بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އީ.ޕީ.އެސް. ސްކޫލްގެ ފައުންޑަރ މުޙައްމަދު މުޞްޠަފާ ޙުސައިން، އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް މަރްޔަމް ޢާދިޔާ، އަދި އީ.ޕީ.އެސް. ފައުންޑޭޝަންގެ ފައުންޑަރުން، އީ.ޕީ.އެސް. ސްކޫލަށް ޚިދުމަތް ކުރެއްވި ޚިދުމަތްތެރިން އަދި އީ.ޕީ.އެސް. ސްކޫލުން ތަޢުލީމު ޙާޞިލު ކުރެއްވި ހުރިހާ ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ނައިބު ރައީސްވެސް މިތާ ބައިވެރިވެވަޑައިގެން އެބަ އިންނެވި.

އާދެ، މިރޭގެ މި އުފާވެރި ހަނދާނީ ބައްދަލުވުމުގައި، ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދު ކުރަމުން، އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އީ.ޕީ.އެސް. ފައުންޑޭޝަންގެ ފައުންޑަރ މެންބަރުންނަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރަން.

އާދެ، މިރޭގެ މި ބައްދަލުވުމުގެ ބޭނުމަކީ، އީ.ޕީ.އެސް. ސްކޫލަށް ޚިދުމަތް ކުރެއްވި ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެ ހަނދާންތައް އާކުރުން. އެހެންކަމުން، އީ.ޕީ.އެސް. ސްކޫލުން ތަޢުލީމު ޙާޞިލުކުރި ހަތާވީސްހާހަށްވުރެ ގިނަ ދަރިވަރުންނަށާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އީ.ޕީ.އެސް. ސްކޫލްގެ ފައުންޑަރ މެންބަރުންނަށާއި، އީ.ޕީ.އެސް. ސްކޫލަށް ޚިދުމަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާ އެކުގައި، އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ، މީގެ ގާތްގަނޑަކަށް 52 އަހަރު ކުރިން، އީ.ޕީ.އެސް. އުފެދިގެން އައީ، ދިވެހިރާއްޖެ، ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި. ދުރުވިސްނޭ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމަށް ލޯބިކުރައްވާ އޭރުގެ ދިވެހި ޒުވާނުންތަކެއް އިސްނަންގަވައިގެން ކުރެއްވި ވަރަށް މުހިންމު އަގުނުކުރެވޭވަރުގެ ބޮޑު ޚިދުމަތެއް އެއީ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އީ.ޕީ.އެސް. ސްކޫލްގެ ފައުންޑަރުންއެ ކޮށްދެއްވި ޚިދުމަތަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން.

އާދެ، 1960ގެ އަހަރުތަކުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައި. ތާރީޚަށް ގޮސް އެ ފަތްފުށްތައް ބަލައިލާއިރުގައި، ރަނގަޅު ބޮޑެތި ކާމިޔާބު ޢަދަދުތަކެއްވެސް ގެނެވިފައި އެބަހުރި. ހަމައެއާއެކުގައި، އަޅުގަނޑުމެން މިއަދު އެ ދުވަހަށް ބަލާއިރުގައި، ކަންބޮޑުވާންޖެހޭވަރުގެ ބަދަލުތަކެއްވެސް ގެނެވިފައި އެބަހުރި. 1960ގެ ތެރޭގައި ފެށިގެން އައިއިރުގައި، އޭރުގެ ސަރުކާރުން އިންގްލިޝް މީޑިއަމަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށްޓެވި. ވަރަށް ރަނގަޅު ހެޔޮ ބަދަލެއް. ސަރުކާރުގެ މަޖީދިއްޔާއާއި އަމީނިއްޔާއާއި، މޮންޓެސޫރީގައި އިންގްލިޝް މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވި. އޭގެކުރިން ޒަމާނީ ތަޢުލީމު ބޭނުންވާ ކަމަށްވަންޏާ ދާންޖެހެނީ ރާއްޖެއިން ބޭރަށް. އެ ފުރުޞަތު ލިބެނީ މަދުބަޔަކަށް. ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި، ވަކި ޢާއިލާތަކެއްގެ ދަރިންނަށާއި، ނޫނީ ފުދުންތެރި ޢާއިލާތަކުގެ ދަރިވަރުންނަށް އެކަނި. އެހެންނަމަވެސް، އޭރު ސަރުކާރުން އެ ގެނައި ބަދަލުގެ ސަބަބުން މާލޭގައި ތިބެ، ރާއްޖޭގައި ތިބެ، އިންގްލިޝް މީޑިއަމަށް ޒަމާނީ ތަޢުލީމު ލިބުމުގެ ފުރުޞަތު، ދަރިވަރުންތަކަކަށް ލިބިގެންދިޔަ.

