މިއަހަރުގެ ނޮބެލް ޞުލްޙައިގެ އިނާމު، އެމެރިކާގެ ރައީސް މިސްޓަރ ބަރަކް އޮބާމާއަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިމުނާސަބަތުގައި ވަރަށްހޫނު މަރްޙަބާއެއް ވިދާޅުވެ، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި މިއެވޯޑަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ނިއުކްލިއަރ ހަތިޔާރު ނައްތާލުމާއި، މެދުއިރުމަތީގައި އަދި މުޅި ދުނިޔޭގައިވެސް ޞުލްޙަ ގެންނެވުމަށްޓަކައި ރައީސް އޮބާމާ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގު ރަމްޒުކޮށްދޭ އިނާމެއް ކަމަށް ދެކެވަޑއިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި، މިއެވޯޑަކީ، މިގޮންޖެހުންތަކާ ކުރިމަތިލައްވާއިރު، މިނިވަންކަމާއި، ހަމަހަމަކަމާއި، މަޝްވަރާއަށް ރައީސް އޮބާމާ ދެއްވާ އަހަންމިއްޔަތުވެސް ރަމްޒުކޮށްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.