ރައްޔިތުންނަށް ޚިދުމަތްތައް ދޭ ފަރާތްތަކުން އެ ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެހެން ވިދާޅުވީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ހިރިޔާ ސްކޫލްގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ޚިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިޙްލާޞްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ޚިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި، ޚާއްޞަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ޤައުމުތަކުގެ ބޯޑަރުތައްވެސް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެހެންމެ، އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮވެމެ، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ޚާއްޞަ ހުއްދައެއްގެ ދަށުން އެ ފުރުޞަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްރިއްޔާގެ ނައިބު ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވާފައެވެ.

މީގެ އިތުރުން އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ޙަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.