އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤުރީރުގައި ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރުގެ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވާފައެވެ.

ނިއުޔޯކުގައި ކުރިޔަށްދާ މި މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ޙައްޤުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުންދެއެވެ. ނަމަވެސް އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ޤައުމަކުން ފަލަސްޠީނުގެ ޙައްޤުގައި ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އ.ދ. ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް، ފަލަސްޠީނުގެ ޙައްޤު ކަށަވަރު ނުކުރެވިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް މިއަދު އ.ދ. ގައި ވާހަކަފުޅުދެއްކެނީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވާތީ ކަމަށްވެފައި، މިލިއަނުން މީހުން ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިން އެދެނީ ފަލަސްޠީނަކީ އ.ދ. އާއި މުޅި ދުނިޔެއިންވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ޤައުމަކަށް ވުމަށާއި، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ޙައްޤުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ އިތުރުން އެމަނިކުފާނު ވަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން، އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ޖެހޭކަމުގައި ވިދާޅުވެ، މިކަން ކަށަވަރުކުރުމަށްޓަކައި އެޤައުމުގެ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.