ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ ފަސްވަނަ ސެޝަން، ދިވެހިބަހުގެ އެކެޑަމީގެ އެހީތެރިކަމާ އެކު ބާއްވައިފިއެވެ. މި ސެޝަން ބޭއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ. "މިއީ ފަސޭހަ ކަމެއް،" މި މައުޟޫޢަށް ބޭއްވި ސެޝަންގައި ދިވެހިބަހުން ވާހަކަދެއްކުމުގައި ބަހުގެ ދަރަޖަތައް، ބަހުގެ ހަމަތަކާ އެއްގޮތަށް ބޭނުންކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ.

މި ސެޝަން ނަންގަވައިދެއްވީ، ދިވެހިބަހާއި އަދަބިއްޔާތު އުނގަންނަވައި ދެއްވުމުގައްޔާއި، ވާހަކަދެއްކުމާއި ޅެންވެރިކަމަށް މީހުން ތަމްރީނު ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދާރިސް  އާދަމް ނަޞީރު އިބްރާހީމެވެ. ވަޒީފާގެ މާހައުލުގައި ވާހަކަދެއްކުމުގެ އަދަބުތައް ގެންގުޅެންވީ ގޮތާ ބެހޭ ގޮތުންނާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުމުގެ ގޮތުން މުއާޞަލާތުކުރާނެ ގޮތްތަކާ ބެހޭ ގޮތުންނާއި، ވަޒީފާގެ މާހައުލަކީ އެކަކު އަނެކާއަށް އިޙުތިރާމު ކުރާ، އިޙުތިރާމު ލިބޭ މާހައުލެއްގެ ގޮތުގައި ބިނާކުރުމާ ގުޅޭ ގޮތުން މި ސެޝަންގައި މަޢުލޫމާތު ދެއްވިއެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 2021 ޑިސެންބަރު 27ވަނަ ދުވަހު އިފުތިތާޙު ކުރައްވާފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމަކީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ދެ އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށް ގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.