بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، ސެޓަލައިޓް ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުން، ތުޅާދޫ އަދި ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން، ވ. އަތޮޅު ކައުންސިލް އަދި ބ.ފެހެންދޫ، ވ. ތިނަދޫ، އަދި ވ. ރަކީދޫ ކައުންސިލްގެ މެންބަރުން، ހީވާގި މުދައްރިސުން،ލޮބުވެތި ދަރިވަރުން އަދި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު މި ފެށިގެން މިދަނީ ޖަޒީރާ ތަރައްޤީގެ މުޅިން އާ ފެށުމެއް. އާދެ، މިއަދު މި ފެށޭ، މި މުހިންމު ޕްރޮގްރާމްގެ ސަބަބުން ޚާއްޞަކޮށް، އަޅައިނުލެވި ދޫކޮށްލެވިފައި މިއޮތް ކުދި ޖަޒީރާ، މި ތިން ރަށުގެ ދަރިވަރުންނަށާއި އަދި ބެލެނިވެރިންނަށް އާ އުންމީދުތަކެއް ލިބިގެންގޮސްފި. އާދެ، ބާރަވަރަކަށް އަހަރު ވަންދެން ރަށުގައި ތިބެގެން ތަޢުލީމު އުނގެނުމުގެ ފުރުޞަތުން މަޙްރޫމުވެފައި މިވާ ދަރިވަރުންނަށް މިއަދު މި ލިބުނު ފުރުޞަތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ.

އާދެ، ތަޢުލީމު އުނގެނުމުގެ ޙައްޤަކީ އެއީ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް، ދިވެހި ދަރިންނަށް ލިބިފައިވާ ޙައްޤެއް. އާދެ، މިކަންތަކުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ ދިވެހި ސަރުކާރުން، ވަކިން ޚާއްޞަކޮށް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ތަޢުލީމީ ދާއިރާ ފުޅާކުރުމަށްޓަކައި، ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތް.

އާދެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ، އާދެ، ސަރުކާރުގެ މި ވަޢުދު ފުއްދައިދެއްވިކަމަށްޓަކައި،މި މަސައްކަތްތައް ކުރެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، މި ތިން ރަށުގެ ދަރިވަރުންނަށާއި ބެލެނިވެރިންނާއި އަދި އެންމެހައި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި، މި ރަށްތަކުގެ ބެލެނިވެރިން، ދަރިވަރުން އުފުލި ތަކުލީފް. ކިތަންމެ ކަނޑުގަދަވިޔަސް، ބޯވިއްސާރަ ވާރޭގައި، އެ ކުރަންޖެހުނު ދަތުރުތައް. އެ ކަންތައްތައް މަތިން އަޅުގަނޑުމެން ހަނދާން އެބަހުރި. އާދެ، އަޅުގަނޑު ދަންނަވާނީ، މިއޭ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަކީ. ވަކިން ޚާއްޞަކޮށް، ދަރިވަރުންނަށް އަޅައިލުމަކީ މިއީއޭ.

އެނގިވަޑައިގަންނަވާނެ، މުޖުތަމަޢެއް ބިނާވުމަށްޓަކައި، ޤައުމެއް ތަރައްޤީވެގެން ދިޔުމަށްޓަކައި އެންމެ މުހިންމު ކަމަކަށް މިވަނީ ތަޢުލީމު ފޯރުކޮށްދިނުން. ތަޢުލީމީ ނިޒާމު ވަރުގަދަވެގެންދިޔުން. އާދެ، އަޅުގަނޑުމެން މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބަލައިފި ކަމަށްވަންޏާ، ތަޢުލީމީ ނިޒާމު ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ހަމައެކަނި އޮތީކީ އުމްރާނީ ތަރައްޤީ ގެނައުން އެކަންޏެއްނޫން.

އާދެ، މިހާރުވެސް އަޅުގަނޑުމެންނަށް ތިން އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ސާޅީސްވަރަކަށް ޕްރޮޖެކްޓް، ސްކޫލްތަކުގެ މަސައްކަތްތައް މިވަނީ ނިންމާލެވިފައި. އަދި ހަމަ އެއާއެކު، ފަންސާސްވަރަކަށް ޕްރޮޖެކްޓް މިވަގުތުވެސް ބާރަށް ހިނގަމުން އެބަދޭ. ބާކީ އަދި އެތައް ޕްރޮޖެކްޓްތަކެއް ހަވާލުކުރެވުމުގެ މަރުޙަލާގައި އެބަހުރި.

އާދެ، މިއާ އެކުއެކީގައި، ސަރުކާރުން ކުރެވެމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ، ފެންވަރު ރަނގަޅު ޓީޗަރުން ބިނާކުރުމުގެ މަސައްކަތްތައް. އަދި ހަމަ މިއާއެކު، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ޕްރިންސިޕަލުން އުފެއްދުމުގެ ޚާއްޞަ ޕްރޮގްރާމެއްވެސް ފެށިގެންދާނެ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. މިއަދު މި ފެށިގެންމިދާ މި ޕްރޮގްރާމްގައި އާދެ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފާހަގަ އެ ކުރެއްވި ގޮތަށް، ވަސީލަތްތައް މިވަނީ ޤާއިމުކުރެވިފައި. ކުރީގައި ލިބިފައި ނެތް މި ފުރުޞަތު އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމައަށް ލިބިގެންދާއިރު، އެކަމުގެ ފަސޭހަކަން އިންތިހާދަރަޖައަށް ލިބިގެންދާނެ. އާދެ، މިއިން ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި ސަރުކާރުގެ އެންމެ މައިގަނޑު ސިޔާސަތެއްގެ ގޮތެއްގައި މިއޮތީ ޖަޒީރާ ތަރައްޤީ. އާދެ، އެކަން ފެށިގެން މި އަންނަނީ ތަޢުލީމުން. ތަޢުލީމީ ނިޒާމުގެ ތެރެއިން. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތުގެ ތެރެއިން މި ކުރެވޭ މަސައްކަތަކީ، ތަޢުލީމީ ދާއިރާ ފުޅާކުރުމާއި، ހަމަ އެއާއެކު، ރަށުގައި ތިބެގެން ބޭނުންވާ އެކިއެކި ވަސީލަތްތައް ލިބިގަތުން. އާދެ، މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައިވެސް ހުއްޓުމެއްނެތި މި ދާއިރާ ފުޅާކުރުމަށާއި އަދި ޞިއްޙީ ދާއިރާ ހަރުދަނާކޮށް ފުޅާކުރުމަށާއި، ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން.

އާދެ، މުޅި ދުނިޔެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި، މުޅި ދުނިޔެ ހުއްޓިފައި އޮތްއިރުވެސް، ރާއްޖޭގެ ބޯޑަރު ބަންދުކުރެވިފައި އޮތްއިރުވެސް، ކުރެވުނު މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. އާދެ، ވަކިން ޚާއްޞަކޮށް، މިދިޔަ ދުވަސްތަކުގައި ޓީޗަރުން އެ އުފުއްލެވި ބުރަ އަޅުގަނޑު ފާހަގަކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެންމެހައި ބޭފުޅުންނަށާއި އަދި ވަކިން ޚާއްޞަކޮށް،  ކޯވިޑުގެ ދުވަސްވަރުގައި ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ޓީޗަރުން އެ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، ޓީޗަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ޓީޗަރުންގެ ހިތުގައި ދަރިވަރުންނާ ދޭތެރޭގައި އެ އުފެދިފައި އޮތް ލޯބި ފާހަގަކޮށް، ޓީޗަރުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދަތި އުނދަގޫ ދުވަސްވަރެއްގައި އަޅުގަނޑުމެން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތުއްތުކުދިންނަށް، އަޅުގަނޑުމެންގެ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން ބޭނުންނުވާ ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރެއަށް ވަންނަމުން އެބަދޭ. އާދެ، އެކި ނަންނަމުގައި، އެކި ގޮތްގޮތުގައި ހިންގާ ހަރަކާތްތައް ސްކޫލާ ހަމަޔަށް ދިޔުމަކީ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ، އެކަމާ ވަރަށް ހިތާމަކުރާ ކަމެއް.

އާދެ، ޓީޗަރުންނަށް، އެކިގޮތްގޮތުން ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން، ނުތަނަވަސްކަން އުފެއްދުމަށްޓަކައި އެކުރާ މަސައްކަތަކީ އެއީ އަޅުގަނޑުމެން އެކަމެއް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް. އެނގިވަޑައިގަންނަވާނެ، މުޖުތަމަޢުގެ ތެރޭގައި ސްކޫލްތަކުގައި މިތިބީ އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދަރިން. އެހެންވީމާ، އަޅުގަނޑު އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަން، ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް މިކަހަލަ ކަންތައްތައް ނުވައްދަން. ދަރިވަރުންގެ ތަޢުލީމަށް އަދި ވަކިން ޚާއްޞަކޮށް، ތުއްތުކުދިންގެ ތަޢުލީމަށް ހުރަސްއެޅޭނެފަދަ ކަންތައްތައް ނުކުރުމަށް، އަޅުގަނޑު މިފަދަ ފަރާތްތަކަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، މިހާ ފުރިހަމައަށް މި މަސައްކަތް މިއަދު ފެށްޓެވީތީވެ، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށާއި އަދި ކައުންސިލްތަކުގެ މެންބަރުންނަށާއި އަދި މި ތިން ރަށުގެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ އެދުމަކީ، އަޅުގަނޑުމެންނަށް މިއަދު މި ފެށިގެންމިދާ މި ޕްރޮގްރާމްގެ ތެރެއިން އިރާދަކުރެއްވިއްޔާ، ދަރިންނަށް ހެޔޮގޮތްތަކެއް މިންވަރުކުރެއްވުން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަދަށްވުރެ ފެހި ފާގަތި ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ދަރިންނަކީ، ޝާމިލުކުރަނިވި ވެށްޓެއްގައި ހަމަހަމަ ފުރުޞަތެއް ލިބިގެންވާ ދަރިންގެ ގޮތުގައި ލެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.