بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑަށް މިއަދު މި މުހިންމު ކަންތައްތަކުގައި ބައިވެރިވެވޭތީ، އެކަމަށް ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ ހުޅުވުމުގެ މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ މި ފެނިގެން ދިޔަ އައިޓަމުން. ސްކޫލް ކުދިން، ތުއްތު ކުދިން ވަތަނީ ލޯބި، ވަތަނީ ރޫޙުގައި އަޅުގަނޑުމެންނަށް އެ ހުށަހަޅައިދިން އެ އައިޓަމަކީ އެއީ އަޅުގަނޑު ދަންނަވާނީ ކުޅިވަރުގެ ތެރެއިންވެސް އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކުރަންޖެހޭ ކަންތައްތަކޭ.

އެނގިވަޑައިގަންނަވާނެ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް، އަޅުގަނޑުމެންގެ ރައްޔިތުންގެ ދުޅަހެޔޮކަން އެއީ. ތުއްތުކުދިންގެ ދުޅަހެޔޮކަން. އަދި ހެލިފެލިވެ އުޅުމާއި ކުޅިވަރާއި މުނިފޫހިފިލުވާ މި ކަންތައްތަކަށް އިސްކަންދިނުން. އެގޮތުން ދެންމެ ޔޫތް މިނިސްޓަރ އެ ވިދާޅުވީ މި ސައިޒުގެ 40 ފުޓްބޯޅަ ދަނޑު މިހާތަނަށްވެސް ނިންމާފައިވާ ވާހަކަ.

އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހެއޭ ކުޅިވަރަށްޓަކައި މުޅި މުޖުތަމަޢު ތެރޭގައި އެކުވެރިކަން ދައްކަން. އަޅުގަނޑުމެންނަށް ޤައުމުގައި ކުރިއަށް ދެވޭނީ އަޅުގަނޑުމެންގެ އޮތް އެކުވެރިކަމަކުން. އެއީ، އަޅުގަނޑުމެން އެންމެ އިސްކުރަންޖެހޭ ކަމަކީ.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މިދިޔަ ދުވަސްތައް، އަހަރުތައް ވެގެންދިޔައީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން ދުވަހަކުވެސް ނުލިބޭފަދަ ރަން ވަނަތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ދުވަސްތަކަކަށް. އަޅުގަނޑު ހަނދާނަށް އާދޭ ހަމަ، ހަނދާން ނެތުނީކީ ނޫން އަޅުގަނޑުމެން ކުރިމަތީގައި މި ފެންނަ ލެޖެންޑުން. ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންވެސް ރާއްޖެއަށް ހޯދައިދީފައިވާ ރީތި ނަން.

އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. މިއަދުގެ މި ވަގުތަކީ އެހާ ދިގު ވާހަކައެއް ދައްކަން އޮތް ވަގުތެއް ނޫން. އެހެންނަމަވެސް އަޅުގަނޑު ހަމަ ދަންނަވާލަން، ސްކޫލް ޙަޔާތުގައި ވަރަށް ކުޑައިރު އަޅުގަނޑުވެސް މި ގުރައިދުއަށް ވަރަށް ގިނަގިނައިން އައިސް، ގުރައިދޫގެ އޭރުގެ ފުޓްބޯޅަ ދަނޑުގައި އަޅުގަނޑު ކުޅުނިން. މިއަދު އިއްތިފާޤުން މި ލިބުނީ 20 ނަންބަރު. ހަމަ މި ނަންބަރު ޖަހައިގެން ގުރައިދޫގައި އަޅުގަނޑުގެ ސްކޫލް ދުވަސްވަރުގައި ކުޅުނީ. އެހެންވީމާ، އެ ހަނދާންތައް މިއަދު އަޅުގަނޑަށް އާދޭ. މީގެ ފަންސަވީހަކަށް އަހަރު، ތިރީހަކަށް އަހަރު ކުރީގެ ހަނދާންތައް އެއީ.

ވަރަށް ބޮޑަށް އުފާވެއްޖެ. ގުރައިދޫ ރައްޔިތުންނަކީ ވަރަށް ހެޔޮ، ވަރަށް ރަނގަޅު ބައެއް. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް މިކަމުގައި މިއަދު ބައިވެރިވެވުނީތީ އެކަމާ އުފާ ކުރަމުން އަދި މަރުޙޫމް ރައްޒާޤުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ.