ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ޔޫ.އޭ.އީގެ ވަގުތީ ރައީސް، ބޮޑުވަޒީރު، އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޑިފެންސް، ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް އަށާއި އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ޔޫ.އޭ.އީގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިތާމައިގައި ބައިވެރިވެވަޑައިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ އިޙްލާޞްތެރި ތަޢުޒިޔާ، ޔޫ.އޭ.އީގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރަށާއި އަބޫދާބީގެ ވަލީއަޙުދާއި އެމަނިކުފާނުގެ ޢާއިލާއާއި މުޅި ޔޫ.އޭ.އީގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޔޫ.އޭ.އީގެ ރައީސް ފެނިގެންގޮސްފައި ވަނީ އެ ޤައުމުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނަކީ ރާއްޖޭގެ ތަރައްޤީއަށް އިސްކަންދެއްވައި ރާއްޖެއާ ވަރަށް ގާތްގުޅުމެއް ބެހެއްޓެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ފަހުގެ ޖީލުތަކުން ހަނދާން އައު ކުރާނެ މަތިވެރި ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޔޫ.އޭ.އީގެ ރައީސްގެ ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، މި ހިތާމައިގައި އެމަނިކުފާނުގެ ޢާއިލާ އަދި ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.