بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މޯލްޑިވިއަންގެ އެމް.ޑީ. މުޙައްމަދު މިހާދު، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޢާއިޝަތު ނަހުލާ، ބޯޑް ޗެއަރ ޑޮކްޓަރ އަޙްމަދު ޝަމްހީދު، ޔުނިވަރސިޓީގެ އިސްބޭފުޅުންނާއި އަދި މޯލްޑިވިއަންގެ އިސްބޭފުޅުން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި ޚާއްޞަކޮށް، މޯލްޑިވިއަންގައި މަސައްކަތް ކުރައްވާ އިސްބޭފުޅުން، އަދި އަޅުގަނޑުމެންނަށް މިއަދު އެންމެ ޚާއްޞަވާ މިއަދު
މި ފެށޭ މި ކަންތަކުގައި، ފްލައިންގ އޭވިއޭޝަން ސްކޫލްގެ ބައިވެރިންގެ ގޮތުގައި ބައިވެރިވާ އެންމެހައި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ދަންނަވާލާނީ، މިއަދު ތިޔަބޭފުޅުންނާއެކީ މިކަމުގައި ބައިވެރިވެވޭކަމީ އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެކޭ. އެހެނީ މި ސްކޫލް ފެށުމުގެ މަސައްކަތް ޚާއްޞަކޮށް، މޯލްޑިވިއަންއާއެކު ކުރެވެމުންދާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރުން މިފަދަ ކަމެއް ފަށަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު. އާދެ، ރާއްޖޭގައި މިފަދަ ޕްރޮގްރާމެއްގައި ވޭތުވެދިޔަ އަހަރުތަކުގައި ބައިވެރިވެފައި ތިބި އެތައް ދަރިވަރުންތަކަކަށް، ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވަމުންދިޔައީ. ހަމައެއާއެކު، މި މުޅި ރާއްޖެއަށް ބަލައިފި ކަމަށްވަންޏާ، ދަތުރުފަތުރުގެ ނިޒާމު މިވަނީ މުޅިން ބަދަލުވެފައި. އެހެންވީމާ، މި ދެކަންތަކަށް ބަލާއިރުވެސް ރާއްޖޭގައި މި ދާއިރާއިން މީހުން ބިނާވެގެންދިޔުމަކީ އެއީ ސަރުކާރުގެ ތަރައްޤީގެ، ޤައުމުގެ ތަރައްޤީގެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތައް.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިސްކަން މި ދެއްވަނީ، ޤައުމަށް ބޭނުންވާ އެންމެ މުހިންމު ދާއިރާތަކަށް މީހުން ބިނާކުރެއްވުމަށް. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކަންތައްތައް. އާދެ، ޕައިލެޓުން، އިންޖިނިއަރުން، ޑޮކްޓަރުން، އަދި ވަކިން ޚާއްޞަކޮށް، ކުރީގައި ވިސްނާފައި ނެތް ދާއިރާތަކަށް އިސްކަންދެވިގެން މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން، މެންޓަލް ހެލްތު ދާއިރާއިންނާއި، ތެރަޕިއުޓިކް ދާއިރާއިންވެސް، އަދި އެޑިޔުކޭޝަނަލް ދާއިރާއަށް ބޭނުންވާ މުހިންމު މީހުން، މުހިންމު ފަރާތްތައް، ތަމްރީނު ކުރުމުގެ، އުފެއްދުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި އަޅުގަނޑުމެންނަށް މިއަދު އެބަ ކުރިއަށް ގެންދެވޭ. އާދެ، މީހުން ބިނާކުރުމުގެ ދާއިރާއަކީ އަޅުގަނޑު މި ދެންނެވި ގޮތަށް، މުޅި ސަރުކާރުގެ އެންމެ އިސް ސިޔާސަތުގެ ގޮތުގައި އެންމެބޮޑު ހޭދައެއްވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދާއިރާ.

އާދެ، އަޅުގަނޑުމެން އޭވިއޭޝަން ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖެ މިވަނީ ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، ދަތުރުފަތުރުގެ ނިޒާމަށް، ދަތުރުފަތުރު ކުރުމުގެ ކަންތައްތަކަށް މުޅިން އާ ގޮތްތަކެއް، މުޅިން އިންޤިލާބީ ބަދަލުތަކެއް އައިސް، އަދި އިތުރަށް ފުޅާވުމުގެ މަގުމަތީގައި. ދިވެހިރާއްޖޭގެ އަތޮޅުތަކަށް ބަލައިފި ކަމަށްވަންޏާ، ކޮންމެ އަތޮޅަކަށްވެސް، އެއަރޕޯޓުތަކަށް އުދުހިގެން މިހާރު އެބަދެވޭ. ރާއްޖޭގެ ރިޒޯޓުތަކަށް ބަލައިފި ކަމަށްވަންޏާ، ސަތޭކަ ފަންސާހަށްވުރެ ގިނަ ރިޒޯޓް މިހާރުވެސް އޮޕަރޭޝަންގައި އޮތްއިރު، މި ތަންތަނަށްވެސް ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތައް މި ގެންދަންޖެހެނީ، މީގެ ތެރެއިން ބޮޑުބައެއް މި އުފުލަނީ މި ދެންނެވި ގޮތަށް.

އެހެންވީމާ، މި ހުރިހާ ކަމަކާ އަޅުގަނޑުމެން ވިސްނާލާއިރު، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި، މި ދާއިރާއިން މީހުން ބިނާވެގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް. ސަރުކާރުން ބާރު ސްޕީޑެއްގައި އެއަރޕޯޓުތައް އެޅުމާއި، މި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރއަށްދާއިރު، އެ ކަންތައްތައް ހިންގާނެ މީހުން، އިސް ސަފުގައި މަސައްކަތް ކުރާނެ ޓެކްނިކަލް ފަރާތްތައް ތިބުމަކީ، އަޅުގަނޑުމެން ފެސިލިޓީތައް ޤާއިމުކުރާއިރު، އެއާ އެއްވަރަކަށް ކުރަންޖެހޭނެ ކަމެއް.

އާދެ، އެނގިވަޑައިގަންނަވާނެ، މިހާރު ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާ ސްޕީޑް. ޚާއްޞަކޮށް، އަޅައިނުލެވި ހުރި ދާއިރާތަކަށް ސަމާލުކަންދެވިގެން، މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް، ހުރިހާ އަތޮޅުތަކެއްގައި ކަންތައްތައް ކުރެވޭ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

އާދެ، މިފަދަ ޕްރޮގްރާމެއް ފެށިގެންދާއިރު، އަޅުގަނޑު ހަމަ ފާހަގަކުރަން، ރާއްޖޭގެ އަމިއްލަ ފަރާތްތަކުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން އެބަދޭ. ހުރިހާ ދާއިރާއަކުން އަޅުގަނޑުމެން ބަލައިލިނަމަވެސް، މީހުން ބިނާކުރުމާއި، މީހުން ތައްޔާރުކުރުމާ، މި ކަންތައްތައް ކުރިއަށް އެބަދޭ.

މިއަދު އަޅުގަނޑު ޚާއްޞަކޮށް، ދަރިވަރުންނަށް ދަންނަވާލަން އޮތީ ތިޔަބޭފުޅުން، ތިޔަކުދިން މިއަދު އެ ދަސްކުރާ އެއްޗެއްގެ އެންމެ ފުރިހަމަ ބޭނުންހިފަންޖެހޭނެއޭ. ތިމާއަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކަށްވާނީ އަމިއްލަ މަސައްކަތްކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވެހުރެ، ތިމާގެ ޢާއިލާއާއި އަދި ރައްޓެހިންނާއި އަދި ޤައުމަށްޓަކައި ކަންތައްތަކެއް ކޮށްދެވުމޭ. ފުރުޞަތުތައް އޮތީ ޙަޤީޤަތުގައިވެސް ވަރަށް ފުޅާކޮށް. ދިވެހިންނަށް ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައިވެސް ޚާއްޞަކޮށް، މި ދާއިރާގެ ފުރުޞަތުތައް ހުރިކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން.

