بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަޙްމަދު، މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ފައުޒީ، ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާޠިރު ޢަބްދުއްރަޙްމާން، އަދި އެޗް.ޑީ.ސީ.ގެ އިސްވެރިންނާއި، މިފްކޯގެ އިސްވެރިން އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން އަދި ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ފާހަގަކޮށްލާނީ، މީއީ ވަރަށް މުހިންމު މަސައްކަތެއްކަން. މިއަދު މި ފެށިގެންދާ މި ޚިދުމަތުގެ ސަބަބުން އަޅުގަނޑު ޤަބޫލުކުރަނީ ޚާއްޞަކޮށް، ކަންނެލި ޖެޓީގައި އެކިގޮތްގޮތުން ޚިދުމަތް ހޯދަމުންދާ ނުވަތަ މިތަނުގައި މަސައްކަތް ކުރައްވާ ހުރިހާ މަސްވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް.

ތަންކޮޅެއް ލަސްވެގެންދިޔަނަމަވެސް އަޅުގަނޑު ދަންނަވާނީ، މީއީ ކުރަން ވަރަށް މުހިންމު ކަމެކޭ. އާދެ، އެނގިވަޑައިގަންނަވާނެ، މަސްވެރިކަމަކީ އެއީ އަޅުގަނޑުމެން ކޮންމެ ޙާލަތެއްގައި ތިބި ނަމަވެސް، އަދި ޤައުމު، ކޮންމެފަދަ ޙާލަތެއްގައި އޮތްނަމަވެސް، މެދުކެނޑުމެއްނެތި ހިނގަމުންދާ ކަމެކޭ.

އެނގިވަޑައިގަންނަވާނެ، މި ކޯވިޑުގެ އެންމެ ދަތި އުނދަގޫ ދުވަސްވަރުގައިވެސް، ހުރިހާ ވިޔަފާރިތަކެއް ގާތްގަނޑަކަށް ހަމަ ވަރަށް ބޮޑަށް ހުއްޓިފައި ހުރި ވަގުތުގައިވެސް، މަސްވެރިކަމުގެ ޞިނާޢަތުގައި، މަސްވެރިކަމުގެ އެ ދާއިރާގައި، އެ މަސައްކަތް ދިޔައީ ވަރަށް ބާރަށް ހިނގަމުން. އަޅުގަނޑު ދަންނަވާލާނީ އެއީ ވަރަށް ބުރަ ކަމެކޭ. ވަރަށް ހީވާގިކަމާއެކު މަސްވެރިން ރެޔާދުވާލު މަސައްކަތް ކުރަމުން އެ ދަނީ.

އަޅުގަނޑުމެންގެ މި ސަރުކާރުގެ އަބަދުވެސް ސިޔާސަތަކީ ޚާއްޞަކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން. މި ހުރިހާ ކަމެއް ކުރަމުންދާއިރު އަޅުގަނޑު ދަންނަވާނީ، ދިވެހި ސަރުކާރުގެ އަމާޒެކޭ، މަސްވެރިންނަށް ފަސޭހަ ރަނގަޅު ގޮތްތައް އަބަދުވެސް ހޯދައިދިނުން.

އާދެ، މިއަދު މި ފެށިގެންމިދާ ކަންތައްތަކުގެ ސަބަބުން މަސްވެރިންނަށް ލުއިފަސޭހަތަކެއްދާނެވެގެން. އަޅުގަނޑުމެން މީގައި ޤަބޫލުކުރަންޖެހޭނެ ކަންތައްތަކެއް އެބަހުރި. ހިތްހަމަނުޖެހުންތަކެއް އެބަހުރި. ވަކިވަކި މީހުންނާއި އަދި މަސްވެރިންވެސް ފާހަގަކުރާނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެންގެ ކަންތައްތައް އަބަދު ކުރިއަށް ގޮސްފައި އޮތީކީ ހުރިހާ ކަމެއް ބަރާބަރަށް ޕްލޭން ކުރެވިގެން، ރޭވިގެނެއް ނޫން. އެ ވާހަކަ އަޅުގަނޑު ކުރީގައިވެސް މި ދެންނެވީ. އެހެންވީމާ، މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ވަރަށް ބޮޑަށް ރޭވިގެން، ޕްލޭން ކުރެވިގެން ކަންތައްތައް މިދަނީ. އޭގެ ހެޔޮ ނަތީޖާ ފެންނާނެ. ވަކިވަކި ޢާއިލާތަކަށާއި، މުޅި ޤައުމަށް އޭގެ ރާޙަތް، އޭގެ ފައިދާ ކުރާނެކަމާމެދު ހަމަ އެއްވެސް ޝައްކެއްނެތް.

އަޅުގަނޑު މިއަދު ޚާއްޞަކޮށް، އެޗް.ޑީ.ސީ.ގެ އެންމެހައި ބޭފުޅުންނަށް ދަންނަވާލަން އޮތީ، މި ސަރަޙައްދަށް ޕްލޭން ކުރެވިފައިވާ ކަންތައްތައް އަވަސްކުރަންޖެހޭ ވާހަކަ. މިތަނުގައި މިއަދު ކުޑަ ކަމެއްގެ ގޮތުގައި މިކަންތައް ފެށިގެންދާއިރު، މިއަށްވުރެ މާ ބޮޑެތި ކަންތައްތައް ރޭވިފައި މިހިރި. އެހެންވީމާ، އެ ކަންތައްތައް ލަސްނުކޮށް އަޅުގަނޑުމެން ފަށައިގަންނަން އެބަޖެހޭ. މި ސަރަޙައްދުގައި ފަސޭހަކަމާއެކު ތަކެއްޗަށް ވަދެ ނުކުމެވޭނެ ގޮތްތަކާއި، އަދި އެނޫނަސް މަސްވެރިކަމުގެ މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަން ހޯދައިދިނުމަށްޓަކައި ރޭވިފައި ހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދަން އެބަޖެހޭ.

އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، މިއަދު ހިތްހަމަނުޖެހިގެން މީހުން ފާޅުކުރާ ޚިޔާލުތައް، އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެކަން. އެ ކަންތައްތައް އަޅުގަނޑުމެން ބަލައިގެން، ކަންތައްތައް ރަނގަޅު ކުރުން އަޅުގަނޑުމެންގެ އަބަދުވެސް މިޞްރާބަކަށް، އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނެ.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވޭ، ހުޅުމާލެ އާ ސިޓީއެއްގެ ގޮތުގައި ތަރައްޤީވެގެންދާއިރު، ހުޅުމާލޭގައި ވަރަށް ގިނަ ކަންތައްތަކެއް މިހާރުވެސް ކުރެވެމުން އެބަދެއޭ. އެކިއެކި ދާއިރާތަކަށް އަމާޒުކުރެވިގެން ކަންތައްތަކެއް ކުރެވިގެން އެބަދެއޭ. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެންމެފަހުން ރައްޔިތުންގެ މަޖިލިސް ހުޅުވިގެންދިޔަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައި، ޚާއްޞަކޮށް، މާލޭ ސަރަޙައްދުގައި މާލޭގެ ރަށްވެހިންނަށް ގޯތީގެ ވާހަކަ.

އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އެއް ވާހަކަ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ވިސްނޭ މީހުން، މީހުންގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުން ހުއްޓާލަންޖެހޭ ވާހަކަ. އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް، އެއީ އަދި ކުރީގައި އެ ބާރު އަތުގައި އޮވެގެން، އެކަންތައްތައް ކުރެވިފައި ނެތް ނަމަވެސް، މިއަދުވެސް ރައްޔިތުންނަށް ހެޔޮގޮތްތައް އެދޭނަމަ، އެކަމެއް ކުރެވޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ. ފިތުނަ ފަސާދަ އުފެއްދުމާއި، ރުޅިވެރިކަން އުފެއްދުމަކީ އެއީ އަޅުގަނޑުމެން ދޫކޮށްލަންޖެހޭނެ ކަންތައްތައް. އަޅުގަނޑު ދަންނަވާލަން އޮތީ އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެ ކަންތައްތައްވެސް ކުރާނެއޭ.

އަދި މިއަދު، ހުޅުމާލެ ޚާއްޞަކޮށް، ފޭސް 2 ގައި ވަޒަންވެރިވެގެން ވަރަށް ގިނަ ބަޔަކު ދިރިއުޅެން ފަށައިފި. އެ ފަރާތްތަކަށް ފަސޭހަވާނެ ކަންތައްތައް، އިތުރު ކަންތައްތަކެއް މިހާރުވެސް ދަނީ ރޭވެމުން. އެ ކަންތައްތައް ކުރިއަށްދާނެ، އަޅުގަނޑުމެންގެ މި ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރު މިއައީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އިރާދަކުރެއްވިއްޔާ، އެކަމުގައި އަޅުގަނޑުމެން ދެމިތިބޭނަން.

އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި އަޅުގަނޑުމެން ހަމަ ދޫކޮށްލާނޭ އެއްވެސް ކަމެއް ނޯންނާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އޭގެ އިތުރަށްވެސް، އަޅުގަނޑުމެންގެ ވަރަށް ބޮޑު ބޭނުމަކަށްވި، ވަރަށް ބޮޑު އަމާޒަކަށްވި، ޚާއްޞަކޮށް، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފަރުވާ ލިބެނޭ ގޮތްތަކެއް. އާދެ، ހުޅުމާލެއިން، ހުޅުމާލޭ ހޮސްޕިޓަލުން ރަނގަޅު ފެންވަރުގެ ފަރުވާލިބޭނޭ ތަނެއް ބިނާކޮށް، އެ މަސައްކަތް ފެށުން. މިއަދު އަޅުގަނޑު ދަންނަވާލަން އޮތީ، މިހާރު ވަނީ ޒަމާނީ ފެންވަރަށް، ދުނިޔޭގެ ފެންވަރުގެ ތަނެއް ތައްޔާރުކުރެވިފައި. އަޅުގަނޑުމެން މިހާރު ވަނީ ހުޅުވަން ތައްޔާރުކޮށްފައި. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ ފަސޭހަތަކެއް، ފިނިކަމެއް އެ ޢާއިލާތަކަށް ލިބިގެންދާނެ.

އާދެ، ނިންމާލަމުން އަޅުގަނޑު ދަންނަވާލަން އޮތީ، މި ދެންނެވި ކަންތައްތައް ކުރުމުގައި، ވަޢުދު ފުއްދުމުގައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އިރާދަކުރެއްވިއްޔާ، މި ސަރުކާރު މެދުނުކެނޑި މަސައްކަތްތައް ކުރާނެއޭ. އެނގިވަޑައިގަންނަވާނެ، ވަރަށް ދަތި އުނދަގޫ ކަންތައްތަކެއްގައި މިދިޔައީ. ކައިރި ޤައުމުތަކާއި، ދުރު ޤައުމުތަކަށް ބަލައިލިނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ، ދިމާވި ކަންތައްތަކާ ހެދި ހަމަ މުޅިން ހުއްޓި، ޤައުމުގެ ބޯޑަރު ބަންދުވުމާއެކު، އެއްކޮށް ހުއްޓިގެން އަދިވެސް ނުހުޅުވިގެން އުޅޭތަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އާދެ، އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެކު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިވަނީ ޤައުމު ހުޅުވައިލެވި، އާންމު ޙާލަތަކަށް ރުޖޫޢަވުމުގެ މަގުމަތީގައި. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުން. ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ގަދައަޅައި އެންމެން އެކުގައި މަސައްކަތް ކުރުން. މަސްވެރިކަމުގެ ޞިނާޢަތަށްވެސް އިރާދަކުރެއްވިއްޔާ، އެ ކުރިއެރުން އަންނާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނަށް ރެޔާދުވާލު ކުރައްވާ ބުރަ މަސައްކަތުގައި، އެ މަސައްކަތައިގެން ކުރިއަށް ދިޔުމުގެ ހެޔޮ ނަޞީބު އެ ހުރިހާ ފަރާތްތަކަށް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.