މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން އިއްޔެ ފެށި 09 ވަނަ ނޭޝަނަލް ސިކްސަރސް ކޭމްޕް 2021 ގެ ތެރޭގައި ކުރިއަށް ގެންދާ ލިޓްލްމެއިޑްސްގެ އެޑްވޮކަސީ ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ޣާޒީ ސްކޫލުގައި ކުރިޔަށް ދިޔަ މި ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ފަދަ އެކި ބާވަތްތަކުގެ ދުޅަހެޔޮ ކާނާ ކެޔުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، އެކަމަނާ ވަނީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ ނުކެއުމުގެ ސަބަބުން ދިމާވާ ޞިއްޙީ ކަންކަން ގުޅިފައިވަނީ، އަންހެނުންނާ ފުރާވަރަށް އަރާ އަންހެން ކުދިންގެ ނިއުޓްރިޝަންއާ ކަމަށް ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، އާންމުކޮށް ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެންވެސް ޞިއްޙަތަށް ފައިދާހުރި ކާނާ ކެވޭނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ތަޢުލީމާ ޢަމަލީ ތަޖުރިބާގެ ތެރެއިން ބޮޑެތިވަމުން އަންނަ އަންހެންކުދިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ކުދިބަޔަކަށް ހެދުމަށް ގާރލް ޕަވަރޑް ނިއުޓްރިޝަން ބެޖްގެ މުގައްރަރުގެ ބޭނުންތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ގާރލް ޕަވަރޑް ނިއުޓްރިޝަންގެ މުގައްރަރަކީ ވޯރލްޑް އެސޯސިއޭޝަން ފޮރ ގާރލް ގައިޑްސް އެންޑް ގާރލް ސްކައުޓްސް (ވެގްސް) އަދި ނިއުޓްރިޝަން އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކޮށްފައިވާ މުގައްރަރެކެވެ. މިޙަރަކާތުގެ ތެރެއިން ކެއުމުގައި ރަނގަޅު ކާނާ ހިމެނުމާއި ޙަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ދަސްކޮށްދިނުމަށް ކުދިންގެ ޢުމުރާ ގުޅޭގޮތުން ގިނަ ޙަރަކާތްތަކެއް ވަނީ ރޭވިފައެވެ. މީގެ އިތުރުން "ސިކްސަރސް ޗެލެންޖް" ވެސް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. އެއީ ތަފާތު އެކި ހުނަރުތައް އަދި ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި އިސްނަގައިގެން މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ އާދަ އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ގޮތައް ފަރުމާ ކުރެވިފައިވާ ޙަރަކާތްތަކެކެވެ.

ޑިސެމްބަރ މަހުގެ 26 - 28 އަށް ހުޅުމާލޭ ޣާޒީ ސްކޫލުގައި ކުރިޔަށް ގެންދާ މި ކޭމްޕަކީ ރާއްޖޭގެ ލިޓްލްމެއިޑް ޙަރަކާތް ހިންގާ ހުރިހާ ސްކޫލްތަކުގެ ޢުމުރުން 10 – 11 އަހަރާއި ދެމެދުގެ 308 ލިޓްލްމެއިޑުން އަދި 75 ގައިޑަރސް އޮފިޝަލުންގެ ގޮތުގައި ބައިވެރިވާ ކޭމްޕެކެވެ. ރާއްޖޭގެ 13 އަތޮޅަކުން 42 ސްކޫލުން ބައިވެރިވެފައިވާ މި ކޭމްޕުގެ މި އަހަރުގެ ޝިއާރަކީ "ގާރލް ޕަވަރޑް ނިއުޓްރިޝަން" އެވެ.