މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، އިޖްތިމާޢީ ޢަދާލަތާ ބެހޭގޮތުން ނިއުޔޯކްގައި އިއްޔެ އޮތް ރެލީއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. މިރެލީއަކީ އަޔަރލަންޑްގެ ކުރީގެ ރައީސް މޭރީ ރޮބިންސަން، އިންތިޒާމު ކުރައްވައިގެން ބޭއްވެވި ރެލީއެކެވެ. މިރެލީގައި ކިޔަވާ ކުދިންނާއި މަސައްކަތްތެރިންނާއި، އިޖްތިމާޢީ ދާއިރާގައި ޙަރަކާތްތެރިވާ އެތައްސަތޭކަ މީހުން ބައިވެރިވިއެވެ.

މިރެލީގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޙައްލެއް ހޯދުމަށް ޤައުމުތަކުގެ އިސްވެރިން މަސައްކަތް ކުރުވުމަށް ޢާންމު ރައްޔިތުން ޙަރަކާތްތެރިވުމުގެ މުހިންމުކަމާ ބެހޭގޮތުން އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނު މިހެން މިވިދާޅުވަނީ، މިހެން އޮތްތަން ފޮތަކުން ފެނިވަޑައިގެން ނޫން ކަމަށާއި، އެހެން ނަމަވެސް، އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުއްވުމުގެ މައްޗަށް ބިނާކުރައްވާފައި ކަމަށް ވިދާޅުވިއެވެ.

މިރޮނގުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި 30 އަހަރުގެ ވެރިކަން ބަދަލުކުރެވުނީ، ޢާންމު ރައްޔިތުން އެކަމަށް ނުކުމެ ޙަރަކާތްތެރިވެގެން ކަމަށާއި، އެކަން ކުރެވިދާނެ ކަމަކަށް ގިނަ މީހުން އޭރު ގަބޫލެއް ނުކުރާ ކަމުގައި ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކަށް ޙައްލެއް ހޯދުމާއި، ހެޔޮވެރިކަމާ ވަރަށްބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވަމުން، ޢާންމު ރައްޔިތުންނާ މަޝްވަރާކޮށް ވާހަކަ ދައްކައިގެން މެނުވީ، މިކަމަށް ޙައްލެއް ނުގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަކީ މޫސުމަށް އަންނަ ބަދަލުތަކާ އަޅާނުލައި، އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަޤްބަލް ހަލާކުގެތެރެއަށް ވައްޓާލަން ދޫކޮށްލާވަރަށް ނުވިސްނޭ ބައެއް ނޫންކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ނިއުޔޯކްގައި އޮތް ކްލައިމެޓް ވީކް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.