ސަރުކާރުގެ ސިޔާސަތަކީ، ޤައުމު ހިންގުމާއި ތަރައްޤީގެ މަސައްކަތުގައި ސަރުކާރު ދައުރު ވީހާވެސް ކުޑަކުރައްވައި، ވިޔަފާރި އުޞޫލުން ކަންކަން ހިންގެވުން ފުޅާކުރައްވައި ތަރައްޤީގެ މަސައްކަތް ވިޔަފާރި އުޞޫލުން ހުޅުވާލެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާބެހޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އާއި އިންވެސްޓް މޯލްޑިވްސް ގުޅިގެން ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި މިއަދު ބޭއްވެވި ސެމިނާ އިފްތިތާޙް ކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ޤަބޫލު ކުރައްވާގޮތުގައި އެންމެ ފުރިހަމައަށް ތަރައްޤީ ޙާޞިލް ކުރެވޭނީ ވަކިވަކި ފަރުދުންގެ ބައިވެރިވުމާއި މަސައްކަތުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިހާތަނަށް ހިނގަމުންއައި ވިޔަފާރިއާއި ތަރައްޤީގެ ގިނަ މަސައްކަތްތައް ހިނގަމުންއައިސްފައިވަނީ، ސަރުކާރުގެ ތެރެއިން ސަރުކާރުގެ ވަރަށް ބޮޑު ޙިއްޞާއެއް އޮވެގެން ކަމަށާއި، ވިޔަފާރިގެ ޙަރަކާތްތަކުގައި ސަރުކާރުގެ ބައިވެރިވުން އަމިއްލަފަރާތްތަކުގެ ބައިވެރިވުމަށްވުރެ އަބަދުވެސް ބޮޑު ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުގެ މިހާރުގެ އަމާޒަކީ މިގޮތް ބަދަލުކުރައްވައި ތަރައްޤީގައި އަމިއްލަފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެއްވުން ކަމަށް ވިދާޅުވިއެވެ. މިކަމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންވެސް ލިބޭ އެއްޗަކުން ދެކޮޅުޖެހޭ ގޮތަށް ސަރުކާރު ހިންގުމަށް ވަކާލާތު ކުރަމުން އައިސްފައިވާނެ ކަމަށާއި، މިހާރު ކުރެވެމުން މިދާ މަސައްކަތްތަކާއެކު ވަރަށް ކައިރި މުސްތަޤްބަލެއްގައި މިލަނޑުދަނޑި ޙާޞިލް ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާ ތަކުގެ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ލިބުމުގެ މަގުފަހި ވާނެ ގޮތަށް، މިޤައުމާއި މިޤައުމުގެ އިޤްތިޞާދު ބައްޓަން ކުރެވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ވަރަށް ގިނަ މާލީ އިދާރާތަކުގެ އެހީތެރިކަން ލިބުމުގެ މަގު މިހާރު ފަހިވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނަށް ވިޔަފާރިހިންގައި، ފައިދާ ހޯދުމުގެ ވަރަށްގިނަ ފުރުޞަތުތައް މިހާރު ހުޅުވިފައިވާ ކަމުގައި ރައީސުލްޖްމުހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ރާއްޖޭގެ ތަރައްޤީއާ ގުޅިފައިވާ ވަރަށްގިނަ ދާއިރާތަކަކުންވެސް މިފަދަ ފުރުޞަތުތައް ހުޅުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.