އެމެރިކާގެ އަމިއްލަ ޖަމާޢަތެއްކަމުގައިވާ 350 ޑޮޓް އޯރގްއިން އިސްނަގައިގެން މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން" ގެ ތެރޭގައި ހިމެނިގެން މިއަދު މުޅި ދުނިޔޭގައި ހިންގަމުންގެންދާ ޙަރަކާތްތަކަކީ، ޖައްވުގައި ކާރބަންޑައިއޮކްސައިޑް އެކުލެވޭ މިންވަރު 350 ޕާރޓްސް ޕަރ މިލިއަން އަށް ދަށްކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި މިދުވަސް ފާހަގަކުރުމުގެގޮތުން، ޑައިވާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިސްނަންގަވައިގެން، ސައުވީސް ގަޑިއިރަށް ދެމިގެންދާގޮތަށް ކަނޑުއަޑީގައި ބާއްވަމުން ގެންދާ މުޒާހަރާގައި ބައިވެރިވެވަޑައިގެން، ކަނޑުއަޑީގައި ހުންނަވައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު މުޅިދުނިޔޭގައި ފާހަގަކުރަމުން މިގެންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން"ގެ ބޭނުމަކީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ޖައްވުގައި ކާބަންޑައިއޮކްސައިޑް މިހާރު ހުރި މިންވަރު، އިންސާނުންނަށާއި ދުނިޔޭގެ ދިރުމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވުމުގެ ސަބަބުން، ކޯޕަންހޭގަން ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް އެކަން ގެނެސް، މި މިންވަރު ދަށްކުރުމަށް ބާރުއެޅުމެވެ.

ދުނިޔޭގައިވާ ދިރުން ދެމެހެއްޓުމަށް ޖައްވުގައި ކާރބަން ހިމެނެންވާ އެންމެމަތީ މިންވަރަކީ، 350 ޕާރޓްސް ޕަރ މިލިއަންއެވެ. ހޯދުންތައް ދައްކާގޮތުން، ޖައްވުގައި މިހާރު ކާރބަން އެކުލެވިގެންވާ މިންވަރަކީ 387 ޕާރޓްސް ޕަރ މިލިއަންއެވެ.

ކަނޑުއަޑީގައި ހުންނަވައިގެން މިއަދު މެންދުރުފަހު ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖައްވުގައި ކާރބަންޑައިއޮކްސައިޑް ހުރި މިންވަރު މިހާރު މާ މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، މި މިންވަރު ދުނިޔެއަށާއި ދުނިޔޭގައިވާ ދިރުމަށް ސަލާމަތްތެރި އެންމެ މަތީ މިންވަރު ކަމުގައިވާ 350 ޕާރޓްސް ޕަރ މިލިއަނަށް ދަށް ކުރުމަށް ކުރަންޖެހުނު ކޮންމެކަމެއް މުޅިދުނިޔެއިން ކުރަންޖެހޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކަނޑުއަޑީގައި ކުރިއަށްދާ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ރާއްޖޭގައި މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބޭއްވެވި ބައިސްކަލު ބުރުގައިވެސް ނައިބު ރައީސް މިއަދު ހެނދުނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައިސްކަލު ބުރަކީ ޑައިވާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ސަންފްރަންޓް ގުޅިގެން ބޭއްވި ބައިސްކަލު ބުރެކެވެ.

މީގެ އިތުރުން، މިދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެގޮތުން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ބޭއްވި ޙަފްލާއެއްގައިވެސް ނައިބު ރައީސް މިއަދު ހެނދުނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޙަފްލާ ފަށްޓަވައިދެއްވުމުގެގޮތުން 350 ގެ ލޯގޯ ޖަހާފައިވާ ބެނާރއެއްގައި އެމަނިކުފާނުގެ އަތްތިލައިގެ ނިޝާން ޖެއްސެވިއެވެ. އޭގެ ފަހުގައި ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ އަތްތިލައިގެ ނިޝާންވެސް މި ބެނާރގައި ޖެހުން އޮތެވެ. އެ ކުންފުނިން މަޢުލޫމާތު ދެއްވާގޮތުގައި މި އަތްތިލައިގެ ނިޝާނަކީ، ތިމާވެށްޓާ ރައްޓެހިކޮށް އެކުންފުނި ހިންގުމަށް، ކުންފުނީގެ ވެރިންނާ މުވައްޒަފުން ވާ ވަޢުދުގެ ރަމްޒެކެވެ.

350 ޑޮޓް އޯރގްއިން އިސްނަގައިގެން މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން"ގައި ބައިވެރިވުމުގެގޮތުން، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ޙަރަކާތްތައް ރޭވި ހިނގަމުންއެބަދެއެވެ.