بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ އެސް. ޖަޔަޝަންކަރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މުހާވަރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު ހުޅުވިގެންމިދާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެ.

އެންމެ ފުރަތަމަވެސް މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވި ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާ ސަރުކާރަށާއި، އިންޑިއާގެ އެކުވެރި ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ވަޑައިގެންދެއްވިކަމީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ބަދަހި ގުޅުން އިތުރަށް ހާމަވެގެންދާ ކަމެއް. އެކަމަށްޓަކައި އެކްސްޓަރނަލް މިނިސްޓަރ ޑޮކްޓަރ އެސް. ޖަޔަޝަންކަރަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތަކަކީ، ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް އަބަދުވެސް ވެދެމުންގެންދާ އެހީތަކެއް. މިކަމުގެ ސާފު ހެކިތައް މިއަދުވެސް އެހުރީ އަޅުގަނޑުމެންނަށް މި ރާއްޖެއިން ފެންނަން. އެގޮތުން ބަލާއިރު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކަމަށްވިޔަސް، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް ކަމަށްވިޔަސް، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާއި، ތިލަމާލެ ބްރިޖާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ މަގުތައް ހެދުމާއި، ބިން ހިއްކުމާއި، ކޯސްޓްގާޑް ބިލްޑިންގއާއި، ތިލަފަޅުގައި ކޯސްޓްގާޑަށް ބިނާކުރެވޭ ފުރިހަމަ ފެސިލިޓީއާއި، މި ކަންތައްތަކަކީ އިންޑިއާގެ ހިލޭ އެހީއާއި، ލޯނު އެހީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް.

އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ، އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ، ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއްނެތި، ޤައުމުގެ ތަރައްޤީއާއި، ދިވެހިންގެ ކުރިމަގަށްޓަކައި ވަމުންދާ އެހީތަކެއް.

މިއަދު ހުޅުވިގެންމިދާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ، މި ދެންނެވި ޙަޤީޤަތުގެ އެއް މިސާލު. މި ޕްރޮޖެކްޓް ފެށިގެން މިހިސާބަށް އައިގޮތަށް ބަލާއިރު، އެ ޙަޤީޤަތް ހާމަވޭ. މި ޕްރޮޖެކްޓްގެ ފުރަތަމަ ވާހަކަ ފުރަތަމަވެސް ދެ ސަރުކާރުގެ ދެމެދުގައި ދެކެވެން ފެށީ 2009 ވަނަ އަހަރު. ފުރަތަމަ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި. އެއަށްފަހު، ޅ. މާބިންހުރަޔަށް، ދ. ވާނީއަށް ޕްރޮޖެކްޓް ބަދަލުކުރެވުނު. އައްޑޫސިޓީގެ މަރަދޫ، ހިތަދޫ ގުޅޭ މި ސަރަޙައްދުގައި މި ޕްރޮޖެކްޓް ހިންގަން ނިންމާފައި ވަނީ 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އޭރު އޮތް ސަރުކާރުން. ޕްރޮޖެކްޓްގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު، ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހު. އަދި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ، 2022 ވަނަ އަހަރުގެ، މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް.

މި ސަރަޙައްދަކީ، ބިން ހަނިކޮށް އޮތް ސަރަޙައްދަކަށްވާތީ، ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި ބިން އިތުރުކުރެވިފައިވޭ. އަދި އިންޑިއާ ސަރުކާރުން މިވަނީ 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މި ޕްރޮޖެކްޓަށް ހޭދަކޮށްފައި. އިރާދަކުރެއްވީތީ، ﷲގެ ވާގިފުޅާއެކު، މިއަދު އަޅުގަނޑުމެން މި ބާއްވަނީ، މި ފުރިހަމަ ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތު.

މިއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދީފައިވާ ދީލަތި އެހީއެއް. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި، މީގެކުރީގެ ސަރުކާރުތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އޭރުގެ ރައީސް ކަމުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ރައީސް ޢަބްދުﷲ ޔާމީނާއި، ޑޮކްޓަރ ވަޙީދާއި، ރައީސް މުޙައްމަދު ނަޝީދަށް ޚާއްޞަ ޝުކުރެއް މިކަމުގައި އަޅުގަނޑު ދަންނަވަން.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމަކީ، މި ސަރުކާރުގެ ވަޢުދެއް. ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ، މުޖުތަމަޢުގެ ތެރޭގައި ޢާންމު ރައްޔިތުންނާ ލާމެހިގެން، ރައްޔިތުންނަށް އަމާންކަމާއި، ހަމަޖެހުމާއި، ޞުލްޙަމަސަލަސްކަން ހޯދައިދޭން ތިބޭ ބައެއް.

ފުލުހުންގެ ޚިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާ އެކުގައި އަދި ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން، މުޖުތަމަޢުގައި ހުންނަ މައްސަލަތައް ޙައްލުކުރުން. ފުލުހުންނަށް ވަކި ޚާއްޞަ ތަމްރީނުތަކެއް ދޭންޖެހެނީ އެ ސަބަބަށްޓަކައި. މި ކޮލެޖް ހުޅުވިގެން މިދަނީ، ފުލުހުންގެ ތަމްރީނުތަކަށް، މި ޒަމާނުގައި ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާއެކު. މި ކޮލެޖުންދޭ ތަޢުލީމާއި ތަމްރީނުގެ ސަބަބުން ޑިމޮކްރެޓިކް އުޞޫލުތަކަށް ފުލުހުންގެ ލޯ ހުޅުވިގެންދާނެ. އަދި ޒަމާނީ ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވެގެންދާނެ. އަދި ކޮންމެ ފުލުހަކީ، ރައްޔިތުންގެ އިޙްސާސްތައް ދަންނަ އަދި މަސައްކަތަށް ޤާބިލް މީހަކަށް ވެގެންދާނެ.

ކޮމިއުނިޓީ އޮރިއެންޓަޑް ފުލުހުންގެ ޚިދުމަތެއް ދެވޭނީ، އެ އަސާސްތަކުގެ މަތީގައި ފުލުހުން ތަމްރީނުކޮށްގެން. އެފަދަ ޚިދުމަތެއް ދެވޭނެ މިންވަރަށް ފުލުހުން ތަމްރީނު ކުރެވޭނެ ފުރިހަމަ ވަސީލަތްތައް ހުރުމަކީ، މުޅި ދައުލަތުގެ މަޞްލަޙަތާ ގުޅިފައިވާ ކަމެއް. އިރާދަކުރެއްވިއްޔާ، މި ކޮލެޖަކީ، ދިވެހި ރައްޔިތުން އުންމީދުކުރާފަދަ ޚިދުމަތަކަށް މަގުކޮށައިދޭނެ ތަނަކަށް ވެގެންދާނެ.

ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ފުލުހުންގެ ލީޑަރޝިޕުން ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިސްނަންގަވައިގެން، ފުލުހުންގެ ޚިދުމަތަށް ގެންނަވާ ހެޔޮ ބަދަލު އަޅުގަނޑު ފާހަގަކުރާ ވާހަކަ. އެކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑަރޝިޕަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އަދާކުރައްވާ ވަޒީރެއްގެ ޙައިޘިއްޔަތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ކުރައްވަމުން ގެންދަވާ އެންމެހައި މަސައްކަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓް މެދުނުކެނޑި ކުރިއަށް ގެންދިޔުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްޕުޅަށް، އަޅުގަނޑު އެ ވަޒީރަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ފާގަތި ދުވަސްތަކެއް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.