بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ބަރަކާތްތެރި އަދި އެހާމެ އުފާވެރި މައްސަރަކަށްފަހު، އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މި އަންނަނީ އުފާވެރި ފިޠުރު ޢީދު ދުވަހާ ބައްދަލުކުރުމަށް. މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެން ދައްކަންވާނީވެސް ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ވާހަކަތައް.

މިއަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި އެއް ވާހަކައަކީ، ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް، މި އަހަރުގެ މޭ މަހުން ފެށިގެން ގެންނާނެ ވާހަކަ. މި ސަރުކާރުން ތަޢުލީމަށް ބޮޑު ސަމާލުކަމެއް މިދެނީ، ވިސްނުން ތޫނު ޢިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް. މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރަން. އެއީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށްވެސް އަޅުގަނޑު ގަބޫލުކުރަން.

މާތް ﷲގެ ވާގިފުޅާއެކު އެ ވަޢުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މޭ މަހާއެކު، މާތް ﷲގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެކަން އިޢުލާނު ކުރުމަކީ، މި އުފާވެރި ފިޠުރު ޢީދާއި، މިއަދު މި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް.

ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭވަރަށްވުރެ މާ މަތިވެރި ކަމެއް. އެހެން ނަމަވެސް، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މުސާރައަށް މިގެނައި ބަދަލުތަކުގެ ތަފްޞީލުތައް، އަޅުގަނޑުގެ މި ވާހަކަކޮޅަށްފަހު، ކަމާގުޅޭ ވަޒީރުން، ތިޔަބޭފުޅުންނާ ޙިއްސާ ކުރައްވާނެ.

ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށް. ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަޤީން. ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި.

ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ.

އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ.

މިގޮތުން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާންނައްތައެއްނުލަން. ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން.

މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް.

އަޅުގަނޑު ދެކޭގޮތުގައި، ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް. އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި.

ޞުލްޙަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިޞާދީ ފޯރުންތެރިކަމުގެ ލާބަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން.

ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެވަރު ކޮށްދިނުން. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށްވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެ. އަލަށް މި އެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެންނެތުން. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ.

މިފަދަ ބަދަލުތައް އަޅުގަނޑުމެން މިގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން. މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ޤައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ. މިއީ ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް.

ޓީޗަރުކަމުގެ ފަންނާ ގުޅޭގޮތުން ހެދި ދިރާސާއިން ފާހަގަވިގޮތުގައި ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫން. އޭގެ އިތުރުންވެސް ކިތަންމެ އެހެން ކަންތައްތަކެއް ދިމާވެފައިވޭ. އޭގެ ތެރެއިން އެންމެ މުހިންމު ހަތަރު މައްސަލައަކީ، މުސާރަ ކުޑަވުމާއި، ވާރކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ޙައްޤުތައް ކަށަވަރުނުވުމުގެ މައްސަލައާއި، ވަސީލަތްތައް މަދުވުމުގެ މައްސަލަ. މިކަންކަން ޙައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިވަނީ ޢަމަލީގޮތުން ފަށާފައި.

އިރާދަކުރެއްވިއްޔާ، މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ، މާ ގިނަ ދުވަސްތަކެއްނުވެ އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާ ކުރިއެރުވުމަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެގެންދިޔުން. ރަނގަޅު ތަޢުލީމާއި ރިވެތި އަޚްލާޤްގެ މަތީގައި ދިވެހި ދަރިން ތަރުބިއްޔަތުކޮށް، ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރާކަތް ލައްވައި، އެންމެހައި ދިވެހިންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި.

ކުރިއަށް އޮތް އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން. އަދި މިއަދު މި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނަށްވެސް ހެޔޮއެދުންތައް ފޮނުވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.