ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ނެތްކަން އެއީ، ސަރުކާރަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އިންޑިޔާގެ ނިއުދިއްލީއަށް މިއަދު ފެށްޓެވި ރަސްމީ ދަތުރުފުޅުގައި، ސިންގަޕޫރުގެ "ދަ ސްޓްރެއިޓް ޓައިމްސް"އަށް މިއަދު ހަވީރު ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެއްވި ބަސްދީގަތުމުގައި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ އާދަޔާ ޚިލާފް ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މެދުވެރިވަމުންދާ ނުރައްކާތަކަށާއި، ސަލާމަތީ އިންތިޒާމްތަކަށް އައިސްފައިވާ ބަދަލަށް ރައްޔިތުން ހޭނި، އަދި ތައްޔާރީ ހާލަތުގައި ތިބެ، ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ނިޒާމެއް އޮތުމުގެ މުހިންމުކަމާ ދޭތެރޭގައި މީގެ އަހަރުތަކެއް ކުރީއްސުރެވެސް އެމަނިކުފާނު ވިސްނާވަޑައިގަންނަވަމުން ގެންދަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، "ދަ ސްޓްރެއިޓް ޓައިމްސް"އަށް ދެއްވި ބަސްދީގަތުން އޮތީ، އެމަނިކުފާނު ދިއްލީގައި ހުންނެވި ހޮޓެލްގައެވެ.

ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުތަކުގެ ތެރެއިން އެއްވަޢުދެވެ.