بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ނާޝިޒް އަދި އަނބިކަނބަލުން މެންބަރު ރޮޒައިނާ އާދަމް، ކަނޑޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރީޙާން، ކަނޑޫދޫ ކައުންސިލްގެ މެންބަރުން، ކަނޑޫދޫ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުން، ކަނޑޫދޫގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު ހަވީރު މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށްކީ ފުރިހަމަ މަރުޙަބާއަށްޓަކައި އިޚްލާޞްތެރިކަމާ އެކުގައި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދެންނެވުން.

އަޅުގަނޑަށް ފެނިގެންދިޔައީ، މި ދުވަހަށްޓަކައި މި ރަށުގެ ރައްޔިތުން ވެފައިވާ ތައްޔާރީތައް. އެއިން އަޅުގަނޑަށް ދޭހަވެގެންދިޔައީ، ދަނޑުވެރިކަމާއި ކަނޑޫދުއާ އޮތް ގުޅުން. އަދި ދަނޑުވެރިކަމަށް ކަނޑޫދޫގެ ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު.

އާދެ، މިއަދަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް. އަދި މާދަމާއަކީ ދުނިޔޭގެ ކާބޯތަކެތީގެވެސް ދުވަސް. އެހެންކަމުން، މި ދެ ދުވަހުގެ މުނާސަބަތުގައި ހީވާގި ހުރިހާ ދަނޑުވެރިންނަށާއި އަދި މި ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދު އަދާކުރަން.

އާދެ، މި އަހަރު ދަނޑުވެރިންގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ ކަނޑޫދޫގައި. ކަނޑޫދުއަކީ ދަނޑުވެރިކަމަށް ވަރަށް މަޝްހޫރު ރަށެއް. އަދި މި ފަހަކަށްއައިސް ވަރަށް ބޮޑަށް ދަނޑުވެރިކަމަށް މަޝްހޫރުވެގެން ގޮސްފައިވާ ރަށެއް. ޚާއްޞަކޮށް، މި ރަށުގެ މިރުހަކީ މުޅި ރާއްޖެއަށް ވަރަށް ބޮޑަށް މަޝްހޫރުވެ ޢާންމުވެފައިވާ މިރުހެއް. ކަނޑޫދޫ މިރުހަކީ، ހަމައެކަނި ކުޅި މިރުހެއް ނޫން. ކާންވެސް މީރު، ރައްޔިތުންނަށް އެހާ ބޭނުންޖެހިފައި އޮތް މިރުހެއް. މީގެ ޑިމާންޑް، ބޭނުންއޮތްވަރުން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑޫދޫ މިރުހުގެ ނަމުގައި އެ މިރުސް އުފައްދައި ބާޒާރަށް ނެރެމުން އެބަގެންދޭ. އެއީ މި ރަށަށް ލިބިފައި އޮތް ވަރަށްބޮޑު ޝަރަފެއް. ވަރަށްބޮޑު ފަޚުރެއް.

އާދެ، މި އަހަރު ދަނޑުވެރިންގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރުގައި، ދަނޑުވެރިކަމަށް ވަރަށް މުހިންމު ކަމެއް ދޭން ޖެހިފައިވާތަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެބަދޭ. ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ރޯގާގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައި. ދަތުރުފަތުރުތައް މުޅިން ހުއްޓުނު. ދުނިޔެ ބަންދުވެގެންދިޔަ. އަޅުގަނޑުމެންފަދަ އިމްޕޯޓަށް، ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ ޤައުމަކަށް މިއީ ވަރަށްބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ. މިއަދު މިވަނީ އޭގެ ސަބަބުން އޭގެ ލިބުނު ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ މަސައްކަތްތަކާއި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައި. ހަމައެއާއެކުގައި، ދުނިޔޭގެ މޫސުމަށް މި އަންނަ ބަދަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި އެބަވޭ.

