ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. އެ މަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު، ގޮއިދޫ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމޫހޫރިއްޔާ ވަނީ، ރަށާ ގުޅުންހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެ ގޮތުން، ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންޖީނުގޭގެ މައްސަލަތައް ޙައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއްވެސް، މި އަހަރު ފައްޓަވާނޭކަމުގެ ޔަޤީންކަން މިއަދު އެ މަނިކުފާނު ދެއްވިއެވެ.

ސްކޫލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދާދިއަވަހަށް ނިންމަވައިދެއްވާނޭކަމަށާއި، ދެވަނަ ފިޔަވައްސެއްގެ ގޮތުން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށްގެންގޮސްދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް ބަލާއިރު، ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ގޮއިދޫގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މި އަހަރު ތެރޭ ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އިޝާރާތްކުރައްވަމުން، މި އަހަރު ތެރޭ އިކޯ ޓޫރިޒަމްގެ މަސައްކަތް ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީ ކުރުމުގެ ބިޑް އެވޯޑުކުރައްވާފައިވާކަމަށާއި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ގޮއިދޫއިން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި އެ ރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް މިއަދު ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.