ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ ވާންގް ޔީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ، މިއަހަރު މީ ރާއްޖޭއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަން ހާމަކުރައްވާފައެވެ. އަދި، ދެބޭފުޅުން ވަނީ މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި އެކަމާއި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި އަހަރު މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރޭ އަހަރުކަމުގައި ވިޔަސް، ސިލްކް ރޯޑްގެ ސަބަބުން ދެ ޤައުމުގެ ގުޅުން 600 އަހަރު ކުރިޔަށް ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި، ޗައިނާގެ ފޮރިން މިނިސްޓަރ ވަނީ އެ ޤައުމުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެހެން ޤައުމުތަކުގެ ސިޔާދަތައް ކުރާ އިޚްތިރާމްގެ މައްޗަށްކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައާއި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަރުކާރަށް މިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮވިޑްދިފާޢު ވެކްސިން ކެމްޕެއިނަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ސައިނޯފާމް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވިކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުން، މިއަދު ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ޗައިނާގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ގުޅިގެން އެކުގައި މަސައްކަތްކުރާނެކަމުގައި ތަކުރާރުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޫބަރު 1972 ގައެވެ.