ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު އިނިގިރޭސިވިލާތުގެ މެންޗެސްޓަރއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށާއި، މިދަތުރުފުޅުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާނެއެވެ. މާދަމާ ހެނދުނު 7.15 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު ރޭޑިއޯ ޚިޠާބު ދެއްވާނީ މެންޗެސްޓަރއިންނެވެ. މިއީ، ރާއްޖެއިން ބޭރުގައި ހުންނަވާފައި އެމަނިކުފާނު ދެއްވާ ދެވަނަ ރޭޑިޔޯ ޚިޠާބެވެ.

މީގެ އިތުރުން، ކެމްބްރިޖް އިމްތިޙާނާއި، އެސް.އެސް.ސީ. އިމްތިޙާނާއި، އަހަރުގެ ފަހު އިމްތިޙާނު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭތީ، އެ އިމްތިޙާންތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ކިޔަވާ ކުދިންނަށް ނަސޭހަތްތެރިވެވަޑައިގަތުމުގެ ގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ.