بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގޮތުން ޢާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް، ރާއްޖޭގައި މަސައްކަތް ކުރައްވާ އެންމެހައި ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވެސް، ދުވަހުގެ މުނާސަބަތުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.

މިކައުނުގެ ތެރޭގައި އެތައް ބިލިއަން މަޑިކިލަނބުތަކެއް ހިމެނޭ އިރު، އެއިން ކޮންމެ މަޑިކިލަނބެއްގައި އެތައް ބިލިއަން ގުރަހަތަކެއް ދައުރުކުރެއެވެ. ނަމަވެސް އިންސާނުން ދިރިއުޅުމަށް އެކަށޭނަ ކަމަށް، މިހާތަނަށް އެނގެން އޮތީ އެންމެ ގުރަހައެކެވެ. އެއީ މި ބިން ނުވަތަ މި ދުނިޔެއެވެ. އެހެންކަމުން، މިބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ތިމާވެށި ޙިމާޔަތްކުރުމާއި އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކަ މިހާރުވަނީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ގުގުމައިފައެވެ. ސަބަބަކީ، ތިމާވެށީގެ ނުރައްކާތަކަށް މުޅި ދުނިޔެ ހުށަހެޅިފައިވުމެވެ. ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ޤައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމެވެ. އެހެންކަމުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ޤައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެއެވެ.

ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ޤުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުންވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައެވެ. ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން، ދިރިއުޅޭ މާޙައުލަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ދިރުންތަކުގެ ތެރެއިން ގާތްގަނޑަކަށް މިލިއަނެއްހާ ބާވަތުގެ ދިރުންތައް މިހާރު ވަނީ ނެތިދިއުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ. ތަރައްޤީއާއި ކުރިއެރުމުގެ ރާސްތާގައި އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު، ދުނިޔޭގެ މާޙައުލީ ނިޒާމު ގަޑުބަޑުވެ، މި ބިމުގެ ވަޔާއި ކަނޑާއި ބިންގަނޑު ދަނީ ތަޣައްޔަރުވަމުންނެވެ.

ދުނިޔޭގެ މާޙައުލީ ނިޒާމުގެ އޭގެ ޠަބީޢީ ޙާލަތަށް އަލުން އިޢާދަކޮށްދީގެން ނޫނީ، އިންސާނީ ދިރުން މިބިންމަތީގައި ދެމެހެއްޓުމަކީ މުސްތަޙީލު ކަމެއްކަން، އަޅުގަނޑުމެންނަށް ކުރެވޭ ތަޖުރިބާތަކުންނާއި، ޢިލްމީ ޙަޤީޤަތްތަކުން މިހާރު ދަނީ ސާބިތުވެ ކަށަވަރުވަމުންނެވެ. އެކަމަށް ބޭނުންވާ ޙައްލުތަކާއި އެ ޙައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ހުރީ ފަހިވެފައެވެ. ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާޢީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުމެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން، ދުނިޔެ ހޫނުވަމުންދާ މިންވަރަށާއި، އެކަމުގެ ސަބަބުން މިބިމުގެ މާޙައުލީ ނިޒާމަށް ލިބޭ ގެއްލުންތަކަށް ބަލާއިރު، މިކަން ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ޤައުމެއް ނުވަތަ ބޮޑު ޤައުމެއް ތަފާތުކުރެވޭކަށް ނެތެވެ. ވިހަ ގޭސްތައް ބޭރުކުރާ ޤައުމުތަކާއި ނުކުރާ ޤައުމުތައްވެސް ތަފާތުކުރެވޭކަށް ނެތެވެ. މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭކަށް ނެތެވެ.

މިކަމުގައި މުޅި މުޖްތަމަޢުގެ ބައިވެރިވުން މުހިންމެވެ. ވަކިން ޚާއްޞަކޮށް، ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، ޢާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުން ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ ނިސްބަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ޙިއްޞާ އެކަމުގައި ވަރަށް ކުޑައެވެ. ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް، އެހެން ހުރިހާ ޤައުމަކަށްވުރެ ބޮޑެވެ.

އަޅުގަނޑުމެންގެ ފެންވަރުގައި، އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ކުރުމަށް، އެންމެހައި ދިވެހިންގެ ބައިވެރިވުމަށް އަޅުގަނޑު މި ގޮވައިލަނީ އެސަބަބަށްޓަކައެވެ. އެއީ، އަޅުގަނޑުމެންގެ ޢަމަލުތަކުން އަޅުގަނޑުމެންގެ ކަނޑުތައް ތަޣައްޔަރު ނުކުރުމެވެ. އަޅުގަނޑުމެންގެ އަތްތަކުން، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމެވެ. އަޅުގަނޑުމެން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުމެވެ.

އެކަމަށް އޮތް އެންމެ މުހިންމު ޙައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ޙިމާޔަތްކުރާ ސަރަޙައްދުތައް އިތުރުކުރުމެވެ. މިރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ފިނޮޅުތަކާއި، މިހިތްގައިމު ކަނޑުފަޅުތަކާއި ކަނޑޫފާތަކާއި ޗަސްބިންތަކާއި، އެތަންތަނުގައިވާ ދިރުންތައް، ކުރިމަގުގެ ޖީލުތަކަށް ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭނީ، މިދެންނެވި ކަންކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމާ ލާމެހިފައިވާ އާދަތަކެއް ކަމުގައި ހަދައިގެންނެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ތިމާވެށީގެ ނުރައްކާތަކުންނާއި ޤުދުރަތީ ކާރިސާތަކުން، އަޅުގަނޑުމެންގެ ރާއްޖެ ރައްކާތެރިކުރައްވައި، އަމާންކަމާއި ރައްކާތެރިކަން ލިބިގެންވާ ޤައުމެއްގެ ގޮތުގައި، اللهُ سُبْحَانَهُ وَتَعَالَى މިރާއްޖެ ލެއްވުމެވެ. އަޅުގަނޑުމެންނަކީ މިރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަށާއި، ރާއްޖޭގެ ޤުދުރަތީ މާޙައުލީ ނިޒާމު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކޮށްދެއްވާށިއެވެ. އާމީން.