ދަނޑުވެރިކަން ކުރުމަށް މިހާރަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ހަމަޖައްސައިދޭން ކައުންސިލުތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް މިރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ރަށްރަށުން ބިން ހޯދުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ ދަނޑުވެރިން ކުރާ މަސައްކަތް ފާހަގަކުރައްވައި އަދި ޚާއްޞަކޮށް ކަނޑޫދޫގައި މިރުސް ހެއްދުމަށް ރަށުގެ ދަނޑުވެރިން ކުރާ މަސައްކަތް މުޅި ރާއްޖެއަށް ފުޅާވެ މިހާރު ކަނޑޫދޫގައި ހައްދާ މިރުހަކީ އެރަށަށް ލިބޭ ފަޚުރެއްކަމަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ ބާޒާރަށް ނެރުމުގައި ހުރި ދަތިތަކާއި ރާއްޖެފަދަ ބިންކުދި ޤައުމުތަކުގައި ދަނޑުވެރިކަންކުރާއިރު ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް ދިރާސާތައް ދަނޑުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވަނީ މި ގޮންޖެހުންތައް ހުރިނަމަވެސް ރިސާޗާއި އެކަށީގެންވާ ޕްލޭނަކާ އެކު ރާއްޖޭގައިވެސް އުފެއްދިދާނެ 17 ބާވަތެއް އޮތްކަން ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ އެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާ އެކު މަސައްކަތްކުރުންކަން ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ފުރުޞަތު ފަހިކުރުމަށް ބޭރުން މި ބާވަތްތައް އެތެރެކުރުން މަދުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ލިބޭފަދަ ގިނަ ލޯން ސްކީމް ފަަދަ ފުރުޞަތުތައް ހުރިނަމަވެސް އެމަޢުލޫމާތު ދަނޑުވެރިންނާ ހަމައަށް ފޯރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައިވެއެވެ. ހަމައެހެހެންމެ އެމަނިކުފާނު ވަނީ ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްޞާކުރަނީ 1.7 އިންސައްތަ ނަމަވެސް އެކަން ބަދަލުކުރެވޭ މިންވަރަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެވޭނެވަރުގެ މާކެޓެއް އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރިޒޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް އުފެއްދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރެވިއްޖެނަމަ ދަނޑުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގައި ޙިއްޞާ ކުރާ މިންވަރު މިހާރަށްވުރެ މަތިކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމުގައި ކެމިކަލް ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބަދަލުގައި އޯގެނިކް ފާމިންއަށް އިސްކަން ދިނުމަށްވެސް ދަނޑުވެރިންނަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި ދަނޑުވެރިކަން ފުޅާކުރުމަކީ، އިޤްތިޞާދު ލާމަރުކަޒުކޮށް، ޢާއިލާގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރިކަމެކެވެ.
މި ޖަލްސާގައި، ދަނޑުވެރިކަމަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައި ރިޓަޔަރކުރައްވާފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މުވައްޒަފަކާ އަދި ކަނޑޫދުއަށް ދަނޑުވެރިކަމުގެ މަސައްކަތް ތަޢާރަފުކުރުމުގައި އިސްދަޢުރެއް އަދާކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.