ދޮންފަނުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ދޮންފަނަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުން ނުލިބުމުގެ މައްސަލަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުން ބޭރުން އަދި ރާއްޖެއިން ބޭރުން ނަމަވެސް މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖައްސަވައި ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެމް.ޑަބްލިޔު.އެސް.ސީ އަށް އަންގަވާފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ އެމަސައްކަތް ވީހާވެސް އަވަހަށް ފަށައި ބާރު ސްޕީޑްގައި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ދޮންފަނުގައި މިއަދުވަނީ ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ، ދޮންފަނު ސްކޫލްގެ 6 ކްލްކާސްރޫމާއި، މަލްޓިޕަރޕަސް ހޯލާއި، ލައިބްރަރީ އަދި ސައިންސް ލެބް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދޮންފަނު ބަނދަރު ނެރު ބަދަލުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ.

މި އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދެ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތް ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބި އެ މަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށާއި، ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއިއެކު ބަނދަރުގެ މައްސަލައަށް ހައްލުލިބި ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ހެދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރުމަށް ނިންމަވާފައިވާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުޓުބޯޅަ ދަނޑު ފުރިހަމަކޮށް، ފުޓްސަލް ދަނޑު ހަދާއިރު ހޭންޑްބޯލް ކުޅެވޭގޮތަަށް ދަނޑު ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ވޮލީ ކޯޓަކާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ދޮންފަނުގައި ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.