަރުކާރުވެސް ހިމެނޭ. މިހުރިހާ ފަރާތްތަކަކުން މި ވެދެއްވި ދީލަތި އެހީއަކީ، ދިވެހިރާއްޖޭގެ ރައްޔިތުން އެކަމަށްޓަކައި އުފަލާއެކު ޤަބޫލުކުރާ އަދި އެ އެހީގެ އަގު ވަޒަންކުރާ އެހީއެއް ކަމުގައި ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، މި މަދަރުސާގެ ނަން ނިސްބަތްވެގެންވަނީ، ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔަކަށް. މީގެ 300 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި އުޅުއްވި ރާއްޖޭގެ މަޝްހޫރު މުއައްރިޚަކަށް. އާދެ، އެއީ އަލްޤާޟީ ޙަސަން ތާޖުއްދީން. އޭނާ ތަފާތު ގިނަ ރޮނގުތަކުގައި ޚާއްޞަކޮށް، ޢިލްމީ ރޮނގުންނާއި، ތާރީޚީ ރޮނގުން ރާއްޖެއަށް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައި. އެހެންވީމާ، އެމަނިކުފާނަށް ނިސްބަތްވާ ގޮތުގެމަތިން މި ސްކޫލް ޢިމާރާތްކުރެވި، ހުޅުވުނުކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖެއަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ދިވެހި ދަރިޔަކަށް އަދާކުރަންޖެހޭ ޝުކުރު އަދާކުރުމުގެ ގޮތުން ކުރެވުނު ކަމެއް ކަމުގައިވެސް ދެންނެވިދާނެ. އާދެ، އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑު މި ދެންނެވީ ސަރުކާރުގެ އުންމީދަކީ، މި މަދަރުސާއިން ލިބެންވާ ޚިދުމަތް، ރާއްޖޭގެ ދަރިންނަށް ލިބުން. މި މަދަރުސާއިން ރާއްޖޭގެ ތަޢުލީމަށް ލިބެންވާ ކުރިއެރުން ލިބެމުންދިޔުން.

އާދެ، ފަށާ ތަޢުލީމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެމުންގެންދޭ. ބައެއް ޤައުމުތަކުގައި އެކަން ހަމަޖެހިފައިވަނީ ޤާނޫނުތަކެއްގެ ދަށުން. ރާއްޖޭގައި އަދި އެފަދަ ޤާނޫނެއް ނެތްކަމުގައިވިޔަސް، ތަޢުލީމުގެ ދާއިރާއިން ސަރުކާރުން އެންމެ އިސްކަންދޭ މަރްޙަލާއަކީ ފަށާ ތަޢުލީމުގެ މަރްޙަލާ ކަމުގައި ދަންނަވަންޖެހޭ. އާދެ، އެކަމުގެ ސަބަބު މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވަރަށް ޞަރީޙަކޮށް ވަނީ ބަޔާންކުރައްވާފައި. ރާއްޖޭގެ ތަޢުލީމަށް އިސްކަންދެނީ ހަމައެކަނި ސަރުކާރަކުން ނޫން. ރާއްޖޭގެ ތަޢުލީމަށް ރާއްޖޭގެ ޢާންމު ރައްޔިތުންގެ ފަރާތުންވެސް ލިބޭ ތަރުޙީބާއި، ޢާންމު ރައްޔިތުން ދެއްވާ އިސްކަން، މި މަޤާމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އާދެ، އަޅުގަނޑު ރިޔާސަތާ ޙަވާލުވިއިރު، އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ހިންގަވަމުން ގެންދަވާފައި ވަނީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަރަށް މަދު ޢަދަދެއްގެ މަދަރުސާތަކެއް. މިހާރު އަމިއްލަ ފަރާތްތަކުން މާލޭގައި ހިންގަވާ 12 މަދަރުސާ އެބަހުރި. އަދި ރާއްޖެތެރޭގައި ހިންގަވާ 193 މަދަރުސާ އެބަހުރި. ޖުމްލަ 205 މަދަރުސާ، އެކި ފެންވަރުގައި، މާލެއާއި ރާއްޖެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގަވާ އެބަހުރި. އެކަމުން ދޭހަވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމުގެ ބޭނުންތެރިކަން އިޙްސާސްކުރެވޭލެއް ބޮޑުކަން. އަދި ޚާއްޞަކޮށް، އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ތަޢުލީމު ދިރުވައި، ކުރިއަރުވައި، ރާއްޖޭގެ ދަރިންނަށް ތަޢުލީމު ލިބޭނެ މަގުތައް ފަހިކޮށްދެއްވުމަށް ކުރައްވާ ބުރަ މަސައްކަތް. އެހެންވީމާ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކަށް، މާލޭގެ ފަރާތްތަކާއި، ރާއްޖެތެރޭގެ ފަރާތްތަކަށް، މި މުނާސަބަތުގައި އުފަލާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

އާދެ، މިދެންނެވި 205 މަދަރުސާގެ ތެރެއިން ސަރުކާރުން އެކިގޮތްގޮތުން އެހީވެދޭ 105 މަދަރުސާ އެބަހުރި. އޭގެތެރެއިން 10 އަހަރުވެގެން އެހީވެދޭ މަދަރުސާތަކާއި، 20 އަހަރުވެގެން އެހީވެދޭ މަދަރުސާތަކާއި، 30 އަހަރުވެގެން އެހީވެދޭ މަދަރުސާތަކާއި، އަދި 50 އަހަރުވެގެން ސަރުކާރުން ހިންގާ އެއް މަދަރުސާ، މި ދެންނެވި މަދަރުސާތަކުގެ ތެރޭގައި ހިމެނޭ. ކިޔަވާކުދިންގެ ޢަދަދަށް ބަލައިލާއިރުވެސް، އަމިއްލަ މަދަރުސާތަކުގައި، މާލެއާއި ރާއްޖެތެރޭގައި 1978 ވަނަ އަހަރު ކިޔަވަމުން ގެންގޮސްފައިވާ ކުދިންގެ ޢަދަދަކީ 12,342. މިހާރު، މި ދެންނެވީ 1988 ވަނަ އަހަރު ނިމުނުއިރު، މާލެއާއި ރާއްޖެތެރޭގައި ހުރި އަމިއްލަ މަދަރުސާތަކުގައި ކިޔަވަމުން ގެންގޮސްފައިވާ ކުދިންގެ ޢަދަދަކީ 33,800. އެއިންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަމިއްލަ ފަރާތްތަކުން ތަޢުލީމު ކުރިއެރުވުމަށް އަދި ތަޢުލީމުގެ ފުރްޞަތު ރާއްޖޭގެ ޅަދަރިންނަށް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް. އާދެ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ޝައްކެއްނެތްގޮތުގައި، ތަޢުލީމު ކަހަލަ މުހިންމު ޚިދުމަތެއް ޤައުމެއްގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ސަރުކާރާއި ރައްޔިތުންނާ އެއްބާރުލައިގެން، ގުޅިގެން މަސައްކަތް ކުރުމުން. އެހެންވީމާ، ކިތަންމެ ރަނގަޅަކަށްވެސް ރާއްޖޭގައި މިކަން މިއޮތީ ފެށިފައި. އަދި މިކަން ހިނގަމުންދަނީ އެހާމެ ފުރިހަމަގޮތެއްގައި ކަމުގައި އަޅުގަނޑު މި ދަންނަވަނީ އުފަލާއެކު. މުސްތަޤްބަލުގައިވެސް އިރާދަކުރެއްވިއްޔާ ސަރުކާރާއި ޢާންމު ރައްޔިތުންނާ ގުޅިގެން ތަޢުލީމީ ކަންތައްތައް، ރާއްޖެއަށް ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދެވޭނެ.

