ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމް، ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.


މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ މަޝްރޫޢުތައް ކުރިޔަށް ގެންދަވާކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ކޯވިޑް19 ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 3 އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާ 3 އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމް.ޓީ.ސީއާއި ފެނަކައިން އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލިނަމަވެސް ނުވަތަ ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެރަށެއްގައިހެން މަޝްރޫޢުތައް ހިންގަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މީގެ 3 އަހަރު ކުރިޔާ ޚިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެއުޅުމާއި ޚިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމުގައެވެ.

ހޯރަފުށީގައި މިއަދު އިފްތިތާޙްކުރި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ ގެ ބައެއް ރަށްރަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހޯރަފުށްޓަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