ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ސެންޑިލް އެޑްވިން ޝޯކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތައްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ޤައުމުގެ ޕްރިޓޯރިއާގައި މި ހުޅުވިގެންދާ އެންބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެންބަސީއެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވާފައެވެ. ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނީ 27 ޖުލައި 1994 ވަނަ އަހަރުއެވެ.