ޢާންމު ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު އެންމެ ބޮޑަށް ފާޅުވެގެންދިޔައީ، މިދޭތެރެއިން މި ބޭއްވުނު ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމުގައި. އެ ބައްދަލުވުމަށް ވަރަށް ގިނަ ޢަދަދަކަށް އަމިއްލަ ފަރާތްތަކުން މަންދޫބުން ފޮނުއްވި. އެ މަންދޫބުން އެ ޖަލްސާތަކުގައި، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ވަރަށް އިޚްލާޞްތެރިކަމާއެކުގައި. ވަރަށް ބުރަ މަސައްކަތްތަކެއް އެ މަންދޫބުން ކުރެއްވި. ތިންދުވަހަށް ހަމަޖެހިފައިވާ ބައްދަލުވުން، ހަތަރު ދުވަހަކަށް ދެމިގެންދާންޖެހުނު. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް، އެއްވެސް ބޭފުޅަކު ބައްދަލުވުމަށް އެއްވެސް ދުވަހެއްގައި ޙާޟިރުވެވަޑައިނުގަނެއެއް ނެތް. ކިތަންމެ ހެނދުނާ ޖަލްސާ ފެށުނު ކަމުގައިވިޔަސް، ވަރަށް ފަރުވާތެރިކަމާއެކު ހެނދުނުވެސް ވަޑައިގަންނަވާ. ޖަލްސާ ކިތަންމެ ދިގުލައިގެންދިޔަޔަސް، ޖަލްސާ ނިމެންދެން ތިއްބަވާ. ބައެއް ރޭރޭ، ރޭގަނޑު އެގާރަ ޖަހަންދެން، އެގާރަގަޑި ބައި ވަންދެން ޖަލްސާ ދެމިގެންދިޔައީ ގްރޫޕްތަކުގެ މަސައްކަތްތަކުގައި. އެ ހުރިހާ މަސައްކަތެއްގައި އެއްވެސް ފޫހިކަމެއްނެތި އަމިއްލަ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި. އަދި އެހާމެ ޞަރީޙަކޮށް، ފައިދާހުރި ގޮތުގައި އެފަރާތްތަކުގެ ޚިޔާލުފާޅުކުރައްވަމުން ގެންދެވި. އެހެންވީމާ، އަޅުގަނޑަށް ދަންނަވަން ޖެހެނީ އެ ބައްދަލުވުމުންވެސް، ރާއްޖޭގެ ޢާންމު ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު ކިތަންމެ ރަނގަޅަކަށްވެސް ފާޅުވެގެން ހިނގައްޖެއޭ.

އާދެ، އެ ބައްދަލުވުމުގެ ކަންތައްތައް ހިނގަމުންދިޔައިރު، އަޅުގަނޑަށް ހުރެވުނީ ރާއްޖެއަކު ނޫން. އެހެންނަމަވެސް، ދުވަހުން ދުވަހަށް، އެ ބައްދަލުވުމުގައި ފާޅުކުރެވޭ ޚިޔާލުތަކާއި ކަންތައްތައް ހިނގަމުންދާގޮތް ބެލުމަށް އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތް. އެހެންވީމާ، އެގޮތުގެމަތިން އެ ކަންތައްތައް އަޅުގަނޑު ގެންދިޔައީ ބަލަމުން. އަދި މާލެއަށް އައިސް، އެބައްދަލުވުމުގެ ނަތީޖާ ހޯދުމުގެ ގޮތުން ވަރަށް ގިނަ މަޢުލޫމާތު އަޅުގަނޑު މިގެންދަނީ ހޯދަމުން. އެނގިވަޑައިގަންނަވާނެ ފަދައިން، އެފަދަ މުހިންމު ބައްދަލުވުމެއް، އެހާ ގިނަ ޖަލްސާތައް ކުރެވުނު ބައްދަލުވުމެއް. އޭގެ ރިޕޯޓް އެއީ ތައްޔާރުކުރަންވެސް ކުޑަ ދުވަސްކޮޅެއް ބޭނުންވާނެ ރިޕޯޓެއް. އެހެންކަމާއެކު، ފުރިހަމަ ރިޕޯޓެއް އަދި އަޅުގަނޑަކަށް ނުލިބޭ. އެހެންނަމަވެސް، ބައްދަލުވުމުގެ މުހިންމު ހުށަހެޅުންތައް އަޅުގަނޑާ ހަމައަށް ވަނީ އައިސްފައި. އަޅުގަނޑު ވިސްނައިލިގޮތުގައި، ނުވަތަ ބަލައިލި ގޮތުގައި، އޭގެތެރޭގައި 278 ހުށަހެޅުން އެބައޮތް. އާދެ، ޢަދަދަށް ބަލާއިރު ބޮޑު ޢަދަދެއް.

އެހެންވީމާ، އެނގިވަޑައިގަންނަވާނެ، އެ ހުށަހެޅުންތަކާ ދޭތެރޭގައި ސަރުކާރުން ޚިޔާލުކޮށް ފިޔަވަޅު އަޅަން އަދި ވަގުތުކޮޅެއް ބޭނުންވާނެކަން. އެހެންނަމަވެސް، ވީހާވެސް އަވަހަކަށް ސަރުކާރުން ޤަޞްދުކުރަނީ، އެ ހުށަހެޅުންތަކާ ދޭތެރޭގައި ރަނގަޅަށް ވިސްނައި، ދިރާސާކޮށް، އޭގެތެރެއިން ވަގުތުންވެސް ފިޔަވަޅު އެޅެން ހުންނާނެ ކަންތައްތަކާ ދޭތެރޭގައި ފިޔަވަޅު އަޅަން ފަށަން. އެއްވެސް ޙާލެއްގައި މި ބައްދަލުވުމަކީ އޭގެ ބޭނުމެއް ނެތްގޮތުގައި ދާނެ ބައްދަލުވުމެއް ނޫންކަމުގެ ޔަޤީންކަން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑު މި ދައުރުގެ ވެރިކަމާ، އާދެ، ރިޔާސަތާ ޙަވާލުވަމުން ދެއްކި ވާހަކައިގައިވެސް، ރާއްޖޭގެ ތަޢުލީމާއި، ޞިއްޙަތާއި، މިފަދަ ޢާންމު ޚިދުމަތްތަކުގެ ކަންތައްތައް ސަރުކާރުން މި ދައުރުގައި ގެންދަން ގަޞްދުކުރަނީ ވީހާ ބޮޑަކަށް ޢާންމު ރައްޔިތުން އެދޭ ގޮތެއް ހޯދައިގެން، އެ އެދޭ ގޮތުގެމަތިން ކަމުގައި ވަނީ ދަންނަވާފައި. އެހެންވީމާ، އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އެ ސިޔާސަތަށް ޢަމަލީ ސިފަ ގެނައުމުގެ ގޮތުން، ތަޢުލީމާބެހޭ މި ދެންނެވި ބައްދަލުވުންވެސް އިންތިޒާމު ކުރެވިގެން ނިމިގެންދިޔައީ. އެހެންވީމާ، އެ ޖަލްސާތަކުގައި ފާޅުކުރެވޭ ޢާންމު ރައްޔިތުންގެ ޚިޔާލުތަކަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ. ރަނގަޅަށް ދިރާސާކޮށްފައި، އޭގެތެރެއިން ޢަމަލީގޮތުން ކުރެވެން ހުރި ކަންތައްތައް ކުރަމުންގެންދާނެ. އާދެ، ޢަމަލީގޮތުން ކުރެވެން ހުރި ކަންތައްތަކޭ މި ދަންނަވަނީ، ތަޢުލީމު ކުރިއެރުވުމަށްޓަކައި ބޭނުންވާ ތަފާތު ގިނަ ކަންތައްތަކެއް ހުރޭ. އޭގެތެރޭގައި ސަރުކާރަށް ކުރެވޭނެ ކަންތައްތަކާއި، ނުކުރެވޭނެ ކަންތައްތައް ހުންނާނެ. މީހުންގެ ގޮތުންވެސް، ފައިސާގެ ގޮތުންވެސް، ޖާގައިގެ ގޮތުންވެސް. އެހެންވީމާ، މިދެންނެވި 278 ހުށަހެޅުން، އެ ރަނގަޅަށް ދިރާސާކޮށް ބަލާއިރު، އޭގެތެރެއިން ފިޔަވަޅު އެޅެންހުރި ހުރިހާ ކަމަކާ ދޭތެރޭގައި ސަރުކާރުން ލަހެއްނުވެ ފިޔަވަޅު އަޅަން ފަށާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް، ފަށާ ތަޢުލީމުގެ ޢުމުރުގެ ކުދިންނަށް އެކަށީގެންވާ ޖާގަ، މަދަރުސާ ހެދިފައި ނެތުން، ހަމައެކަނި މާލެއަށް ދިމާވާ މައްސަލައެއް ނޫން. މާލެއާއި ރާއްޖެތެރޭގައިވެސް ދިމާވާ މައްސަލައެއް. އެހެންނަމަވެސް، މާލޭގައި ކުރިއްސުރެ މިކަން ހިނގަމުންދާގޮތަށް ބަލާއިރު، ކޮންމެވެސްވަރަކަށް އިތުރަށް ބޭނުންވާ ޢަދަދަށް ތަންތަން ދަނީ ހެދެމުން. އެގޮތުން، މިއަދު މި ތިންވަނަ މަދަރުސާ ހުޅުވުނީ. އިބްތިދާއީ ތިންވަނަ މަދަރުސާ. ކުރިންވެސް ދެންނެވި ފަދައިން، އަދި ހަތަރުވަނަ މަދަރުސާއެއް އިރާދަކުރެއްވިއްޔާ، މި އަހަރު ހުޅުވޭނެ.

ސަރުކާރުން މި މަސައްކަތް މިހެން ކުރާއިރު، އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ ވާހަކަވެސް އަޅުގަނޑު ދަންނަވާލައިފިން. އަމިއްލަ ފަރާތްތަކުގެ ތެރޭގައި، މިހާރު މާލޭގެ އަވަށްތަކުން ހިންގަވާ މަދަރުސާތައްވެސް ހިމެނޭ. ކޮންމެ އަވަށެއްގައި، އެ އަވަށެއްގެ މަދަރުސާއެއް، ވަރަށް އެކަށީގެންވާ ގޮތެއްގައި މިހާރު ހިނގަމުން އެބަދޭ. ވަރަށް ގިނަ ޢަދަދެއްގެ ކުދިންނަށް އެތަނުން ތަޢުލީމު ލިބެމުން އެބަދޭ. އެހެންވީމާ، އަވަށްތަކުން އެ ކުރައްވާ މަސައްކަތްވެސް މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެބޭފުޅުން އެ ކުރައްވާ މަސައްކަތަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތަޢުލީމަށް އެބޭފުޅުން ކުރައްވާ ވަރަށް ބޮޑު، ވަރަށް މުހިންމު ޚިދުމަތެއް. އެ ޚިދުމަތް އެ މަދަރުސާތަކުން އަދާކުރެއްވުމުގައި ސަރުކާރުން ވެވެންއޮތް ހުރިހާ އެހީއެއް މިހާރުވެސް ދަނީ ވަމުން. އެންމެ ފުރަތަމަ، އެމަދަރުސާތައް ހައްދަވާނެ ބިން ދޫކުރުން. އަދި އޭގެފަހުން މަދަރުސާތައް ޢިމާރާތްކޮށް ނިމުމުން، މުދައްރިސުން ހޯދައިދިނުން. އަދި އެނޫންވެސް ގޮތްގޮތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ސަރުކާރުގެ އެހެން ފަރާތްތަކުން އެ މަދަރުސާތަކަށް ވެވެންއޮތް ހުރިހާ އެހީއެއް މިހާރުވެސް ދަނީ ވަމުން.

މަދަރުސާތަކަށް ދިމާވާ އެއް ދައްޗަކީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެމަދަރުސާތަކާ މިހާރު ޙަވާލުވެފައިވަނީ ހަމައެކަނި ޕްރީސްކޫލްގެ ތަޢުލީމް. އާދެ، އިބްތިދާއީ މަދަރުސާތަކަށް ދިޔުމުގެ ކުރިން ތުއްތު ކުދިންނަށް ދޭން ބޭނުންވާ ތަޢުލީމް. އެއީ އެ މަދަރުސާތަކުން ޢާންމު ގޮތެއްގައި ކުރައްވާ ކަމަކީ. އޭގެ އިތުރުން، ދެން ކުރައްވަން އޮންނަ ކަމަކީ، އިބްތިދާއީ ކްލާސްތަކެއް ހިންގަވާ ކަމަށްވަންޏާ، ޢުމުރު ދޮށިވެފައިވާ ކުދިންނަށް އެ ކްލާސްތައް ހިންގެވުން. ނުވަތަ ސަރުކާރުގެ ސްކޫލްތަކުން ފެއިލްވެގެން ކެނޑޭ ކުދިންނަށް އެ ފުރްޞަތު ދެއްވުން. މިކަހަލަ ގޮތަކަށް އެކަންތައް އޮންނަނީ. އެހެންވީމާ، އެ މަދަރުސާތަކުގެ ދިރުން މުސްތަޤްބަލުގައި މާތަނަވަސްގޮތަކަށް އޮތް ކަމަކަށް އެގޮތުން ބަލައިލާއިރަކު ނުފެނޭ.

އެހެންވީމާ، ސަރުކާރުން މިހާރު ގަޞްދުކުރަނީ، މާލޭގެ އަވަށު މަދަރުސާތަކުގެ ތެރެއިންވެސް ފަށާ ތަޢުލީމުގެ ޤާބިލިއްޔަތު ހުރިކަމަށް އެ މަދަރުސާތަކުން ދެކެވަޑައިގަންނަވާ މަދަރުސާތަކަށް، އެ ފަށާ ތަޢުލީމުގެ ކްލާސްތައް ޤަވާޢިދުން ހިންގުމުގެ ހުއްދައާއި، އެކަމަށް އެބޭފުޅުންނަށް ބޭނުންފުޅުވާ ހުރިހާ އެހީތަކެއް ސަރުކާރުން ވެދޭން. އަޅުގަނޑު ހިތުން މިގޮތަށް ހަމަޖެއްސީމާ، އެއިން ސަރުކާރަށްވެސް ލިބޭނީ ވަރަށް ބޮޑު ލުޔެއް. ހަމަ އެފަދައިން، ޢާންމު ރައްޔިތުންނަށްވެސް އަދި އެ ޢުމުރުގެ ތުއްތު ކުދިންނަށްވެސް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ. އަދި މި އަވަށު މަދަރުސާތައް، ސަރުކާރުން އެހާބޮޑު އެހީތަކެއްދީގެން ޢިމާރާތްކޮށް އުފައްދައި ހިންގުމުގެ ފުރިހަމަ ނަތީޖާވެސް އޭރުން ފެނިގެންދާނެ.

އާދެ، ޝައްކެއްނެތްގޮތުގައި، ތަޢުލީމަކީ ސަރުކާރުން އެންމެ އިސްކަންދޭ ޚިދުމަތް. އެހެންވީމާ، ތަޢުލީމުގެ ކަންތައްތައް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ގެންދިޔުމަށްޓަކައި މިއަހަރަކީ ވަރަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޤަޞްދުކޮށްފައިވާ އަހަރެއްކަން ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ. އާދެ، އޭގެތެރެއިން އެއްކަމަކީ، ކުރިންވެސް އަޅުގަނޑު އިޝާރާތް ކުރި ފަދައިން، މި ދެންނެވީ މިއަދަކު ނޫން. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ބަޖެޓް ހުށަހަޅަމުން އަޅުގަނޑު ދެއްކި ވާހަކައިގައި، އަޅުގަނޑު އިޝާރާތްކުރިން، ތަޢުލީމުގެ ކަންތައްތައް ދަށަށްދިޔުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައިވަނީ އެކަށީގެންވާ މުދައްރިސުން ނުލިބުމުން. އެހެން އަޅުގަނޑު ދަންނަވާލިން. މުދައްރިސުން ނުލިބެން ދިމާވާ އެންމެ ބޮޑު ސަބަބަކީ، އެ މުދައްރިސުންނަށް، ޓީޗަރުންނަށް ސަރުކާރުން ދޭ މުސާރަ ކުޑަވުން. އެހެންވީމާ، މުދައްރިސުންގެ މުސާރަ ރަނގަޅުކޮށްދިނުމުގެ ވާހަކަ އެ ދުވަހު އަޅުގަނޑު ވަނީ ދަންނަވާފައި.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރު ވަރަށް އަވަހަށް އެ ކަންތައް ހަމަޖެހޭނެ. އެކަށީގެންވާ ޢަދަދަކަށް، މިވަގުތު ސަރުކާރުން ދެވެން އޮތް އެންމެ މަތީ މުސާރަ މުދައްރިސުންނަށް ދޭގޮތަށް މިއަހަރު ހަމަޖެއްސޭނެ. ހަމަ އެފަދައިން، ތިޔަބޭފުޅުން މިހާރު އައްސަވާފައި އޮންނާނެ، ރާއްޖޭގެ ތަޢުލީމާބެހޭ ސިޔާސަތު ރާވައި، އެ ސިޔާސަތު ހިންގުމުގައި ދިމާވާ ބޮޑެތި މައްސަލަތައް ދިރާސާކޮށް، އެމައްސަލަތައް ޙައްލުކުރުމަށްޓަކައި ރާއްޖޭގެ ތަޢުލީމާބެހޭ ޤައުމީ މަޖިލީހެއް އުފެއްދުމަށް ވަޒީރުން މަޖިލީހުން ނިންމެވި ވާހަކަ. އާދެ، އެ މަޖިލިސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އުފެއްދޭނެ. އަދި އެމަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ. މިގޮތްގޮތުން އަޅުގަނޑު ދެކެނީ، މިއަހަރު ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ ތަރައްޤީއެއް އަންނާނެ ކަމަށް. އާދެ އެ ތަރައްޤީއަކީ ހަމައެކަނި މި އަހަރު އަންނާނެ ތަރައްޤީއެއް ނޫން. އެ ތަރައްޤީއާބެހޭ ފުރަތަމަ ފިޔަވަޅުތައް މިއަހަރު އެޅޭނެ. އޭގެފަހުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅެމުން، އަޅުގަނޑުމެންގެ މަޤްޞަދުތައް، ޤައުމީ މަޤްޞަދުތައް، ތަޢުލީމު ދިނުމުގެ ޤައުމީ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އިރާދަކުރެއްވިއްޔާ ﷲ ގެ ވާގިފުޅާއެކު އެޅެމުންދާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ހިދާޔަތުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން. އިސްލާމްދީނުގެ ހިޔާވަހިކަމުގައި ތިބެގެން، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ހޯދައި، އެގޮތްތައް ރައްޔިތުންނަށް ޙާޞިލްކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ތައުފީޤު ދެއްވުން. ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް، އެއް ދުވަހުން އަނެއް ދުވަހަށް ތަރައްޤީވާނެ މަގު ފަހިކޮށްދެއްވުން. ހަމައެކަނި ތަޢުލީމެއް ނޫން. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަފާތު ޚިދުމަތްތަކާއި ބޭނުންތައް ޙާޞިލްކޮށްދިނުމުގެ މަގު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުން. އަދި އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.