‎ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ރިންޗެން ކުއެންޓްސިލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

‎މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބޫޓާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޫޓާނަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

‎މި ބައްދަލުކުރެއްވުމުގައި، ބޫޓާންގެ ސަފީރު ވަނީ މޫސުމީ ބަދަލުތަކަށް ބަލާނަމަ ރާއްޖެއާއި ބޫޓާނަކީ ކުޑަ އަދި ނާޒުކު ދެޤައުމުކަން ފާހަގަކުރައްވައި މި ދާއިރާއިން ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރައްވާފައެވެ. އަދި، ރާއްޖެ ކޮވިޑް-19 މެނޭޖްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުތަކުން އަރައިގަތުމުގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ބޫޓާންގެ ސަފީރު ތަޢުރީފުކުރެއްވިއެވެ.
‎ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ، ބޫޓާނާ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަދި، ޞިއްޙީ ދާއިރާއާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ފާހަގަކުރައްވާފައެވެ.

‎މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞަކޮށް ސާކްގެ އޮނިގަނޑުގެ ތެރެއިން ދެ ޤައުމުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ދެކުނު އޭޝިޔާ ބައްރުގެ ޞުލްޙަ މަސަލަސްކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ބޫޓާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ.