ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެކްސްޕޯގައި ހުރި ފަލަސްޠީނުގެ ޕެވިލިއަންއާއި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއާ އަދި ސަސްޓެއިނަބިލިޓީ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސް އެވެ. އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްޠީނުގެ އެކި ކަންކަން ދެނެގަނެ އިޙްޞާސްކޮށްލެވޭ ފަދަ ގޮތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ ފަލަސްތީނާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތް ބަދަލުކޮށް، މުޅިން އައު ނަޒަރިއްޔާއަކުން އެޤައުމާ މެދު ދުށުމަށް މަގުފަހިކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ޒިޔާރަތްކުރެއްވި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަކީ ޔޫ.އޭ.އީގެ ޕެވިލިއަންއަށްފަހު މުޅި އެކްސްޕޯގައި ދެ ވަނައަށް އެންމެބޮޑު ޕެވިލިއަން އެވެ. އެކްސްޕޯގެ އޮޕަޓުނިޓީ ޑިސްޓްރިކްޓްގައި ހުރި މި ޕެވިލިއަންގެ ބޮޑުމިނުގައި 13059 އަކަމީޓަރު ހުރެއެވެ. އެތަނުގެ މޫނުމަތި ތައްޔާރުކޮށްފައި ވަނީ އެ ޤައުމުގެ ރަސްކަމާއި ގުޅިފައިވާ ކަންކަމާ އަދި އެޤައުމުގެ އާދަކާދައިގެ ތެރޭގައި ޒަމާނުއްސުރެ އަށަގަނެފައިވާ މެހުމާންދާރީ އަދާކުރުމުގެ ރީތި އާދަތައް ފަދަ އެޤައުމަށް ޚާއްޞަ ގިނަ ކަންތައްތަކެއް ދައްކުވައިދޭގޮތަށެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ގްރިމްޝޯވ އާކިޓެކްޓްސްއިން ފަރުމާކޮށްފައިވާ ޓެރާ ދި ސަސްޓެއިނަބިލިޓީ ޕެވިލިއަންއަކީ ދެމެހެއްޓެނިވި އާކިޓެކްޗަރގެ ރޮނގުން ފާހަގަކޮށްލެވޭ ޕެވިލިއަންއެކެވެ.
ދުބާއީ އެކްސްޕޯ 2020ގެ ތީމަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. އަދި މި ތީމު ބިނާވެފައި ވަނީ ދެމެހެއްޓެނިވިކަމާއި، އީޖާދީކަން އަދި ދުނިޔޭގެ ކަންކޮޅުތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ.ހަ މަހުގެ މުއްދަތައް ކުރިޔަށްދާނެ މި އެކްސްޕޯގައި ދުނިޔޭގެ 192 ޤައުމަކުން ބައިވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.