ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ. މި ތަޤުރީރުގައި އ.ދ. ގެ ރިޔާސަތާ މުޚާތަބްކުރައްވައި ދިވެހިންގެ މާދަރީ ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަޤާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ޤައުމެއްތޯ ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި ކޮވިޑް-19ގެ ބަލިމަޑުކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔެ އ.ދ. ގެ ޢާންމު މަޖިލީހަށް ބަރޯސާވާކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެމަނިކުފާނުގެ ތަޤްރީރުގައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ވެސް އަލިއަޅުވާލެއްވިއެވެ. އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިޚްތިޔާރު ދިވެހިންނަށް ނެތްކަންކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަފަދަ އެތައް މައުޟޫޢަކަށް އަލިއަޅުވާލެއްވިއެވެ.

އދގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަޤްރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވާފައެވެ. "ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްޞަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ޙަވާސާގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ރައީސް ޢަބްދުﷲ ޝާހިދާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިލެވެލް ޑިސްކަޝަންތަކާއި ޙަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެއޯސިސްގެ ލީޑަރސް ސަމިޓް 2021ގައާއި، ޑަރބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާ އާއި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާ، ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިވެސް މަޝްވަރާތައް ބާއްވަވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް، ހިޒް އެކްސެލެންސީ މާސެލޯ ރެބެލޯ ޑިސޯޒާއާއި ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ހިޒް އެކްސެލެންސީ ގައި ޕާރމެލިން އާއި ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާއި ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއާއި، ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާއި އަދި ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައެއް ބައްދަލުވުންތަކާއި ޙަފްލާތަކުގެ އިތުރުން، ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި "މައި ޓްރެވަލްސް ޓު އެފްރިކާ" ފޮތް ނެރުމުގެ ޙަފްލާއާއި ވައި.އެމް.ސީ.އޭ، ބީ.އާރު.އޭ.ސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން އިންތިޒާމްކޮށް ވަރޗުއަލްކޮށް ބޭއްވި 'އަންލޮކް ދަ ފިއުޗަރ' ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ނިއުޔޯކް ސިޓީގައި ހުންނަ ކަރޓަރ ބަރޑަން/ ލިއޮނަރޑް ކޮވެލޯ ސީނިއަރ ޕްރޮގްރާމް ހިންގާ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މިސް ޖުޑިތް ބެޓީއާއި، އެމެރިކާގެ ގަރލް ގައިޑްސްގެ ޑިރެކްޓަރ އޮފް ގްލޯބަލް ގަރލް ސްކައުޓިންގ މިސް އަޑްވޯ އައިޑޫއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތައް ކުރައްވާފައެވެ. އަދި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ) ނިއުޔޯކް އޮފީސްގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯ އާއި ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓް (ޖީ.އެފް.ޕީ.އޭ.) ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ ގުއޯ އާއި ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްޓަރގައި ހިމެނޭ ޕިއަނިސްޓެއްކަމަށްވާ މިސްޓަރ ބައިރޮން ޒޫއޮ ހިމެނޭގޮތަށްވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އެކަމަނާ ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އ.ދ.ގެ ޢާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާ އޮތުމަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު .އދ.ގެ ޢާންމު މަޖިލީހަށް ވަޑައިގެން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރުކަމުގައިވުމުން އެފަހަރަކީވެސް ރާއްޖެއަށް ވަރަށް ޚާއްޞަވެގެންދިޔަ ފަހަރެކެވެ. އަދި މިފަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން ރާއްޖެއަށް މާބޮޑަށް ޚާއްޞަވާ ސަބަބަކީ މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަހަރުކަމުގައިވާތީއެވެ.