މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރު، މާގެދް މުސްލިޙް ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފި.

މިއަދު މެންދުރު ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މިޞްރުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ތަޢުލީމީ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާއިން ދެމުން އަންނަ ފުރުޞަތުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ. ހަމައެހެންމެ ޚާއްޞަ ގޮތެއްގައި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާ މިޞްރުގެ ސަފީރު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިޞްރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ މިޞްރާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގައި މިހާރުވެސް މިޞްރުގެ ޑޮކްޓަރުންނާއި ޓީޗަރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރްމުއްޝައިޚް ކްލައިމެޓް ޗޭންޖް ކޮންފަރެންސްއާ ބެހޭގޮތުންނާއި ޚާއްޞަކޮށް ރާއްޖެއަށް މި ބައްދަލުވުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ޞިއްޙަތާއި، ހަކަތަ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަގުގައި އިތުރަށް ގުޅުންބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާ މިޞްރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1969 ވަނަ އަހަރުގައެވެ.