ޔޫ.އެން.ޑީ.ޕީ.އިން ތައްޔާރުކުރެއްވި 2009ވަނަ އަހަރުގެ އިންސާނީ ތަރައްޤީއާބެހޭ ރިޕޯޓް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ނެރުއްވައިދެއްވައިފިއެވެ. މިރިޕޯޓްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ، އިންސާނުންގެ ތަރައްޤީއާއި އެއްތަނުން އަނެއްތަނަށް ބަދަލުވުމާހުރި ގުޅުމުގެ މައްޗަށެވެ.

މި ރިޕޯޓު ނެރުއްވައިދެއްވުމަށް، މިއަދު ހެނދުނު ހޮލިޑޭއިން ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، އިންސާނުން އެއްތަނުން އަނެއްތަނަށް ބަދަލުވަނީ މައިގަނޑުގޮތެއްގައި ދެ ސަބަބަކަށްޓަކައިކަން ފާހަގަކުރެއްވިއެވެ. އެއް ސަބަބަކީ، އިތުރު ރަނގަޅު ފުރުސަތުތަކެއް ހޯދުން ކަމަށާއި، އަނެއް ސަބަބަކީ، އިޤްތިޞާދީ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި މަޖުބޫރުވުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިންގެ ތެރެއިންވެސް ވަރަށް ގިނަ ބަޔަކަށް، އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ ސަބަބުން، ރާއްޖެ ދޫކޮށް ބޭރުގެ އެހެން ޤައުމުތަކުގައި އުޅެން މަޖުބޫރުވިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ފާއިތުވި ދިހަމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ބަދަލުތަކުގެ ސަބަބުން މިހާރު އެމަޖުބޫރުތަކެއް ނެތްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މިހާރު ދިރިއުޅެމުންދަނީ ވެރިރަށް މާލޭގައިކަމަށް ފާހަގަކުރެއްވިއެވެ. އަދި، މިހާ ބޮޑު އާބާދީއެއް އެއްތަނެއްގައި އުޅެންޖެހުމުގެ ސަބަބުން، ވަރަށް ގިނަ އިތުރު މައްސަލަތަކެއް އުފެދެމުން އަންނަ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ގްރޫޕް މާރާމާރީއާއި، ކުށްކުރާ ކުޑަކުދިންގެ އަދަދު ގިނަވަމުން އަންނަކަމީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ މައްސަލަތައް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، މިކަންކަން ޙައްލުކުރުމުގައި އާންމު ފަރާތްތަކުގެ އެހީތެރިކަން ސަރުކާރަށް ވަރަށް މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ހާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ނައިބު ރައީސް ބައްލަވާލައްވަމުން، ދަތުރުފަތުރުކުރުމުގެ ނިޒާމަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުވައިދިނުމުގައި ވަރަށް މުހިންމު ނިޒާމެއް ކަމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭފަދަ ނިޒާމެއް އޮތުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތަޢްލީމީ އަދި ޞިއްޙީ ރަނގަޅު ޚިދުމަތް ފޯރުވައިދިނުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތައް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިއަމާޒަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، ސާސްކަފުގެ ތަރައްޤީގެ އަމާޒުތައް ޙާސިލު ކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމާއި، ހަމަ މިގޮތަށް އިންސާނީ ޙައްޤުތައްވެސް ޙިމާޔަތް ކުރެއްވުމަކީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމެއްކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.