އ.ދ.އާއި ބުޓާން ސަރުކާރު ގުޅިގެން އިންތިޒާމްކުރައްވާ އޭޝިޔާގައި ޑިމޮކްރަސީ ހަރުދަނާކުރުމާއި ދެމެހެއްޓުމާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ރޭ ބުޓާނަށް ފުރާވަޑއިގެންފިއެވެ. މިބައްދަލުވުން އޮންނާނީ މިމަހުގެ 12 ން 14 އަށް ބުޓާންގެ ޕާރޯގައެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، މިދަތުރުފުޅުގެ ބޭނުންފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މިކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ، މިސަރަޙައްދުގެ ޤައުމުތަކުގެ ޑިމޮކްރަސީގެ ތަޖުރިބާ، އެއް ޤައުމު އަނެއް ޤައުމާ ޙިއްޞާކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މިކަންކަން ޙައްލު ކުރުމާބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައިވާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގެ ޚަރަދުތައް ހަމަޖައްސާފައިވަނީ އ.ދ.އިންނެވެ.