އެނގިވަޑައިގަންނަވާނެ، ދިވެހިންނަކީ ވަރަށް ތޫނުފިލި ބައެއް. ވަރަށް ފަސޭހައިން ކަންތައްތައް ދަސްކުރާ ބައެއް. އެއީ ކިޔަވާ ދަރިވަރުންނަށްވިޔަސް، އަދި އެކި ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށްވިޔަސް، އަބަދުވެސް ދިވެއްސެއް އެތަނުގައި ހުރިކަމަށްވަންޏާ ފާހަގަކޮށްލެވޭ. އެހެންވީމާ، އެ ވިސްނުމުގައި ޢަޒުމާއެކު މަސައްކަތްތައް ކުރަންޖެހޭނެ. އަދި ވިސްނުމަކަށް ވާންޖެހޭނީ، ތިމާ ދަސްކުރި އެއްޗެއްގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފުން. މަސައްކަތުގެ މާހަޢުލަށް ނުކުމެ، ތިމާގެ އެކުވެރިންނާއި، ކޮލީގުންނާއެކީ މަސައްކަތް ކުރެވެންޖެހޭނެ. އަޅުގަނޑުމެންގެ ވިސްނުންވެސް، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ކުރާ މަސައްކަތާ އެއްވަރަށް ބަދަލުކޮށްލެވެންޖެހޭނެ. އެކަން ކުރެވޭނީ އެކުއެކީގައި މަސައްކަތް ކުރެވިގެން.

އެނގިވަޑައިގަންނަވާނެ، ފްލައިޓެއް ދުއްވުމުގައިވެސް ވަރަށް ބޮޑު ކޯޑިނޭޝަނެއް ބޭނުންވޭ. ވަރަށް ބޮޑަށް ގުޅިފައި ހުންނަނީ ދުއްވާ މީހުންނާއި، ގްރައުންޑްގައި މަސައްކަތްކުރާ ފަރާތްތަކާ. ވަރަށް ބޮޑު ކޯޑިނޭޝަނަކާ ވަރަށް ބޮޑު ގުޅުމެއް އޮވެގެން، ސަލާމަތާއި ރައްކާތެރިކަމާއެކު ފްލައިޓެއް ނައްޓާލައިގެން ގޮސްފައި އެނބުރި ޖައްސަން އައުމާ ހަމަޔަށްވެސް މިދަނީ. މިއިން ދައްކައިދެނީ، އެ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަޅުގަނޑުމެން މަސައްކަތް ކުރުމުގެ މުހިންމުކަން.

އެހެންވީމާ، މިއަދު ޚާއްޞަކޮށް، ޒުވާނުންނަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހިނގާށޭ، ޤައުމަށްޓަކައި ވިސްނަން. އަޅުގަނޑުމެން ހިނގާށޭ، އަޅުގަނޑުމެންގެ ޢާއިލާއަށްޓަކައި ވިސްނަން. އަޅުގަނޑުމެންގެ އެކުވެރިންނަށްޓަކައި އަޅުގަނޑުމެން ވިސްނަން ހިނގާށޭ. ކޮންމެ މީހަކުވެސް ބަލަންވީ ތިމާޔަށް ޤައުމަށްވެސް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ؟ މިއަދު މި ޤައުމު، މި ބޭނުންވާ ސްޕީޑްގައި ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ، މުޅި ދިވެހި އެންމެހައި ރައްޔިތުން ޚާއްޞަކޮށް، ޒުވާނުން އެކަތިގަނޑަކަށްވެ، އެއް މިޞްރާބަކަށް ދިޔުމަށްޓަކައި ޢަޒުމް ކަނޑައެޅުން.

އާދެ، މިއަދު މޯލްޑިވިއަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިގެން މި ފެށި މުހިންމު މަސައްކަތް، މިކަމުގައި، ބުރަ މަސައްކަތެއް މިއަދާ ހަމަޔަށް ކުރައްވައި އަދި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބަޔަކާ ގުޅިގެން މި މަސައްކަތް ކުރެއްވީތީވެ، އެކަމާ އުފާކޮށް އަދި ޚާއްޞަކޮށް، މޯލްޑިވިއަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، ސަރުކާރުގެ ކަމާ ގުޅުންހުރި މިނިސްޓްރީތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަދި އެނޫނަސް ސަރުކާރުގެ މި ދެންނެވި ގޮތަށް މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން އެ ކުރެއްވި މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، މި ފެށޭ މުހިންމު މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާވެ، ގިނަ ޒުވާނުންތަކަކަށް ފުރުޞަތު ލިބި، އެ ޒުވާނުންގެ ބޭނުން ޤައުމަށް ހެޔޮގޮތުގައި ހިފިގެން ދިޔުން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އެކުގައި އެއްބައިވަންތަކަމާއެކު ގުޅިގެން ކުރިއަށް ދިޔުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.