ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ބުޓާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ބުޓާންގެ ބޮޑުވަޒީރު ޖިގްމީ ތިންލޭއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގައި ކުރިއަށް ގެންދާ އިސްލާހީ ބަދަލުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، މިކަމުގައި ދެފަރާތުގެ ތަޖްރިބާ، އެއް ޤައުމު އަނެއް ޤައުމަށް ބޭނުން ކުރެވިދާނެ ކަމަށާއި، ދެޤައުމުންވެސް މިކަމުގައި އެއްބާރުލުން އިތުރުކުރެވިދާނެކަން ނައިބު ރައީސާއި ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ހެޔޮއެދުންތައް ބޮޑުވަޒީރު ތިންލޭއަށް ނައިބު ރައީސް ރައްދުކުރެއްވިއެވެ. އަދި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓް ބުޓާންގައި ބާއްވައި ދެއްވުމަށް ބުޓާނުން ހުށަހެޅުއްވިކަމަށްޓަކައި ބުޓާން ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ނައިބު ރައީސަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވަމުން، ބުޓާންގައި މިހާރު ހިނގަމުންދާ ޑިމޮކްރަސީއާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ނައިބު ރައީސަށް ޝުކުރު ދެންނެވިއެވެ. އަދި، ރާއްޖޭގެ ވެރިކަން ވަރަށް އޮމާންކަމާއެކު ބަދަލުވެގެން ދިޔައީތީ، އެކަމަށްޓަކައިވެސް މަރުޙަބާ ވިދާޅުވަމުން، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އާ ސަރުކާރަށް އޮތް އިޙްތިރާމް ބޮޑުވެގެން ދިޔަކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ނުރައްކަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އަދާކުރަމުންގެންދާ ދައުރު ފާހަގަކުރައްވައި، ދެން އޮންނަ ސާކް ސަމިޓެއްގެ ޝިޢާރެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލު ހެދުމަށް ބުޓާނުން ހުށަހަޅުއްވާފައިވާނެކަން ހާމަކުރެއްވިއެވެ. އަދި އެކިއެކި ދާއިރާތަކުގައި، ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުން، ދިވެހިރާއްޖެއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށާއި، ކޯޕަންހޭގަން ސަމިޓްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ރާއްޖެއާއެކު މަސައްކަތްކުރުމަށް ބުޓާން އޮތީ ތައްޔާރަށްކަމުގައިވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.