‎ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއިއެކު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެރަށަށް މި ވަގުތައް އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

‎މިރޭ މާފުށީ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި މާފުށީގައި އުފެދޭ ކުނި ނައްތާލުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި ކައުންސިލް ޢިމާރާތް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމަށާއި ކައުންސިލަށް އިތުރު މުވައްޒަފުން ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ރަށު ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ އެލަވަންސްގެ އިތުރުން ކޮމިޓީތައް ބާރުވެރިވުމަށްޓަކައި އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުމުގައި ސަރުކާރުން އެއްބާރުލުން ބޭނުންވާކަން ހިމެނެއެވެ. މީގެއިތުރުން އެ ކޮމިޓީގެ މެންބަރުން ވަނީ ރަށުގައި ވޮލީ ކޯޓެއް ނެތުމުގެ ދަތިކަމާއި އަންހެނުންނާއި ފިރިހެނުން ވެސް ބޭނުންކުރަނީ އެއް ފުޓްސަލް ދަނޑުކަމަށް ވުމުން އެކަމުގެ ސަބަބުން އަންހެނުންނަށް ފުރުސަތު ލިބުމުގައި ހުރި ދަތިތައް ހިއްސާކުރުމުގެ އިތުރުން މިހާރު ބޭނުންކުރާ ފުޓްސަލް ދަނޑަކީ ވެސް އިތުރަށް ތަރައްޤީ ކުރަންޖެހިފައިވާ ދަނޑެއްކަން ހާމަކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ހުށަހެޅުނު ކަންކަމަށް ރިޢާޔަތްކުރައްވާ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުގެ އެއްބާރުލުމާއެކު ޙާޞިލްކުރެވެންހުރި ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާފުށްޓަށް ވަޑައިގެން މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާ، ޖަލުގެ ޙާލަތު ވަޒަންކުރައްވާފައިވެއެވެ. މާފުށީ ޖަލަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި ޖަލުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވާ، ޖަލުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ. ޖަލަށް ކުރެއްވި ޒިޔާރަތުގައި ބައެއް ގައިދީން ތައްޔާރުކޮށްފައި ހުރި އަތްތެރި މަސައްކަތުގެ އުފެއްދުންތައް އެ މަނިކުފާނު ބައްލަވާލައްވާފައިވެއެވެ.

‎މި ދަތުރުފުޅުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މާފުށީގައި ޤާއިމުކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ދަނޑު ހުޅުވައިދެއްވުމަށްފަހު، އެ މަނިކުފާނު ވަނީ މާލޭ ވެޓެރަންސް ޓީމާއި މާފުށީ ޓީމުގެ މެދުގައި ކުޅުނު ފުޓުބޯޅަ މެޗުގެ ބައެއް ބައްލަވާލައްވާފައެވެ. އަދި މިރޭ އެ މަނިކުފާނު ވަނީ މާފުށީ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ، އެ މަރުކަޒުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.