ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލަށް މިއަދު ޒިޔާރަތް ކުރައްވައި، އައްޑޫ ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

ކައުންސިލަރުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބަދަލުވެގެންދާނީ ރައްޔިތުންނާއި ގާތުން ދެވޭ ޚިދުމަތްތަކަކަށް ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް އެކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީ ކައުންސިލަރުން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ދިމާވެފައިވާ އިންސާނީ ވަޞީލަތްތަކާއި ބަޖެޓުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ސަރުކާރުން އައްޑޫ ސިޓީގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުޞަތު ދިނުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދިނުމަށް ކައުންސިލަރުން ދެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ހައްލެއް ހޯއްދެވުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނާއިއެކު އިތުރު ބައްދަލުވުންތަކެއް ރާވައިގެން، އެ މައްސަލަތަކަށް ހައްލެއް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.