ޤައުމެއް ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްތަނަކީ މަދަރުސާތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސޓީ ސްކޫލްތަކުގެ އެންމެ އިސްވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އައްޑޫ ހައިސްކޫލްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހެޔޮގޮތުގައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އެންމެ އިސްވެރިން ވަނީ އެ ބޭފުޅުން ނިސްބަތްވާ ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފެންވަރު ރަނގަޅު ޓީޗަރުން ލިބުމުގެ ދަތިކަން ކުރިމަތިވުމާއި ސްކޫލްތަކުގެ ޖާގަ އަދި ވަޞީލަތުގެ ގޮތުން ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު މެންދުރުކުރީގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެ އިދާރާގެ ޙާލަތު ބައްލަވާލައްވާފައެވެ. އައްޑޫ ސިޓީގައި ފުލުހުންނަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ. އެގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ވެހިކަލް މަދުވުމާއި އިމާރާތުގެ ދަތިކަން ހިމެނެއެވެ. އަދި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރަންޖެހިފައިވާކަމަށާއި ފުލުހުންގެ ކޮމިޝަނަރ އެކަންކަން ހައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.