بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހެންވޭރަށް ނިސްބަތްވެވަޑައިގަންނަވާ، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނާއި، ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވާފައި ތިއްބެވި ޚިދުމަތްތެރި ބޭބޭފުޅުން، އިސް ރަށްވެހިން، މިހާރުވެސް ދައުލަތުގެ އަދި ރާއްޖޭގެ އެކިއެކި ކަންކަމުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، މި އަވަށަށް ނިސްބަތްވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ވަޑައިގެން ތިއްބެވި މި އަވަށުގެ އެންމެހައި ރައްޔިތުން، މި ބައްދަލުވުން ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މާލޭގެ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރުމަށް ކުރިއަށްގެންދެވޭ މި ސިލްސިލާގެ ތެރެއިން، މިރޭ މިއޮތީ ހެންވޭރުގެ ބައްދަލުވުން. ތިޔަބޭފުޅުން ވަޑައިގެން، މިތާނގައި ވަގުތުކޮޅެއް ހޭދަކޮށްލައްވާ ކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހެންވޭރުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ކުޑަކޮށް ވިއްސާރަވެސްމެ. އެހެންނަމަވެސް، މިތަނުގައި ޖާގަ މިހާރު ފުލްވެފައި އޮތްއިރުގައިވެސް، ކޮޅަށްވެސް އަދި ބޭރުގައިވެސް ބައެއް ބޭފުޅުން އެބަ ތިއްބެވި. އާދެ، އަޅުގަނޑު ކުރުކޮށްލާފައި، ފުރަތަމަވެސް ތިޔަބޭފުޅުންނަށް ފުރުޞަތު އަރުވާނަން.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބައްދަލުވުމުގެ ބޭނުމަކީ، ތިޔަ ލޮބުވެތި ރައްޔިތުން ވިދާޅުވެލައްވަން އޮތް ކަމެއްވިއްޔާ، އެކަމެއް ވިދާޅުވުމަށް ފުރުޞަތު އެރުވުމޭ. އަދި އޭގެފަހުން، އަޅުގަނޑަށް އެއްވެސް ކަމެއްގައި ލިޔުމެއް ހަވާލުކޮށްލައްވަން ބޭނުންވެލައްވަންޏާ، އެ ފުރުޞަތުވެސް އޮންނާނެ. އާދެ، މިއިން ކޮންމެ ކަމަކަށް، އިރާދަކުރެއްވިއްޔާ އޮންނަ އުސޫލުގެ ތެރެއިން، ވީ އެންމެ އަވަހަކަށް، އެންމެ ފުރިހަމައަކަށް، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމަކަށް، އެއީ އަމިއްލަ ކަމެއްވިޔަސް، ނޫނީވިއްޔާ މި އަވަށާ ގުޅޭ ކަމެއްވިޔަސް، ޖުމްލަކޮށް ކޮންމެ ކަމެއް ކަމުގައިވިޔަސް، އެކަމަކަށް އެ އޮންނަ އުސޫލުގެ ތެރެއިން، ވީހާވެސް ރަނގަޅު، އީޖާބީގޮތެއްގައި ޙައްލެއް، ނޫނީވިއްޔާ ކަންތައްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ދަންނަވާލަން.
އާދެ، މާގިނަ ވާހަކަތަކެއް މިވަގުތު އަޅުގަނޑު ނުދައްކާ، އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ވިދާޅުވެލައްވަން ހުރި ކަމެއްވިއްޔާ، އެކަމެއް ވިދާޅުވެލެއްވުމަށް. ކަންބޮޑުވުމެއް ކަމުގައިވިޔަސް، ޚިޔާލެއް ކަމުގައިވިޔަސް، މަޝްވަރާއެއް ކަމުގައިވިޔަސް، އަދި ޝަކުވާއެއް ކަމުގައިވިޔަސް، ކޮންމެ ކަމެއްވިޔަސް، ވަރަށް މިނިވަންކަމާއެކީގައި، ތިޔަބޭފުޅުން ވިދާޅުވެލެއްވުމަކީ، އަޅުގަނޑު އެދޭގޮތް. ކޮންމެ ބޭފުޅަކުވެސް ވިދާޅުވާ ކޮންމެ ވާހަކަފުޅަކީވެސް، ހަމަ ވަރަށް މުހިންމު ވާހަކަފުޅެއް. އެކަމަކަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަންދީގެން، އަޅުގަނޑު މަސައްކަތް ކޮށްދޭނަން. އެހެންވީމާ، އެ ޔަޤީންކަން އަރުވަމުން، އަޅުގަނޑު އެދެން ތިޔަބޭފުޅުން ކުރިއަށް ގެންގޮސްދެއްވުމަށް. ތިޔަބޭފުޅުންގެ ވާހަކަ ނިންމެވުމުން، ވަގުތު އޮތްވަރަކުން، ވަގުތު ދެވެން އޮތް މިންވަރަކުން ވީހާވެސް ގިނަ ބޭފުޅުންނަކަށް ފުރުޞަތުދީ، އެއަށްފަހު ނިންމާލުމުގެ ކުރިން އަޅުގަނޑު ކޮންމެވެސް އެއްޗެއް ދަންނަވާލާނަން. އެއަށްފަހު އަޅުގަނޑުމެން ނިންމާލާނީ.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
ބައްދަލުވުން ނިންމަވަމުން ދެއްކެވި ވާހަކަފުޅު:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
އާދެ، ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ގިނަ ވަގުތު މިތާނގައި ތިޔަބޭފުޅުން ތިއްބަވާ، އަދި ވަރަށް ގިނަ ބޭފުޅުން އެކި ކަންކަން ވިދާޅުވެލައްވައިފި. ޙަޤީޤަތުގައި، ހުރިހާ ބޭފުޅުންނަށް ވާހަކަފުޅު ދައްކަވަން ފުރުޞަތު ދެވޭހާ ވަގުތު ނެތިގެން މިދަނީ. އެއީ، މިކަހަލަ ބައްދަލުވުންތައް ކުރިން ބޭއްވިފައި ނެތީމާ. މިހެން ބޭއްވޭ ބައްދަލުވުމަކަށް ވަޑައިގެން، ތިޔަބޭފުޅުންނަށް ހުރިހާ ވާހަކައެއް ވިދާޅުވާން، ނެޗުރަލީ އެ ވަގުތު ނުއެއްއޮވޭ. އަޅުގަނޑު އެކަމަކު ގަސްދުކުރަން، އަދި ނިންމާފައިވެސް އޮންނާނެ، މި ސިލްސިލާ ގޮތެއްގައި، އަޅުގަނޑަށް ވަގުތު ވީވަރަކުން، މާލޭގައިވެސް، އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރުން ކުރިއަށް އޮތްތާވެސް ކުރިއަށް ގެންދަން. އެހެންނަމަވެސް، ކުރިން އަޅުގަނޑު ފަށަމުން ދެންނެވި ފަދައިން، ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި ކަންކަން، ވިދާޅުވި ކަންކަމަށް، ކޮންމެ ބޭފުޅަކު ވިދާޅުވި ކަމަކަށްވިޔަސް، ވީ އެންމެ ރަނގަޅަކަށް، ޤާނޫނާއި ގަވާއިދުގެ ތެރެއިން ޙައްލެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދޭނަން.
މިރޭ ހުރިހާ ބޭފުޅުން ފާހަގަކުރެއްވި ކޮންމެ ކަމެއް ވަކިވަކިން އަޅުގަނޑަށް ދަންނަވައިނުލެވިދާނެ. އެހެންނަމަވެސް، ޖުމްލަކޮށް ވީ އެންމެ ގިނަ ކަންކަން ޝާމިލުވާގޮތަށް، އަޅުގަނޑު ބައެއް ކަންތައްތައް ދަންނަވައިލާނަން.
ކޮންމެގޮތެއްވިޔަސް، މާލޭގެ އެންމެ ބޮޑު މައްސަލައަކީ، ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަން. ކުރީގެ ތިން އަވަށުގެ ބައްދަލުވުމުގައިވެސް އެކަމާ ބެހޭ ތަފުސީލުތައް ވާނީ ޙިއްޞާކޮށްފައި.
އާދެ، ވަރަށް ގިނަ ކަންކަން މީގައި އެބަހުރި. މީގައި ހުރި ކަންކަމުގެ ތެރޭގައި، ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައި ހުރި، ނޫނީވިއްޔާ އިޢުލާނުކޮށް، ގެޒެޓްކޮށްފައި ހުރި ގޯތިތައް ހަވާލުކުރުމުގެ ކަންތައް އެއީ އެއްކަމެއް. އޭގެ ކުރީގެ ސަރުކާރުން ދިން ފްލެޓްތަކެއް، ނިމުނު ސަރުކާރުން ބާޠިލުކުރި ކުރުމުގެ މައްސަލަވެސް އެއީ އަނެއް ކަންތައް. ދެން، މިދިޔަ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް އިޢުލާނުކޮށް، ލިސްޓް ކުރެވުނު ފަރާތްތަކެއް. އެ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުން މިއީ ތިންވަނަ ކަމެއް. މިގޮތަށް އެކި ކަންތައްތައް އެބަހުރި. މިއިން ކޮންމެ ކަމަކަށްވެސް، މީގެ ކުރީގެ ތިން ބައްދަލުވުމުގައިވެސް، އެކިވަރުވަރަށް، އެކިފަހަރުމަތިން ތަފުސީލުތަކެއް ދީފައިވާނެ. އެހެންނަމަވެސް، މިރޭވެސް އަޅުގަނޑު ބައެއް ކަންކަން ދަންނަވައިލާނަން.
އާދެ، އެއް ކަމަކަށް، ހިޔާ ފްލެޓްތަކުން މިދިޔަ ސަރުކާރުން ފްލެޓް ނުލިބޭނެ ކަމަށް ނިންމި، އޭގެ ކުރީ ސަރުކާރުން ލިބޭނެ ކަމަށް ފައިނަލް ލިސްޓަށް އަރާފައި ތިބި ފަރާތްތަކަށް، އަޅުގަނޑު އޮންނާނެ ރިޔާސީ އިންތިޚާބުގައި ވަޢުދެއް ވެފައި. މި ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިންގ ސްކީމެއްގެ ތެރެއިން، އެ ފަރާތްތަކަށް އެ ފްލެޓްތައް ލިބޭނެ ކަމަށް ވަޢުދުވިން. އެހެންވީމާ، އެކަން އޮތީ އެގޮތަށް. އަޅުގަނޑުމެން އެންމެ އަވަހަށް މި ފަށާ ސްކީމްގައިވެސް ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ، ވަކި ކެޓަގަރީއެއް އޮތީ ކަނޑައަޅާފައި، އެގޮތަށް ފްލެޓް އަތުލާފައި ތިބި ފަރާތްތަކަށް ފްލެޓް ދިނުމަށް. އެހެންވީމާ، މި ހުޅުވާލެވިގެންދާއިރުގައި، އެ ފަރާތްތަކުން ޖެހޭނީ ހަމައެކަނި އެއަށް އެޕްލައި ކޮށްލަން. އެއްވެސް އިތުރު ޝަރުޠެއް އޮތް ކަމެއް ނޫން އެއީކީއެއް. މި އާ ޝަރުޠުތަކެއް އެ ފަރާތްތަކަކަށް ނޯންނާނެ. އެއީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އަދަދުގެ ތެރެއިން، އެއްފަހަރާ ހުރިހާ އެންމެންނަށް ލިބޭވަރަކަށް، މާލޭގެ ހުރިހާ އެންމެންނަށް ބޭނުންވާވަރަކަށް، އެއް ޕްރޮޖެކްޓަކުން ފްލެޓެއް ނޭޅޭނެ ކޮންމެގޮތެއްވިޔަސް. އެހެންވީމާ، ފުރަތަމަ މި ފަށާ ޕްރޮޖެކްޓްގެ ތެރެއިންވެސް އެއޮތީ، ވަކި އަދަދެއް ކަނޑައަޅާފައި މިހާރު. މިދިޔަ ސަރުކާރުން އެ ފްލެޓް އަތުލި ފަރާތްތަކަށް، މި ދެންނެވީ، ކުރީގައި ފައިނަލް ލިސްޓަށް އަރައިގެން، މިދިޔަ ސަރުކާރުން އަތުލި ފަރާތްތަކަށް ދިނުމަށް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ކުރިއަށް އެބައޮތް. އޭގެތެރޭގައި، ދެންމެ އެ ފާހަގަކުރެއްވި ހިޔާ ފްލެޓްތަކުގެ ތެރޭގައި، އެކި ކެޓަގަރީތައް، އަލަތު ކައިވެނި ފަރާތްތައް، ދެންގޮސް، އެކި ފަރާތްތައް ހިމެނޭހެން، މިދިޔަ ސަރުކާރުން ކެންސަލް އައުޓް ކޮށްލި ފަރާތްތަކަށް އެއޮތީ ވަކި ކެޓަގަރީއެއް، ވަކި އަދަދެއް ކަނޑައަޅާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ފަރާތްތަކަށް ފްލެޓް ލިބޭނެ. އަޅުގަނޑުމެން މިހާރު ބީ.އެމް.އެލް.ގެ ފައިނޭންސްގެ ތެރެއިން މި ފަށަން އުޅޭ ޕްރޮޖެކްޓްގެ ތެރެއިންނާއި، އަދި ކުރިއަށް އޮތް އިންޑިއަން އެލް.އޯ.ސީ.ގެ ތެރެއިން އަޅުގަނޑުމެން ފަށާ ޕްރޮޖެކްޓުންނާއި، މިހެންހުރި އެކި ޕްރޮޖްކެޓްތަކުގެ ތެރެއިން އަޅުގަނޑުމެން އެބަ ފަށަން، 7500 ފްލެޓުގެ މަސައްކަތް. އޭގެތެރޭގައި އެބައި ހިމެނޭ.
ދެން، މިދިޔަ ސަރުކާރުން ދޭން ނިންމާފައި ހުރި ގޯތިތައް، އަޅުގަނޑުމެން ދިނުމުގެ ކަންކަމާ ބެހޭގޮތުން އައި ވަރަށް ގިނަ ސުވާލުތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއް ކަމަކީ، ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތް. މިހާރު ވަރަށް ބާރަށް ހިނގަމުންދާތަން އަޅުގަނޑު ހިތުން ތިޔަބޭފުޅުން ވަޑައިގެން ބައްލަވައިލެއްވީމާވެސް ފާހަގަކުރެއްވޭނެ. އަޅުގަނޑުމެން އެތަނުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައި މިގެންދަނީ، އިރާދަކުރެއްވިއްޔާ މި ޑިސެންބަރު މަސް ނިމެންވާއިރަށް ނިންމާލުމަށް. ދެ ޑްރެޖަރެއް އެއްފަހަރާ ބޭނުންކޮށްގެން، ވަރަށް ބާރަށް މަސައްކަތް އެބަ ހިނގާ. ދެން ސުވާލުކުރެއްވި، އެތަން ލިބޭނެތޯ. އެއްވެސް އުންމީދެއްވެސް ނެތް ކަމަށް ވިދާޅުވި ބައެއް ބޭފުޅުންވެސް އެބަ ތިއްބެވި. އަޅުގަނޑު ހަމަ ފުރިހަމަ ޔަޤީންކަން މިދެނީ. އިރާދަކުރެއްވިއްޔާ، އެތަން ނިމުނުހާ އަވަހަކަށް، އެ ލިބުނު ފަރާތްތަކަށް، އެތަނުން ލިބުނު ގޯތިތައް އަޅުގަނޑުމެން ހަވާލުކުރަމުން ގެންދާނަން. ރަޖިސްޓަރީވެސް ހަދަމުން ގެންދާނަން. ފޭސް 2 އިން ބިން އޮތްވަރަކުން، ފޭސް 2 އިން ލިބުނު ފަރާތްތަކަށްވެސް އެވަނީ މިހާރު، ވަރަށް ގިނަ ފަރާތްތަކަށްވެސް ރަޖިސްޓަރީ ހަދައިދެވިފައި. ދެން، ދިރިއުޅުމަށް މިހާރު އެ ތަންތަން އެވަނީ އިން ވަކިކޮށް، ހަވާލުވެސް ކުރެވިފައި. އެހެންވީމާ، ބިން އޮތް ތަނަކުންވިއްޔާ އެވަނީ ގޯތި ހަވާލުކުރެވިފައި، ނޫނީވިއްޔާ ހަވާލުކުރަމުން އެދަނީ.
ފޭސް 3 ވެސް މި ދެންނެވިހެން، އަޅުގަނޑުމެން ހިއްކާ ނިމުނީމާ، ވީހާވެސް އަވަހަކަށް ޖަނަވަރީ މަސް ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނީ ގޯތިތައް ހަވާލުކުރަން. ދެން، އެތާނގެ ލޭންޑް ޔޫސް ޕްލޭން ފައިނަލްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން ކުރިއަށް އެގެންދަނީ. އެއްވެސް ފަރާތެއް އަތުން ގޯއްޗެއް އަތެއްނުލާނެ. އެހެންވީމާ، އެކަން އެއޮތީ އެގޮތަށް.
ދެން، ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް، އެ ފަރާތްތަކަށްވެސް އެއޮތީ ފުރުޞަތު ހުޅުވައިލާފައި. ރަޖިސްޓަރީ ހެދުމާއި، ހުރިހާ ކަމެއް ހިނގަނީ. ދެން، އެ އިޢުލާނު ކުރެވިގެން ބައެއް ފަރާތްތަކަށް ވަޑައިނުގެންނެވުނު. އެހެންނަމަވެސް، މިނިސްޓްރީގެ ފަރާތުން އެގެންދަނީ، އެ ފަރާތްތަކާ ގުޅުއްވަމުން. ވަޑައިގެން ހަމަ ހުރިހާ އެންމެންނަށްވެސް، އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލުކުރެވި، ރަޖިސްޓަރީ ހަވާލުކުރެވި، އެކަންކަން އެދަނީ. އެއްވެސް ބޭފުޅަކު ކެންސަލެއް ނުކުރާނެ. އެ ހުރިހާ ފަރާތްތަކަށް ލިބޭނެ.
ދެން، ގިރާވަރުފަޅު، ގިރާވަރުފަޅުގައި މިވާގޮތަކީ، އެތަން އޮތީ އެކީގައި ނުހިއްކާ. ތަންކޮޅެއް ހިއްކާފައި އޮތީ. އަޅުގަނޑު ކުރީ ރޭވެސް، އަދި އޭގެ ކުރީ ރޭވެސް އެ ވާހަކަ ދެއްކިން. ގިރާވަރުފަޅު ހިއްކުން ޕްލޭންކޮށް، ތާވަލުކުރެވިފައި މިއޮތީ މިހާރު. ހުޅުމާލޭގައި ފޭސް 3ގެ ބިން ހިއްކުމަށް ބޭނުންކުރާ ދެ ޑްރެޖަރުގެ މަސައްކަތް މި މަސް ނިމޭއިރަށް ނިމުނީމާ، އެ ދެ ޑްރެޖަރު އަޅުގަނޑުމެން މިގެންދަނީ، ގިރާވަރުފަޅު ހިއްކަން. އެހެންވީމާ، އެތަން ހިއްކާ ނިމޭނެ. ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ދާނެ، ގޮސް ގިނަވެގެން ތިންމަސް ތެރޭގައި، އެ ތަން ހިއްކާ ނިމޭނެއޭ. މާނައަކީ، ޖަނަވަރީ، ފެބުރުވަރީ، މާރިޗު ތެރޭގައި، އެންމެ ލަސްވެގެންވެސް މާރިޗު މަހުގެ ތެރެއަށް ދާއިރުގައި، ގިރާވަރުފަޅުވެސް އޮންނާނީ ހިކިފައި. އެހެންވީމާ، އެ ތަންތަނުން ގޯތި ލިބުނު ފަރާތްތަކަށްވެސް، އެ ފަރާތްތަކާ ގޯތި ހަވާލުކުރާނެ، ބިން ހިއްކާ ނިމުނީމާ.
ދެ އަހަރު ދުވަސް ވީއިރު ކީއްވެތޯ ގޯތިތައް ނުދެވުނީ. ބިން އެވެއިލަބަލް ތަންތަނުން އެވަނީ ގޯތިތައް ދެވިފައި. ފޭސް 2 އިންވެސް ގޯތިތައް ދިނުމުގައި އައި ލަސްތަކެއް. މީގައި ހުރި ވަރަށް ގިނަ މައްސަލަތައް. މިސާލަކަށް، މަގުތަކުގެ މައްޗަށް އަރާފައިވެސް ހުރި. އެއްވެސްވަރަކަށް ޕްލޭނަށް ބަލާފައެއް ނޫން ގޯތިތައް ދީފައި ހުރީކީއެއް. އެހެންވީމާ، ބައެއް ތަންތަނުން ބިމުގެ އަޑީގައި ހުރި ބައެއް ޔޫޓިލިޓީ ސަރވިސްތަކަށް ބަދަލުތައް ގެންނަންވެސް އަޅުގަނޑުމެންނަށް ޖެހުނު. މިކަހަލަ ވަރަށް ގިނަ ކަންތައް ކުރަންޖެހުނު. ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި ހުރި ބޮޑެތި ތަންތަނާއި، ބޮޑެތި ވެލިފުނިތަކާއި، މިހެންގޮސް ވަރަށް ގިނަ ތަންތަން ހުރި ފޭސް 2 ގައިވެސް. އެތަންތަން ކްލިއަރކޮށް، ސާފުކޮށް ހަދާ ނިމުނީމާ، އެތަންތަން އެވަނީ ހަވާލުކޮށްފައި.
އެހެންވީމާ، މިއިން ކޮންމެ ބިމެއްވެސް އެވެއިލަބަލް ކޮށްފައި، އެވެއިލަބަލްވީމާ، ދެން ގޯތިތައް ހަވާލުކުރަމުންނޭ މިދަނީ. ދެން، އެ ތަންތަނުގައި ޔޫޓިލިޓީ ޤާއިމުކުރުން. މީގެތެރެއިން، ޔޫޓިލިޓީ ޤާއިމުކުރަންޖެހޭ ތަންތަނުގައި، އަޅުގަނޑުމެން ޔޫޓިލިޓީ ޤާއިމުކުރުމުގެ މަސައްކަތް މިހާރު އެވަނީ،
މި އަންނަ އަހަރުގެ ބަޖެޓު ތެރެއިން ކުރިއަށް ގެންދަން ނިންމާފައި. އެހެންވީމާ، ގުޅީފަޅުގައި ޔޫޓިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ހިނގާނެ. އެޗް.ޑީ.ސީ.އިން ހުޅުމާލޭގައި އެ މަސައްކަތް ގެންދާނީ، ފޭސް 3 ގައިވެސް. މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، އެ ތަންތަނަށް ގޮސް، ދިރިއުޅެވޭނެ ގޮތެއް ހަދައިދޭށޭ. އެ ތަންތަނަށް ބޭނުންވާ ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، މިކަންކަން، މި ދެންނެވި ފަދައިން، ކުރިއަށް ގެންދިޔުމަށް އެވަނީ ހަމަޖައްސާފައި، ސަރުކާރުގެ ޚަރަދުގެ ތެރެއިން. އެ ތަންތަނުގެ މި ދެންނެވި މަސައްކަތްވެސް ކުރިއަށްދާނެ.
އެހެންވީމާ، މި ތިން ބިމުގެ ކަންތައް ޕްލޭން ކުރެވިފައި، ނޫނީވިއްޔާ ހަމަޖެހިގެން، ނޫނީވިއްޔާ ކުރިއަށްދާގޮތް މި ދަންނަވާލީ. ދެން، ފަހިދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅަމުންގޮސް، މިހާރު ނިމިގެން، ހަވާލުކުރުމުގެ މަރުޙަލާގައި 4,000 ފްލެޓް އެވަނީ. އަޅުގަނޑު ދެންނެވި ގޮތަށް، ވަޢުދުވީ ގޮތަށް، އެ ފައިނަލް ލިސްޓުގައި ހުރި ފަރާތްތަކަށް އެތަންތަންވެސް މިދިނީ. ދެން، އެ ތަންތަނަށް ވަނުމަށްޓަކައި ބޭނުންވާ އެކިކަހަލަ ކަރަންޓް ގުޅުމާއި، މިހެންހުރި ބައެއް ކަންކަން އެދަނީ ވަރަށް ބާރަށް ކުރިއަށް. އެޗް.ޑީ.ސީ.އާއި، ސްޓެލްކޯއާއި، ފަހިދިރިއުޅުން ކޯޕަރޭޝަނާއި، އެމް.ޑަބްލިޔޫ.އެސް.ސީ.، މި ހުރިހާ ފަރާތްތަކެއްގެ ކޯޑިނޭޝަންގެ ތެރެއިން، ފިނޭންސް މިނިސްޓްރީ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން، މިމަހުގެ ނިޔަލަށް އެ ބޭފުޅުން އެ ބައްލަވަނީ، މިހާރު ނުދެވިހުރި ހުރިހާ ފްލެޓެއްވެސް އެ ކުރަންޖެހޭ މަސައްކަތް ނިންމައި، މި 4,000 ފްލެޓް ލިބުނު ހުރިހާ އެންމެންނަށް، ދިރާސީ އާ އަހަރު ފެށެންވާއިރަށް، އެ ފްލެޓްތަކަށް ވަދެވޭވަރު ކޮށްދޭން. އެކަންވެސް އެބަ ހިނގާ. އެހެންވީމާ، އެއީ މިދިޔަ ސަރުކާރުން ގޯއްޗާއި، ފްލެޓް ލިބުނު ފަރާތްތަކަށް، އަޅުގަނޑު ވަޢުދުވީ ގޮތަށް އެ ތަންތަން ހަވާލުކުރުމުގެ ކަން ހިނގާގޮތަކީ.
ދެން، މިތަނުން ބޭފުޅަކު ސުވާލުކުރެއްވި، ވަޢުދުވީ އެ މީހަކަށް ގޯތި ލިބުނުތާކުން ދިނުމަށޭ. އެގޮތަށް މިގެންދަނީ. ދެން، މި ގެންދާއިރުގައި، މީގައި އެންމެ ބޮޑު ބަދަލެއް އައިކަމަށް ވިދާޅުވެވިދާނެ ތަނަކަށް އޮންނާނީ ގުޅީފަޅު، އަދި ގިރާވަރުފަޅު. ގިރާވަރުފަޅުން ގޯތި ދީފައި އޮތީ. ކޮންމެ ތަނެއްގައިވެސް ލޭންޑް ޔޫސް ޕްލޭނެއް ވެއްޖިއްޔާ އޮންނާނީ، ވަކި މިންގަނޑަކުން ހަދާގޮތަށް. އެއީ، ސްޓޭންޑަޑެއް އޮންނަ ކަމެއް. މަގުތަކެއް ހުންނާނެ. މީހުންނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރަންޖެހޭނެ. މިކަންކަމަށް ބިންތައް ކަނޑައަޅަންޖެހޭނެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނެއް މިދިޔަ ސަރުކާރުން ނަހަދާ. ގޮޅި ޖަހާލާފައި، އެއްވެސްވަރަކަށް މަގަކަށް ތަނަކަށްވެސް ނުކަނޑާ، ސްކޫލެއް، ހޮސްޕިޓަލެއް ތަނަކަށްވެސް ނުކަނޑާ، ހަމަ އެކީގައި ގޯތި. އެ ގޯތިތައް ދީ ނިމުނުއިރުގައި، މޫދަށާ އެކީގައި، މުޅިތަން ހިއްކިޔަސްވެސް ނުވާވަރަށް. އެހެންވީމާ، އަޅުގަނޑުމެން ޖެހުނީ އެ ބަދަލުތައް ގެންނަން. ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުމެން ފުރުޞަތު ހުޅުވާލައިގެން، ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރިން. މި ދެންނެވިހެން، ގިރާވަރުފަޅުން ދޫކުރެވިފައި ހުރި ގޯތިތަކެއް، މުޅި ފަޅު ހިއްކިޔަސް، އެ ފަރާތްތަކަށް ގޯތި ނުދެވޭވަރަށް ހުރީމަ، އަޅުގަނޑުމެން މި ހުޅުވާލި ފުރުޞަތުގައި، އެ ފަރާތްތައް ގުޅީފަޅަށް ވާނީ މިހާރު ބަދަލުވެފައި. އެއީކީ ވަޢުދާ ޚިލާފުވުމެއް ނޫނެއްނޫންތޯ؟ އެއީކީ ވަޢުދާ ޚިލާފުވުމެއް ނޫން.
ދެން، ގުޅީފަޅުގައިވެސް، ލޭންޑް ޔޫސް ޕްލޭންގައި ކުދިކުދި ބަދަލުތައް ހުރި، އެތަނުގެ ބޭނުން އެންމެ ބޭނުންތެރިގޮތެއްގައި ހިފުމަށްޓަކައި. އަޅުގަނޑު ވަޢުދުވިން، އެތާނގައި އޮތް އެންމެ ފުންތަން ހިއްކާނެ ކަމަށް. އެކަން އަދި ކުރިއަށް އެބައޮތް. އެހެންނަމަވެސް، އެތަން ހިއްކަންދެން މަޑުނުކޮށް، މިހާރު ހިއްކާ ނިމިފައި އޮތް ބައިން، އެންމެންނަށް އެންމެ އަވަހަށް ގޯއްޗަށް ވަދެވޭނެ ގޮތް ހެދުމަށްޓަކައި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައިން. އެއީކީއެއް އެމީހާއަށް ލިބުނު ފިޒިކަލް ލޮކޭޝަނުން ބިން ނުދިނުމެއް ނޫން. ގުޅީފަޅުން އެމީހާއަށް އެބަ ލިބޭ ގޯތި. އަވަހަށް ދޭންވެގެން ގެނައި ބަދަލުތަކެއް. އެހެންވީމާ، ވަޢުދަކާ ޚިލާފެއް ނުވަން. މީގެ މަފްހޫމު، މީގެ މަޤްޞަދު، ރައްޔިތުންނަށް އެންމެ އަވަހަށް އެ ގޯތިތައް ދިނުން. އެންމެ އަވަހަށް އެ ގޯތިތަކަށް ވަދެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން، ގެންނަންޖެހޭ ބަދަލުތަކެއް އެކަނި ގެނެސްފައި ހުންނާނީ. އަޅުގަނޑު ވީ ކޮންމެ ވަޢުދަކީ، ފުއްދުމުގެ ފުރިހަމަ ޢަޒުމުގައި، ނިޔަތުގައި ވެފައިހުރި ވަޢުދުތައް. އެ ވަޢުދުތައް ފުއްދަމުން އިރާދަކުރެއްވީތީ މިދަނީ، މިއަދާ ހަމައަށްވެސް.
ދެންއޮތީ، އިތުރަށް ގޯތިދިނުމާއި، އިތުރަށް ފްލެޓްދިނުން. އެކަމަށްޓަކައި މިހާރު އެއޮތީ އުސޫލެއް އިޢުލާނުކޮށްފައި. އާދެ، މި ގޯތިތަކާއި ފްލެޓްތައް ދޭނީ ކޮންތާކުންތޯ ބަލާއިރުގައި، މި ދެންނެވި ތިން ތަން، ގުޅީފަޅު، ގިރާވަރުފަޅު، އަދި ހުޅުމާލެއިން، ގާތްގަނޑަކަށް ބިން ހުސްވެފައި. ގުޅީފަޅުގެ ފުންތަން ހިއްކީމާ، އިތުރު ބިން އެތަނުން ލިބޭނެ. އެހެންވީމާ، އުތުރުތިލަފަޅު އަޅުގަނޑުމެން އެބަ ހިއްކަން. ރިޔާސީ ބަޔާނުގައި އަޅުގަނޑު އޮންނާނީ އެ ވާހަކަ އިޢުލާނުވެސް ކޮށްފައި. މި އަހަރު އެބައޮތް އަދި ބާކީ ކުޑަދުވަސްކޮޅެއް. އަޅުގަނޑުމެން މި ބަލަނީ، ރިޔާސީ ބަޔާނުގައި އަޅުގަނޑު އިޢުލާނުކުރި ގޮތަށް، އުތުރުތިލަފަޅުގެ ފިޒިކަލް މަސައްކަތް ފަށަން. އެތަނުންވެސް އިތުރުވާނެ ބިން. ގާތްގަނޑަކަށް، 150 އެއްހާ އަކަފޫޓުގެ ބިން އެތަނުންވެސް އެބަ ލިބޭ.
އެހެންވީމާ، މިއީ މާލޭ ސަރަޙައްދުން ފިޒިކަލީ ކަނެކްޓެޑް ގޮތަކަށް ހެދެންހުރި ތަންތަން. ހުރިހާ ތަނެއް ހިއްކާ ނިމި، ގޯތި ދެވެނީ. އިތުރަށް ބިން ބޭނުންވާނެތީ، މާލޭގެ އެންމެ ބޮޑު މައްސަލައަކީ، ގޯތިގެދޮރުގެ މައްސަލަ ކަމުގައިވާތީ، ދެން، އެންމެ ކައިރިން ހިއްކެން އޮތް ބޮޑު ފަޅަކީ، ފުށިދިއްގަރުފަޅުވީމާ، އެތަން ރަސްމާލެ ޑިވެލޮޕްމަންޓްގެ ގޮތުގައި މި ހިއްކަނީ. އެތަނުން މި ހިއްކެނީ، 1,000 އަށްވުރެ ގިނަ ހެކްޓަރުގެ ބޮޑު ބިމެއް. އެތަނުން އަޅުގަނޑުމެން ފުރަތަމަ 15,000 ގޯތި، 1,250 އަކަފޫޓުގެ 15,000 ގޯތި މިދެނީ. އޭގެތެރެއިން 10,000 ގޯތި މާލޭގެ ރަށްވެހިންނަށް މިއޮތީ ކަނޑައަޅާފައި. އެހެންވީމާ، 10,000 ގޯތި. ދެންހުރި ކެޓަގަރީތަކެއް ހުންނާނެ. 3,000 ގޯތި މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ރައްޔިތުންނަށް. ދެން ލާޖައްސާ އުސޫލުން، ކުދި ބިންތައް ހުރި ފަރާތްތަކުން މުޅިގޯތި އެކީގައި އެންމެން ދޫކޮށްލާފައި، ކޮންމެ މީހަކަށް ގޯއްޗެއް ލިބޭގޮތަށް ވަކި ކެޓަގަރީއެއް، 1,500 ގޯތި ކަނޑައަޅާފައި އޮންނާނީ. މައިމުޅަވެފައިވާ ފަރާތްތަކަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައި އޮންނާނީ. މިއީ ހުސް އަޅުގަނޑުގެ ވަޢުދުތައް. އެހެންވީމާ، މާލޭ ކައިރިން ހިއްކެން ހުރި ހުރިހާ ބިމެއް މި ހިއްކަނީ އެއްފަހަރާ. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ރަސްމާލެ ހިއްކަމުންދާ ތަން. ވަރަށް ބާރު ސްޕީޑްގައި، ކުރިއަށް އޮތް ހަތަރު ފަސްމަސް ތެރޭގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ނިންމާލަނީ. ނިމެންވާއިރަށް، ގޯތިތައް ލިބޭނެ ފަރާތްތައްވެސް މި ކަނޑައަޅަނީ. ފްލެޓް އެޅުން، މިހާރު މި ފެށެނީ ހުޅުމާލޭގައި. ހުޅުމާލޭގައި ގާތްގަނޑަކަށް، 2,700 ފްލެޓް އަޅުގަނޑުމެން މި އަޅަނީ، ފޭސް 3 ގައި ބާކީ އޮންނަ ބިމުގައި. އަދި ވިލިމާލޭގައި 300 ފްލެޓް މި އެޅެނީ. ޖުމްލަ 3,000 ފްލެޓް، ބީ.އެމް.އެލް. ޕްރޮޖެކްޓްގެ ތެރެއިން. ދެން، އިތުރު ފްލެޓްތައް މާލޭ ސިޓީގައި. ގުޅީފަޅުގައި، އޭގެތެރެއިން 4,000 ފްލެޓެއް އަޅަން ނިންމާފައި މިއޮތީ. އަދި މާލޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަދި އިތުރު 500 ފްލެޓް އަޅާނަން. އެހެންވީމާ، މި ފްލެޓްތައް އެޅުމުގެ މަސައްކަތް މި ކުރެވެނީ، މާލޭ ސިޓީ އޭރިއާގައި. މި ފްލެޓްތައް ލިބޭނެ ކެޓަގަރީތައް އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ.
ދެން، ރައްޔިތުންގެ ހުރިހާ ޚިޔާލަކަށް އަޅުގަނޑު ވަރަށް ސީރިއަސްކޮށް ސަމާލުކަންދެން. އެންމެ ބޮޑު އެއް ޝަކުވާއަކަށް، ނޫނީވިއްޔާ ކަންބޮޑުވުމަކަށް، ނޫނީވިއްޔާ ވަރަށް ޖެނުއިން އުދާހަކަށް ފާހަގަކުރައްވަމުން ގެންދަވާ ކަމަކީ، މީގެކުރީގައި މަޖުބޫރުވެގެން، ނޫނީވިއްޔާ އެކި ސަބަބުތަކާ ހެދި އެއް ކޮޓަރީގެ ފްލެޓުތައް ލިބިފައި ތިބި ފަރާތްތަކަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން އަޅުގަނޑުމެން މިހާރު އިޢުލާނުކޮށްފައި އޮތްގޮތުންވިއްޔާ މިއަށް ކުރިމަތިނުލެވޭނެތީ އެކަން. އެކަމަކު ހަމަ ވަރަށް ގިނަ ދުވަސްވެއްޖެ، މި ފްލެޓްތައް ލިބިފައި ހުރި ފަރާތްތައް އެތަންތާނގައި އުޅެމުންދާތާ. އެހެންވީމާ، އެތަންތާނގައި އުޅެމުން، ޢާއިލާ ބޮޑުވަމުން، ދަރިންތައް ގިނަވަމުންގޮސް، އެ ކޮޓަރި އޮތީތީވެ، އެއްވެސްވަރަކަށް ކުރިމަތިނުލެވެނީ. އެހެންވީމާ، އަޅުގަނޑުމެން ބަދަލެއް މި ގެންނަނީ، އެއް ކޮޓަރީގެ ފްލެޓެއް އޮތް ކަމުގައިވިޔަސް، އެތަން ދޫކޮށްލާ ކަމުގައިވަންޏާ، އަލުން އަޅުގަނޑުމެން މި ހުޅުވައިލާ ތިން ކޮޓަރީގެ ސްކީމަށް ކުރިމަތިލެވޭގޮތަށް. އެ ޝަރުޠު އެބަ ބަދަލުކުރަން. އެ ބަދަލުވެސް މިގެންނަނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން ބޭނުންވާގޮތަށް ކަން ކޮށްދޭން.
ދެން، މިތަނުގައި ދެންމެ ފާހަގަކުރައްވައިފި، އަޅުގަނޑުމެން ކަނޑައަޅާފައި މި އޮންނަނީ ފަސް އަހަރު މާލޭގެ ރަށްވެއްސަކަށް ވެފައި ހުންނަންޖެހޭނެއޭ. ފަސް އަހަރު މާލޭގެ ރަށްވެއްސަކަށް ވެފައި ހުރި މީހާއަށޭ ކުރިމަތިލެވޭނީ. އެއަށްވެސް އަޅުގަނޑުމެން އީޖާބީގޮތެއްގައި، ޕޮޒިޓިވް ނޯޓެއްގައި ވިސްނާނަން. ވިސްނާފައި، އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް ކުރުކޮށްދީ، ނޫނީ އެކީގައި އުވައިވެސްލެވިދާނެ. އެހެންވީމާ، އަޅުގަނޑުމެން ބަލާނަން، އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލާފައި، އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުޞަތު ދޭން، މި ފްލެޓްތަކަށް ކުރިމަތިލާން، ގޯތިތަކަށް ކުރިމަތިލާން.
އެހެންވީމާ، ރައްޔިތުން ތިޔަ ފާހަގަކޮށްދެއްވި ކަންކަމަކީ، ފާހަގަކޮށްދެއްވަމުން ގެންދަވާ ހުރިހާ ކަމަކީ، ހަމަ ވަރަށް މުހިންމު، ވަރަށް ބިނާކުރަނިވި، ވަރަށް ރަނގަޅު ވާހަކަތަކެއް. ޖަމާޢީގޮތެއްގައި، މުޅި މާލެއާ ގުޅޭ ކަންކަމާއި، ޕަރސަނަލް ކަންކަމާއި، އަދި ދެންހުރި ކަންކަމަކީވެސް، ވަރަށް ރަނގަޅު، ވަރަށް މުހިންމު ޚިޔާލުފުޅުތަކެއް. އެހެންވީމާ، ބޯހިޔާވަހިކަމާ ގުޅޭގޮތުން އަޅުގަނޑަށް ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. އަޅުގަނޑު ހިތުން، ޖުމްލަކޮށް މި ވާހަކަތައް މި ދަންނަވާލަނީ.
ކޭޕާކް ވާހަކަވެސް ފާހަގަކުރެއްވި. ޕްރައިވެޓް ޑިވެލޮޕަރއަކުން ހޯދާފައި ހުރި ތަންތަން. މިއީ، ވަރަށް ބޮޑު، ވަރަށް ބޮޑު ކްރިމިނަލް ކޭސްއެއް ހިނގަމުންދާ ކަމެއް. ކްރިމިނަލް ކޯޓުގައި މިހާރު އެ މައްސަލަ ނިމެމުން އެދަނީ. ދެން، އެޗް.ޑީ.ސީ.އިން މިހާރު އެ ތަންތަން ލިބުނު ފަރާތްތަކަށް، މި ދެންނެވީ އެ ޑިވެލޮޕްމަންޓް އަލުން ކުރިއަށް ގެންދެވޭނެ ގޮތެއް އެބަ ބަލާ. ޖެނުއިން އިޝޫޒް ތިޔަބޭފުޅުން ތިޔަ ފާހަގަކުރައްވަމުން ގެންދަވަނީ. އެހެންވީމާ، އެ ކޮންމެ ކަމަކަށް އަޅުގަނޑުމެން ރަނގަޅު ޙައްލެއް ގެނެސްދިނުމަށްޓަކައި، ވަރަށް ގިނަ ކަންތައްތައް ކޮށްދޭނަން.
މީގެތެރޭގައި، ކުރީގައި މިސާލަކަށް، ދަރިންގެ އޭޖް، ނޫނީވިއްޔާ މިނިމަމް އޭޖް 18 އަހަރު ކަނޑައަޅާފައި އޮންނަ މައްސަލައަށްވެސް އަޅުގަނޑުމެން މީގައި އޮންނާނެ ލުއިތަކެއް ދީފައި. ދެން މިހެންގޮސް، ވަރަށް ގިނަ ކަންތައްތަކަކަށް އަޅުގަނޑުމެން އިތުރަށް ލުއިތައް އެބަ ދެން، ރައްޔިތުންނަށް މީގައި ފަސޭހަކޮށްދިނުމަށްޓަކައި.
އާދެ، އެހެންވީމާ، ޖުމްލަކޮށް ހައުސިންގ ދާއިރާއިން، އަޅުގަނޑަށް އިތުރު ކަމެއް ފާހަގަނުކުރެވިވެސް އޮވެދާނެ. އެކަމަކު، މިއިން ކޮންމެ ކަމަކަށް ސީރިއަސްގޮތެއްގައި، އެޓެންޑް ކޮށްދޭނަން. މިތަނުން އެއް ބޭފުޅަކު ފާހަގަކުރެއްވި، ކުރީގެ ވެށިފަހި ސްކީމުން ހުސްވެފައި ހުރި ގޯތިތައް، އެ ބައިކުޅަ ބައިތައް ބެހެނިވެރިންނަށް ގަނެވޭނެގޮތަށް އޮތް ކަންތައް، ކިހިނެއްތޯ އެއަށް ހަދަނީ. އަޅުގަނޑުމެން އެއަށް ރީވިޒިޓް ކޮށްދޭނަން. އެކަން ދެން ހަދާނެގޮތެއް. ކުރީގައި އޮންނާނީ، އެތަންކޮޅު ގަނެގެން، އެ ލިބޭގޮތް ހަދަން. މިހާރު އެއަށް ހެދޭނެގޮތެއް އަޅުގަނޑު ބަލައިދޭނަން. ކޮބައިތޯ އެއަށް އެންމެ ރަނގަޅު ޙައްލަކަށް ވާނީ.
އާދެ، މާލޭގައި ބޯހިޔާވަހިކަމާ ޖެހިގެން، ދެން އެންމެ ބޮޑު ކަމަކަށް އޮންނާނީ، މާލޭގެ މަގުތަކާ ގުޅޭ ކަންތައްކަން އަޅުގަނޑަށް ހަމަ ޔަޤީން. އެހެންވީމާ، ދެން އެންމެ ގިނައިން ފާހަގަކުރެވޭ އެއްކަމަކަށް އޮތީ، މިހެންހުރި ކަންތައްތައް. މަގުތަކުގެ ޙާލަތު ގޯސްވުން. މަގުތަކުގައި ހިނގާ ބިނގާވެ އުޅެން އުނދަގޫވުން. ދުއްވަން އުނދަގޫވުން. ޕާކް ކުރަން އުނދަގޫވުން. ޕާކް ކުރުވީމާ ދިމާވާ މައްސަލަތައް. މި ހުރިހާ ކަމެއް. މިއިން ކޮންމެ ކަމަކަށްވެސް ގިނަ ޙައްލުތަކެއް ގެނައުމުގެ މަސައްކަތްތައް އެ ކުރެވެނީ. އެއްކަމަކީ، ދާއިމީ ޙައްލުގެ އެއްބައި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. މުޅި މާލޭގެ ހުރިހާ މަގެއް، ގޯޅިއެއް، ވިލިމާލެ ހިމެނޭގޮތަށް ހަދާގޮތަށް މިހާރު. އެންމެ ބޮޑު ކަމަކަށް އޮންނާނީ، މިވަރުކަމެއް ކުރާއިރު ފައިސާ ދޮގެއްތޯ؟ އެހެންވީމާ، ފައިސާގެ މައްސަލަ ޙައްލުވެއްޖެ. ޗައިނާގެ ހިލޭ އެހީގައި އެކަން އޮތީ ކުރެވޭގޮތަށް. ވާގޮތަކީ، ބޭރުގެ ހިލޭ އެހީގައި ކުރާ މަޝްރޫޢެއް ވެއްޖިއްޔާ، އޭގައި ޕްރޮސެސްތަކެއް ނިންމަން ހުރޭ. ފީޒިބިލިޓީ، ޑިޒައިން ސްޓޭޖް، ދެން ގޮސް ޓެންޑަރިންގ ސްޓޭޖް. މިހާރު ޑިޒައިން ސްޓޭޖަށް ގޮސްފައި އެވަނީ. ދެން ދާނީ، ޓެންޑަރ ކޮށްގެން ބަޔަކު ހޯދަން.
އެހެންވީމާ، މީގައި ނަގާ ވަގުތު ނަގާއިރުވެސް، އަޅުގަނޑުމެން މި ބަލަނީ، މިހާރުން މިހާރަށްވެސް ކުރެވެންހުރި ކަންތައްތައް، މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ނޫނީވިއްޔާ ހިނގާ ބިނގާވެ އުޅުމަށް ފަސޭހަކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ؟ މީގެތެރެއިން، ބޭރުމަގުގެ ޕްރޮޖެކްޓްގެ ތެރޭގައި ނުހިމެނޭ ބައި އަޅުގަނޑުމެން ހަދަން ފަށާފައި މިހާރު އެއޮތީ. ބާޒާރުމަތި ވަރަށް ތޮއްޖެހޭ ތަނެއް އެއީ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ބާޒާރުމަތީގެ މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭން އޮންނަގޮތަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް ހިނގާތަން.
އެހެންވީމާ، ރޯދަމަސް ނިމެންވާއިރަށް މި ބަލަނީ ބާޒާރުމަތީ އެންމެ ބާރު ބޮޑު ސަރަޙައްދުގެ މަސައްކަތް ނިންމާލަން. އެއީ، އެމް.ޕީ.އެލް. ސަރަޙައްދުން ގޮސް މަސްމާރުކޭޓާ ހަމައަށް. ނޫނީވިއްޔާ، އެއަށްވުރެ އެކޮޅަށް ޢިއްޒުއްދީން ފާލަމާ ހަމައަށް. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ޢިއްޒުއްދީން ފާލަމާއި އެމް.އެމް.އޭ.އާ ދޭތެރެ މިހާރު އެއޮތީ ވަރަށް ފުޅާވެފައި. އެހެންވީމާ، އެ މަސައްކަތް ކުރެވުނީމާ ބާޒާރުމައްޗަށްވެސް ލުއިތަކެއް އެބައާދޭ.
ދެން ޖުމުލަކޮށް ދަންނަވާނަމަ، ޕާކިންގ މައްސަލައަކީ ބޮޑު މައްސަލައެއް. މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، ކުރީގައި އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި އަޅުގަނޑު އިޢުލާނުކޮށްފައި، ނޫނީވިއްޔާ ކުރިއަށްގެންދަން ނިންމާފައި އޮތް މަޝްރޫޢެއްގެ ވާހަކަ. އެކަން އޭރުގައި އޮތީ އެހިސާބުގައި. އެހެންނަމަވެސް، އެކަން އޭރު ކުރެވޭނެ ކަހަލަ ގޮތަކަށް ނޫން މަގުފަހިވެފައި އޮތީ. ދެން އެކަން ލަސްވެގެން ދިޔުމުގެ ސަބަބުން، ސަރުކާރުގެ ތެރެއިން އެކަން ކުރަން އަޅުގަނޑުމެން ބެލިއިރުގައި، އެކަން ކުރުމަށްޓަކައި އޭރުގައި އެކިކަހަލަ ގޮތްގޮތުން ކުރިމަތިލާފައި ތިބި ފަރާތްތަކުން، ނޫނީވިއްޔާ ކުރިއަށް ގެންދަން ނިންމާފައި ތިބި ފަރާތްތަކާއެކީ، ކުރިއަށް ގެންދިޔުމުގައިވެސް ދަތިތަކެއް ދިމާވެފައި އޮތީ.
އެހެންވީމާ، ސަރުކާރުން މިހާރު އެއޮތީ އިންޑިއާގެ އެލް.އޯ.ސީ.ގެ ތެރެއަށް، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭގައި ހިމަނާފައި، މާލޭގައި ހަތަރު ސަރަޙައްދެއްގައި، ޕާކިންގ ބިލްޑިންގތައް އަޅަން. އޭގެ ހުރިހާ ލިޔެކިޔުންތައް އިންޑިއާގެ ސަރުކާރަށް ފޮނުވައިގެން، އޭގެ މަރުޙަލާތަކުގައި އެއްކަލަހެން އެ އޮންނަ ޑިއު ޕްރޮސެސް އެބަ ހިނގާ. އޭރުން މާލޭސިޓީގައި އެޅޭނެ ހަތަރު ޕާކިންގ ބިލްޑިންގ. ހަތަރު ޕާކިންގ ބިލްޑިންގ އެޅިގެންދިޔުން ވެގެންދާނީ، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަކަށް. އޭގެތެރެއިން، ދެ ބިލްޑިންގ މާލޭގައި. އެއް ބިލްޑިންގ ބުރިޖުން ފައިބާ ދިމައިގައި ވިލިމާލޭގައި. އެއީ، ވިލިމާލެއަކީ ހިނގާބިނގާވެ އުޅޭ ތަނެއްވީމާ. ބުރިޖުން ވިލިމާލެއަށް ފައިބާއިރަށް އެތަނުގައި ޕާކު ކުރަންޖެހޭނެ. އެހެންވީމާ، އެތަނުގައި އެއް ބިލްޑިންގ. ދެން ހުޅުމާލޭގައި ހަމަ ރަނގަޅު ލޮކޭޝަނެއްގައި، އެންމެ ގިނަ މީހުންނަށް ބޭނުންހިފޭ ތަނެއްގައި އެއް ބިލްޑިންގ. ހަތަރު ބިލްޑިންގ މީގެ ތެރެއިން އަޅާނެ.
ދެން އޭގެ އިތުރަށް ކުރެވެންހުރި ކަންކަމަކީ، ސިޓީ ކައުންސިލްގެ ތެރެއިން ޙަޤީޤަތުގައި ކުރަންޖެހޭ ކަންތައްތައް. ސަރުކާރުން ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުން މިކަންކަމުގައި ދޭނެ. އަދި ސީދާ ސަރުކާރުންވެސް މަސައްކަތްތައް ކުރަމުން މިދަނީ. މީގައި ގެނެވޭނެ ޙައްލުތަކަކީ ކޮބައިތޯ، މަގުމަތީގައި ޕާކު ކުރުމުގައި މި ދިމާވާ. މިސާލަކަށް، ޓްރެފިކް ޕޮލިސް މެދުވެރިވެގެން އަޅުގަނޑުމެން މަގުމަތީގައި އެބަ މަސައްކަތްތަކެއް ކުރަން. އެހެންނަމަވެސް، މިކަންކަމަކީ އެންމެން ގުޅިގެން އެއް ވިސްނުމެއްގައި މަސައްކަތް ކޮށްފިއްޔާ، އޭގެ އެންމެ ރަނގަޅު ޙައްލު އަންނާނެ ކަންތައްތައް. އެހެންވީމާ، ޕާކިންގގައި މި ދިމާވާ މައްސަލަތަކަކީ، މީގައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން، އެއަށް ރަނގަޅު ޙައްލެއް އަންނާނެ ކަންތައްތައް.
ދެން ހަމައެއާއެކީގައި ފާހަގަކުރެއްވި، ޕާކިންގގެ މައްސަލައިގެ އިތުރަށް، ޓްރެފިކް ޖޫރިމަނާގެ މައްސަލައާއި، މިކަހަލަ ކަންތައްތައްވެސް. ދެން ޓްރެފިކް ޖޫރިމަނާގެ މައްސަލައަކީ، މިހާރު ވަކި އުސޫލެއް ގެޒެޓު ކުރެވިގެން، އެގޮތަށް ދައްކަންހުރި ފައިސާ، އެ މީހަކަށް އެފޯޑްކުރެވޭ ގޮތަކަށް، ބަހާލައިގެން ދެއްކޭގޮތަށް އެގްރީމެންޓް ހެދޭ އުސޫލެއް އޮތް ކަމެއް. މީގައި މިހާރު ހާހެއްހާ ފަރާތުން އެގްރީމެންޓް ހަދައިފި ކަމަށް، އަޅުގަނޑަށް ދެންމެ މިނިސްޓަރ މަޢުލޫމާތު ދެއްވި. އެހެންވީމާ، ދެން އިތުރަށް މާފުކުރުމާއި ނުކުރުން، އެއީ ދެންއޮތް ކަމަކަށް އޮންނާނީ. އެހެންނަމަވެސް، އުސޫލަކުން ބަހައިލައިގެން ދައްކާގޮތަށް އެއޮތީ ހަމަޖެހިފައި.
ދެން ފާހަގަކުރެއްވި، ފެމިލީކޯޓުން ކައިވެނިކުރުމާއި، މިކަންކަމުގައި ބަލާ ކަންކަން. މިއީ ދެން ގުޅި ލާމެހިފައި ހުރި ކަންކަން. އެހެންވީމާ، އީޖާބީގޮތެއްގައި ޕޮޒިޓިވް ނޯޓެއްގައި ހަމަ އެހެން ފާހަގަކުރެއްވި ޚިޔާލުތަކަށް އަޅުގަނޑުމެން އެޓެންޑް ކުރާނަން. ކޮބައިތޯ ދެން މިކަމާ ގުޅިފައި ހުރި ކަންކަމަށް ގެނެވޭނެ ޙައްލަކީ. އޮތް ކަންކަން ބަލާފައި، ގެނެވެން އޮތް އެންމެ ރަނގަޅު ޙައްލެއް އިރާދަކުރެއްވިއްޔާ ގެންނާނެ ކަންތައްތައް މިއީ.
އާދެ، އެހެން ކަންކަމަށް ބަލައިލާއިރުގައި އަޅުގަނޑު ފާހަގަކޮށްލާނަން. އާދެ، އަޅުގަނޑު މަސައްކަތްކުރަނީ ޙަޤީޤަތުގައިވެސް ރައްޔިތުންނާ ގާތުން. ރައްޔިތުންނާ އެކީގައި އަޅުގަނޑު މިހާރުވެސް މިހުރީ. ރާއްޖޭގެ ކޮންމެ ރަށަކަށް ހިނގައްޖައިން. ރައްޔިތުންނާ ބައްދަލުކުރިން. ރައްޔިތުންނާ ބައްދަލުކުރުމުގެ ކުރީގައި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރިން. ކޮންމެ ރަށެއްގައި، ކައުންސިލާއި، އެ ރަށެއްގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރިން. ރައްޔިތުން ބޭނުންވާ ކަންކަން، އެ މުއައްސަސާތަކުން ބޭނުންވާ ކަންކަމުގެ ޚިޔާލާއި މަޝްވަރާ އަޑުއެހިން. އަޑުއަހާފައި، އެއިން ކޮންމެ ކަމަކަށް އަޅުގަނޑު އެޓެންޑްވަން. އެޑްރެސް ކުރަން ސަރުކާރުގެ ތެރެއިން.
މާލޭގައިވެސް ކޮންމެ އަވަށެއްގެ ރައްޔިތުންނާ، މާލޭގެ ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި ބައްދަލުވުންތައް ބާއްވަމުން މިދަނީ. ކޮންމެ ބޭފުޅަކަށްވެސް ފުރުޞަތު މިދެނީ ވަގުތު އޮތްވަރަކުން. ވަރަށް ގިނަ ބޭފުޅުން ޚިޔާލާއި މަޝްވަރާ އެބަ ދެއްވާ. އަދި އެ ބޭފުޅަކު ބޭނުންވެލައްވަންޏާ، އަޅުގަނޑު އަތަށް ވަކިވަކިން ލިޔުމުން އެބަ ދެއްވާ. އެ ބޭފުޅެއްގެ ޚިޔާލު، ނޫނީވިއްޔާ ކަންބޮޑުވުން. މަޝްވަރާގެ އުސޫލުން ހުރިހާ ކަމެއްވެސް ދަނީ. މަޝްވަރާ ކުރުން، ރައްޔިތުންނާ ބައްދަލުކުރުން، ރައްޔިތުންނާ ގާތުން މަސައްކަތްކުރުން، އެއީ އަޅުގަނޑު ހިތުން އަޅުގަނޑު އަބަދުވެސް ކަންތައް ކުރާގޮތަކީ. ކުރީގައި މޭޔަރަކަށް ހުރިއިރުވެސް، މާލޭގައި ގޭގެއަށް ދިޔުމާއެކު، ރައްޔިތުންނާ އެކީގައި ބައްދަލުކުރަނީ.
އެހެންވީމާ، އަޅުގަނޑުމެން މަސައްކަތްކުރަނީ މަޝްވަރާނުކޮށް ކަމަށް، ޚިޔާލާއި މަޝްވަރާ ނުހޯދާކަމަށް، އަޅުގަނޑު ހިތުން އެއީކީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރާނެ ކަމަކަށް ނުވާނެ. އިރާދަކުރެއްވީތީ، ރައްޔިތުން އަޅުގަނޑު އިންތިޚާބުކޮށްފައި މިހުރީ ރައްޔިތުންނަށް އަޅުގަނޑު ހުށަހެޅި ކަންތައްތަކާ އެކީގައި ރައްޔިތުން ބަލައިގަނެގެން. ރައްޔިތުން ވޯޓު ދެއްވީ މެނިފެސްޓޯއަކަށް، ވަޢުދުތަކަކަށް. އެހެންވީމާ، ރައްޔިތުންގެ ވިސްނުން ހުރިގޮތް އެބަ އެނގޭ. އެހެންވީމާ، މިކަހަލަ ބޮޑެތި ކަންތައްތައް ނިންމާއިރުގައި، ރައްޔިތުންގެ ވިސްނުން އެނގިހުރެގެން، ކަންތައްތައް ނިންމަމުން ދަނީ.
މިސާލަކަށް، ވޭޕުގެ މައްސަލަ. އަޅުގަނޑަށް ހަމަ ޔަޤީން، މިއަދު ރާއްޖޭގައި ވޯޓެއް ނެގިޔަސް، ވޭޕް ބޭންކުރުމަށް ތާއީދުކުރާނެ، 90 ޕަސެންޓަށްވުރެ ގިނަ ރައްޔިތުން. ތާއީދުކުރާނެ. ޖެނެރޭޝަނަލް ބޭންއެއް، 2007 ވަނަ އަހަރުން ފެށިގެން އުފަންވި، މާނައަކީ ޒުވާންކުދިން، 18 އަހަރުން ދަށުގެ ޒުވާން ކުދިން، އެ ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރަން، އަޅުގަނޑަށް ހަމަ ޔަޤީން، 90 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ތާއީދުކުރާނެ. ދެން މިހެންގޮސް ޑްރަގުގެ ވަބާއިން މި ޤައުމު ސަލާމަތްކުރުމަށްޓަކައި ޑްރަގު އެތެރެކުރާ ފަރާތްތައް، ވަކިވަރަކަށްވުރެ ގިނައިން އެތެރެކުރާ ފަރާތްތައް، ޤާނޫނުގައި މި ކަނޑައެޅި އިޖުރާޢަތްތަކުގެ ތެރެއިން ބަލައި، މަރުގެ އަދަބުދޭން މި ހިމެނި ހިމެނުން، ހަމަ 90 ޕަސެންޓަށްވުރެ ގިނަ ރައްޔިތުން ތާއީދުކުރާނެ. އެހެންވީމާ، މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން މިކުރާ ކަންކަމަކީ، ރައްޔިތުންގެ ވިންދާއި އިޙްސާސް އެނގިހުރެ، ރައްޔިތުން ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް، ރައްޔިތުންނަށްޓަކައި ކޮށްދިނުމުގެ މަސައްކަތް. އެކަންކަން މި ކުރަނީ އަޅުގަނޑަށް އެކަމުގެ ފުރިހަމަ ޔަޤީންކަން އޮތީމާ، ރައްޔިތުން ބޭނުންވާގޮތަކީ އެއީކަން. ޚިޔާލާއި މަޝްވަރާ އިރާދަކުރެއްވިއްޔާ ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ހޯދަން.
އާދެ، ވަރަށްގިނައިރުވެސް އެބަވޭ. އަޅުގަނޑު ގިނަ ސުވާލުތަކެއްގެ ޖަވާބުދެވޭތޯ މި ބަލަނީ. މި ސުވާލަށް އިތުރަށް ބާރުދިނުމަށްޓަކައި ދަންނަވާލަން. ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތްވެސް ފަށައިގެން މިއުޅެނީ. މި ތަނުން ބޭފުޅަކު ސުވާލުކުރެއްވި، ޕްލޭނެއްގެ ތެރެއިން ކަންކަން ކުރިއަށްގެންދާށޭ. ޕްލޭނެއްގެ ތެރެއިން ދަނީ. މެނިފެސްޓޯއަކީ ޕްލޭނެއް. ވަޢުދުތަކަކީ ހަމަ އެ ޕްލޭންގެ ތެރޭގައި ހުރި ކަންކަން. ޤައުމީ ތަރައްޤީގެ ޕްލޭން މި ހަދަނީ އެންމެ ދުވަހަކަށް ނޫން. 20 އަހަރު ދުވަހަށް ހަދާ ޕްލޭނެއް މިއޮތީ. އެވެސް ވަޢުދެއް. އެ މަޝްވަރާތައްވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ރަށެއްގެ ރައްޔިތުންނާ އެކީގައި ބޭއްވިއްޖެ. އެން.ޖީ.އޯ.ތަކާއި މިހެންގޮސް ފުލް ލިސްޓެއް އެބައޮތް. އެހެންވީމާ، މަޝްވަރާގެ އުސޫލުން ގެންދަނީ. ގެންދާއިރުގައި، މިހެން ހުންނަ ބައެއް ކަންކަމަކީ، ރައްޔިތުންގެ ވިންދާއި އިޙްސާސާ ގުޅޭ ކަންތައްތައް ކަން އެނގޭތީ، ބައެއް ކަންކަމުގައި ކަންކަން އެ އޮންނަ އުސޫލުން ޤާނޫނުތަކަށް ގެންނަ ބަދަލުތައް ގެންނަނީ. އެހެންވީމާ، އިރާދަކުރެއްވީތީ އެގޮތަށް މިއިން ކޮންމެ ކަމެއް މިގެންދަނީ. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން، އެ މަންދޫބުން ހޮވާފައި މި ތިބެނީ ވަކިގޮތަކަށް. ވަކި ޕާޓީއަކުން ކުރިމަތިލަނީ. އެހެންވީމާ، ވޯޓުދިނީ. މިނިވަންކޮށް ކުރިމަތިލީ. އެހެންވީމާ، ވޯޓުދެނީ މިސާލަކަށް. އެ ބަދަލު ގެންނަންޏާ އެއީ، ރައްޔިތުންގެ ނިންމުމާ ޚިލާފަށް ކުރާ ކަމެއް ކަމަށްވާތީ، އެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރުމަށްޓަކައި ގެނައި ބަދަލެއް ޤާނޫނަށްވެސް، ޤާނޫނުއަސާސީއަށްވެސް ގެނެސްފައި އެއޮތީ. އެހެންވީމާ، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް، އިރާދަކުރެއްވިއްޔާ ކަންކަން ކުރަނީ.
ޖުޑީޝަރީ އެއޮތީ ޙަޤީޤީ މާނައިގައި މިނިވަންކޮށްފައި. ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު އިޢުލާނުކުރި ގޮތަށް އެކަން އެއޮތީ. 2023ގެ ނޮވެންބަރު 17 ވަނަ ދުވަހު މަގާމުގެ ހުވާކޮށްފައި، އަޅުގަނޑު އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން އިޢުލާނުކުރި ގޮތަށް، އެކަން އެ ހިނގަނީ. ހަމަ ޔަޤީނުންވެސް ޖުޑީޝަރީގައި ނުހުންނާނެ، އެންމެ ފަނޑިޔާރެއްވެސް ވިދާޅުވާން ކެރިވަޑައިގަންނަވާނެ އަޅުގަނޑު، ނޫނީވިއްޔާ ސަރުކާރުގެ އެއްވެސް ބޭފުޅަކު ޖުޑީޝަރީއަށް ނުފޫޒު ފޯރުވައެކޭ. ފޯރުވާކަމަކަށް ވިދާޅުވާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ. އެކަމެއް ނުކުރަން އަޅުގަނޑުމެންނެއް.
ބައެއް ބޭފުޅުން ވިދާޅުވެދާނެ، ތިއީ ދޮގެކޭ. ނޫން. ބައެއް ބޭފުޅުން ކޯޓަށް ގެންދަން އިޢުލާނުކޮށްފައި، ނޫނީވިއްޔާ ކޯޓަށް ގެންދަން ޗިޓު ފޮނުވިކަން އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ފެންނަނީ ނޫހުން. އަޅުގަނޑަކީ ސިޔާސީގޮތުން މީހުންނަށް ފިޔަވަޅުއަޅާނެ މީހެއްނޫން. މީހަކު ސިޔާސީ މީހަކަށްވެގެން، އެމީހާއަށް ފިޔަވަޅުއަޅަން ކޯޓަށް ގެންދިޔުން، އެމީހާ ފުލުސް އޮފީހަށް ގެންދިޔުން، އެއީ އަޅުގަނޑު ކުރާނެ ކަމެއްނޫން. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުންވަނީ މި ޤައުމުން ބަދަލުހިފުމުގެ ރޫޙު ނައްތާލައި، މި އޮންނަ ސިޔާސީ އޮއިވަރުގެ ތެރޭގައި އެކަކު އަނެކަކަށް، އަނިޔާކުރުން ނައްތާލާށޭ. އެއީ އަޅުގަނޑުވީ ވަޢުދެއް. މި ދެ އަހަރުވީއިރުގައި ނުހުންނާނެ ސިޔާސީ ހައްޔަރީއެއް. ނުހުންނާނެ.
އެހެންވީމާ، ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި، ނުހުންނާނެ އެއްވެސް ކަމެއް އަޅުގަނޑު އަންގައިގެން، ނޫނީވިއްޔާ އަޅުގަނޑު ވަކިގޮތަކަށް ކުރަން ބުނެގެން ކޯޓުތެރެއިން ކޮށްފައި ހުރި ކަމެއް. ކޯޓުތައް މިނިވަންކުރަން މި މަސައްކަތް ކޮށްދެނީ. ކޯޓުތައް ޙަޤީޤީ މާނައިގައި މިނިވަންކޮށް ހިންގޭގޮތަށް ހުރިހާ ކަމެއް ކޮށްދެމުން މިދަނީ. އެކަން އެބަ ފެނޭ މިހާރު. ޑްރަގުގެ މީހުންނަށް ފިޔަވަޅު އަޅާއިރުގައި، ނޫނީވިއްޔާ، އެހެންކަހަލަ ނުބައި ޢަމަލުތައް ހިންގާފައި ތިބި މީހުންނަށް މިހާރު ޙުކުމްތައް ކުރާއިރުގައި، ކުރީގައި އެކަންކަމާ ދެކޮޅަށް ބިރުން ފިޔަވަޅުނާޅައި، ނޫނީވިއްޔާ ޙުކުމްނުކޮށް ތިބޭ ތިބުން މިހާރު ނިމިގެންދާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެއީ، މިނިވަންވީމާ ކުރާ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ޖުޑީޝަރީ މިނިވަންވެގެންދާނެ. ކުރިއަށް އޮތް ތާނގައި ޖޭ.އެސް.ސީ.އަށް ގެންނަ ބަދަލު، އަޅުގަނޑު ވަޢުދުވީގޮތަށް ޖޭ.އެސް.ސީ. ކޮމްޕޮޒިޝަންވެސް ބަދަލުކުރާނަން. އެކަމަށް ގެންނަ ޤާނޫނީ އިޞްލާޙުވެސް ހުށަހަޅާނަން. ކޮންމެ ކަމެއްވެސް އެކަމުގައި އޮންނަ ތަރުތީބުގެ ތެރެއިން، ކަންކަން ގެންދަންޖެހޭނީ. ޖުޑީޝަރީ ޙަޤީޤީ މާނައިގައި މިނިވަންކަމާއެކީގައި އޮޕްރޭޓްކުރާކަން ރައްޔިތުންނަށް އިޙްސާސްވާވަރަށް، އެތަން ފެންނަން އެބަޖެހޭ. ދެން ހުންނަ ފިޔަވަޅުތައް އަޅާއިރުގައިވެސް. އެހެންވީމާ، ޖުޑީޝަރީ ފުރިހަމަކަމާއެކީގައި މިނިވަންވެގެންދާނެ. ދެންހުރި ތަންތަންވެސް، އަޅުގަނޑު ވަޢުދުވީގޮތަށް އެކަން ހިނގަމުން އެދަނީ. އާދެ، އެއީ އަޅުގަނޑަށް އައި ސުވާލެއްވީމާ، އެ ހުރިހާ ސުވާލަކަށް ޖަވާބުދެވޭތޯ އަޅުގަނޑު މި ބެލީ، އެ މައުޟޫޢުގައި އައި ހުރިހާ ސުވާލަކަށް.
ސްޕެސިފިކް ބައެއް ކަންކަމަށް ބަލާއިރުގައި ފާހަގަކުރެއްވި، ޕެންޝަން ފަންޑުގެ ވާހަކަ. އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް މިއީ ޕެންޝަން ފަންޑުގެ ބޭނުންހިފޭނެ ކަންކަން ކޮށްދޭން. ބައެއް ކަންކަން މިހާރު ފެށިފައި އެހުރީ. އިތުރަށްވެސް އަޅުގަނޑުމެން އިތުރު ފުރުޞަތުތައް ދޭންވެގެން. މިހާރު މަޖިލިސް އެވަނީ ޗުއްޓީއަށް ގޮސްފައި. ދެން ހުޅުވޭ ދައުރަށް އެބަ ހުށަހަޅަން އިޞްލާޙުތަކެއް، ޕެންޝަނާބެހޭ ޤާނޫނަށް. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައްތަކަށް ފުރުޞަތު އެބަ ލިބޭ. އަޅުގަނޑު އެކަންކަން އޮތްގޮތް ކުޑަކޮށް ދަންނަވައިލެވޭތޯ ބަލާނަން.
އާދެ، ޚާއްޞަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތް،
އޭގައި ބަޔާންކުރެވޭނެ. އެހެންވީމާ، މިހާރަށްވުރެ ގިނަ ފުރުޞަތުތައް ލިބި، އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް، ޤާނޫނަށް އިޞްލާޙު ގެންނަން އެބަ ހުށަހަޅަން. އެހެންވީމާ، އަޅުގަނޑު ވަޢުދުވީގޮތަށް، އޭގެތެރެއިން އެއްބައި ކަންކަން މިހާރު ފެށިފައި އެވަނީ. އިތުރަށް ފުޅާކޮށްދޭން. އެހެންވީމާ، އެ ސުވާލަށްވެސް އަޅުގަނޑު ހިތުން ޖަވާބެއް އެ ދެވުނީ.
އާދެ، މީގައި ސުވާލު އައި ސީމަނުންގެ ވާހަކަވެސް. އަޅުގަނޑުމެން މިހާރު ބަލައިލާއިރުގައި، މިކަމުގައިވެސް މިވާގޮތަކީ، ކުރީގައި ބާރަވަރަކަށް އަހަރު ވަންދެން ހުއްޓިފައި އޮތް ކަމެއް އަޅުގަނޑުމެން ފުރުޞަތު ދީގެން ފެށީ. މިކަމުގައި މިވާގޮތަކީ، އާދެ، ސީ ފަޔަރެންސް އައިޑެންޓިފިކޭޝަން ޑޮކިއުމެންޓް ކިޔާ އެއްޗެއް އޮންނަނީ. އެ އިޝޫނުކޮށް ރާއްޖޭގައި އޮތީ މި ވޭތުވެދިޔަ 13 އަހަރު. ދެން އެހެންނަމަވެސް، އަޅުގަނޑުމެން މި ސަރުކާރު އައުމަށްފަހު، ފުރަތަމަ ހަތަރު މަސް ތެރޭގައި، އެ ޑޮކިއުމެންޓް އިޝޫކުރަން ފަށައިފިން. ފެށީމާ ސަރުކާރުގެ މިދިޔަ 2 އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ ސީ ފަޔަރެންސް ވަނީ ވަޒީފާ ސެކުއަރކޮށްފައި، ދުނިޔޭގެ މަޝްހޫރު ޝިޕިންގ ލައިންތަކުން. މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، މި ފުރުޞަތު ހުޅުވާލީމާ، ރާއްޖެއަށް ބޭރުފައިސާ ވަނުމާއި، މިކަންކަމަށްވެސް ފުރުޞަތު ހުޅުވި އަދި ވަޒީފާވެސް އިތުރުވާނެއޭ. މި ދިޔަ 2 އަހަރު 200. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3 އަހަރު، ސީމަނުންގެ ގޮތުގައި 500 އެއްހާ މީހުން ނުކުންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.
އާދެ، އެންސްޕާގެ ވާހަކަވެސް ފާހަގަކުރެއްވި. އެންސްޕާގައި ރަޖިސްޓަރީވުމަށް އޮންނަ ފުރުޞަތުތައް، ނޫނީވިއްޔާ އެ އުސޫލަށް އިތުރު ލުއިތައް ގެންނަން ވަރަށް ބިނާކުރަނިވި ޚިޔާލެއް އައި. މިކަމަކީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލައި، ކޮބައިތޯ އެންމެ ގިނަ ރައްޔިތުންނަށް އެންމެފުޅާ ދާއިރާއެއްގައި، އެންމެ ރަނގަޅަށް މިހެން ހުންނަ ސީރިއަސް ކޭސަސްތަކަށް އެޓެންޑްވެވޭގޮތަށް ބަދަލުގެނެވޭނެ ގޮތަކީ، ކޮބައިތޯ ހަމަ ޙަޤީޤަތުގައިވެސް ބަލައިދޭނަން. ބަލައި އެކަމަކަށް ގެނެވޭނެ އެންމެ ރަނގަޅު ޙައްލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން.
އާދެ، އައި.ވީ.އެފް. ކަންތަކުގައި ފާހަގަކުރެއްވި ކަންތައް. އޭގައި އަޅުގަނޑު ހިތުން މަޢުލޫމާތު ލިބިވަޑައިގެންފައި ނެތީ ކަމަށް އަޅުގަނޑަށް އެނގިފައި މިވަނީ. އާދެ، ކުރިން އޮތްގޮތް އެއީ އިނގޭތޯ، ބޭރަށް ފޮނުވާއިރުގައި. ރާއްޖެއިން ބޭރަށް ފޮނުވާއިރުގައި، ވަރަށް ހަރުކަށި ކްރައިޓީރިއާއެއް އޮތް. އެހެންނަމަވެސް، މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ހުޅުވައި، އެތަނުން އައި.ވީ.އެފް. ހެދުމުގެ ކަންތައް، އާސަންދައިގެ ދަށުން މިހާރު ކުރިއަށް އެބަދޭ. އެއީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 22 ވަނަ ފަންގިފިލާގައި ހުޅުވިފައިވާ ތަނެއް. އެ ތަނަށް ވަޑައިގަތީމާ، ޑޮކްޓަރު އެގްޒެމިން ކޮށްފައި، ދެންމެ މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، އެއްވެސްކަހަލަ ކަމަކަށް މިހާރަކު ނުބަލާނެއޭ. ޑޮކްޓަރު ބައްލަވާފައި، މެޑިކަލީ އެމީހާއަށް އެ އައި.ވީ.އެފް. ޓްރީޓްމަންޓް ދޭންޖެހޭނެ ކަމަށް ޑޮކްޓަރު ކަނޑައަޅާ ހިސާބުން، އެތަނުން އެ ފުރުޞަތު މިހާރު ލިބޭނެ. އެހެންވީމާ، ކުރީގައި އެ ވިދާޅުވިގޮތަށް އޮތް އޮތުން ބަދަލުވެ، ރާއްޖޭގައި މި ސެންޓަރު ހުޅުވިގެން ގޮސްފައި މިހާރު މިހުރީ. އެހެންވީމާ، މިހާރު އެކަން އެވަނީ ޙައްލުވެފައި. އަޅުގަނޑު އުންމީދުކުރަނީ، މިހާރު މި މަޢުލޫމާތު އެނގިވަޑައިނުގަންނަވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑާ އެ ސުވާލު ކުރެއްވި ބޭފުޅާ ފަދައިން، މިކަން ސާފުވެވަޑައިގަންނަވާނެއޭ. މިހާރު އެ ވިދާޅުވި ވަރަށް ގިނަ ކޮންޑިޝަން ނުވަތަ ޝަރުޠުތައް ބޭނުމެއްނުވާނެ. މެޑިކަލީ ޓެސްޓްކޮށްފައި ފާސްވީމާ ދެން ކުރިއަށްދާނެ މިހާރު. ދަރުމަވަންތަ ހޮސްޕިޓަލްގައި.
އާދެ، ދެން ހަމައެއާއެކީގައި، ސްޕީޗް ތެރަޕީއާއި، ނުކުޅެދޭ ކުދިންނާބެހޭ ކަންކަމުގައިވެސް ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ތަޢާރުފުކުރަން މިހާރު ދޮގެއްތޯ؟ މިކަމުގައި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށްވެސް ވަރަށް ބޮޑު ޕްރޮގްރާމެއް ހިންގަން މި އަންނަ އަހަރުގެ އެން.ޕީ.އައި.ގެ ބަޖެޓުގެ ތެރޭގައިވެސް އެއޮތީ ހިމެނިގެން ގޮސްފައި. މިހާރުވެސް ވަރަށް ގިނަ ކަންތައްތައް އެބަ ކުރެވޭ. އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، މިގޮތަށް މާޖިނަލައިޒް ސޮސައިޓީސްތަކަށް، ހުރިހާ އެންމެންނަށް މެއިންސްޓްރީމާ ހަމައަށް އައުމަށްޓަކައި. އޭގެ ތެރޭގައި ނުކުޅެދޭ ފަރާތްތައްވެސް އަދި ދެންހުރި ފަރާތްތައްވެސް ހިމެނޭ. އެހެންވީމާ، އެ ފާހަގަކުރެއްވި ކަންތައް ތެރަޕިސްޓުން އުފެއްދުމާއި، އޭގައި ޓްރޭނިންގ ދިނުމާއި، އަދި ބޭރުން ގެނައުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރަން. ވަރަށް ގިނަ ރަށްތަކުގައިވެސް ސްޕީޗް ތެރަޕީ ދޭނެ ޑޮކްޓަރުން އަޅުގަނޑުމެން ފޯރުކޮށްދެން އެބަ. ވަރަށް ގިނަ ރަށްތަކުގައި، އާބާދީ ބޮޑެތި ރަށްތަކުގައި. އަދި މާލޭގައި ވަކިން ބޮޑަށް ބޭނުންވާ ކަމެއް މިއީ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ. ފެށިގެންދާ ބަޖެޓުގެ ތެރެއިން، ވަރަށް ގިނަ ރަށްރަށުގައި މާލެ ހިމެނޭހެން ޙައްލުވާނެ ކަމެއް އެއީ.
އާދެ، މީގެ ތެރެއިން އަޅުގަނޑު ހިތުން ޓީޗަރުންގެ ވާހަކަ އެއީ، ވަރަށް ފުޅާ ދާއިރާއެއްގައި އެޑިޔުކޭޝަން މިނިސްޓްރީން އެކަން ބައްލަވާނެ ކަމެއް. ޕޮޒިޓިވް ނޯޓެއްގައި އެ ޚިޔާލަށް އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެން ބަލާނަމޭ ގެނެވެންހުރި އެންމެ ބޮޑު ޙައްލެއް ގެނެސްދިނުމަށް.
އާދެ، ޕޭ ހާމަނައިޒް ކުރުމުގެ ކޮންސަރންތައް. އަސާސީ މުސާރަ މިހާރު ވަރަށް ބޮޑު ތަނުން މަތިވެފައި މިވަނީ. އޯވަރޓައިމް ހެދުމުގައި، އޯވަރޓައިމްގައި ދިމާވާ ބައެއް ކޮންސަރންސްތައް ވަރަށް ގިނަ މުވައްޒަފުންގެ ހުރި. ވަރަށް ގިނަ އޮފީސްތަކުގައި މިހާރުވަނީ އެކަން ޙައްލުކުރެވިފައި. އަދިވެސް ބައެއް އޮފީސްތަކުގައި މިކަހަލަ ކޮންސަރންސް ހުރި ކަމަށް މައުލޫމާތު ލިބޭތީ، އެކަންވެސް ޕޭ ކޮމިޝަނާ ގުޅިގެން، ކަމާބެހޭ އޮފީސްތަކުގެ އިސްވެރިން ވަޑައިގެން އެކަމަށް މަޝްވަރާކުރީމާ، ކުރިއަށް އޮތް ތާނގައި ގެނެވެންހުރި ޙައްލެއް ގެންނާނެ. މީގައި މައިގަނޑު މަފްހޫމްގެ ތެރެއިން، ބޭސިކް މުސާރަ ބޮޑުކުރެވި، އެ ލިބޭ އެއްޗެއް ގެޔަށް ގެންދެވޭ އާމްދަނީ ބޮޑުކުރުމަށްޓަކައި، މި ގެނެވޭ ބަދަލު މި ގެނެވެނީ ވީހާވެސް ގިނަ ރައްޔިތުންނަށް އޭގައި އާމްދަނީ ބޮޑުކޮށްދިނުމަށްޓަކައި.
ޖުޑީޝަރީއަކީ، ވަކިގޮތަކަށް ޕޭ ނިޒާމު އޮތް ތަނެއްވީމާ، ވަކިން ޚާއްޞަ މަސައްކަތްތަކެއް ކުރެވުނު ޖުޑީޝަރީގައި. ތެދުފުޅެއް. އަދިވެސް ކޮންސަރންސްތައް އެބަހުރި. އެކަމަކު ވަރަށް ގިނަ ޙައްލުތައް ގެނެސްދެވިއްޖެ. ހަމަ އެގޮތަށް، ދެން އެހެންހުރި ސްޕެސިފިކް ބައެއް ތަންތަނުގައިވެސް ވަރަށް ގިނަ ޙައްލުތައް ގެނެވިއްޖެ. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ބަލާނެ. ޕޭ ކޮމިޝަނުން ބައްލަވައި، މީގައި ދެން އިތުރަށް ގެނެވޭނެ ޙައްލެއް އޮވެއްޖިއްޔާ، އެ ޙައްލުވެސް ގެނެސްދޭނެ. އެހެންނަމަވެސް، އަޅުގަނޑު ހިތުން މެޖޯރިޓީ، ނޫނީވިއްޔާ ވަރަށް ގިނަ އޮފީސްތަކުގައި މިހާރު ޙަޤީޤަތުގައި މައްސަލަ ޙައްލުވެފައި އޮތީ. އެހެންނަމަވެސް، މިއީކީ އަޅުގަނޑުމެން ކްލޯޒް ކޮށްފައި އޮތް ދޮރެއް ނޫން. އޭގައި ޙައްލެއް ގެންނަންޖެހޭ ކަމެއްގައިވިއްޔާ އަޅުގަނޑުމެން ގެންނަމުން ދާނަން.
އާދެ، މައިގަނޑު ގޮތެއްގައި ބައެއް ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. މިތަނުގައި ދެން އަޅުގަނޑަށް ފާހަގަނުކުރެވި ހުރި ކަންކަންވެސް ހުރެދާނެ. ހުންނާނެ. އެކަމަކު މައިގަނޑު ގޮތެއްގައި އަޅުގަނޑު ހިތުން ވަރަށް ގިނަ ކަންކަން އަޅުގަނޑު މި ފާހަގަކޮށްލަދިނީ.
ދަތުރުވެރިންގެ މާރުކޭޓާއި، މަސްމާރުކޭޓުގެ ވާހަކަ ފާހަގަކުރެއްވީމާ، އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. އާދެ، ސިޓީ ކައުންސިލުން އެކަން ކުރުމަށްޓަކައި، އަޅުގަނޑު އޭރު މޭޔަރަކަށް ހުރިއިރުގައި މަސައްކަތްތަކެއް ފެށިން. ބަޔަކާ ހަވާލުވެސް ކުރިން. އެހެންނަމަވެސް، މިދިޔަ ދުވަސްތަކުގައި އެކަން ނުހިނގާ އެއޮތީ. އަޅުގަނޑުމެން މިހާރުވާނީ، ޖަޕާން ސަރުކާރުގެ ހިލޭ އެހީން ހިނގާ މަޝްރޫޢެއްގެ ގޮތުގައި، އެ މަޝްރޫޢު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކީގައި ވާހަކަދެކެވި، މަސައްކަތްތަކެއް ފަށާފައި. ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުއްވަވާނެ އެ ބޭފުޅުން. މިހާރު އެހެރަ ލޯކަލް މާރުކޭޓް ހުރި ތަނުގައި މަސްމާރުކޭޓް އަޅާނީ. އެއީ، އޮރިޖިނަލް ޕްލޭނަކީވެސް. އެންމެ ކުރީގެ އޮރިޖިނަލް ޕްލޭނަކީ. ރައީސް މައުމޫންއިރުގައި އެތަން ހިއްކިއިރުގެ ޕްލޭން އެއީ. ލޯކަލް މާރުކޭޓް ހުރި ތަނުގައި، ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި އަދި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސްޑް މާކެޓެއް ހަދާގޮތަށް، ވަރަށް މޮޑަން ބިލްޑިންގއެއް ހިމެނޭގޮތަށް ޖަޕާން ސަރުކާރުގެ އެހީގައި. އަދި މިހާރުގެ މަސްމާރުކޭޓު ހުރި ތަނުގައި، މަސްވެރިކަމުގެ ޞިނާޢަތަށް ބޭނުންކުރެވޭ ޖާގަ ލިބިގެންދާ، އެ ޞިނާޢަތުގައި މަސައްކަތްކުރާ އެން.ޖީ.އޯ.ތަކާއި، އެ ޞިނާޢަތުގައި މަސައްކަތްކުރާ ކުންފުނިތަކަށްވެސް އޮފީސް ސްޕޭސްއާއި، ތަންތަން ލިބޭކަހަލަ މަސްވެރިކަމުގެ ޢިމާރާތެއް އެތަނުގައިވެސް އަޅާގޮތަށް. އެހެންވީމާ، މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ޓެކްނިކަލް ލެވެލްގައި ކުރިއަށް އެބަދޭ. އެކަން ޙައްލުވެގެންދިޔައިމާ އިރާދަކުރެއްވިއްޔާ، އެއީ ވަރަށް ބޮޑު ޙައްލެއް އެ ސަރަޙައްދަށްވެސް އަންނާނެ ކަމަކަށް ވާނެ.
އާދެ، ވަރަށް ގިނަ ރައްޔިތުން ފާހަގަކުރެއްވި، ސިޓީތަކަށް ޖަވާބު ނުލިބޭ ވާހަކަ. އާދެ، މިކަމަކީ އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި އިތުރު ހިތްވަރެއްލާނެ ކަމެއް. އާންމުކޮށްވެސް އޮންނަ މައްސަލައެއް މިއީ. އާންމުކޮށްވެސް އޮންނަ މައްސަލައެއް މިއީ. އެކަމަކު އެއީ ރަނގަޅުކުރަންޖެހޭ ކަމެއް. ގުޑް ގަވަރނަންސް ނިޒާމެއްގެ ތެރޭގައިވިއްޔާ، ރައްޔިތުން ނޫނީވިއްޔާ ކޮންމެ ތާކުންވެސް ފޮނުވާ ސިޓީތަކަށް ޖެހޭނެ ޖަވާބުދޭން. އިންކްލޫޑިންގ ރައީސް އޮފީސްވެސް. އެހެންވީމާ، ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ، މި ކަމަށް އިތުރު މަސައްކަތްތަކެއް ކުރާނަން. މަސައްކަތްތަކެއް ކުރާނަން. ޕެންޑިންގ ބެކްލޮގް އެކީގައި ފިލުވާލައި، ކުރިއަށް އޮތް ތާނގައި އެ ބެކްލޮގް ފިލުވައިލެވުނީމާ، ދެން އެވްރެޖްކޮށް ތިންދުވަސް ތެރޭގައި، އެއަށް އެވަގުތަކު ދެވެންއޮތް ޖަވާބެއް ދިނުމަށްޓަކައި، އެހިސާބަށް ގެންދިޔުމަކީ އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމެއް. ގިނަ ރައްޔިތުން ފާހަގަކުރެއްވި އެކަންތައް.
ދެން އަޅުގަނޑާ ބައްދަލުކުރަން ވަގުތު ނުލިބޭ ވާހަކަ. އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ވަގުތެއް ނުއެއްދެވޭ އިނގޭތޯ. ވަރަށް ގިނަ ވަގުތު ރެޔާއި ދުވާލު މި މަސައްކަތް ކުރަމުން މިދަނީ ހަމަ މަސައްކަތުގައި. ދެން ވީވަރަކުން އަޅުގަނޑު ބައްދަލުކުރަނީ. އެހެންނަމަވެސް، އަޅުގަނޑު ކުރީ ރޭވެސް ދެންނެވިން، ރައީސް އޮފީހުގައި އަޅުގަނޑާ އެކީގައި ކޮންމެ ދުވަހަކު ބައްދަލުވާ، ނޫނީވިއްޔާ އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވާ މިނިސްޓަރ ލެވެލްގެ ބޭފުޅުން ތިއްބަވާނެއޭ. އަޅުގަނޑާ ބައްދަލުކުރަން އެދިވަޑައިގަންނަވާ ބޭފުޅުން އެއްބަސްވެލައްވަންޏާ، އެއިން ބޭފުޅަކާ އެކީގައި ބައްދަލުކޮށްލާފައި، އެ ވިދާޅުވާ ކަމެއް ވިދާޅުވީމާ، އެ ދުވަހުން އެދުވަހަށް އެކަމެއް އަޅުގަނޑާ ހަމައަށް ގެނެސްދެއްވާނެ. ގެނެސްދެއްވީމާ، އެކަމަކަށް އޮންނަ އުސޫލުގެ ތެރެއިން ގެނެވެން އޮންނަ ޙައްލެއް އަޅުގަނޑު ގެނެސްދޭނަން.
އެހެންވީމާ، އަވަހަށް ބައްދަލުކުރަން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑާ ބައްދަލުކުރަން ނަންނޯޓު ކުރެއްވީމާ، ރައީސް އޮފީހުގެ މިނިސްޓަރަކާ ބައްދަލުކުރެވޭގޮތް އަޅުގަނޑު ހަދައިދޭނަން. އަޅުގަނޑާ އެކީގައި ކޮންމެ ދުވަހަކުހެން މަސައްކަތް ކުރައްވާ މިނިސްޓަރުން މިއީ. އެ ބޭފުޅުން އަޅުގަނޑާ ހަމައަށް އެކަން ގެނެސްދެއްވާނެ ސޭމް ޑޭ. އެހެންވީމާ، އެކަމަށް އެއޮތީ އެޓެންޑްވެފައި. އެހެނެއްނޫން، އޭގެވެސް އިތުރަށް، އަޅުގަނޑާ އެކަނި ސީދާ ބައްދަލުކުރަން ވެއްޖިއްޔާ، އަޅުގަނޑަށް ވަގުތުވީވަރަކުން އެކަން ކޮށްދޭނަން. އެހެންނަމަވެސް، ހަމަ ނުވެފައި މި އޮންނަނީ. އެކަމަކު އެއީ، އެކަން އޮތްގޮތް. އެކަމަކު އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ، ބައެއް ބޭފުޅުން ބޭނުންވާނީ ހަމައެކަނި އަޅުގަނޑުގެ ގާތުގައި ވިދާޅުވާން. އެހެންނަމަވެސް، އަޅުގަނޑުގެ ގާތުގައި ވިދާޅުވުން ކަހަލަ ކަމެއް، އަޅުގަނޑާއެކީ ކޮންމެ ދުވަހަކު ބައްދަލުކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރުންނަށް ދެންނެވީމާ. އެ ބޭފުޅުން އަޅުގަނޑާ ހަމައަށް ގެނެސްދެއްވާނެ އެކަންކަން އިނގޭތޯ.
މިހާރު ގަޑިން 12 ވެސް ޖަހައިފި. ވަރަށް ގިނަ ވަގުތު ތިޔަބޭފުޅުން މިތާނގައި ތިއްބަވައިފި. އެހެންވީމާ، ދެން އޮންނަ ދުވަހަކުން އިތުރު ފުރުޞަތުތައް އިރާދަކުރެއްވިއްޔާ ދޭނަން. އަޅުގަނޑު އަދި ގަލޮޅާ ބައްދަލުކުރުން އެބައޮތް. ހުޅުމާލޭގެ ދެ ފޭސް އޮންނާތީ، ދެ ފޭސް ވަކިން ބައްދަލު މި ކުރަނީ. އެހެންވީމާ، އަދި އިތުރު ބައްދަލުވުންތައް ނިންމާލާފައި، ދެން ވަގުތުވީވަރަކުން އަނެއްކާވެސް މި ރައުންޑް ފަށާނަން.
އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.
وَالسَّلَامُ عَلَيْكُمْ.