ކަނޑުއަޑީގައި ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އިންޝުއަރެންސް ޕޮލިސީ، މިއަދު ޙަވާލުކުރައްވައިފިއެވެ. އިންޝުއަރެންސް ޕޮލިސީއާ ޙަވާލުވެވަޑައިގަތީ، ކެބިނެޓް ސެކްރެޓަރީ ޢަބްދުﷲ ސަޢީދެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން އިންޝުއަރެންސް ޕޮލިސީ ޙަވާލުކޮށްދެއްވީ އެތާނގެ މެނެޖިންގ ޑިރެކްޓަރ ޢަބްދުލްވާޙިދު ތައުފީޤެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ދެއްކެވި ވާހަކަފުޅުގައި، ކަނޑުއަޑީގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުމުގެ ބޭނުންފުޅަކީ، މުޅި ދުނިޔެއަށް ވަރަށް ސާފު މެސެޖެއް ދެއްވުން ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާ އަޅާނުލެވިއްޖެނަމަ، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް ސަރުކާރުން ޚުދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދުނިޔެއަށް ދެއްވަމުން ގެންދެވި މެސެޖްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި މިމަސައްކަތުގައި ރާއްޖެ މިއޮތީ ދުނިޔޭގެ އެންމެ އިސް ސަފުގައި ކަމަށާއި، ހިކިފަސްތަނެއް ހޯދަން ޖެހިއްޖެނަމަ، އެންމެ ފުރަތަމަ ހިކި ފަސްތަނެއް ބޭނުންވާނެ ބަޔަކީ ރާއްޖޭގެ ރައްޔިތުން ކަމުގައި ވިދާޅުވިއެވެ.

މުޙަންމަދު އަސްލަމްގެ ވާހަކަފުޅުގައި، ތިމާވެށީގެ ރޮނގުން ރާއްޖެ މިއަދު ދައްކަމުންމިދާ ވާހަކަތައް ވަރަށްގިނަ ބަޔަކު ގަބޫލުކުރަން ފަށައިފިކަންވެސް ހާމަކުރެއްވިއެވެ. އަދި މިމައްސަލައިގައި އަޅުގަނޑުމެންގެ ބަހަށްވުރެ އެހެން ބައެއްގެ ބަހެއް ނުވިކޭނެ ކަމުގައިވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ކެބިނެޓްގެ ޖަލްސާއެއް ކަނޑުއަޑީގައި ބޭއްވެވުމަށް މާބޮޑު ހޭދައެއް ސަރުކާރުން ނުކުރައްވާ ކަމަށާއި، ސިޔާސީ ބައެއް ބޭފުޅުން އެދައްކަވާ ވާހަކަތަކަކީ ބުހުތާން ދޮގު ކަމުގައިވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި، އެލައިޑް އިންޝުއަރެންސްގެ ފަރާތުން ވާހަކަ ދެއްކެވީ، އެތާނގެ މެނެޖިންގ ޑިރެކްޓަރ ޢަބްދުލްވާޙިދު ތައުފީޤެވެ. ޑައިވަރސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވީ، މާކެޓިންގ މެނޭޖަރ އަޙްމަދު ރިޝީނެވެ.