بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، އަދި ވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެ އިސްވެރިންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުން، އަދި ވަކިން ޚާއްޞަކޮށް، މިރޭ މި ޙަފްލާގައި، ކުރިމަގުގައި އަޅުގަނޑުމެންގެ ޕްރިންސިޕަލުންނަށް ވާނެ، އެ މަސައްކަތަށް ކުރިއަށް ދިޔުމަށްޓަކައި އެވޯޑް ލިބިގެންދާ ފަރާތްތައް، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ފެށުމުގެ ކުރިން، އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ ފަރި ޙަރަކާތްތައް، އާދެ، ވަރަށް ޓެލެންޓް ދައްކުވައިދިން ތާޖުއްދީން ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށާއި އަދި ޖަމާލުއްދީން ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށް މަރުޙަބާ ދަންނަވައި، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ޕަރމަނަންޓް ސެކްރެޓަރީގެ ވާހަކަފުޅުގައާއި އަދި މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، މިކަމުގެ މުހިންމުކަން. އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކޮންމެ ދިމާއަކަށް ބަލައިލިނަމަވެސް، މިއަދު މި ސަރުކާރުން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޢުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެ ގެންގުޅުއްވާ ސިޔާސަތު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީކީ ހަމައެކަނި ސިޔާސަތެއް ނޫން. އެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި ކުރެވިގެންދާ ބުރަ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

އާދެ، ތަޢުލީމީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން ކުރާ ހަމައެކަނި މަސައްކަތަކީ، ސްކޫލްތަކުގެ ވަސީލަތްތައް ޤާއިމުކޮށް، ސްކޫލްތަކަށް ބޭނުންވާ އެކިއެކި ކަންތައްތައް ހަމަޖައްސައި އަދި ސްކޫލްތައް ތަރައްޤީކުރުން އެކަންޏެއްނޫން. އާދެ، ސަރުކާރުން ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި ސިޔާސަތުތަކުގެ ތެރެއިން އެންމެ އިސްކަންދެވޭ ކަމަކަށް މިވަނީ، މި ދެންނެވި ތަރައްޤީތަކާއެކީ، ރަނގަޅު މީހުން ބިނާކުރުން. އާދެ، އެނގިވަޑައިގަންނަވާނެ، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ، ތަޢުލީމީ ދާއިރާގައި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާނީ މުދައްރިސުންނަށް އަދި ޕްރިންސިޕަލުންގެ ކުރިއެރުމަށްޓަކައި ކުރައްވާ މަސައްކަތްތައް.

އާދެ، އަޅުގަނޑުމެންނަށް ޙަޤީޤަތުގައިވެސް ފެނިގެން މިދަނީ ދިވެހި ތާރީޚުގައި ދުވަހަކުވެސް، އަދި މުޅި ދުނިޔޭގައިވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ތަޙައްމަލް ނުކުރާހާ ދަތި އުނދަގޫ ކަންތައްތަކެއް ތަޙައްމަލް ކުރަމުންދާ ދުވަސްވަރެއް. އާދެ، މި ދެންނެވީކީ އެއްމަސް، ދެމަހެއް ނޫން. އޭގެ ބަދަލުގައި، އަހަރު، ދެ އަހަރު އަދި ތިން އަހަރަށް މިދަނީ. އެހެންނަމަވެސް، އާދެ، ދުރު ވިސްނުމާއެކު، ވަކިން ޚާއްޞަކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށްޓަކައި އަދި އެންމެ މުހިންމީ މެދުކެނޑުމެއްނެތި ތަޢުލީމީ ނިޒާމް ދެމެހެއްޓުންކަން، ތަޢުލީމީ ނިޒާމް ކުރިއެރުވުންކަން ހަމައެކަނި އަޅުގަނޑުމެންނަށް އޮތްގޮތަކީ. އެ ޢަޒުމުގައި މިއަދު މި ކުރެވޭ މަސައްކަތުގެ ތެރެއިން އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް، ރަނގަޅު ފެންވަރުގެ މުދައްރިސުން ތަމްރީނު ކުރުމާއި އަދި ތަޢުލީމީ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަކީ އެއީ އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަންތައް.

