އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްޤީކޮށްގެން މިއަދު ހުޅުވުނު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުއްވައިދިނުމަށް މިއަދު ހެނދުނު އައްޑޫ ސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވިކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި، އިންޑިޔާގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައި، މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ވަޑައިގެން ދެއްވިކަމީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ބަދަހިގުޅުން އިތުރަށް ހާމަވެގެންދާކަމެއް ކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިންޑިޔާއިން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށް އަބަދުވެސް ވެދެމުން ގެންދާ އެހީތަކެއްކަމަށާއި، މިކަމުގެ ސާފުހެކިތައް މިއަދުވެސް ހުރީ ފެންނަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާއި، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާއި، ތިލަމާލެ ބްރިޖާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއި، އައްޑޫ މަގުތައްހެދުމާއި ބިން ހިއްކުމާއި، ކޯސްޓް ގާޑު ބިލްޑިންގ ފަދަ މަޝްރޫޢުތަކަކީ އިންޑިޔާގެ ހިލޭ އެހީއާއި ލޯން އެހީގެ ދަށުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އެއިރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ބެލުމެއް ނެތި، ރާއްޖޭގެ ތަރައްޤީއާއި، ދިވެހިންގެ ކުރިއެރުމަށްޓަކައި ވަމުންދާ އެހީތަކެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި، މިއަދު ހުޅުވުނު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަޝްވަރާތައް ރާއްޖެއާއި އިންޑިޔާ ސަރުކާރާ ދެމެދުގައި ފުރަތަމަ ފެށުނީ 2009 ވަނަ އަހަރުކަމަށާއި، މި މަޝްރޫޢު ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރު އޮތް ސަރުކާރުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް މި މަޝްރޫޢުގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހުގައިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތައް އަލިއަޅުއްވާލައްވައި ރާއްޖޭގައި އޭރު ވެރިކަމުގައި ތިއްބެވި ރައީސުންނަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތްދިނުމަކީ މިސަރުކާރުގެ ވަޢުދެއްކަމުގައިވާއިރު ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ މުޖުތަމަޢުގެ ތެރޭގައި ޢާންމު ރައްޔިތުންނާ ލާމެހިގެން، ރައްޔިތުންނަށް އަމާންކަމާ ހަމަޖެހުމާ ސުލްހަމަސަލަސްކަން ހޯދައިދޭން ތިބޭ ބައެއް ކަމަށެވެ. މިގޮތުން ފުލުހުންގެ ޙިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާއި އެކުގައި އަދި ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން މުޖުތަމަޢުގައި ހުންނަ މައްސަލަތައް ޙައްލުކުރުންކަމަށާއި، ފުލުހުންނަށް ވަކި ޚާއްޞަ ތަމްރީނުތަކެއް ދޭންޖެހެނީ އެސަބަބަށްޓަކައިކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުންގެ ޚިދުމަތެއް ދެވޭނީ، އެ އަސާސްތަކުގެ މަތީގައި ފުލުހުން ތަމްރީންކޮށްގެންކަމަށާއި، އެފަދަ ޚިދުމަތެއް ދެވޭނެ މިންވަރަށް ފުލުހުން ތަމްރީންކުރެވޭނެ ފުރިހަމަ ވަސީލަތްތައް ހުރުމަކީ މުޅި ދައުލަތުގެ މަސްލަޙަތާ ގުޅިފައިވާކަމެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ތަމްރީންތަކަށް މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުތެރެއިން މުހިންމު އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގައި ވިދާޅުވެ، ތަޢުލީމީ މަރުކަޒުތަކަކީ ޒަމާނީ ވަސީލަތްތަކާއި ފުރިހަމަ ޓެކްނޮލޮޖީ ހުރި ތަންތަން ކަމުގައި ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އައްޑޫގައި ތަރައްޤީކޮށްފައިވާ ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ. އަދި މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުޞޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެވެ.