ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލުން ވަނީ އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުފަދަ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް ކުރިޔަށްގެންދަވާތީއާއި ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނޭތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމާއި ބަނދަރާއި ބަނދަރަށް ވަދެނިކުމެވާ ނެރާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާއާއި ޞިއްޙީ މަރުކަޒާއި ސްކޫލުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ މައްސަލައާއި ރަށުގެ ގެދޮރުގެ ދަތިކަން އަދި އެސަރަޙައްދުގައި އެއާރޕޯޓެއް އެޅުމާއި އެރަށަށް އައު މިސްކިތެއްގެ މުހިންމުކަމާއި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގުރައިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން އިނގުރައިދޫގައި މިހާރު ކުރިޔަށްދާ ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން އެރަށުގެ މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ބަނދަރާއި ސްކޫލުގެ އިމާރާތުގެ ދަތިކަމާއި ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ އެރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ކުރިޔަށްގެންދަވާނެކަމަށާއި އަދި އެ ކަންކަން ސަރުކާރުން ކުރިޔަށްގެންދަވާނީ އެ ދާއިރާއެއްގެ އަދި އެރަށެއްގެ ރައްޔިތުންގެ ލަފަޔާއި މަޝްވަރާއާއެކު ކަމުގައި ވިދާޅުވިއެވެ.