ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވާރާކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުގައި ކޮނޑޭ ކައުންސިލުގެ މެންބަރުން ވަނީ ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި އެރަށުގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީގެ 5 މަޝްރޫޢެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ އަދި މިހާރުވެސް 4 މަޝްރޫޢުއެއްގެ މަސައްކަތް ކުރިޔަށްދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ މިބައްދަލުކުރެއްވުމުގައި އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި، ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތްފަދަ ޚިދުމަތްތައް އިތުރުކޮށް ޚިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ސްކޫލަށް 7 ކްލާސްރޫމް ބޭނުންވާކަމަށާއި 50 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމާއި އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެރަށާއި އެސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުންނާއި އެ ރަށަށް ވޮލީކޯޓެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮނޑޭގެ ތަރައްޤީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. އެ ގޮތުން ކޮނޑޭ ސްކޫލްގެ 4 ކްލާސް ރޫމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި މިހާރުން މިހާރަށް ކުރެވެންހުރި ކަންކަން ބައްލަވައި މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ބުނެފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވުމުގައި ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމުކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.