ޤުރުއާން ކިޔަވާއިރު އޭގައި ބަޔާންކޮށްފައިވާ ކަންކަން ބަލައި ދެނެގަންނަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކީރިތި ޤުރުއާނުގެ ޢިލްމުގެ މަތިވެރިކަމާގުޅޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން ކަންކަމަށް ބިރުވެތިވާންޖެހޭ ކަމަށާއި އަދި މުސްލިމުންގެ ގޮތުގައި ތިބެގެން އެކަކު އަނެކަކަށް އެހީތެރިވުމަށާއި މަގުދައްކައިދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫ ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައެވެ. މިއަދު އިފްތިތާހު ކުރެވުނު ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 5 މެންބަރުންނެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޙިފްޡު ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެގޮތް ބައްލަވާލައްވާ، ކީރިތި ޤްރުޢާން ހިތުދަސްކޮށް ޙިފްޡު އިމްތިހާނަށް ހާޒިރުވެތިބި ކުދިންނަށް ހިތްވަރުދެއްވާފައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫ ސިޓީގައި ތިބި ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވާފައެވެ.