ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީގެ 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫ، މަރަދޫ އަދި މަރަދޫ-ފޭދޫއަށް ބިން އިތުރުކުރުމާއި އަދި އައްޑޫ ސިޓީގެ ފަޅުތެރެއިން ފަތުރުވެރިކަމަށް 2 ރަށް އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހުޅުދޫ މީދޫއަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ކުރިޔަށްގެންދިއުމަށް ނިންމާފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ.

މިއެއްބަސްވުމުގައި ސޮއިކުރުން ބާއްވާފައި ވަނީ މިއަދު އައްޑޫސިޓީގެ ނެޝަނަލް ކޮލެޖްއޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ޙަމީދެވެ. ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޑްރެޖިންގ، ކޮރނީލިއަސް އެޑްރިއާން ޑިބްރުއިންނެވެ. މި މަޝްރޫޢުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.