އާދެ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، ދުވަސްތަކެއް ވެގެންގޮސްފި، އަޅުގަނޑުމެންނަށް މިފަދަ ޕްރޮގްރާމެއް ނުހިންގޭތާ. އާދެ، ދިވެހިރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ނުވަތަ ފުރުޞަތުތަކެއް ހޯދައިނުދެވޭތާ. އެހެންނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރަނީ ރީތި ސްކޫލެއް، ބޮޑު ސްކޫލެއް، ގިނަ ވަސީލަތްތަކާއި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ވަރުގަދަ ޓީމެއް ބޭނުންވާކަން. އެނގިވަޑައިގަންނަވާނެ، ފުޓްބޯޅަ ޓީމަކަށްވެސް މޮޅު ކެޕްޓަނަކު އެބަ ބޭނުންވޭ. އަޅުގަނޑުމެންނަށް އެއަރ ކްރާފްޓެއް ކަމަށްވަންޏާ، އެ އުދުހިގެންދާއިރުވެސް، ޙިކްމަތްތެރި، ރަނގަޅު ޕައިލެޓުން ބޭނުންވޭ. އާދެ، ސްކޫލަކަށް ރަނގަޅު ޕްރިންސިޕަލުން އެއީ ވަރަށް މުހިންމު ކަމެއް. ލީޑަރޝިޕް، ކޮލިޓީ ރަނގަޅު، ގިނަ ބަޔަކު ގޮވައިގެން އުޅެވޭ، އެހެން މީހުންގެ އަޑުއެހޭކަހަލަ ކެތްތެރި ޕްރިންސިޕަލުން ނުވަތަ ލީޑަރުން ނުވަތަ ޓީމު ލީޑަރުންނަކީ، ކޮންމެ ކަމެއްވެސް ކާމިޔާބާ ހަމައަށް ވާސިލު ކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ކަންތައް.

އާދެ، މިއަދު އަޅުގަނޑު ޕްރިންސިޕަލުންގެ ކަމަކަށްވާތީ، މި ޙަފްލާގައި ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، ވަކިން ޚާއްޞަކޮށް، ޓީމެއްގައި އިސްކޮށް މަސައްކަތް ކުރާ މީހަކު އާދެ، ޕްރިންސިޕަލުން، އިސްވެރިން އަބަދުވެސް ފެއަރވާންޖެހޭނެ. އަޅުގަނޑުމެންގެ ކުރިމަތީގައި ވަކިބަޔަކު މުހިންމުވެފައި، ސްކޫލްގެ އަނެއްބަޔަކުގެ މުހިންމުކަން ކުޑަވުމަކީ އެއީ އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުން ދައްކައިގެންވާނޭ ކަންތައްތަކެއް ނޫން. އަޅުގަނޑު ކުރީގައިވެސް ދެންނެވިގޮތަށް، އަޅުގަނޑުމެންނަށް ލިސްން ކުރެވެންޖެހޭނެ. މީހުންގެ ޚިޔާލު ހޯދެންޖެހޭނެ، އެހެން މީހުން އަޅުގަނޑުމެންނަށް އިޙްތިރާމު ކުރެވެންޖެހޭނެ.

