އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މެންޗެސްޓަރއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން، ދިވެހިންނަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ކިތަންމެ ފައިދާތަކެއް ލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެންޗެސްޓަރގައި ހުންނަވާފައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރޭޑިއޯ ޚިޠާބުގައި އިނގިރޭސިވިލާތުގެ ވެރިކަމަށް ދެން އަންނާނެ ކަމަށް އެންމެން ދެކެނީ، ކޮންޒަރވެޓިވް ޕާޓީ ކަމަށާއި، އެ ޕާޓީ އޮތީ ވަރަށް ގާތް ގުޅުމަކުން ގުޅިފައި ކަމަށް ވިދާޅުވިއެވެ. އަދި މިގުޅުން ބަދަހިވަމުންދާތާ މިހާރު 4 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެކަން ހާމަކުރައްވަމުން، ކޮންޒަރވެޓިވް ޕާޓީގެ އެންމެހާ ވެރިން ބަހައްޓަވާ ގާތްކަން އެއީ، ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދެވޭ ޤަދަރަކާއި ޢިއްޒަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ކެމްބްރިޖް އިމްތިޙާނާއި، އެސް.އެސް.ސީ އިމްތިޙާނާއި، އަހަރު ފަހު އިމްތިޙާން ފެށޭތީ، އެ އިމްތިޙާންތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ހުރިހާ މައިންބަފައިންނާއި މުދައްރިސުންވެސް މި އިމްތިޙާނުތަކަށް ފަރިތަކޮށްދިނުމުގައި ދަރިވަރުންނަށް އެހީތެރިވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ހުރިހާ ކުދިންވެސް އިމްތިޙާންތަކަށް މަސައްކަތްކޮށް، އިމްތިޙާންތައް ނިމޭއިރު، އެ އެދޭ ރަނގަޅު ނަތީޖާ ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.