އާދެ، މިހާ ތަރައްޤީވެފައިވާ ދުވަސްވަރެއްގައިވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، ކޮންމެ ވަގުތެއްގައިވެސް ދުނިޔެ ހުއްޓުމަކަށް އަތުވެދާނެ ކަމެއް ކުރިމަތިވެދާނެކަން. އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ކާބޯތަކެތީގެ ސަލާމަތާއި ސެކިއުރިޓީ ރައްކާތެރިކުރުން. ރާއްޖޭގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ހޯދަން ބަލާއިރުގައި، ދެންމެ ޑޮކްޓަރ ޙުސައިން ރަޝީދު އެ ވިދާޅުވިފަދައިން، ދަނޑުވެރިންނަށް ދިމާވާ ވަރަށްގިނަ ގޮންޖެހުންތަކެއް އެބަހުރި. އިއްޔެ އެ ބޭއްވުނު ފޯރަމްގައި، އެ ކަންތައްތައް އެބޭފުޅުން އެ ފާހަގަކުރެއްވީ.

ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ބަލާއިރުގައި، ދަނޑުވެރިންނަށް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ދެންމެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ އެ ވިދާޅުވިފަދައިން، ބިން ފަސޭހައިން ލިބެން ނެތުން. ދިގު މުއްދަތެއްގައި ބިން ނުލިބުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ދަނޑުވެރިކަން އަދި ބޮޑަށް ކުރަމުން މި އަންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި. މީހުން ދިރިއުޅޭ ރަށްރަށުގައި ބިން ލިބުމުގައި ދަތިތައް ހުރި ވާހަކަ، އިއްޔެގެ ފޯރަމްގައި ފާހަގަކުރެވިގެން އެދިޔައީ. އިރާދަކުރެއްވިއްޔާ، ކައުންސިލްތަކާ ވާހަކަދައްކައިގެން، ދަނޑުވެރިންނަށް މިއަށްވުރެ ފަސޭހައިން، މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެގޮތް ހަމަޖައްސައިދޭން އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.

ދެވަނަ ކަމަކަށް ދިމާވަނީ، ތާޒާކަންމަތީ އުފައްދާ ތަކެތި ބާޒާރަށް ނެރުމުގައި ހުރި ގޮންޖެހުންތައް. ރަނގަޅު އަގު ނުލިބުން. އަނެއް ކަމަކަށް ދިމާވަނީ، ބިންކުޑަ ޤައުމެއްގައި ދަނޑުވެރިކަން ކުރާއިރުގައި، ޒަމާނީ ޓެކްނޮލޮޖީއާއި ސައިންޓިފިކް ދިރާސާތަކުގެ މަޢުލޫމާތުތައް، ދަނޑުވެރިންނާ ހިސާބަށް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް. ދުނިޔޭގެ ބިން ކުދި ޤައުމުތަކުގައި މިހާރު ދަނޑުވެރިކަން ކުރުމަށްޓަކައި ދެންމެ އެގްރިކަލްޗަރ މިނިސްޓަރ އެ ވިދާޅުވިފަދައިން، ވަރޓިކަލް ފަރމިންގއާއި، ހައިޑްރޮފޯނިކް ފަރމިންގ އެބަ ތަޢާރުފްކުރޭ. އަޅުގަނޑުމެންނަށް ދާދިފަހުން އެނގިގެންދިޔައީ، ސިންގަޕޫރުގައި، 2030 ވަނަ އަހަރާ ހިސާބަށްދާއިރު، ސިންގަޕޫރަށް އެތެރެކުރާ ތަރުކާރީގެ 30 ޕަސެންޓް ސިންގަޕޫރުގައި އުފައްދަން ނިންމި ވާހަކަ.

މިއީ ބިންކުޑަ ޤައުމެއް. އެހެންނަމަވެސް، މިފަދަ ރިސަރޗަކާ އެކީގައި، ޕްލޭނަކާ އެކީގައި މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑު ހިތުން ރާއްޖޭގައިވެސް ރާއްޖެއަށް ބޭނުންވާވަރަށް އުފެއްދޭނެ ބާވަތްތަކެއް އެބަހުރި. މިނިސްޓްރީގެ ފަރާތުން މިހާރު 17 ބާވަތެއް އެގޮތުން އެވަނީ ފާހަގަކޮށްފައި. އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ޕްލޭނަކީ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި މިގޮތަށް އުފައްދާ މި 17 ބާވަތް ރާއްޖޭގައި ބޭނުންވާވަރަށް އުފެއްދޭނެ ޕްލޭނަކާ އެކީގައި އެ މަޝްރޫޢު ކުރިއަށް ގެންދިޔުން. އަދި ހަމައެއާއެކީގައި، މި ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކޮށް، އަދި އެފަދަ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، މި ރާއްޖޭގައި އުފައްދާ ތަކެއްޗަށް މާކެޓުން ޖާގަ ހޯދައދިނުމަށް މަސައްކަތް ކުރުން.

ދެން ފާހަގަކުރެވޭ އަނެއްކަމަކީ، ފަސޭހައިން ލޯނު ލިބުމުގެ ދަތިކަން ހުރި ވާހަކަ. ޑޮކްޓަރ ޙުސައިން ރަޝީދު ދެންމެ އެ ފާހަގަކުރެއްވީ، މިނިސްޓްރީގެ ފަރާތުން މިހާރުވެސް 20 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އޮތް ވާހަކަ. އަދި އެސް.އެމް.އީ.ގެ ދަށުން ފަސޭހައިން ލޯނު ލިބޭނެ ގޮތްތަކެއް މިހާރުވެސް ހަމަޖެހިފައި އެބަހުރި. އެހެންނަމަވެސް، އޭގެ މަޢުލޫމާތާއި، އެކަން ކުރާނެގޮތް ދަނޑުވެރިންނަށް އެނގިފައި ނެތުމުގެ ސަބަބުން ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުން އެބަދޭ. އަޅުގަނޑު އުންމީދު ކުރަނީ، އިއްޔެގެ ފޯރަމުން އެ ލިބުނު މަޢުލޫމާތުތަކުގެ އަލީގައި، މި ލޯނުތަކަށް ވާސިލުވެވޭނެ ގޮތްތައް ދަނޑުވެރިންނަށް ފަސޭހައިން ހޯދައިދީ، ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް މިނިސްޓްރީގެ ފަރާތުން އިންތިޒާމު ކުރައްވާނެ ކަމަށް.

އާދެ، ރާއްޖޭގެ އުފެއްދުންތެރިކަމަށް ބަލާއިރުގައި، ދަނޑުވެރިކަން މިހާރު މި ޙިއްޞާކުރަނީ ޖީ.ޑީ.ޕީ.ގެ ގާތްގަނޑަކަށް 1.7 ޕަސެންޓް. މިއީ މިކަން އޮވެގެންވާނެ ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން. ރާއްޖޭގައި ދަނޑުވެރިކަން މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ. ރާއްޖޭގައި މާކެޓް އެބައޮތް. ހައި އެންޑް ރިޒޯޓުތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ އިންތިހާއަށް ގިނަ. މި ހުރިހާ ތަކެއްޗެއް މިހާރުވެސް މި ގެންނަނީ ރާއްޖެއަށް ބޭރުން އެތެރެކުރަމުން. މި ދެންނެވި ގޮތަށް ބައެއް ބާވަތްތަކަށް އަމާޒުކޮށްގެން މިކަން ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑު ހިތުން ރާއްޖެއަށް ލިބޭ އާމްދަނީގެ ޖީ.ޑީ.ޕީ.ގެ މިއަށްވުރެ ބޮޑުބައެއް ދަނޑުވެރިކަމުގައި ޙިއްޞާ ކުރެއިގެންދާނެ.

ރިޒޯޓުތަކުން ބޭނުންވަނީ ޔަޤީންކަން. އެމީހުން ގަންނަން ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ހޯދައިދިނުން. ހަމަ އެގޮތަށް ދަނޑުވެރިންވެސް ބޭނުންވަނީ، އުފައްދާ ތަކެތި އަބަދުވެސް ވިކޭނެ، ތާޒާކަމާއެކީ ވިކޭނެ ގޮތްތަކެއް ހަމަޖެހިފައި ހުރުން. ސަރުކާރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދަނީ އެކަންތައްތަކަށް ގޮތްތަކެއް ހޯދައިދެމުން. އެގްރޮނެޓްގެ ނަމުގައި އުފެއްދި ކުންފުނީގެ ބޭނުމަކީ އެއީ. ދަނޑުވެރިޔާ، ދަނޑުވެރިން އުފައްދާ ތަކެތި ޔަޤީންކަމާ އެކީގައި، އެކަށީގެންވާ އަގެއްގައި، ރަނގަޅު އަގެއްގައި ވިއްކޭނެކަމުގެ ޔަޤީކަން ދަނޑުވެރިޔާއަށް ދިނުން. ހަމައެއާއެކީގައި، ރިޒޯޓުތަކަށާއި އަދި ރެސްޓޯރެންޓްތަކަށާއި އަދި މާކެޓަށް މެދުނުކެނޑި ހަމަ އަގުގައި އެއްވަރެއްގައި އެ ސަޕްލައި ލިބޭނެގޮތް ކަށަވަރުކޮށްދިނުން.