އާދެ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންނަށް ހަމައެކަނި ހޯދޭ ސަނަދުތަކަކުން، އެ އެޑިޔުކޭޝަން ކޮލިފިކޭޝަންތަކަކުން ހަމައެކަނި އެ މިންވަރުން އަދި ނުފުދޭ. އަޅުގަނޑު ދަންނަވާނީ، އެ ހުރިހާ ސަނަދުތަކަކާއެކުގައިވެސް، މި ދެންނެވި ސިފަތައް، އެހެން މީހުންނާއެކީ މަސައްކަތް ކުރުމުގެ، ޓީމެއް ލީޑްކުރުން، އެހެން މީހުންނާއެކީ ރަނގަޅު މާޙައުލެއް ޤާއިމުކޮށްގެން ކުރިއަށް ދިޔުމުގެ ވިސްނުން ނެތްކަމަށްވަންޏާ، ކިތަންމެވަރަކަށް ކިޔެވިޔަސް، އެމެރިކާއިން ކިޔެވިޔަސް، ޖަޕާނުން ކިޔެވިޔަސް، އޮސްޓްރޭލިޔާއިން ކިޔެވިޔަސް، އެއީކީ އަދި އެންމެ ކާމިޔާބު މީހަކަށް ނުވެވޭނެ. އަޅުގަނޑު މިއަދު ކުރިމަގުގައި، އަޅުގަނޑުމެންގެ ޕްރިންސިޕަލުންނަށްވާން ތިއްބެވި ބޭފުޅުން އަދި މިއަދު އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް އެބަ ފެނޭ ވަރަށް ހީވާގި، ވަރަށް ރަނގަޅު، ވަރަށް ނަތީޖާ ނެރެދެއްވާ މޮޅެތި ޕްރިންސިޕަލުން.

އަޅުގަނޑު ތިޔަބޭފުޅުންނަށްވެސް ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ވިސްނުން ކުޑަކޮށް އެބަޖެހެއޭ، އެހެން ގޮތަކަށް ބަދަލުކޮށްލަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ކުރީގައި ދަންނަވައިފިން، ދެ އަހަރެއްގެ ވާހަކަ. އަދި ދެ އަހަރު، ތިން އަހަރަށް ބަދަލުވެގެންދާ ވާހަކަވެސް. ލައްކަ ފިލާވަޅުތައް، ލައްކަ ކަންތައްތައް، އެކަމެއް ނުފެންނާނެ ކަމަށް ނުވަތަ އެއްވެސްވަރަކަށް ފެނިދާނޭ ކަމަށް އަޅުގަނޑުމެން ޤަބޫލުނުކުރާ އެތައް ކަންތައްތަކެއް އަޅުގަނޑުމެންނާ އައިސް ބައްދަލުކޮށްފި. ވަރަށް ހިތްދަތި، އަޅުގަނޑުމެންނަށް ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް އަޅުގަނޑުމެންނާ ހަމައަށް އައިސްފި.

އެނގިވަޑައިގަންނަވާނެ، އަދިވެސް މިހާރުވެސް، އަޅުގަނޑުމެންނަށް ދުނިޔޭގެ މަސްރަޙު ފެންނަނީކީ އެންމެ ރަނގަޅަކަށް ނޫން. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމެއް ކުރިއެރުން އޮތީ ހަމައެކަނި އަޅުގަނޑުމެންނަށް އުފެދޭ ރަނގަޅު ޖީލަކުން. ހަމައެކަނި އަޅުގަނޑުމެންގެ ތެރޭގައި ޚިދުމަތް ދޭން ތިބި ފަރާތްތަކުގެ އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއި، ކެތްތެރިކަމާއި، ހިތްހެޔޮކަމާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތުން. ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ތެދުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކުން. ކުރީގައި އުޅުނުގޮތަށް، ކުރީގައި ވިސްނުން ހުރިގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބަހައްޓައިފި ކަމަށްވަންޏާ، ފަހުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންނަކަށް މާ ފަސޭހައެއްނުވާނެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި އަޅުގަނޑުމެން ބަދަލުކުރަންޖެހޭ. ޚަރަދުތައް ކުޑަކުރަންޖެހޭ. ބޭކާރު ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާން އެބަޖެހޭ. މިއިން ކޮންމެ ކަމަކީ، އަޅުގަނޑުމެންގެ ސްކޫލްތަކުގެ ތެރޭގައި، އެ ފިލާވަޅުގެ ގޮތުގައި އަޅުގަނޑުމެން ދަރިވަރުންނަށް ދައްކައިދޭ ކަންތައްތައް.

އާދެ، އަޅުގަނޑު ދަންނަވަން އޮތީ، މިއަދު ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނާއި، އަޅުގަނޑުމެންގެ ހުރިހާ މައިންބަފައިންނާއި، މުޅި މުޖުތަމަޢުގެ ހުރިހާ އެންމެން އެކުގައި ކުރީގައި ނުވިސްނާ މިންވަރަށް ވިސްނައި، ކުރީގައި ނުކުރާ މިންވަރަށް މަސައްކަތްކޮށް، އެބަޖެހޭ ރަނގަޅު ޖީލެއް، ޤައުމައިގެން ކުރިއަށްދާނެ، އޭ ގްރޭޑް ޓީމެއް އުފެއްދުމަށްޓަކައި މަސައްކަތްތައް ކުރަން.

އާދެ، މިކަންތައްތަކުގެ އެންމެ ބޮޑު ޒިންމާއެއް، އެންމެ ބޮޑު ޒިންމާއެއް އޮތީ ސްކޫލްތަކުގައި. މުދައްރިސުން، އެ މުދައްރިސުންގެ ކަންތައްތައް ލީޑް ކުރައްވަން ތިއްބަވާ ޕްރިންސިޕަލުން. އެހެންވީމާ، މިކަމާ ގުޅޭގޮތުން ތަންކޮޅެއް ގިނައިން އަޅުގަނޑަށް މި ދެންނެވުނީ. އެއީ، ޙަޤީޤަތުގައިވެސް ދުނިޔެއަށް އަޅުގަނޑުމެންނަށް ފެނިގެންމިދާ ގޮތްތަކުން ހަމަ އެކަންތައްތަކަށް ސަމާލުވާންޖެހޭވަރުވެސް ބޮޑުކަމުން.

އާދެ، މިނިސްޓަރު ވިދާޅުވިގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިހާރު މި ކުރިއަށް ގެންދެވޭ ޕްރޮގްރާމް ރާއްޖޭގައި ގިނަ ސްކޫލްތަކެއްގައި ހިންގުން. އަދިވެސް ހަމަ ބޭނުންވޭ ޕްރިންސިޕަލުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އުންމީދުކުރަނީ މީގެ ދެވަނަ ބުރެއް، މި އަހަރު ފަހުކޮޅުގައި އެންމެ ލަސްވެގެން އަނެއްކާވެސް އިޢުލާނު ކުރެވޭނެ ކަމަށް. އުންމީދަކީ ކުރިއަށް އޮތް އަހަރާއެކީ، ގިނަ ޢަދަދެއްގެ ޕްރިންސިފަލުން ތަމްރީނު ކުރުމަށްޓަކައި ޕްރޮގްރާމް އިތުރުވެގެންދިޔުން.

އާދެ، މިއަދު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ހަމަ އެ ސިޔާސަތުގެ ތެރެއިން މިއޮތީ ވަށާޖެހޭ ތަޢުލީމަކަށް ދަތުރުކުރުން. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ ކުރީގައިވެސް އަޅުގަނޑު ދެންނެވިގޮތަށް، މުޅި ސްކޫލްގެ ކަރިކިއުލަމް ތަންފީޛު ކުރުމުގައި، މި ދެންނެވި ގޮތަށް ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް. އަދި ހަމަ އެއާއެކު، ކުދިން މަސައްކަތްތެރިކަމަށް އަށަގެންނެވުމަށްޓަކައި، އަހުލުވެރިކުރުމަށްޓަކައި ކުރެވިގެންދާ ގިނަ މަސައްކަތްތަކާއެކު، މި ދެންނެވިފަދަ ކާމިޔާބީތަކެއް އަޅުގަނޑުމެންނަށް ހޯދިގެންދާނެކަން.

އާދެ، އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން މި ހުރިހާ ވާހަކަތައް ދައްކާއިރުވެސް، މުދައްރިސުންނަށް އަދި ޕްރިންސިޕަލުން، ސްކޫލްގައި މަސައްކަތް ކުރާ ފަރާތްތަކަށް ގިނަ ދަތި ކަންތައްތަކެއް އެބަހުރިކަން. އަޅުގަނޑުމެންނަށް ރާއްޖޭގައި ހުރިހާ ސްކޫލްތަކަކަށްވެސް ދެވޭ.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ ކަމަކީ، ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވައި، އެ މަނިކުފާނު ސީދާ ރައްޔިތުންނާއި އަދި މުދައްރިސުންނާ ބައްދަލުކުރައްވައި، ހުރި ދަތި ކަންތައްތައް އޮޅުންފިލުއްވައި، އެ ކަންތައްތައް ހަމަޖައްސަވައިދެއްވުން. މުޅި ސަރުކާރުވެސް އޮތީ އެގޮތް. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް އަބަދުވެސް ރަށްރަށަށް ދަތުރުކޮށް، އެ ދިމާވެގެން އުޅޭ ކަންތައް ސީދާސީދާ އަޅުގަނޑުމެންގެ ލޮލުން، އަޅުގަނޑުމެންގެ ކަންފަތުން ސީދާ އަޑުއެހުމުގެ ކަންތައްތަކާއިގެން ކުރިއަށްދާނެ މީހެއް. މިއިން ކޮންމެ ކަމެއްގެވެސް ބޭނުމަކަށް މިވަނީ ކަންތައްތައް ފުރިހަމަކޮށްދިނުން.

އާދެ، ދަތި ކަންތައްތަކާއެކުވެސް ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދަވާތީ، އަޅުގަނޑުމެން އެކަންތައް ހަމަ ފާހަގަކުރަން. އަޅުގަނޑު ދަންނަވާލަން އޮތީ، ސްކޫލްތަކަށް ދިމާވެފައި ހުރި އެކި ކަންތައްތައް މިހާރު މިދާ މަސައްކަތުގެ ރޭޓާ އެއްކޮށް، ތަރައްޤީއަށް މި ކުރެވޭ މަސައްކަތުގެ ރޭޓާއެކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އެކަހަލަ ކަންތައްތައްވެސް އަޅުގަނޑުމެންނަށް ޙައްލުކުރެވިގެންދާނެއޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި ސްކޫލްތަކުގައި އަދި ވަކިން ޚާއްޞަކޮށް، މުޅި ތަޢުލީމީ ނިޒާމުގައި ހުއްޓުމެއްނެތި ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، މިނިސްޓްރީން ފެށިގެންގޮސް، ހުރިހާ ސްކޫލްތަކުން ޕްރިންސިޕަލުންނާއި އަދި މުދައްރިސުން އެ ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، އަޅުގަނޑުމެންނަށް މިފަދަ ޕްރޮގްރާމެއް، އާދެ، ކޯޕަރޭޓް ސްކޮލަރޝިޕްގެ ތެރެއިން އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވާ ކުންފުނިތަކަށާއި، އެހެނިހެން ފަރާތްތަކަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އެފަރާތްތަކުން ކޮށްދެއްވާ ކަންތައްތައް ފާހަގަކޮށް، އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންއެކީ ގުޅިގެން ކުރާ މަސައްކަތުން، ރާއްޖެއަށް އިތުރު ކާމިޔާބީއާއެކު ތަރައްޤީ ލިބިގެންދިޔުން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ މާތް މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބު ހޯދުމަށްޓަކައި ކުރައްވާ މަސައްކަތުގައި ހެޔޮ ތައުފީޤު ލައްވައި، އެކަމައިގެން ކުރިއަށްދިޔުމުގެ ހުރިހާ ގޮތްތަކެއް އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.