ހަމައެއާއެކީގައި، ސަރުކާރުން އޭގައި ގެންނެވި އަނެއް ބަދަލަކީ، މާލޭގެ އަވަށްތަކުގައި ހިނގަމުންދިޔަ ސްކޫލްތައް އުވާލުން. އޭގެ ސަބަބުން މާލޭގައި ތަޢުލީމު ބޭނުންވެފައި ތިބި އެތައް ދަރިވަރުންނަކަށް، އެ ފުރުޞަތު ގެއްލިގެންދިޔަ. އަދި ޚާއްޞަކޮށް، ރާއްޖެތެރެ، އަޅުގަނޑުމެންމި ކިޔާ ރާއްޖެތެރޭގެ ރަށްރަށުން ތަޢުލީމުގެ ބޭނުމުގައި މާލެ އަންނަ ކުދިންނަށް، އެއްވެސް ފުރުޞަތެއް ނެތޭ ދެންނެވޭ ހިސާބަށް ތަޢުލީމީ ނިޒާމު އޮތީ އޭރު ހަނިކުރެވިފައި.

1960ގެ އަހަރުތައް ނިމިގެންދިޔައިރުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރީ ގާތްގަނޑަކަށް 28 ސްކޫލް. އޭގެތެރޭގައި، ސަރުކާރުން އެހީވާ އެއްވެސް ސްކޫލެއް ނެތް. މިއީ 1960ގެ އަހަރުތައް ނިމި، 1970ގެ އަހަރުތަކަށް ރާއްޖެ ކުރިމަތިލިއިރުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު އޮތް ޙާލަތު. ހަމައެކަނި ސަރުކާރުން ހިންގާ ސްކޫލްތަކެއްގެ ގޮތުގައި ހުރީ، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އޭރުގެ ނަމުންނަމަ، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް.

މިފަދަ ޙާލެއްގައި ތަޢުލީމަށް ބޭނުންވެފައި ތިބި އެތައް ދަރިވަރުންނެއް ތިއްބައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޤައުމުދެކެ ލޯބިވާ، ރާއްޖޭގެ ތަޢުލީމަށް ލޯބި ކުރައްވާ ދަރިންތަކެއް ނުކުމެ، އީ.ޕީ.އެސް. ސްކޫލް، 1968 ވަނަ އަހަރު ވުޖޫދަށް ގެނައީ.

އަޅުގަނޑުގެ ކުރިން ފެނުނު ވީޑިއޯތަކުންނާއި، ދެއްކެވި ވާހަކަފުޅުތަކުން އެނގިގެންދިޔަ ގޮތުގައި، ގާތްގަނޑަކަށް 83 ދަރިވަރުންނާއި، 13 ޓީޗަރުންނާ އެކުގައި މުޞްޠަފާ އަމިއްލަފުޅު ގޭގައި އެ ސްކޫލް ފެށްޓެވީ. މިއީ އީ.ޕީ.އެސް. ފެށިގެން އައިގޮތަކީ. އީ.ޕީ.އެސް. އަށް 52 އަހަރު ފުރިގެންދާއިރުގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ހަތާވީސްހާހެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށް، އެކި ދާއިރާގައި މިހާރު ޚިދުމަތް ކުރަމުން އެބަގެންދޭ.

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫން. ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް. އީ.ޕީ.އެސް. އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަޤީޤަތް އެއޮތީ ސާފުކޮށް ފެންނަން.

މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އީ.ޕީ.އެސް.ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދެއްވި. ދެންމެ މީގެކުރިން ވާހަކަ ދެއްކެވި ޠާހާ ވިދާޅުވިފަދައިން، ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީއާއި، މިނީ ޔޫ.އެން.އޯ.އާއި އަދި އަތޮޅުތައް ތަމްސީލުވާގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ، މިހެންގޮސް އެތައް އެތައް އިތުރު ޙަރަކާތްތަކެއް، އީ.ޕީ.އެސް.ގެ ތެރޭގައި އޭރު ކުރިއަށް ގެންދިޔަ. މިއަދުގެ ނަމުންނަމަ، ޠާހާއެ ވިދާޅުވާ، ވަށާޖެހޭ ތަޢުލީމު އޭރު އެއޮތީ ފެށިފައި އީ.ޕީ.އެސް. އިން.

އަޅުގަނޑު ދަންނަވާނީ، މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައޭ. އާދެ، އީ.ޕީ.އެސް. އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީ.ޕީ.އެސް. އިން ތަޢުލީމު ޙާޞިލުކޮށްގެން ނުކުތް ދަރިވަރުން.

އާދެ، އަޅުގަނޑުގެ ތަޢުލީމީ ޙަޔާތް، މާލޭގައި ފެށިގެންދިޔައީ އީ.ޕީ.އެސް. ސްކޫލުން. އަޅުގަނޑު ރަށުން މާލެއަށް ބަދަލުވީ 1970ގެ މެދުތެރޭގައި. އޭރު ސްކޫލަށް ވަދެ، ފުރަތަމަވެސް ތަޢުލީމު ޙާޞިލުކުރަން ފެށީ އީ.ޕީ.އެސް.ގައި. އޭރުގެ ހަނދާންތައް އަޅުގަނޑުގެ މިއަދުވެސް އެބަހުރި. ބައެއް ހަނދާންތަކުގެ ތެރޭގައި، ސްޓޭޖްމަތިން އަޅުގަނޑަށް އިނާމު ލިބުނު ދުވަހެއް ހަނދާން އެބަހުރި. ކްލާހުން ވަނައެއް ލިބިގެން، އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުން އަޅުގަނޑަށް އިނާމު ލިބުނު. އެއަށްފަހު، މައުމޫން، ރައީސަކަށް ވެވަޑައިގެންނެވީ. އެ ހަނދާން އަދިވެސް އަޅުގަނޑުގެ އެބަހުރި. އަދި އަޅުގަނޑާ އެކީގައި ތަޢުލީމު ޙާޞިލުކުރި އެތައް ކުދިންނެއް މިއަދުވެސް އަޅުގަނޑުގެ ރައްޓެހިންގެ ގޮތުގައި އެބަތިބި. އަޅުގަނޑަށް މިތަނުން ފެންނަ އެއް މޫނެއް، މީމު ޒަވިޔަނި، ޒާހިރު އެބަ އިންނެވި. އަދިވެސް، މާސްކް އަޅައިގެން ތިބީމާ އަޅުގަނޑަށް މިރޭ ކުދިން ވަކިނުވިޔަސް، ހަމަގައިމުވެސް މިތާ ތިއްބަވާނެ، އޭގެ އެތައް ބޭފުޅުންނެއް.

އަޅުގަނޑަށް އީ.ޕީ.އެސް.އާ ވަކިވާން ދިމާވީ، އޭރު އޮތް ފުރަތަމަ ޖޭ.އެސް.ސީ އިމްތިޙާނާ ކުރިމަތިލުމާ ހިސާބުން. ޖޭ.އެސް.ސީ، ޖޫނިއަރ ސްކޫލް ސެޓްފިކެޓް އިމްތިޙާނު ހަދައިގެން، އޭރު ދެން އެންމެ ރަނގަޅަށް ފާސްވާ ކުދިންގެ ގޮތުގައި މަޖީދިއްޔާއަށާއި، އަމީނިއްޔާއަށް ދިޔުމުގެ ފުރުޞަތު ލިބުނު. އެގޮތުން، ފުރަތަމަ ބުރުގައި ލިބުނު 6 ދަރިވަރުންގެ ތެރޭގައި އަޅުގަނޑުމެން މަޖީދިއްޔާއަށް ބަދަލުވެގެންދިޔައީ. އަޒްލިފާއާއި، ޝާޢިރާ އާދަމް ބަދަލުވީ އަމީނިއްޔާއަށް. އަޅުގަނޑާއި ޙަސަން ޒާހިރާއި، ޢަބްދުލްޙާރިޘާއި، ޝަފީޢު، އަދި ފައްޔާޒް ފައިޞަލް، މި އެންމެން ބަދަލުވީ މަޖީދިއްޔާއަށް. އެ ހުރިހާ ކުދިންވެސް، އޭރުނަމަ ކުދިން، މިހާރުވެސް އަޅުގަނޑުގެ ރައްޓެހިންގެ ގޮތުގައި ހަމަ އެކީގައި އެބައުޅޭ.

އަޅުގަނޑުގެ ހަނދާނަށް އަންނަ ޓީޗަރުންގެ ތެރޭގައި، އަޅުގަނޑުމެން އެންމެންގެ އުސްތާޛު ޢަބްދުﷲ ޞާދިޤު، ޞާދުބޭގެ ނަން އަޅުގަނޑު މިރޭވެސް ހަނދާންކޮށްލާނަން. މީގެ ހަފްތާއެއް ކުރިންވެސް އަޅުގަނޑު ފޯނުކޮށްލިން ޞާދުބޭއަށް. އަޅުގަނޑަކަށް ނޭނގެ، އޭރު ބަލިވެއުޅުއްވާ ކަމެއް. ވަރަށް އުފާވެއްޖެއޭ ވިދާޅުވި. އަޅުގަނޑު ޙާލު ކިހިނެއްތޯއޭ އެހީމާ ވިދާޅުވީ، ރަނގަޅުވާން ވެފައޭ މިއޮތީ. އަޅުގަނޑު ބުނީ ކިހިނެއްތޯއޭވީ؟ ވިދާޅުވީ، ތިމަންނާ ސައިކަލެއްގައި ހޮސްޕިޓަލަށް ދަނިކޮށް، ސައިކަލް އަނބުރާލިތަނުން ކައްސާލައިގެން ވެއްޓި، ފައި ބިނދިގެންނޭ މިއުޅެނީ. އެކަމަކު މިހާރު މިއޮތީ އަނެއްކާވެސް ތެދުވާން ތައްޔާރުވެފައޭ. ހަމަ ރަނގަޅުވީހާ އަވަހަކަށް ނުކުންނަންވީއޭ. ވަރަށް އުފާވެއްޖެއޭ ވިދާޅުވި، ފޯނުކޮށްލީމާ. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ގޮސްލާނަމޭ، ޞާދުބޭއަށް ވާހަކަ ދެއްކެވި ހިންގަވައިލެއްވޭވަރުވީމާ. ބުނުއްވީ ވަރަށް އުފާވާނެއޭ އަތުވެއްޖިއްޔާ. ވަރަށްގިނަ ކުދިން ދޭތެރެ ދޭތެރެއިން އާދެއޭ ތިމަންނާއާ ބައްދަލުކޮށްލަން.

މީގެއިތުރުން، އަޅުގަނޑުގެ އިސްލާމް ޓީޗަރ އަލްމަރްޙޫމް ޙަސަން މުޙައްމަދު މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފި. އަދި ދިވެހި ޓީޗަރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ރަފީޢުގެ މަތިން އަޅުގަނޑު ހަނދާން އެބަހުރި. ފެނާންޑޯ، ހުރިހާ ބޭފުޅުން ދެނެވަޑައިގަންނަވާނެ. މިސްޓަރ ޕަރަމަލިންގަމް އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެ. އަދި އޭރުގެ ޕްރިންސިޕަލް ޙަސަން މާހިރާއި، ހެޑްމާސްޓަރ ޙުސްނީ އެއީ އަޅުގަނޑުގެ ހަނދާނުގައި މިހާރުވެސް ހުރި ނަންތައް. މީގެތެރެއިން އަޅުގަނޑުމެންނާ ވަކިވެ ގޮސްފައިވާ ފަރާތްތަކުގެ ފުރާނަފުޅުތަކަށް މާތްﷲ ރަޙްމަތް ލެއްވުން އެދި މިއަދުވެސް ދުޢާކުރަން.

އާދެ، އީ.ޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ތިޔަ ކުރައްވަނީ ވަރަށް މުހިންމު ކަމެއް. އީ.ޕީ.އެސް.ގެ ނަމާއި، އެ ކޮށްދިން ޚިދުމަތް ދާއިމަށް ދެމިގެންދާނެގޮތަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރަންޖެހޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހުރީ އަޅުގަނޑަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ތިޔަބޭފުޅުންނާ އެކީގައި ކުރަން ތައްޔާރަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލާނަން. އަޅުގަނޑުގެ ދުޢާއަކީ، އީ.ޕީ.އެސް.ގެ ހަނދާން އާކުރުމަށްޓަކައި އީ.ޕީ.އެސް. ފައުންޑޭޝަނުން ކުރައްވާ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތް ލެއްވުން. އަދި އީ.ޕީ.އެސް.ގެ ފައުންޑަރުންނަށާއި، އީ.ޕީ.އެސް. އަށް ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އަބަދުވެސް އެ ހަނދާންތައް އަޅުގަނޑުމެންގެ ތެރޭގައި ލެހެއްޓެވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.