އެގޮތުން، އެގްރޯނެޓްގެ ފަރާތުން މިހާރުވެސް 67 ރަށެއްގައި 516 ދަނޑުވެރިންނާ އެކުގައި ކޮންޓްރެކްޓް ކުރެވިގެން މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އޭގެތެރެއިން 58 ދަނޑުވެރިއެއްގެ ފަރާތުން މިހާރު ތަކެތި ގަނެ މާކެޓަށް ނެރެމުން އެބަ ގެންދޭ. އެގްރޯނެޓްގެ އިތުރުން، އެސް.ޓީ.އޯ.އިންވެސް ކުޑަދުވަސްކޮޅެއް ކުރިން މި މަސައްކަތް ވަނީ ފަށާފައި. އެއީ އަޅުގަނޑުމެންނަށް އެގްރޯނެޓްގެ މަސައްކަތް ޢަމަލީގޮތުން ފެށުމަށް ލަސްވަމުންދާތީ، މިދިޔަ ރޯދަމަހާ ދިމާކޮށް އެސް.ޓީ.އޯ. އިން އެކަން ފަށައިގެން ކުރިއަށް ގެންދަނީ. މިހާތަނަށް އެސް.ޓީ.އޯ. އިންވެސް 400 ފަރާތަކާ އެކީގައި މަޝްވަރާކޮށް، އޭގެތެރެއިން 60 ފަރާތަކާ އެކީގައި ކޮންޓްރެކްޓްކޮށް، އުފައްދާ ތަކެތި ގަނެ މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުން އެބަގެންދޭ.

ދަނޑުވެރިކަން ކުރިއަށްގެންދާއިރުގައި، މިއަދު ސަމާލުކަންދޭންޖެހޭ އެއްކަމެއް އެބައޮތް. އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ބޭނުންކުރަމު، ކެމިކަލްއާއި ކެމިކަލް ބޭނުންކޮށްގެން ހުންނަ ކާނާ. މީގެ ސަބަބުން އަޅުގަނޑުމެންނަށް ޔަޤީންކޮށް ދަންނަވަން އަދި ނުކެރުނު ނަމަވެސް، ރާއްޖޭގައި ވަކި ބާވަތްތަކެއްގެ ބަލި ފެތުރެމުން އެބަދޭ. ބައެއް މީހުން ދެކޭގޮތުގައި، ގަބޫލުކުރާ ގޮތުގައި، މިއާ ގުޅުމެއް ހުރުމަކީ ވެދާނެ ކަމެއް. އަޅުގަނޑުމެން މިހާރު އޭގެ ދިރާސާއެއް، ރިސަރޗެއް ހަދަމުން އެބަ ގެންދަން، ނޭޝަނަލް ޔުނިވަރސިޓީއާ އެކީގައި.

އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަބޭފުޅުން ދަނޑުވެރިކަމާއިގެން ކުރިއަށްދާއިރުގައި، އޯގަނިކް ފަރމިންގއަށް ބޮޑަށް ސަމާލުކަންދީގެން ކުރިއަށްދިޔުން. މާކެޓް އެބައޮތް އޭގައި. އުފައްދާ ތަކެތީގެ އަގު ތަންކޮޅެއް ބޮޑުވެދާނެ. އެހެންނަމަވެސް، އޯގަނިކް ފަރމިންގއަށް ރާއްޖޭގައި އޮތް ބާޒާރު ކުޑައެއްނޫން. އަޅުގަނޑު ހިތުން ބާޒާރަށް ނެރޭއިރުގައި މިއީ އެހެން އުފައްދާފައި ހުރި ތަކެތިކަން ޔަޤީންކޮށްދޭ ކަމަށްވަންޏާ، ބޮޑުއަގުގައި އެ ވިކިގެންދާނެ. މިއީ މިއަދު ދަނޑުވެރިކަން ކުރިއަށް ގެންދާއިރުގައި ސަމާލުކަން ދޭންޖެހިފައި އޮތް ކަމެއްކަން އަޅުގަނޑު ހަނދާންކޮށްދެން ތިޔަބޭފުޅުންނަށް.

