ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތްކަމުގައި ވިދާޅުވެފައެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައި ވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަކީ ވެސް ދިރިއުޅެން ޙައްޤުވާ ބައެއްކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވައި މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމުގައިވީ ނަމަވެސް ރާއްޖެއިން ދަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކޮށް އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުންކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ޤައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންކަމާއިމެދު ސުވާލުއުފައްދަވާފައެވެ.

ކޮމަންވެލްތް ބައްދަލުވުމުގައި ރާއްޖެފަދަ ކުދި ޤައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މިހާރު އޮތް 'ކްލައިމެޓް ފައިނޭންސް' ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ 'ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް' ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާމިންވަރު އަންގައިދެއްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، އިތުރު އެތައް ބިލިއަން މީހުނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި، އޭގެތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމުގައި ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރަނގަޅު ނިންމުން ނިންމެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.