އާދެ، ދަނޑުވެރިކަން ފުޅާކުރުމަކީ، އަޅުގަނޑުމެން ލާމަރުކަޒު ކުރަމުންދާއިރުގައި، ވަރަށް މުހިންމު ބޭނުންތެރިކަމެއް. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކުރެވިދާނެ އެއް ޞިނާޢަތް. މީގެ ސަބަބުން އިތުރު ވަޒީފާތައް، ރާއްޖޭގެ އެކި ރަށްރަށުގައި އުފެދިގެންދާނެ. ޢާއިލާތަކަށް އޭގެ ސަބަބުން ލިބޭ ނަފާ ބޮޑުވެގެންދާނެ. ރަށުގައި ތިބެ ކުރާނެ މަސައްކަތްތައް އިތުރުވެގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް ޒުވާނުން ނެރުން. މިކަމަށްޓަކައި އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަޅުގަނޑު މިއަދު ގަބޫލުކުރަން.

އާދެ، މި ރަށަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު އައިން. ދަނޑުވެރިންނާވެސް އަޅުގަނޑު ބައްދަލުކުރިން. އެ ދުވަހު މި ރަށުގެ ދަނޑުވެރިންގެ ފަރާތުން ބައެއް ކަންތައްތައް އަޅުގަނޑަށް ހުށަހެޅި. އެއްކަމަކަށް ހުށަހެޅީ، ދަނޑުތަކަށް ފަސޭހައިން ކަރަންޓް ލިބޭނެގޮތެއް ހަދައިދޭން. ފެން ފަސޭހައިން ލިބޭނެގޮތެއް ހަދައިދިނުމަށް. މިހާރު ފެނަކައިގެ ފަރާތުން މި ރަށުގައި އިތުރު 250 ކިލޯވޮޓުގެ އިންޖީނެއް ބަހައްޓައި، 2700 މީޓަރުގެ ކޭބަލް ގެނެސް، އެކަމުގެ މަސައްކަތް ޢަމަލީގޮތުން މިހާރު ފަށާފައިވާ ކަމަށް ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ މިއަދު އަޅުގަނޑު ކައިރީގައި ވިދާޅުވި. އިސާހިތަކު އިރާދަކުރެއްވިއްޔާ އެކަން ނިމި، ދަނޑުވެރިން އެ ބޭނުންވާގޮތަށް ދަނޑުތަކަށް ކަރަންޓް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އެމް.ޑީ. އަޅުގަނޑަށް މިއަދު ދެއްވި. ހަމައެއާއެކުގައި ފެނުގެ ނިޒާމު މިރަށުގައި ނިމި ޤާއިމުކޮށް ނިމޭއިރުގައި، އިރާދަކުރެއްވިއްޔާ ދަނޑުތަކަށް ފެން ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަށް މިކުރާ މަސައްކަތަށް، ދިވެހި ދަނޑުވެރިންގެ ފަރާތުން މިހާރަށްވުރެ ބޮޑު ތަރުޙީބެއް ލިބި، ޞިނާޢީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާން ދަނޑުވެރިންތަކެއް އުފެދިގެންދިޔުން. އެކަމުގައި ދިވެހި ދަނޑުވެރިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ފޯރުކޮށްދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރާއި ދިވެހި ދަނޑުވެރިން ގުޅިގެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އިޤްތިޞާދީ ގޮތުން ތަނަވަސް އަދި ފާގަތި ދުވަސްތަކެއް މުޅި ރާއްޖެއަށް މިންވަރު ކުރެއްވުން. ދިވެހި ދަނޑުވެރިން ކުރާ މަސައްކަތުން ރަނގަޅު އާމްދަނީ ލިބި، ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރައްވައި، އުފާވެރިކަމާއި ހިތްހަމަޖެހުން މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.